އިންޑިއާއިން ކަރަންޓީނުވާން އައިސް، އއ. ރަސްދޫގެ ގެސްޓްހައުސްއެއްގައި މަޑުކޮށްގެން ހުރި މީހަކު ކޮވިޑް ބަލީގައި މަރުވެއްޖެ އެވެ.
ރަސްދޫ ކައުންސިލްގެ ރައީސް އަބްދުލްޖަލީލު މޫސާ މިއަދު "އަދަދު"އަށް މައުލޫމާތު ދެއްވި ގޮތުގައި، މަރުވި އިންޑިއާ މީހާއަކީ އެ ގައުމުން މެދުއިރުމައްޗަށް ދިޔުމުގެ ކުރިން 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަ ކުރަން ޖެހޭތީ، ރާއްޖެ އައިސް ރަސްދޫގައި މަޑުކޮށްގެން ހުރި މީހެކެވެ.
އޭނާ ރާއްޖޭގައި ކަރަންޓީނުވާން އައިސް ހުރި ނަމަވެސް، ރަށު ތެރެއަށް ނުކުމެ އުޅުމުގެ ހުއްދަ އޮތެވެ. އެމީހާ ރާއްޖެ އައީ އިންޑިއާގެ ހާލަތު ބޮޑަށް ގޯސްވުމުން އިންޑިއާއިން ރާއްޖޭގެ ގެސްޓްހައުސްތަކަށް މީހުން އައުން މަނާކުރުމުގެ ކުރިންނެވެ.
އަބްދުލްޖަލީލު ވިދާޅުވި ގޮތުގައި މަރުވި މީހާގެ އަލާމާތްތައް ފެނިގެން އޭނާ ޓެސްޓްކުރުމުން ޕޮޒިޓިވްވި ކަމަށާއި އޭގެފަހުން އޭނާ ހުރީ ކަރަންޓީނުގައި ކަމަށެވެ. އެމީހާ މަރުވެފައިވަނީ ކަރަންޓީނުވެ ގެސްޓްހައުސްގައި ހުއްޓަ އެވެ.
ޖަލީލު ވިދާޅުވި ގޮތުގައި، އުމުރުން 60 އަހަރުގެ އެމީހާގެ ހަށިގަނޑު މާލެ ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އިންޑިއާއިން މީހުން އައިސް ރަށްރަށުގެ ގެސްޓްހައުސްތަކުގައި ކަރަންޓީނުވެގެން ތިބެވޭ އިންތިޒާމްތައް ސަރުކާރުން ހަމަޖައްސައިދީފައި އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. މިގޮތަށް އެންމެ ގިނަ ބަޔަކު އައިސް ކަރަންޓީނުވެ ތިބީ އއ. އަތޮޅުގެ ރަށްރަށުގަ އެވެ.
މި ވަގުތު، ކޮވިޑްގެ ކޭސްތައް ފެނިގެން ރަސްދޫގެ އިތުރުން އެ އަތޮޅު އުކުޅަހާއި ބޮޑުފޮޅަދޫ އާއި ހިމަންދޫ އަދި މަތިވެރި އޮތީ މޮނީޓަރިންގަ އެވެ. މީގެ ތެރެއިން، މަތިވެރިން ކޮވިޑްގެ ވަރަށް ގިނަ ކޭސްތަކެއް ފެނުނެވެ.
ރަސްދޫއިން މަރުވި އިންޑިއާ މީހާއާއެކު ރާއްޖޭން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 77 އަކަށް އަރާފަ އެވެ. ރޭ މެންދަމު ދުވަސްވީ އަންހެނަކު މަރުވެފައިވާއިރު މިއަދު މެންދުރު ނައިފަރު ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ ދުވަސްވީ ފިރިހެނަކު ވެސް މަރުވެފައިވެ އެވެ.













