ކޮވިޑް-19 ފެތުރޭ މިންވަރު ދިވެހިރާއްޖޭގައި އާދަޔާ ހިލާފަށް ގިނަވެ، ބަލިވާ މީހުން ވެސް ގިނަވަމުންދާތީ މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދޭން ފަށަން ނިންމައިފި އެވެ.
އިއްޔެ ރާއްޖެއިން 734 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި އެވެ. މިއީ ކޮވިޑުގެ ހަތަރު ވަނަ ރާޅު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ ބުނެފަ އެވެ. އަދި މާލޭގައި ސާޖެއް އުފެދި ހަލުވިކަމާއެކު ބަލި ފެތުރެމުންދާކަމުގެ އިންޒާރު ވެސް އެ އިދާރާއިން ވަނީ ދީފަ އެވެ.
މިހާތަނަށް ރާއްޖޭގައި މާބަނޑު މީހުންނަށް ވެކްސިން ދީފައެއް ނުވެ އެވެ. ނަމަވެސް ބައެއް ގައުމުތަކުގައި ފައިޒާ އަދި މޮޑާނާގެ ވެކްސިން މާބަނޑު މީހުންނަށް ދެމުން ގެންދެ އެވެ.
އައިޖީއެމްއެޗުގެ ކުޑަކުދިންނަށް ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ސޯޝަލް މީޑިއާގައި ވިދާޅުވެފައި ވަނީ މާބަނޑު މީހުންނާއި ވިހެއުމަށްފަހު ބަލިވާ އަންހެނުން މިހާރު ގިނަވެފައިވާ ކަމަށެވެ.
މާބަނޑު މީހުންނަށް ވެކްސިން ދިނުމަށް ނިންމާފައިވީ ނަމަވެސް އެކަން ތަންފީޒު ކުރަން ފަށާނެ ދުވަހެއް ޑރ. ފައިސަލް ވިދާޅެއްނުވެ އެވެ.

މާބަނޑު މީހުންނަށް ވެކްސިން ދޭން ނިންމިއިރު މީގެ ކުރިން ބަލި ހާލަތު ދަށަށް ނުދާ މިންވަރަށް ކޮވިޑް-19 ޖެހުނު މާބަނޑު މީހެއްގެ ސިއްހަތު ވަނީ ދަށަށް ގޮސްފަ އެވެ. އޭނާ އަށް ފަރުވާ ދެމުން ގެންދިޔައީ އައިސީޔޫގައި ބާއްވައިގެނެވެ.
އެޗްޕީއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. މުހައްމަދު އަލީ އަންގާރު ދުވަހު ވިދާޅުވީ މިހާރު ރާއްޖޭގައި ކޮވިޑް-19 ގެ އާ ވޭރިއަންޓެއް އުޅުން ގާތް ކަމަށެވެ. ބަލިޖެހޭ މީހުންގެ ނިޝާންތަކަށް ބަލާއިރު އެކަމުން ބޮޑުވަރުވާ މީހުންގެ ފުއްޕާގެ ދެ ފަރާތުގައި ވެސް ވަރަށް ބޮޑަށް ޖަރާސީމު އުފެދިފައި ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ މާޗު މަހު ފައިޒާ ވެކްސިނުގެ 5850 ޑޯޒު ވަނީ ރާއްޖެ ގެނެސްފަ އެވެ. ފައިޒާ ވެކްސިން އެންމެ ފުރަތަމަ ޖަހަމުންދިޔައީ ހާއްސަ ހާލަތްތައް ހުންނަ ބަލި މީހުންނަށެވެ. އަދި ފަހުން 60 އަހަރުން މަތީގެ މީހުންނަށް ވެސް އެ ވެކްސިން ދޭން ފެށި އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ރޭ އެޗްޕީއޭއިން ވަނީ މާލޭ ސަރަހައްދުގައި ރޭގަނޑު 9:00 އަކުން ފަތިހު 4:00 ހަމައަށް ކާފިއު އިއުލާންކޮށްފަ އެވެ. އަދި އޭގެ ކުރިން ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތަކާއި ޕާކުތަކާއި އެއްވުންތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ.












