ރިޕޯޓުވިޔަފާރިއާ ގުޅޭ މުހިންމު ހުކުމެއް: އަދާޔާ ހިލާފު ބޮޑެތި ބަދަލުތައް ދެން ނަގައިނުދެވޭނެ

ވިޔަފާރިއާ ގުޅޭ މުހިންމު ހުކުމެއް: އަދާޔާ ހިލާފު ބޮޑެތި ބަދަލުތައް ދެން ނަގައިނުދެވޭނެ

ބަދަލުނަގައިދިނުމުގައި ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު ސުޕްރީމް ކޯޓުން ކުރިން އަމަލުކޮށްފައިވާ ގޮތްތަކާއި އުސޫލުތަކާ ދުރުށްޖެހި، މުޅިން ސާފު އެއްގޮތަކަށް ކޯޓުން އަމަލު ކުރަންޖެހޭ ކަމަށް ފަނޑިޔާރު އާއިޝާ ސުޖޫން ވަނީ ވިދާޅުވެފަ.

ޖޫރިމަނާގެ ބަދަލު ނަގައިދިނުމާ ގުޅޭ މުހިންމު ނިންމުން ނިންމެވި ފަނޑިޔާރުންގެ ބެންދުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު މަހާޒު، އަލީ އަދި ޝުޖޫން - އާޓްވޯކް: އަހުމަދު އިހްސާން
ޖޫރިމަނާގެ ބަދަލު ނަގައިދިނުމާ ގުޅޭ މުހިންމު ނިންމުން ނިންމެވި ފަނޑިޔާރުންގެ ބެންދުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރު މަހާޒު، އަލީ އަދި ޝުޖޫން - އާޓްވޯކް: އަހުމަދު އިހްސާން

އެއްބަސްވުމަކާ އެއްގޮތަށް ފައިސާ ނުދެއްކި ދިޔުމާއެކު، ނުތަކާވަރުގެ ބޮޑެތި ޖޫރިމަނާތައް އަރައި، ގެއްލުމުގެ ބަދަލާއެކު ބޮޑެތި އަދަދުތަކުގެ ބަދަލު ކޯޓުތަކުން ނަގައިދެ އެވެ. އެކަން އެހެން ކުރަނީ އެއްބަސްވުމުގައި ފައިސާ ނުދައްކައިފި ނަމަ އަރާނެ ކަމަށް ބަޔާން ކުރާ ޖޫރިމަނާގެ މާއްދާއެއް ހިމަނާފައި އޮތުމުން އެއަށް ރިއާޔަތްކޮށެވެ. އެކަމަކު، މިކަމަށް ސުޕްރީމް ކޯޓުން މި ވަނީ ބޮޑު ބަދަލެއް ގެނެސް، ކުރިން އަމަލު ކުރަން ދިޔަ އުސޫލުތަކާ މުޅިން ދުރަށް ގޮސްފަ އެވެ.

ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައިވަނީ ހަސަން އަލީމަނިކާއި އަހުމަދު ޖަނާހުގެ ދެމެދު ހިނގާފައިވާ ހިއްސާ ވިއްކުމުގެ އެއްބަސްވުމަކާ އެއްގޮތަށް ހަސަން އަލިމަނިކު ފައިސާ ނުދައްކައިގެން ޖަނާހަށް ބަދަލު ނަގައިދިނުމަށް ސިވިލް ކޯޓާއި ހައިކޯޓުން ނިންމާފައިވާ މައްސަލައެކެވެ.

އެ މައްސަލާގެ ހުލާސާއަކަށް ބަލާއިރު، ޖަނާހު، އޭނާގެ ހިއްސާ ހަސަނަށް ވިއްކާފައިވަނީ ހަތްލައްކަ ޑޮލަރަށް އިންސްޓޯލްމަންޓަށް ބަހާލައިގެން ދައްކާ ގޮތަށެވެ. އެއްބަސްވުމުގައިވާ ގޮތަށް، ފައިސާ ދައްކަމުން ނުދާނަމަ ލަސްވަމުންދާ ކޮންމެ 10 ދުވަހަކަށް ނުދައްކައިވާ ފައިސާގެ 10 ޕަސެންޓް އިތުރަށް ދައްކަން ޖެހޭ ކަމަށް އޮތެވެ.

Advertisement

ފުރަތަމަ ދެ އިންސްޓޯލްމެންޓް ހަސަން ދެއްކި ނަމަވެސް ފަހު އިންސްޓޯލްމަންޓުގައި ހިމެނޭ ތިންލައްކަ ޑޮލަރު ނުދައްކާތީ، ޖަނާހު ކޯޓަށް ދިޔައީ ބަދަލުގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ހޯދާށެވެ. އެއީ، ހިއްސާގެ ޖުމްލަ އަގުގެ ވެސް ހަތް ގުނަ ބޮޑު އަދަދެކެވެ. ސީދާ އެ އަދަދު ނަގައިނުދީ، ސިވިލް ކޯޓުން ހުކުމްކޮށްފައި އޮތީ އެއް މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ނަގައިދިނުމަށެވެ. އެ އަދަދަށް ޖަނާހު އިންކާރުކޮށް މައްސަލަ އިސްތިއުނާފުކޮށްފައެއް ނުވެ އެވެ. ނަމަވެސް، އެ ބަދަލަކީ ދޭން ޖެހޭ ބަދަލެއް ނޫން ކަމަށް ބުނެ ހަސަން ކޯޓަށް ދިޔަ އެވެ.

ހަސަން އަލީމަނިކު، ސުޕްރީމް ކޯޓަށް މައްސަލަ ގެންދިޔުމުން ނެރުއްވި ހުކުމްގައި އަގުލަބިއްޔަތު ލިބިފައިވަނީ ފަނޑިޔާރު އައިޝާ ޝުޖޫންގެ ރައުޔަށެވެ. މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އަލީ ރަޝީދުގެ ރައުޔަށް ތާއިދު ލިބިފައިނުވާއިރު، ދެން ބެންޗުގައި އިންނެވީ ފަނޑިޔާރު މަހާޒު އަލީ އެވެ. ތިން ބޭފުޅުން ވެސް ވަނީ އެ ބޭފުޅުންގެ ރައުޔު ވަރަށް ތަފްސީލުކޮށް ލިޔުއްވާފަ އެވެ.

މައްސަލާގެ ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުމުގެ ތެރެއިން: ޖޫރިމަނާގެ ބަދަލު ނެގުމާ ބެހޭ މުހިންމު ނިންމުމެއް
މައްސަލާގެ ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުމުގެ ތެރެއިން: ޖޫރިމަނާގެ ބަދަލު ނެގުމާ ބެހޭ މުހިންމު ނިންމުމެއް

މައްސަލާގެ ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުމުގެ ތެރެއިން: ޖޫރިމަނާގެ ބަދަލު ނެގުމާ ބެހޭ މުހިންމު ނިންމުމެއް

ޖުމްލަ 42 ސަފުހާގެ މި ހުކުމްގައި އެންމެ މުހިންމު މައުލޫއަކަށްވީ، އެއްބަސްވުމާ ހިލާފުވެއްޖެނަމަ، ނަގައި ދެވޭނެ ކަމަށް ބަޔާންކޮށްފައިވާ ބަދަލު ނުވަތަ ލިކުއިޑޭޓަޑް ޑެމެޖަސް އެވެ.

ފަނޑިޔާރު އައިޝާ ޝުޖޫން އޭނާގެ ރައުޔުގައި ލިޔުއްވާފައި ވަނީ ލިކުއިޑޭޓަޑް ޑެމޭޖާސް ކޯޓުގައި ސާބިތުކުރުމަށް ޔަގީންކޮށްދޭންޖެހޭނީ ހަމައެކަނި އެއްބަސްވުމާ ހިލާފުވެފައިވުން ކަމަށެވެ. އެ ހިލާފުގެ ސަބަބުން އެއްބަސްވުމުގައި ބުނާ ގެއްލުމުގެ ބަދަލު ލިބިދޭންޖެހޭ ހާލަތެއް މެދުވެރިވެފައިވާ ކަމެވެ. އެހެންނަމަވެސް ބަދަލު ލިބިގަތުމަކީ އާންމުކޮށް އެހާ ފަސޭހައިންވާ ކަމެއް ނޫން ކަމާއި ބަދަލު ލިބިދިނުމަކީ އޮޅުންބޮޅުން ބޮޑު ކަމެއްކަމުގައި ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

ޝުޖޫން އާއި މަހާޒު؛ "ޕެނަލްޓީ ކްލޯޒެއްނަމަ ބަދަލެއް ނުދެވޭނެ"

ދެން މުހިންމު މައުލޫއަކީ ޕެނަލްޓީ ކްލޯޒް ނުވަތަ އުގޫބާތެއްގެ ގޮތުގައި ބެލެވޭ މާއްދާ އެވެ.

"ބަދަލު ލިބިގަތުމަށް ބަރޯސާވަނީ ޕެނަލްޓީ ކްލޯޒްއެއްގެ މައްޗަށް ކަމުގައިވާނަމަ އާންމު އުސޫލުން އެފަދަ ބަދަލެއް ނަގައި ނުދެވޭނެ، އަދި އެކަމުގެ މައްޗަށް އެއްބަސްވެފައިވާ ނަމަވެސް، އެއްބަސްވުމެއްގެ ދަށުން ބަދަލު ނަގައިދިނުމުގެ ކުރިން ލިބިދެވޭ ކަމަށް އެއްބަސްވެފައިވާ މިންވަރަކީ އުގޫބާތެއްކަން ނުވަތަ ނޫންކަން ކޯޓުން ވަޒަން ކުރަން ޖެހޭ،" ޝުޖޫން ވިދާޅުވި އެވެ.

އެގޮތުން އެ ވަޒަން ކުރުމުގެ މިންގަނޑަކީ ޝުޖޫން ފާހަގަ ކުރެއްވި ގޮތުގައި، އެއްބަސްވުމުގައި ބަޔާންކުރާ ގެއްލުމުގެ މިންވަރަކީ، ހަގީގަތުގައި ވެސް ވެދާނެ ގެއްލުމެއް ކަމުގައި ދެކި ހިމަނާފައިވާ މިންވަރެއްކަން ނުވަތަ ނޫން ކަމެވެ. އެގޮތަށް ކޯޓުން ކަނޑައެޅުމުގައި ބަލާނެ ކަންކަން ބަޔާން ކުރެއްވުމަށްފަހު، ޝުޖޫން ވިދާޅުވީ ބަދަލު ނަގައިދިނުމާ ގުޅޭ ގޮތުން އެއްބަސްވުމުގައި ހިމަނާފައިވާ މާއްދާއަކީ ޕެނަލްޓީ ކްލޯޒްެއެއް ކަމުގައި ކޯޓުން ކަނޑައަޅާ ހާލަތްތަކުގައި އެއީ އާންމު އުސޫލުން ގެއްލުމުގެ ބަދަލެއް ގޮތުގައި ބަލައި ކޯޓު މެދުވެރިކޮށް ލިބިދެވޭނެ ފައިސާއެއް ނޫން ކަމަށެވެ.

މި މައްސަލާގެ ބަހުސްގައި އޮތް އެއްބަސްވުމުގެ 11 ވަނަ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއް ކަމުގައި ޝުޖޫން ވަނީ ކަނޑައަޅުއްވާފަ އެވެ.

އެގޮތަށް ޝުޖޫން ނިންމެވީ، ލިކުއިޑޭޓަޑް ޑެމޭޖަސް ނަގައިދިނުމުގައި އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން ވެފައިވާ ގެއްލުން ސާބިތުކޮށްދޭން ލާޒިމްނުވީ ނަމަވެސް، ލިބިދޭ ބަދަލަކީ ވެފައިވާ ގެއްލުމާ އަޅާ ބަލާއިރު އެކަށީގެންވާ މިންވަރަކަށްވުރެ ބޮޑު އަދަދަކަށްވުމުގެ އިތުރުން ގެއްލުމެއް ވެފައިވާނަމަ އެފަދަ ގެއްލުމަކާ ގުޅުމެއް އޮތް މިންވަރެއް އެނގެން ނެތީމަ އެވެ. އަދި، މަސްލަހަތެއް ރައްކާތެރިކުރުމަށްޓަކައި ހިމަނާފައިވާ އެކަށީގެންވާ ފައިސާގެ މިންވަރެއްކަން އެނގެން ނެތީމަ އެވެ.

"...އެއްބަސްވުމުގެ 11 ވަނަ މާއްދާގެ ދަށުން ލިބިދޭން އޮތް ފައިސާގެ މިންވަރަކީ އެއްބަސްވުމުގެ ދަށުން އުފުލަން ޖެހޭ މައި އިލްތިޒާމް (ޕްރައިމަރީ އޮބްލިގޭޝަން)ގެ ބޭރުން، އުފައްދާފައިވާ ވަކި އިލްތިޒާމެއް (ސެކެންޑަރީ އޮބްލިގޭޝަން)ކަން އެނގެން އޮތުމުން އެއްބަސްވުމުގެ 11 ވަނަ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއް ކަމުގައި އަހުރެން ދެކެމެވެ." ޝުޖޫން ލިޔުއްވި އެވެ.

އެހެންވެ، ހިއްސާގެ އަގުގެ ބޭރުން އިތުރަށް ދައްކަން ޖެހޭ ފައިސާ ނަގައިދެވޭނެ ތަނެއް ނެތް ކަމުގައި ޝުޖޫން ނިންމެވި އެވެ.

ޝުޖޫން ވިދާޅުވި ގޮތުގައި، ބަދަލު ދިނުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން މީގެކުރިން ނިންމާފައިވާ ތަފާތު އުސޫލުތަކުން ދުރަށް ގޮސް، ސާފު އެއްގޮތް އުސޫލުތަކަކަށް އަމަލުކުރަން ފެށުން މުހިންމު ކަމަށެވެ.

ފަނޑިޔާރު ޝުޖޫންއަށް ތާއިދު ކުރައްވަމުން، ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވީ ގެއްލުމުގެ ބަދަލަކީ އާންމު އުސޫލެއްގެ ގޮތުން ގެއްލުން ލިބުނު ފަރާތަށް ލިބުނު ގެއްލުން ފޫބެއްދުމަށްޓަކައި ނަގައިދެވޭ ބަދަލެއް ކަމަށެވެ. އެއްބަސްވުމާ ހިލާފުވި ފަރާތަށް އަދަބެއް ނުވަތަ އުގޫބާތެއް ދިނުމުގެ ގޮތުން ފައިސާގެ މިންވަރެއް ނަގައިދިނުމެއް ނޫނެވެ. ކޮމަން ލޯ ނިޒާމްގެ ގައުމުތަކުގައި ޕެނަލްޓީ ކްލޯޒް ތަންފީޒުނުކޮށްދޭ އެއް ސަބަބަކީ މަހާޒު ވިދާޅުވި ގޮތުގައި، އެއީ އެވެ.

މަހާޒު ވިދާޅުވި ގޮތުގައި، މަޝްހޫރު ހުރިހާ ގާނޫނީ ނިޒާމްތަކާއި އިސްލާމީ ގައުމުތަކުގައި ވެސް، ގެއްލުމުގެ ބަދަލުގެ ކޯޓުން ނަގައިދެވޭނީ އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން ލިބިދީފައިވާ ނުވަތަ ލިބިދާނެ ކަމަށް އެއްބަސްވުމުގެ ބައިވެރިންނަށް އެނގޭ ގެއްލުމެއް އޮތްކަން ނުވަތަ ނޫން ކަމާއި ނަގައިދެވޭ އަދަދަކީ އެ ގެއްލުމާ މުނާސަބު އަދަދެއްކަން ކަށަވަރު ކުރުމަށްފަހުގަ ކަމެވެ.

މަހާޒުގެ ރައުޔަކީ ބަދަލު ކުޑަކުރުމަކީ އިހްތިޔާރެއް ނޫންކަން

މަހާޒު މަސައްކަތް ކުރެއްވީ މުހިންމު ދެ ސުވާލެއް އުފައްދަވައި، އެއަށް ޖަވާބު ދެއްވުމަށެވެ؛

ފުރަތަމަ ސުވާލު؛ ކޯޓުގެ އިސްނެގުމަށް ބަދަލުގެ މިންވަރު ކުޑަ ކުރެވިދާނެތަ؟

މަހާޒު ދެކެވަޑައިގަންނަވާ ގޮތުގައި، އެއްބަސްވުމެއްގެ ބައިވެރިން އެއްބަސްވެފައިވާ ފަދައިން ގެއްލުމުހެ ބަދަލު ނަގައިދިނުމުގައި ނަގައިދޭން ޖެހޭ އަދަދު އާދަޔާ ހިލާފަށް ބޮޑު ކަމަށް ފެންނަ ހާލަތުގައި ފަނޑިޔާރު އަމިއްލަ އިސްނެގުމަކަށް އެ އަދަދު ކުޑަކުރާނަމަ އެކަމަކީ ފަނޑިޔާރަށް ނެތް ބާރެއް ބޭނުން ކުރުން ކަމެވެ. އަދި، ފަނޑިޔާރަށް ފެންނަ މިންވަރަކަށް ކުޑަ ކުރުމަކީ ފަނޑިޔާރުގެ ނިންމުމާމެދު ޝައްކުގެ ނަޒަރަކުން ބެލުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.

އިތުރަށް އޭނާ ލިޔުއްވާފައިވާ ގޮތުގައި، އަދަދު ކުޑަކޮށް ދިނުމަކީ އެއްބަސްވުމާ ގުޅިގެން އަނެއް ބައިވެރިޔާއަށް ދެވޭ ލުޔަކަށްވާއިރު، އެފަދަ ލުޔެއް ދެވޭނީ ބައިވެރިންނަށް ކަމާއި އެއީ ފަނޑިޔާރަށް ލިބިގެންވާ ބާރެއް ނުވަތަ އިހްތިޔާރެއް ނޫން ކަމަށެވެ.

ދެވަނަ ސުވާލު؛ ބަދަލު ނަގައިދިނުމުގެ މާއްދާ ތަންފީޒުކޮށް ދިނުން ލާޒިމްތަ؟

އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރާ ހާލަތުގައި އަރާނެ ޖޫރިމަނާތައް ކަނޑައަޅާފައިވާ މާއްދާއެއް ހިމެނުމަށް ގާނޫނީ ހުރަހެއް ނެތް ނަމަވެސް، މަހާޒު ވިދާޅުވި ގޮތުގައި އެ މާއްދާ އެއްބަސްވުމުގެ ބައިވެރިން އެއްބަސްވެފައިވާ ގޮތަށް ތަންފީޒުކޮށްދިނުމަކީ ކޯޓުތަކަށް ލާޒިމް ކަމެއް ނޫން ކަމެވެ. މިކަމުގައި، ވަޒަން ކުރާނެ މިންގަނޑަކީ ޝުޖޫން ވެސް ފާހަގަ ކުރައްވާފައިވާ ގޮތުގައި، ބަދަލު ނަގައިދިނުމަށް ހިމެނި މާއްދާއަކީ ލިކުއިޑޭޓެޑް ޑެމޭޖަސްގެ މާއްދާއެއްތޯ ނުވަތަ ޕެނަލްޓީ ކްލޯޒް (އަދަބު ދިނުމަށްޓަކައި) އެއްތޯ ކަމަށް މަހާޒު ވެސް ވިދާޅުވި އެވެ.

"އަދަބު ދިނުމަށްޓަކައި ހިމަނާފައިވާ މާއްދާއެއްކަން ކަނޑައެޅިއްޖަނަމަ އެ މާއްދާ އެއްބަސްވުމުގެ ބައިވެރިން އެއްބަސްވެފައިވާ ގޮތަށް ތަންފީޒުކޮށްދިނުމަކީ ކޯޓުތަކަށް ލާޒިމް ކަމެއް ނޫން،" މަހާޒު ލިޔުއްވި އެވެ.

މަހާޒު ވިދާޅުވެފައި ވަނީ އެފަދަ މާއްދާތައް ކޯޓުތަކުން ތަންފީޒުކުރުމުގައި އެ މާއްދާތަކުގެ ނަގައިދެވޭ މިންވަރަކީ ގެއްލުމުގެ ބަދަލާ ގުޅުން ހުރި މުނާސަބު މިންވަރެއްކަން ވަޒަން ނުކުރާނަމަ ނުކުންނާނެ ފާޅުކަން ބޮޑު ނަތީޖާތަކެއްވާ ކަމަށެވެ. އެގޮތުން އަދާޔާ ހިލާފު ބޮޑެތި ފައިސާގެ އަދަދުތައް ހޯދުމުގެ ނިޔަތުގައި އެފަދަ މައްސަލަތައް ކޯޓަށް ހުށަނާޅައި ގިނަ ދުވަސްތައް ހޭދަކުރުމަށް މަސައްކަތް ކުރާނެ އެވެ. ނަމަވެސް، ގެއްލުމެއް ލިބިފައިވާކަން ނުވަތަ ލިބިދާނެކަން އެއްބަސްވުމުގެ ބައިވެރިންނަށް ތަސައްވުރު ކުރެވޭކަން ކޯޓުތަކުން ވަޒަންކުރާނަމަ އަވަހަށް ކޯޓަށް ހުށަހަޅަން ބަދަލު ލިބޭ ފަރާތުން މަސައްކަތް ކުރާނެ ކަމަށެވެ.

އެހެންވެ، ފަނޑިޔާރުން އިސްވެ، ބަދަލުގެ އަދަދުތައް ކުޑަ ކުރުމާއި ޖޫރިމަނާގެ މާއްދާތައް އެ އޮންނަ ފަދައިން ތަންފީޒުކުރަމުން ދިޔަ ދިޔުން ހުއްޓާލައި، ސުޕްރީމް ކޯޓުގެ އެފަދަ އުސޫލުތަކުން އެއްކޮށް ހިޖުރަކުރަން ޖެހޭ ކަމަށް މަހާޒު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓު: ޖޫރިމަނާގެ ބަދަލާ ގުޅޭ މުހިންމު ނިންމުމެއް ނެރުއްވީ ފަނޑިޔާރު ޝުޖޫން، އަލީ ރަޝީދު އަދި މަހާޒު
ސުޕްރީމް ކޯޓު: ޖޫރިމަނާގެ ބަދަލާ ގުޅޭ މުހިންމު ނިންމުމެއް ނެރުއްވީ ފަނޑިޔާރު ޝުޖޫން، އަލީ ރަޝީދު އަދި މަހާޒު

ސުޕްރީމް ކޯޓު: ޖޫރިމަނާގެ ބަދަލާ ގުޅޭ މުހިންމު ނިންމުމެއް ނެރުއްވީ ފަނޑިޔާރު ޝުޖޫން، އަލީ ރަޝީދު އަދި މަހާޒު

އަލީ ރަޝީދު ދެކޭ ގޮތުގައި އަދަދު ކުޑަކުރެވިދާނެ

ފަނޑިޔާރު އަލީ ރަޝީދު ލިޔުއްވާފައިވާ ގޮތުގައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ދުރާލައި ރުހި ގަބޫލުވެފައިވާ ބަދަލުގެ މިންވަރަކީ ލިބިދާނެ ގެއްލުމާ ނުބައްދަލު އެކަށީގެންވާ މިންވަރަށްވުރެ މާބޮޑު ބަދަލަކަށް ވެގެން ނުވާނެ އެވެ. އެ ބަދަލު އެކަށީގެންވާ ވަރަށްވުރެ ބޮޑުކޮށް އެމީހަކަށް ނުއުފުލޭވަރުގެ ބޮޑު ބުރައެއްގެ ގޮތުގައި އޮވެއްޖެނަމަ އެއީ ބަދަލުދޭން ޖެހޭ ފަރާތަށް ލިބޭ އަނިޔާއެއް ކަމަށެވެ. ބައެއް ގައުމުތަކުގެ ގާނޫނުގައި ބަދަލު ވަކި މިންވަރަކަށް ވުރެ ބޮޑު ނުކުރެވޭ ގޮތަށް ކަނޑައަޅާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އަލީ ރަޝީދު ވިދާޅުވި ގޮތުގައި ބަދަލުގެ ގޮތުގައި ވަކި އަދަދަކަށް ނުވަތަ ޖޫރިމަނާއަށް ދުރާލައި އެއްބަސްވެވޭ ގޮތަށް ގާނޫނުން ތަންދިން ނަމަވެސް، އެއީ މުތުލަގު ގޮތެއްގައި އެއްވެސް ގައިދެއް ނެތި އޮންނަ ބާރެއް ނޫން ކަމަށެވެ. ނުބައްދަލު، އެކަށީގެންނުވާ އަދަދެއްގެ ބަދަލެއްނަމަ، މަސްލަހަތު އޮތް ފަރާތުން އެދުމުން، އެއަށް ބަދަލު ގެނައުމުގެ އިހްތިޔާރު އިސްލާމީ ޝަރީއަތުގައި ފަނޑިޔާރަށް ލިބިދޭކަން އިންޓަނޭޝަނަލް އިސްލާމިކް ފިގުހު އެކަޑެމީ ގަރާރަކަށް ހަވާލާދީ، އަލީ ރަޝީދު ވިދާޅުވި އެވެ.

މިގޮތަށް ބަދަލުގެ މިންވަރު ޝަރީއަތުން ކުޑަކުރަނީ އަލީ ރަޝީދު ވިދާޅުވި ގޮތުގައި، އެ ބަދަލު އެއްބަސްވުމުގެ އަސްލު އިލްތިޒާމަށްވުރެ ބޮޑު ނަމަވެެ. އަސްލު އިލްތިޒާމަށްވުރެ ބޮޑުވާ ބައި ނަގައިދެވެނީ އެހާ ތަނަށް ގެއްލުން ލިބިފައިވާ މިންވަރު ސާބިތުކޮށް ދިނުމުން ވެސް ކަމަށެވެ.

އަލީ ރަޝީދު ވިދާޅުވި ގޮތުގައި އަދާކުރަން ޖެހޭ އަސްލު އިލްތިޒާމުގެ މިންވަރު ބެލުމުގައި ދައްކައި ނިމިފައިވާ ފައިސާ އާއި އެހާ ތަނަށް ދައްކަން ނުޖެހި ހުރި ފައިސާ ހިމަނައިގެން ނުވާނެ އެވެ.

ހަސަނާއި ޖަނާހުގެ ދެމެދުގައި އޮތް މައްސަލާގައި ބަދަލު ނަގައިދިނުމުގައި އަސްލު އިލްތިޒާމްގެ މިންވަރު ބަލާފައި އޮތް ގޮތް ގޯސްވުމާއި ގެއްލުން ސާބިތުވެފައިނުވާތީ، ސިވިލް ކޯޓުން ކަނޑައަޅާފައި އޮތް އަދަދުގެ ބަދަލެއް ޖަނާހަށް ހައްގު ނޫން ކަމަށް އަލީ ރަޝީދު ނިންމެވި އެވެ. އެކަމަކު، އޭނާއަށް ބަދަލެއް ލިބެން ޖެހޭކަން ގަބޫލު ކުރައްވައި އެ އަދަދު ހުކުމްގައި ފަނޑިޔާރު އަލީ ފާހަގަ ކުރެއްވި އެވެ. އެގޮތުން ހަ ލައްކަ ރުފިޔާ ބަދަލުގެ ގޮތުން ދޭން ޖެހޭ ކަމަށް ނިންމެވީ، ހަސަން ނުދައްކާ އޮތް ތިން ލައްކަ ޑޮރަކީ އަސްލީ އިލްތިޒާމްގެ ގޮތުގައި ކަނޑައަޅައި، އެއްބަސްވުމުގެ 11 ވަނަ މާއްދާގައިވާ ގޮތުން ޖޫރިމަނާ ހިމަނައިގެންނެެވެ.

ފަނޑިޔާރު ޝުޖޫންނާއި ފަނޑިޔާރު މަހާޒު ދެބަސްވެވަޑައިގެންފައިވަނީ ފަނޑިޔާރު އަލީ ރަޝީދުގެ އެ ނިންމެވުމާ އެވެ. ފަނޑިޔާރު ޝުޖޫންނާއި ފަނޑިޔާރު މަހާޒު، އެއްބަސްވުމުގެ 11 ވަނަ މާއްދާއަކީ ޕެނަލްޓީ ކްލޯޒްއެއް ކަމަށް ކަނޑައަޅައި، ޖަނާހަށް ބަދަލުގެ ގޮތުގައި ލިބެން ޖެހެނީ އެއްބަސްވުމުގެ ދަށުން ނުދައްކާވާ އިންސްޓޯލްމެންޓްގައި ހިމެނޭ ތިން ލައްކަ ޑޮލަރު އެކަނި ކަމަށް އަގުލަބިއްޔަތުން ވަނީ ހުކުމް ކުރައްވާފަ އެވެ.

މި މައްސަލާގައި ތިން ފަނޑިޔާރުންގެ ރައުުޔު ތަފާތުވީ ނަމަވެސް، ކަނޑައަޅުއްވާފައިވާ ކަނޑައެޅުންތަކާއި ފާހަގަ ކުރައްވާފައިވާ ނުކުތާކުން އެއް މިސްރާބަކަށްދެ އެވެ. އެއީ، އެއްބަސްވުންތަކާ ހިލާފުވީ ކަމަށް ބުނެ ކޯޓުތަކުން ނަގައިދޭ އަދާޔާ ހިލާފު ބޮޑެތި އަދަދުތައް ހުއްޓުވުމެވެ. ސުޕްރީމް ކޯޓުގެ ލޭންޑްމާކް މި ހުކުމާއެކު އެ ދޮރު ވަރަށް ބޮޑަށް ބަންދުވެގެންދާނެ އެވެ.

ނާޒިމް ހަސަން

އެސޯސިއޭޓް އެޑިޓަރ

ނާޒިމް ހަސަން އަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ހަބަރުތައް ކަވަރުކުރުމުގައި މިހާރު ހުރި އެންމެ ހުނަރުވެރި އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް ދެ ފަހަރެއްގެ މަތިން ހާސިލްކޮށްފަ އެވެ. ކޮމިއުނިޓީ ނޫސް ކުޅުދުއްފުށީ އޮންލައިނުން ކެރިއަރު ފަށައި އޭނާ ވަނީ ކުރިން "ވަގުތު"، "އަވަސް" އަދި "ޖަޒީރާ" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox