ބަންގްްލަދޭޝްގެެ އެ ދެ މަސައްކަތްތެރިންްް، ގައުމު ދޫކޮށް ރާއްޖެ އައީ ފޮނިި މުސްތަގުބަލެއްގެ އުއްމީދުގަ އެވެ. ރާއްޖޭގައި މަސައްކަތްކޮށް އާމްދަނީ ހޯދައި އުފާވެރި ކުރިމަގެއް ހޯދާށެވެ. އެކަމަކު އިމާރާތްކުރުމުގެ މަސައްކަތުގެ ތެެރޭ އުޅެނިކޮށް، ފުރާނަ ގެއްލިގެން ދިޔައީ އެވެ.
އެ ދެ މަސައްކަތްތެރިންގެ މަރުގެ ދެމެދުގައި ހިނގައިދިޔައީ ބަރާބަރު 308 ދުވަހެވެ. ފުރަތަމަ މީހާ ވެއްޓުނީ ހުޅުމާލޭގައި ހަދަމުންދިޔަ އެމްޕީއެލްގެ ފްލެޓް ޓަވަރުގެ އަށް ވަނަ ބުރިންނެވެ. ދެ ވަނަ މީހާ ވެއްޓުނީ 14 ބުރި މަތިންނެވެ. ވެއްޓުނުއިރު ބޮލުގައި ހެލްމެޓެއް ނެތެވެ. އުނަގަނޑަކު ބެލްޓެއް ނެތެވެ.
ދިވެހިރާއްޖެއަކީ މަސައްކަތްތެރިންނަށް އެމީހުންގެ މަސައްކަތުގެ މާހައުލުގައި ދިމާވާ ބޮޑެތި ހާނިއްކަތަ އަދި ކޮންމެ ދުވަހަކު ކުރިމަތިވާ ކުދި ނަމަވެސް ދެމިގެންދާ ހާނިއްކަތައް ނިސްބަތުން އެންމެ ގިނަ އެއް ގައުމެވެ. މަސައްކަތްތެރިންނަށް ދިމާވާ ނުރައްކާތައް ބަލާނެ ދައުލަތުގެ އިދާރާއާއެއް ނުހުރެ އެވެ. އަދި އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ގާނޫނެއް ވެސް ނޯވެ އެވެ.
ރާއްޖޭގެ މަސައްކަތުގެ މާހައުލުތައް ވަރަށް ނުރައްކާތެރި
ދިވެހިރާއްޖޭގައި ކުރާ އެންމެ ނުރައްކާތެރި މަސައްކަތަކީ ކޮންސްޓްރަކްޝަންގެ މަސައްކަތްކަން ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ރާއްޖޭގައި ކުރި ދިރާސާއަކުން ވަނީ ހޯދައިފަ އެވެ.
އެ ދިރާސާއިން އެނގުނީ އިމާރާތްތައް ހެދުމުގެ މަސައްކަތް ކުރާ އެންމެ ބޮޑު ބިރަކީ ވެއްޓި މަރުވުން ކަމެވެ. ދެން އެންމެ ނުރައްކާ ބޮޑީ ތަކެތި އެއްތަނުން އެނެއް ތަނަށް އުފުލުމުގަ އެވެ. މި ނޫން ވެސް އެ މަސައްކަތްތެރިންނަށް ގެއްލުންވާ އެތަކެއް ކަމެއް އެބަހުއްޓެވެ.
ފާރުގައި އުނގުޅާ ކުލަ އާއި ތެރެހާއި އިރުގެ ޔޫވީ ރޭތަކާއި ވެލްޑު ކުރާއިރު ބުރާ ކަންޏާއި ޕެސްޓިސައިޑަކީ ކޮންމެ ދުވަހަކު ވެސް އިމާރާތްތަކުގައި މަސައްކަތް ކުރާ މީހުން ކުރިމަތިލާންޖެހޭ ކަންކަމެވެ. އަދި ޕަވާ ޓޫލްސް އޮޕަރޭޓު ކުރަމުން ގެއްލުން ލިބުމާއި ކަރަންޓުގައި ޖެހިގެން ވެސް މި މަސައްކަތްތެރިންނަށް ގެއްލުންވެ އެވެ.
ފައިބާ ގްލާސް މަސައްކަތަކީ ގިނަ ބަޔަކު ރާއްޖޭގައި ނުކުރި ނަމަވެސް އޭގެ ގެއްލުން ވަރަށް ބޮޑު މަސައްކަތެކެވެ. މި މަސައްކަތް ކުރުމުގައި ދެ މަރުހަލާއެއް އޮވެ އެވެ. އެއީ ރެސިނާއި ގުލާސް ފައިބާ މޯލްޑުތަކަށް ބުރުވައި ތަތްގަނޑެއް ހެދުމެވެ. މި މަރުހަލާގައި މަސައްކަތްތެރިން ހުންނަނީ އަންކިއޫޑް ރެސިން ނުވަތަ ދިޔާކޮށް ހުންނަ ރެސިންނަށް ހާމަވެފަ އެވެ. މިއީ ވަރަށް ބާރުގަދަ ކެމިކަލެކެވެ. އަދި ގްލާސް ފައިބަރަށް ވެސް މީހާ ހުންނަނީ ހާމަވެފަ އެވެ.
ދެ ވަނަ މަރުހަލާއަކީ އެއްކަލަ ތަތްގަނޑު ކަފާ، މަށާ، ބޭނުންވާ ޑިޒައިނަށް ފައިނަލް ކުރުމެވެ. މި މަރުހަލާގައި މަސައްކަތްތެރިން ހާމަވަނީ އެފްއެފްޕީ ހިރަފުހަށެވެ. އެއީ ޕްލާސްޓިކާއި ގުލާސް ފައިބާ އެކުލެވޭ ހިރަފުހެވެ.
ފައިބާ ގްލާސް މަސައްކަތް ކުރާ މީހުންނަށް ކުރިމަތިވެދާނެ ނުރައްކާތަކުގެ ތެރޭގައި ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމާއި ހަމުގެ މައްސަލަތަކާއި އެލާޖިކްވުން ހިމެނެ އެވެ. ދިގު މުއްދަތަކަށް އެ ކެމިކަލްތަކަށް ހަމާވާ ނަމަ ކިޑުނީ މައްސަލަތަކާއި ލިވާ މައްސަލަޖެހުމާއި ކެންސަރު ޖެހުމުގެ ފުރުސަތު ވެސް އޮވެ އެވެ.
ދަނޑުވެރިކަން ކުރާ މީހުން ރާއްޖޭގައި އެކަން ވެސް ކުރަނީ ވަރަށް ބޮޑު ނުރައްކަލަކަށް ހުށަހެޅިގެންނެވެ. އާދަޔާ ހިލާފު ބާރުގަދަ ކެމިކަލްތަކަށް އަބަދުމެ ހާމަވުމުގެ އިތުރުން ގަދަ އަތްވަކީ ވެސް ދަނޑުވެރިންނަށް އޮތް ނުރައްކަލެކެވެ.
ގަދަ އަތްވާއި މަހުގެ ޕްރޮޓީންތަކުން މަސްވެރިކަން ކުރާ މީހުންނަށް ހަމުގެ މައްސަލަތައް ޖެހުމަކީ އެކަށީގެންވާ ކަމަށް ދިރާސާއިން ދައްކަ އެވެ. އޭގެ އިތުރުން ލޮލަށް ގެއްލުންވުމާއި އޮޑިން ވެއްޓުން ފަދަ ކަންކަމަކީ ވެސް މަސްވެރިންނަށް އެމީހުންގެ މަސައްކަތުގެ މާހައުލުގައި ނުރައްކާވާ ކަންކަމެވެ.
ފުޅި އަޅައިގެން ފީނުމަކީ ނުރައްކާތެރި މަސައްކަތެއްގެ ގޮތުގައި ދުނިޔޭގައި ވެސް ދެކޭ ކަމެކެވެ. އެކަމަކު ރާއްޖޭގައި އެ މަސައްކަތް ކުރާ މީހުންނަށް އޮތް ނުރައްކާ މާ ބޮޑެވެ. އެއީ ސަލާމަތީ ކަންކަމަށް އާންމު ގޮތެއްގައި ނުބެލުމެވެ. އަދި ޑިކޮމްޕްރެޝަން ސިކްނެސް ފަދަ ކަމެއް ދިމާވެއްޖެ ނަމަ ފަރުވާ ކުރެވެން ނެތުމުންނެވެ.
ކާރާއި ސައިކަލް އަދި އެ ނޫން ވެސް ވެހިކަލްތައް މަރާމާތު ކުރާ ގަރާޖުތަކުގައި މަސައްކަތް ކުރާ މީހުންނަކީ ވެސް ވަރަށް ނުރައްކާތެރި މާހައުލެއްގައި މަސައްކަތް ކުރާ ބަޔެކެވެ. އެމީހުން ތިބެނީ ވެހިކަލްތަކުން ދޫކުރާ ވިހަ ކާބަން މޮނޮކްސައިޑަށް ހާމަވެފަ އެވެ. އަދި ސަލްފާ ޑިއޮކްސައިޑު ނައިޓްރޮޖެންގެ އޮކްސައިޑުތައް އަދި ލެޑަށް ވެސް އެ މަސައްކަތްތެރިން ތިބެނީ ހާމަވެ އެވެ.
މަސައްކަތްތެރިންނަށް ލިބޭ ގެއްލުމަކީ ސީދާ މުޖްތަމައުއަށް ލިބޭ ގެއްލުމެއް
މަސައްކަތްތެރިންނަކީ ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 80 ޕަސެންޓެވެ. މަސައްކަތުގެ މާހައުލުގައި މި މީހުންނަށް ލިބޭ ހާނިއްކައިގެ ބުރަ އުފުލަންޖެހެނީ މުޖްތަމައު އަދި އެމީހުންގެ އާއިލާތަކެވެ.
"މިސާލަކަށް ޕޯޓް އޭރިއާ އާއި އެމްއެންޑީއެފާއި ތިލަފުއްޓާއި މިހެން ގޮސް ރާއްޖޭގައި ވެސް އިންޑަސްޓްރީތަކަކީ ވަރަށް ބޮޑު އާބާދީއެއް. އޭގެ މާނައަކީ އެތަންތަނުގައި ހެލްތު އެންޑް ސޭފްޓީއަށް ނުބަލާ ކުރާ މަސައްކަތަކީ އާހިރަތުގައި ހަގީގަތުގައި ވަރަށް ބޮޑަށް މުޖްތަމައުއަށް އޭގެ ގެއްލުން އިންތިހާއަށް ބޮޑު ކަމެއް،" މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާ ގުޅޭ ތަޖުރިބާކަރެއް ކަމަށްވާ އިބްރާހިމް ޒާހިރު ވިދާޅުވި އެވެ.
ކޮވިޑް-19 ގެ މި ބަލިމަޑުކަމުގައި މަސައްކަތްތެރިންނަށް އަޅާލުމުން މުޖްތަމައުއަށް ލިބޭ ފައިދާ ފެންނަމުންދާ ކަމަށް ޒާހިރު ވިދާޅުވި އެވެ.
"މިސާލަކަށް ބުނާ ނަމަ ކޮވިޑްގެ ފެތުރުމާއި އުފެދިގެން އަންނަ ކްލަސްޓާސްތައް ވެސް ވަރަށް ބޮޑަށް މަދުކުރެވޭ އެބަ މަސައްކަތުގެ މާހައުލުގައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން. ގައިދުރުކުރުމާއި އެހެނިހެން ފިޔަވަޅުތައް އެޅީމަ ކޮމިއުނިޓީ ސްޕްރެޑަކަށް ދިއުން މަދު ކުރެވޭ އަދި ބަލި ކޮންޓެއިން ކުރަން ފުރުސަތު ލިބޭ،" ޒާހިރު ކިޔައިދެއްވި އެވެ.
ރާއްޖޭގެ ހުރިހާ އިންޑަސްޓްރީތަކެއްގައި ވެސް މިހާރު މަސައްކަތްތެރިންނަށް ސިއްހީ އެކި ގެއްލުންތައް ކުރިމަތިވަމުންދާ ކަމަށް ޒާހިރު ދެކިވަޑައިގަންނަވަ އެވެ.
"އަޅުގަނޑުމެންގެ އެއްވެސް އިންޑަސްޓްރީއެއްގައި މަސައްކަތުގެ މާހައުލުން ދިގު މުއްދަތަކުން ލިބޭ ގެއްލުން ދިރާސާކޮށްފައެއް ނުވޭ. އެހެންނުވުމުން މި ވާ ގޮތަކީ، ރާއްޖޭގައި ވެސް ވަރަށް ފާހަގަ ކުރެވޭ، މައިބަދައިގަ މައްސަލަޖެހުމާއި ހުޅުތަކުގެ މައްސަލަޖެހުމާއި ކަނދުރާގެ މައްސަލަތަކާއި މި ނޫން ވެސް ބައިވަރު މައްސަލަ،" އޭނާ ވިދާޅުވި އެވެ.
މަސައްކަތްތެރިން ރައްކާތެރިކުރުމަކީ ގައުމީ ފެންވަރުގައި ކުރަންޖެހޭ ކަމެއް
ރާއްޖޭގެ އިންޑަސްޓްރީތަކުގައި މިހާރު އޮންނަ ގޮތަކީ އެބަޔަކު އަމިއްލައަށް އެބައެއްގެ ސަލާމަތަށް ގަވާއިދު ހަދައިގެން ކުރިއަށް ދިއުމެވެ. މިހެންވުމުން މައްސަލަ ހައްލެއް ނުވެ އެވެ. އޭގެ ބަދަލުގައި މުޅި ގައުމު އަމަލު ކުރާ އެއް މިންގަނޑެއް އެކުލަވާލަންޖެހޭ ކަމަށް ތަޖުރިބާކާރުން ދެކިވަޑައިގަންނަވަ އެވެ.
"ނެޝަނަލް ފްރޭމްވޯކެއް ހެދީމަ ވާނެ ގޮތަކީ ހުރިހާ އެންމެން އެއް މިންގަނޑަކަށް އަންނަންޖެހޭނީ. މިސާލަކަށް މިހާރު އެއާޕޯޓު އަމަލު ކުރާނީ ސަލާމަތީ ގޮތުން އެމީހުން އަމިއްލައަށް ހަދާ އުސޫލަކަށް. އެމްއެންޑީއެފް ވެސް އެގޮތަށް. ފެން ކުންފުނިނ ވެސް ގެންގުޅެނީ އަނެއްކާ ވަކި އުސޫލެއް. އެއް ފްރޭމްވޯކެއް ތެރެއަށް އައީމަ އެކްސިޑެންޓުތަކާ މި ހުރިހާ ކަމެއް މިނިމައިޒް ކުރެވޭނެ،" ކުރިން ވާހަކަ ދެއްކެވި ޒާހިރު ވިދާޅުވި އެވެ.
އެކްސިޑެންޓެއް ނުވަތަ ނުރައްކާތެރި ހާދިސާއެއް ހިނގުމުން އެކަމުގެ މުލަށް ކޮނުން މުހިންމު ކަމަށް ޒާހިރު ދެކެވަޑައިގަންނަވަ އެވެ. މުހިންމީ އެކްސިޑެންޓެއްގައި މީހަކު ކުށްވެރިކުރުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކްރިމިނަލް އެކްސްޕެކްޓަކުން ތަހުގީގު ކުރީމަ އަސްލު އެކްސިޑެންޓުވީ ގޮތެއް ނޭނގޭ. އެކްސިޑެންޓު ހުއްޓުވޭނީ އޭގެ ރޫޓު އެނަލިސިސްއެއް ހެދިގެން އަދި ހެލްތު އެންޑް ސޭފްޓީ އެކްސްޕެކްޓަކުން ބަލައިގެން. އެހެން ގައުމުތަކުގައި އެކްސިޑެންޓެއް ތަހުގީގު ކުރާނީ އެކަމެއް ރެގިއުލޭޓް ކުރާ ބޮޑީއަކުން. ފުލުހުން އޭގެ ތެރެއަށް ވަންނާނީ އެކަމުގައި ގަސްދުގައި ގެއްލުމެއް ދިނުމުގެ ތުހުމަތެއް އޮތް ނަމަ،" އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ސަލާމަތީ ދާއިރާތަކުން މީހުންނަށް ކިޔަވައިދީ މުޖްތަމައު ވެސް އެކަމަށް ހޭލުންތެރި ކުރަންޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"މިކަމަށް މީހުން ތަމްރީނުކުރުމާއި މި ދާއިރާއިން ތައުލީމު ހާސިލްކުރުމާއި އާންމުކޮށް އެންމެން ވެސް ހެލްތު އެންޑް ސޭފްޓީއަށް ހޭލުންތެރި ކުރަންޖެހޭ. އެހެން ނޫނީ ވާ ގޮތަކީ އެ ކަލްޗާއެއް ނާދޭ. އަޅުގަނޑުމެން ތެރޭގައި ނެތް ސަގާފަތެއް ނާދޭ އަދި ގަވާއިދެއް ހަދައިގެނެއް،" ޒާހިރު ވިދާޅުވި އެވެ.
އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ގާނޫނު ގެންނަ ބައިވަރު މަސައްކަތް
މީގެ ނުވަ އަހަރު ކުރިން 2012 ވަނަ އަހަރުން ފެށިގެން މަސައްކަތްތެރިން ރައްކާތެރިކޮށްދިނުމަށް ގާނޫނެއް ހެދުމަށް އެކިއެކި ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން އެއް ޖަމިއްޔާއަކީ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އެވެ.
"އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަނާ އެއްކޮށް އަޅުގަނޑުމެން މަސައްކަތްތަކެއްކޮށް ގާނޫނުގެ ޑްރާފްޓު ވެސް ހަދާފަ އޮންނާނީ. އެކި ގޮތްގޮތަށް ލޮބީ ކުރަމުންދާތާ މިހާރު ނުވަ އަހަރު މިވަނީ،" އެމްޓީޔޫސީގެ ފާތިމަތު ޒިމްނާ ވިދާޅުވި އެވެ.
މި ބިލުގެ މެންޑޭޓު އޮތީ ކޮންބައެއްގެ އަތުގައިތޯ ނޭނގިފަ އޮތީ. އެކަން ކުރިއަށްގެންދާނީ ހެލްތު މިނިސްޓްރީންތޯ ނޫން ނަމަ އިކޮނޮމިކް މިނިސްޓްރީންތޯ؟ އެޗްޕީއޭ އިން އެ މަސައްކަތް ކުރަނިކޮށް ގެންގޮސް ނަގާ އިކޮނޮމިކް މިނިސްޓްރީއަށް ވެސް އެ މަސައްކަތް ހަވާލު ކުރި،" ކަންތައް ހިނގާފައި އޮތް ގޮތް ޒިމްނާ ކިޔައިދެއްވި އެވެ.
މަސައްކަތްތެރިންގެ ސަލާމަތަށް މަސައްކަތް ކުރާ ގާނޫނު ހަދަން ހުށަހެޅުމުން ސަރުކާރުގެ އެކި އިދާރާތަކުގެ މެދުގައި "އެކަން ބޮޑު އޮޅުންބޮޅުންގަނޑަކަށް ހަދައިފި" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާނޫނެއް ނެތީ ކީއްވެ؟
ތަޖުރިބާކާރު ދެކޭ ގޮތުގައި މަސައްކަތްތެރިންގެ ހައްގު ގޮސް ގުޅެނީ އެމީހުން މަސައްކަތް ކުރާ އިންޑަސްޓްރީތަކުގެ ވެރިންނާ އެވެ.
"[މަަސައްކަތްތެރިން ހައްގުތައް ނެތުމުގެ] މައިގަނޑު ސަބަބަކީ އިންޑަސްޓްރީތައް އޯން ކުރާ ބޮޑެތި ފައިސާވެރިންނެއް ނޫން އެތަންތަނުގައި މަސައްކަތް ކުރަނީ. އެހެންވެ އެމީހުންނަކަށް ނޭނގޭ މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތަކެއް،" މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތް ކުރައްވާ އަހުމަދު މުހައްމަދު (ފޯމީ) ވިދާޅުވި އެވެ.
ފޯމީ ދެކިވަޑައިގަންނަވާ ގޮތުގައި ހައްލަކީ މަސައްކަތްތެރިން ބާރުވެރި ކުރުވުމެވެ. އެމީހުން މަސައްކަތް ކުރާ އިންޑަސްޓްރީތަކުގެ ވެރިންނަކީ އެމީހުންނަށް ހެދުމެވެ.
"އެ އިންޑަސްޓްރީތަކުގައި މަސައްކަތްތެރިންނަށް އޯނާޝިޕް ނުލިބޭހާ ހިނދަކު އެމީހުން ހަމަ ގިނަ ވަގުތު މަސައްކަތް ކުރުވުމާއި މިކަހަލަ ކަންތައް އޮންނާނެ. މިސާލަކަށް ޓުއަރިޒަމް އިންޑަސްޓްރީގެ ގިނަ މުވައްޒަފުން އަށް ގަޑިއިރަށްވުރެ ގިނައިން މަސައްކަތް ކުރާނެ އަދި އެމީހުންނަކަށް އެއަށް ފައިސާއެއް ވެސް ނުލިބޭނެ. ފައިވް ސްޓާ ރިސޯޓެއްގެ މުވައްޒަފަކަށް ވެސް ދެ ޑޮލަރަށް ވުރެ މަދު އޭނާ މަސައްކަތް ކުރާ ގަޑިއަކަށްޖެހޭ ފައިސާ،" އޭނާ ވިދާޅުވި އެވެ.
ފޯމީގެ އެ ނުކުތާއާ ކުރިން ވާހަކަ ދެއްކެވި ޒިމްނާ ވެސް އެއްބަސްވެ އެވެ. އޭނާގެ ތަޖުރިބާއިން ވެސް ހާމަވެގެން ދިޔައީ މަސައްކަތްތެރިންގެ ހައްގުތަކާ ދެކޮޅަށް މަހުޖަނުން މަސައްކަތް ކުރާ ކަމެވެ.
"ރާއްޖޭގެ އިކޮނޮމީ ކޮންމެ ގޮތެއް ވިޔަސް މި ކޮންޓްރޯލް ކުރަނީ ބޮޑެތި މަހުޖަނުން. އެމީހުން މިކަމާ ބޮޑަށް ރެސިސްޓް ކުރަނީ. މަޖިލީހުގައި ވެސް އެމީހުންގެ އެހީގައި އައިސްފަ ތިބި މީހުން މިކަމާ ދެކޮޅީ. އެމީހުން މިކަމަކާ ދެކޮޅު ހަދަނީ ފުރަތަމަ ދާނެ ހަރަދު ބޮޑުވީމަ އެފަދަ ގާނޫނެއް އައިސްފިއްޔާ. އެކަމަކު އެހެން ނުހެދީމަ ސަރުކާރަށް ދިގު މުއްދަތުގައި މި އުފުލަންޖެހެނީ ވަރަށް ބޮޑު ބުރައެއް،" ޒިމްނާ ވިދާޅުވި އެވެ.
މަސައްކަތްތެރިންކީ ގައުމުގެ މައިބަދަ އެވެ. އެމީހުންނަށް ރައްކާތެރިކަން ދޭންޖެހެ އެވެ. އަހަރުމެން މަސައްކަތްކޮށް މުސްކުޅި ކުރާ ދުވަހު ބިކަވެ، ހަލާކުވެފައި ތިބެން އެކަކު ވެސް ނޭދޭނެ އެވެ. މިކަން ކުރެވޭނީ މަސައްކަތްތެރިިން އެމީހުންގެ މާހައުލުގައި ރައްކާތެރިކޮށްދޭނެ ގާނޫނެއް ގެނެސްގެނެވެ. ވިޔަފާރިވެރިން ދެކޮޅުވެރިވި ނަމަވެސް އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ ގާނޫނެއް ގެންނަންޖެހެ އެވެ.












