ޓްރާންސްޕޯޓް އޮތޯރިޓީން ވަކިކުރި ނުވަ މުވައްޒަފަކަށް އަލުން ވަޒީފާ އިޔާދަކުރުމަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލުން އަންގައިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން އެއް ފަހަރާ މުވައްޒަފުންތަކެއް ވަކިކުރި މައްސަލަ ވަރަށް ހޫނުވެގެން ގޮސް، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ވަރަށް ބޮޑަށް ފާޑުކިޔުން ވެސް އަމާޒުވި އެވެ. އެ މުވައްޒަފުން އެ މައްސަލާގައި ނަހުލާގެ ޝަކުވާ ރައީސް އޮފީހާ ހަމައަށް ވެސް ގެންދިޔަ އެވެ.
އެންމެ ފުރަތަމަ ޓްރާންސްޕޯޓުން އެ މުވައްޒަފުން ވަކިކޮށްދިނުމަށް ސިވިލް ސާވިސް ކޮމިޝަނުގައި އެދުމުން، އެ ކޮމިޝަނުން ވެސް އެކަން ނުކުރުމަށް އިރުޝާދު ދިނުމަށްފަހު ފަހުން ވަނީ އެ ހުރިހާ މުވައްޒަފުން އެއް ފަހަރާ ވަޒީފާއިން ވަކިކޮށްފަ އެވެ. އެމީހުން ވަޒީފާއިން ވަކިކުރީ މަސަކަތަށް ފަރުވާ ކުޑަ ކުރިކަމުގެ ތުހުމަތަށްފަހު އެވެ.
މި މައްސަލާގައި އެމީހުންގެ ތެރެއިން ނުވަ މުވައްޒަފެއްގެ މައްސަލާގައި ވަޒީފާއާ ބެހޭ ޓްރިބިއުނަލަށް ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރުން ދިޔަ އެވެ.
މިއަދު އެ މައްސަލާގައި ޓްރިބިއުނަލުން ނިންމި ނިންމުމާއެކު، އެ ލޯ ސެންޓަރުން ނެރުނު ބަޔާނެއްގައި ބުނީ ނުވަ މުވައްޒަފުން ވެސް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމްނުކޮށް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންވެ، އެ މުވައްޒަފުން އަދާކުރަމުން ދިޔަ ވަޒީފާތައް އަލުން އިޔާދަކޮށްދީ، އެ ދުވަހާ ހަމައަށް ދޭން ޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ޓްރިބިއުނަލުން އެންގި ކަމަށެވެ.

މި ނިންމުން ޓްރިބިއުނަލުން އަދި އާންމެއް ނުކުރެ އެވެ.
ނުވަ މުވައްޒަފުންނަށް އަލުން ވަޒީފާ ލިބިފައިވާއިރު، ޓްރާންސްޕޯޓުން ވަކިކުރި އެހެން ދެ މުވައްޒަފަކަށް ޓްރިބިއުނަލްގައި މިދިޔަ ހަފުތާ ވަނީ ނާކާމިޔާބުވެފަ އެވެ. އެ ދެ މުވައްޒަފުން ވަކިކޮށްފައިވަނީ ގޯސްކޮށް ނޫން ކަމަށް ޓްރިބިއުނަލުން ކަނޑައަޅައި، ވަޒީފާ އިޔާދަކޮށްދޭނެ ތަނެއް ނެތް ކަމަށް ނިންމި އެވެ.












