ދުނިޔޭގެ އެންމެ މުއްސަނދި ދެ ބިލިއަނަރުން ޖައްވު ފަތަހަ ކުރަން ކުރާ މަސައްކަތުގައި ވާދަވެރިކަން ބޮޑުވެއްޖެ އެވެ.
އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން ވަނީ ބޮޑު ޕްރޮޖެކްޓެއް ޓެސްލާގެ ވެރިޔާ އީލޯން މަސްކްއާ ހަވާލުކޮށްފަ އެވެ. އެކަމާ ހިތްހަމަނުޖެހި އެމެޒޯންގެ ވެރިޔާ ޖެފް ބެޒޯސް ނިންމީ ކޯޓަށް ދާށެވެ.
މި ދެ ބިލިއަނަރުން ވެސް ޖައްވަށް ރޮކެޓު ފޮނުވަން މަސައްކަތް ކުރާތާ އަހަރުތަކެއް ވެއްޖެ އެވެ. އެ މީހުން ވާދަކުރަމުން ދިޔައީ 2024 ވަނަ އަހަރު ނާސާއިން ހަނދަށް މީހުން ފޮނުވާ ޕްރޮޖެކްޓެއް ހޯދުމަށެވެ.
އެ ޕްރޮޖެކްޓު މަސްކްއަށް ލިބުމުން ބެޒޯސް ހިތްހަމަނުޖެހި ނާސާއާ ދެކޮޅަށް ވަނީ މައްސަލަ ހުށަހަޅާފަ އެވެ. އޭނާ ތުހުމަތު ކުރަނީ މަސްކްއަށް ފައިދާވާ ގޮތަށް ބިޑް މަރުހަލާގައި ނާސާއިން އަމަލުކުރި ކަމަށެވެ.
ބެޒޯސްގެ "ބްލޫ އޮރިޖިން" ޖައްވީ މިޝަނުން މައްސަލަ ޖެއްސުމާއެކު، ޓްވިޓާގައި އެ ހަބުރު ފެނުނު "ސްޕޭސް އެކްސްގެ" ވެރިޔާ މަސްކް ވަނީ ބެޒޯސްއަށް ހަޖޫ ޖަހާފަ އެވެ.
މި ދެ ބިލިއަނަރުންގެ ޖައްވީ ރޭހުގައި ކުރީގައި އުޅެނީ މަސްކް އެވެ. އޭނާގެ ސްޕޭސް އެކްސްއަށް ވަނީ ނާސާގެ ގިނަ ޕްރޮޖެކްޓުތަކެއް ލިބިފަ އެވެ.
ރޮކެޓް އުފެއްދުމުގެ ޓެކްނޮލޮޖީގައި އިންވެސްޓުކޮށްގެން އުޅޭ މި ކުންފުނިތަކުގެ ބޭނުމަކީ އަގުހެޔޮކޮށް ޖައްވަށް ސެޓެލައިޓް ފޮނުވުމެވެ. އޭގެ އިތުރުން ކުރިން ބޭނުންކޮށްފައިވާ ރޮކެޓުތައް ރީސައިކަލް ކުރަން ވެސް މަސައްކަތް ކުރެ އެވެ.
މި ހަފްތާގައި ނާސާގެ ހަތަރު އެސްޓްރޮނޮޓުން ވަނީ ސްޕޭސް އެކްސްއިން މީގެ ކުރިން ޖައްވަށް ފޮނުވި އުޅަނދެއްގެ ކެޕްސޫލް ރީސައިކަލްކޮށްގެން ޖައްވަށް ދަތުރުކޮށްފަ އެވެ. މިއީ ރީސައިކަލް ކުރި އުޅަނދެއްގައި ޖައްވަށް ދިޔަ ފުރަތަމަ ފަހަރެވެ.










