ކޮވިޑުގެ ހާލަތު އެންމެ ނުރައްކާވެފައި އޮތް އއ. މަތިވެރީގައި ބަލި ޖެހުނު ދެ މީހަކު ކަރަންޓީންވާން އަންގާފައި ވަނިކޮށް އެޗްޕީއާގެ އުސޫލާ ހިލާފުވެ މަގުތަކަށް ނުކުމެ އުޅެނިކޮށް އެންމެ ބޮޑު އަދަދުން ޖޫރިމަނާކޮށްފި އެވެ.
މަތިވެރީގައި އުޅޭ ފުލުހުންނަށް މި ދެ މީހުން މަގުމަތިން ފެނިގެން ކޮންމެ މީހަކު ޖޫރިމަނާކުރީ 10،000ރ. އިންނެވެ. މިއީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެކެހެރިވުމަށް އަންގާ އުސޫލާ ހިލާފުވުމުން ކުރާ އެންމެ ބޮޑު ޖޫރިމަނާ އެވެ.
މީގެ ތެރެއިން އެކަކު ބޭރަށް ނުކުމެ އުޅެނީ އޭނާ ހުރި ގެއިން އެހެން ގެއަކަށް ދިއުމަށެވެ. އަނެކަކު ބޭރަށް ނުކުމެ އުޅެނީ މީހަކާ ބައްދަލުކުރާށެވެ.
މީގެ ހަފުތާއެއްހާ ދުވަސް ކުރިން ފެށިގެން ބަލިފެތުރެމުން އަންނަ މަތިވެރީގެ 50 ޕަސެންޓަށް ވުރެން ގިނަ ގެތައް ހުރީ ކަރަންޓީންކޮށްފަ އެވެ. އެ ރަށުގައި ދިރިއުޅޭ 700 މީހުންގެ ތެރެއިން 170 މީހުން ކޮވިޑަށް ޕޮޒިޓިވެވެ. މި ހާލަތުގައި ބަލި ކޮންޓްރޯލްކުރަން އެންމެ ރައްކާތެރި ގޮތަކީ، އެކަހެރިވެ ތިބުން ކަން އެ ރަށުގެ ޓާސްކް ފޯހާއި ކައުންސިލުން ވެސް އޮތީ ރައްޔިތުންނަށް އަންގައިފަ އެވެ.
މި އެންގުމާ ހިލާފުވާ މީހުންނަށް ދަނީ ފިޔަވަޅު އަޅަމުންނެވެ.

ކައުންސިލްގެ ރައީސް އިސްމާއިލް އާތިފް "އަދަދު"އަށް ވިދާޅުވީ މާސްކް ނާޅާއި އެއްވެސް މީހަކު ރަށު ތެރޭގައި އުޅުން މަނަލެވެ. އެކަން އަންގާފައި އޮއްވައި އެއާހިލާފުވާ ނަމަ ފުލުހުން ފިޔަވަޅު އަޅަމުން އަންނަ ކަމަށާއި އެއީ އެންމެންގެ ރައްކާތެރިކަމަށް ކަން އޭނާ ފާހަގަކުރެއްވި އެވެ.
އެ ރަށުގެ ހެލްތު ސެންޓަރުގެ ވެސް އެންމެ މުވައްޒަފަކު ނޫނީ އެންމެންނަށް ވަނީ ކޮވިޑް ޖެހިފަ އެވެ. ކައުންސިލްގައި ވެސް މަަސައްކަތް ކުރަން ހުރީ އެންމެ މުވައްޒަފެކެވެ. ބަލީގައި ހާލަތު ސީރިއަސްވެއްޖެ ނަމަ، ފަރުވާދެވޭނެ ގޮތެއް ނެތެވެ.
"މި ހާލަތުގައި އެންމެން ވެސް އުޅެން ޖެހޭނީ ވަކި އުސޫލަކަށް ތަބާވެގެން ކަން އޮތީ އަންގާފައި،" އާތިފް ވިދާޅުވި އެވެ.
ޖޫރިމަނާ ކުރި ޓީޗަރުގެ ނުރުހުން: 10،000ރ. ނުދެއްކޭނެ!
ފަސޭހައިން ބަލި ފެތުރޭ ކޮވިޑަށް ޕޮޒިޓިވްވުމުން ވެސް އެހެން މީހުންގެ ރައްކާތެރިކަމަށް ނުބަލައި ބޭރުތެރެއަށް ނުކުމެ އުޅުނު އެކަކީ އެ ރަށުގެ ސްކޫލުގެ ޓީޗަރެކެވެ. އޭނާ ޖޫރިމަނާކުރި ފަހުން ވެސް ބޭރުތެރެއަށް ނުކުމެ އުޅޭ ކަމުގެ ޝަކުވާ ރަށުގެ ބައެއް ރައްޔިތުން ކަމާބެހޭ އިދާރާތަކުގައި ވަނީ ކޮށްފަ އެވެ.
އެހެން މީހުންގެ ސަލާމަތަށް ނުރައްކާވާ ގޮތަށް އުޅުން ގޯހެއް ކަމުގައި ނުދެކި ސޯޝަލްމީޑިއާގައި ސިޓީއެއް އާއްމުކޮށް އޭނާ ވަނީ ޖޫރިމަނާކުރުން އިންސާފުވެރި ނޫން ކަމަށް ބުނެ ޝަކުވާކޮށްފަ އެވެ.
އޭނާ ބުނިގޮތުގައި އެކަހެރިވާން އަންގާފައި ވަނިކޮށް އަމުރާ ހިލާފުވި ކަމުގެ ތުހުމަތުގައި ޖޫރިމަނާކުރީ ކުރިން އިންޒާރު ދިނުމެއް ނެތި އެވެ. މި މައްސަލައިގައި 10،000ރ. އިން އޭނާ ޖޫރިމަނާކުރިއިރު އޭނާއަށް ލިބޭ އަސާސީ މުސާރައަކީ 8440ރ. ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
އޭނާއަށް އެހާ ބޮޑު އަދަބެއް ލިބުނުއިރު، މާސްކް ނާޅައި އުޅޭ މީހުން ޖޫރިމަނާނުކުރާ ކަމުގެ ތުހުމަތު ކުރި އެވެ.
"ބަލީގެ އަލާމާތްތައް ފެނުމުން ވެސް މާސްކް ނާޅައި ހުރިހާ ސަރަހައްދެއްގައި އެއްވެ އުޅުނުއިރު އެކަން ހުއްޓުވާނެ އިދާރާއެއް މި ރަށުގައި ނެތުމުން އެކަމާ އަޅުގަނޑު އަޑު އުފުލީމެވެ،" ސޯޝަލް މީޑިއާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިޔެ، އާއްމުކޮށްފައިވާ ސިޓީގައިވެ އެވެ.
އޭނާ ސިޓީ ނިންމާލާފައި ވަނީ ލިބޭ މުސާރައާ ނުބައްދަލު ޖޫރިމަނާއެއް ދެއްކެން ނެތް ކަމަށް ބުނެ އެވެ.
އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، އެޗްޕީއޭގެ އެންގުންތަކާ ހިލާފުވާ މީހުންނާ މެދު ބޮޑެތި އަދަދުން ޖޫރިމަނާކުރާނެ ކަން އޮތީ އިއުލާން ވެސް ކޮށްފަ އެވެ. ފުރަތަމަ ފަހަރަށް އުސޫލާ ހިލާފުވެއްޖެ ނަމަ 1،000ރ. އިން ފެށިގެން 10،000ރ އާ ދެމެދު ޖޫރިމަނާކުރެވިދާނެ އެވެ. އަދި ގާނޫނީ ޝަހުސެއް ނަމަ، 100،000ރ. އިން ޖޫރިމަނާކުރެވިދާނެ އެވެ.
އާއްމު ފަރުދެއް ނަމަ ފުރަތަމަ ފަހަރަށް 10،000ރ. އިން އަދި ދެ ވަނަ ފަހަރަށް 3،500 އަދި ތިން ވަނަ ފަހަރަށް 7،500ރ. އިން ޖޫރިމަނާކުރެވޭނެ ކަމަށް އުސޫލްގައި ވެ އެވެ. ހަތަރު ވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000ރ. އިން ޖޫރިމަނާ ކުރެވިދާނެ ކަމަށް ވެސް އެ އުސޫލްގައިވެ އެވެ.
މަތިވެރިން ފުރަތަމަ ޕޮޒިޓިވްވީ އެ ރަށުގައި އުޅުނު ޓޫރިސްޓުންތަކެކެވެ. އޭގެ ފަހުން ކޮންޓެކްޓް ޓްރޭސިން ހަދައި ސާމްޕަލް ނެގި 100 މީހުންގެ ތެރެއިން 40 މީހަކު ވެސް ޕޮޒިޓިވްވެފައިވެ އެވެ.












