ކޮވިޑް ބަލިމަޑުކަމާ ހެދި މީހުން ގޭގައި ތިބެން މަޖުބޫރުވެފައި ވާތީ ގޫގުލްގެ ހިދުމަތްތައް ބޭނުން ކުރާ މިންވަރު އިތުރުވެ، ގޫގްލް ހިންގާ އެލްފަބެޓް ކުންފުންޏަށް ރިކޯޑު ފައިދާއެއް ވެއްޖެ އެވެ.
މި އަހަރުގެ ފުރަތަމަ ތިން މަހު އެލްފަބެޓް ކުންފުނީގެ ސާފު ފައިދާ ވަނީ 162 ޕަސެންޓުގެ ކުރިއެރުމެއް ހޯދާފަ އެވެ. އެއީ 17.9 ބިލިއަން ޑޮލަރުގެ ފައިދާ އެކެވެ. އެ ކުންފުންޏަށް ލިބޭ އާމްދަނީގެ ބޮޑު ބަޔަކީ އިޝްތިހާރުން ލިބޭ ފައިސާ އެވެ.
އެލްފަބެޓް ކުންފުނިން ބުނީ ރިކޯޑް މިންވަރަކަށް ފައިދާވެފައި ވަނީ "އޮންލައިން ކޮންޒިއުމަރުންގެ ހަރަކާތްތައް އިތުރުވެފައި ވާތީ" ކަމަށެވެ.
"ފާއިތުވި އަހަރުން ފެށިގެން މީހުން މައުލޫމާތު ހޯދުމާއި، ގުޅުން ބަދަހި ކުރުމާއި، މުނިފޫހިފިލުވުމަށް ގޫގުލް ސާޗް އާއި އެހެން އޮންލައިން ހިދުމަތްތަކަށް ބަރޯސާވި،" އެލްފަބެޓް އަދި ގޫގުލްގެ ޗީފް އެގްޒެކްޓިވް ސުންދަރް ޕިޗައި ވިދާޅުވި އެވެ.
ބަލިމަޑުކަމުގެ ތެރޭގައި ގޫގުލް އަށް ބޮޑު ފައިދާއެއް ވަމުން ދާއިރު، ދިމާވެފައިވާ ހަމައެކަނި މައްސަލައަކީ ޒާތީ މިނިވަންކަމާއި އެހެން ޓެކްނޮލޮޖީ ކުންފުނިތަކުގެ ވާދަވެރިކަމަށް ހުރަސް އަޅާ ކަމަށް ކުރާ ތުހުމަތުގެ މައްސަލަ އެވެ.
އެގޮތުން މިދިޔަ ހޯމަ ދުވަހު ވެސް ސްޓްރީމިން ޓީވީ ޓެކްނޮލޮޖީ ކުންފުނި ރޯކޫއިން ވަނީ ގޫގުލްގެ ޔޫޓިއުބް ސްޓްރީމިން ހިދުމަތް ހިމާޔަތް ކުރުމަށް، ވާދަވެރިކަމަށް ހުރަސް އަޅަމުންދާ ކަމަށް ބުނެފަ އެވެ.
އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ދަނީ ގޫގުލް އާއި އެހެން ބޮޑެތީ ޓެކްނޮލޮޖީ ކުންފުނިތަކުގެ އަމަލުތައް ރަނގަޅަށް ބެލެހެއްޓުމަށް ކުރެވޭނެ ކަންކަމާ މެދު މަޝްވަރާ ކުރަމުންނެވެ.










