މިލާން (އޭޕްރީލް 27) - އިޓާލިއަން ލީގުގައި މިރޭ ލާޒިއޯ އިން އަމިއްލަ ދަނޑުގައި 3-0 އިން އޭސީ މިލާން ބަލިކުރުމާ އެކު ގަދަ ހަތަރެއްގެ ރޭހުގެ މަގާމުތަކުގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ.
އެއް ވަަނައިގައި އިންޓަ މިލާން އޮތީ 33 މެޗުން 79 ޕޮއިންޓާ އެކު އެވެ. ކުރިން ދެ ވަނައިގައި އޮތް މިލާން މިރޭ ބަލިވުމުން ވަނީ ލީގުގެ ފަސް ވަނަ އަށް ވެއްޓިފަ އެވެ. ދެ ވަނައިގައި އޮތް އެޓަލަންޓާ އަށް 33 މެޗުން ވަނީ 68 ޕޮއިންޓް ލިބިފަ އެވެ. ތިން ވަަނައިގައި އޮތީ ޓޮރިނޯ އަތުން މިރޭ 2-0 އިން މޮޅުވި ނަޕޯލީ އެވެ. ނަޕޯލީ އަށް 33 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ހަމަ އެ އަދަދަށް ހަތަރެއްގައި އޮތް ޔުވެންޓަސް އާއި ފަސް ވަނައިގައި އޮތް މިލާނަށް ވެސް ވަނީ ޕޮއިންޓް ލިބިފަ އެވެ.
ލާޒިއޯ ހަ ވަނައިގައި އޮތީ 32 މެޗުން 61 ޕޮއިންޓާ އެކު އެވެ. މެޗު ހަމަކުރާއިރު ލާޒިއޯ އަށް މިލާނާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ދެ ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ. އިޓާލިއަން ލީގުގައި ދެ ޓީމު ޕޮއިންޓް އެއްވަރުވެއްޖެނަމަ ބަލާނީ ހެޑް ޓު ހެޑް ގަވާއިދަށެވެ. އެ އަށް ފަހު ލަނޑުގެ ތަފާތަށް ބަލާނެ އެވެ.
އޮލިމްޕިކް ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން 77 ސިކުންތު ތެރޭގައި ލާޒިއޯ އަށް ލީޑުނަގައިދިނީ ޔަކީން ކޮރޭއާ އެވެ. މިއީ 2004 ވަނަ އަހަރަށް ފަހު ލީގުގައި ލާޒިއޯ އިން ޖެހި އެންމެ އަވަސް ގޯލެވެ. ކޮރޭއާ ދެ ވަނަ ގޯލެއް ޖަހަން ފޮނުވާލި ބޯޅަ މިލާންގެ ކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ވަނީ މަތަކޮށްފަ އެވެ.
އަނިޔާގެ ސަބަބުން ޒްލަޓާން އިބްރަހިމޮވިޗް ނުލައި ކުޅުނު މިލާނުން ލަނޑު ޖަހަން ފޮނުވާލި ބޯޅަތައް ލާޒިއޯ ކީޕަރު ޕެޕޭ ރެއިނާ ވަނީ މަތަކޮށްފަ އެވެ.
ލާޒިއޯ އަށް ލީޑުފުޅާކޮށްދިނީ ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ ކޮރޭއާ އެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ މަތީ ދާގަނޑަށެވެ. މެޗު ނިމެން ތިން މިނިޓަށް ވެފައި ހުއްޓައި މެނުއަލް ލަޒާރީ ދިން ބޯޅައަކުން ލާޒިއޯގެ ފަހު ގޯލު ޖެހީ ޗީރޯ އިމޯބިލޭ އެވެ.
ޓޮރީނޯ ކޮޅަށް ނަޕޯލީގެ ގޯލުތައް ޖެހީ ޓިއެމް ބަކަޔޯކޯ އާއި ވިކްޓަ އޮސިމްހެއިން އެވެ. ޓޮރީނޯ އިން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 86 ވަނަ މިނިޓްގައި ދެ ވަނަ ރީނދޫ ކާޑާ އެކު ޓޮރީނޯގެ ރޮލާންޑޯ މަޑްރަގޯރާ އަށް ރަތް ކާޑު ދެއްކުމުންނެވެ.












