ފަރުވާކުޑަވެގެން ކަމަށް ބުނެ، ޓްރާންސްޕޯޓް އޮތޯރިޓީން ވަކިކުރި 11 މުވައްޒަފުންގެ ތެރެއިން ދެ މުވައްޒަފަކު ވަކި ކުރުމުގައި އަމަލުކޮށްފައިވާ ގޮތް ގޯސް ނޫން ކަމަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލުން ނިންމައިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން އެއް ފަހަރާ 11 މުވައްޒަފުން ވަކިކުރި މައްސަލަ ވަރަށް ހޫނުވެގެން ގޮސް، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ވަރަށް ބޮޑަށް ފާޑުކިޔުން ވެސް އަމާޒުވި އެވެ. އެ މުވައްޒަފުން ވަނީ އެ މައްސަލާގައި ނަހުލާގެ ޝަކުވާ ރައީސް އޮފީހާ ހަމައަށް ވެސް ގެންގޮސްފަ އެވެ.
އެންމެ ފުރަތަމަ އެ މުވައްޒަފުން ވަކިކޮށް ދިނުމަށް މިނިސްޓްރީން އެދުމުން ސިވިލް ސާވިސް ކޮމިޝަނުން ވެސް ވަނީ އެމީހުންނަށް އިސްލާހުވެވޭނެ ފުރުސަތެއް އޮތް ނަމަ އެގޮތަކަށް އަމަލުކުރަން މިނިސްޓްރީއަށް އަންގައިފަ އެވެ.
އެކަމަކު އެގޮތަށް އަމަލުނުކޮށް މިނިސްޓްރީން ސިވިލް ސާވިސްއަށް ފޮނުވީ މުވައްޒަފުންގެ ހާޒިރީގެ ތަފްސީލެވެ. އެއާއެކު ކޮމިޝަނުން ވެސް ބުރަވީ އެ މުވައްޒަފުން ވަކިކުރަން ޖެހޭ ކަަމަށެވެ.
މުވައްޒަފުން ވަކިކުރުމުގެ ކުރިން އެ މީހުންނަށް ޖަވާބުދާރީވުމަށް ސިވިލް ސާވިސްއިން ފުރުސަތު ދިނެވެ. އެކަމަކު، އެ މުވައްޒަފުން އެދުނީ އެ މީހުން ވަކިކުރަން ނިންމި ނިންމުން މުރާޖައާކޮށް ދިނުމަށެވެ. އެކަން ކުރެވެން ނެތް ނަމަ، އެ މީހުންނަކީ އަމިއްލައަށް ވަޒީފާއިން ވަކިވާ ބައެއްގެ ގޮތުގައި ހަމަޖައްސައި އިސްތިއުފާ ގަބޫލުކޮށް، އެއް މަހުގެ ނޯޓިހެއް ދިނުމަށެވެ.

ސިވިލް ސާވިސް ކޮމިޝަނުން އެކަން ގަބޫލުކޮށް، އެ މުވައްޒަފުންނަށް އެ ފުރުސަތުދިނެވެ. އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާ ބައެއްގެ ގޮތުގެ ލިޔުން އެ މުވައްޒަފުންނަށް ދިނެވެ. ނަމަވެސް މުވައްޒަފުން މައްސަލާގައި ޓްރިބިއުނަލަށް ދިޔައީ އެ މީހުން ވަކިކުރުމުގައި އަމަލުކޮށްފައިވަނީ އިޖުރާއަތާ ހިލާފަށް ކަމަށް ބުނެ، އަލުން ވަޒީފާ ހޯދުމުގެ އަމުރަކަށް އެދި އެވެ.
އެ 11 މުވައްޒަފުންގެ މައްސަލައިގެ ތެރެއިން ދެ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައިވާއިރު، އަނެއް ނުވަ މައްސަލަ ވެސް އޮތީ ނިންމުމާ ގާތުގަ އެވެ.
އެ ދެ މައްސަލައިގެ ނިންމުމުގައިވާ ގޮތުން އެ ދެ މުވައްޒަފުން ވެސް ވަނީ ވަޒީފާ ވަކިކުރުމުގެ އަދަބު ދެވޭ ފަދަ ކުށެއްކޮށްފަ އެވެ. އެއީ 60 ދުވަހުގެ ތެރޭގައި 300 އަށް ވުރެ ގިނަ މިނެޓަށް ގަޑި ޖެހިފައިވުމެވެ. އަދި އަހަރެއްހާ ދުވަހަށް ބަލާއިރު އެ ދެ މުވައްޒަފުންގެ ގަޑި ޖެހުމުގެ ރޭޓް ވަރަށް މައްޗެވެ.
ޓްރިބިއުނަލުން ބުނީ، ގަޑި ޖެހޭ މައްސަލާގައި ފިޔަވަޅެއްގެ ގޮތުން ވަޒީފާއިން ވަކިކުރުމުގެ ކުރިން ޖަވާބުދާރީވުމަށް އެންގުމުން، ޖަވާބުދާރީވުމުގެ ފުރުސަތުގެ ބޭނުން ނުހިފައި، އެކަން ގަވައިދާ ހިލާފަށް ކަމަށް ދެކޭނަމަ ކަމާބެހޭ ފަރާތްތަކަށް ވެސް ހުށަހެޅުމުގެ ބަދަލުގައި، އަމިއްލައަށް ވަޒީފާއިން ވަކިވުމަށް އެދޭ ކަމަށް ބުނެފައި އޮތުމަކީ ވަޒީފާ ވަކިކުރުމުގެ ފިޔަވަޅަށް އެ މުވައްޒަފުން އިޖާބަދިންކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
އަދި، އެގޮތަށް ވަޒީފާއިން ވަކިކޮށްދިނުމަށް މުވައްޒަފުން އެދިފައިވަނީ މަޖުބޫރީ ހާލަތުގައި ކަމަށް ބުނި ނަމަވެސް، އެކަން ސާބިތުކުރާނެ އެއްވެސް ހެއްކެއް މުވައްޒަފުންގެ ފަރާތުން ހުށަހަޅާފައިނުވާކަން ޓްރިބިއުނަލުން ވަނީ ފާހަގަކޮށްފަ އެވެ.
"ޖަވާބުދާރީވުމުގެ ފުރުސަތުދީ އެންގުމަކީ މައްސަލަ ހުށަހެޅި ފަރާތުން އަމިއްލައަށް ވަޒީފާއިން ވަކިވުމަށް އެދެން މަޖުބޫރު ކުރުވާ ނުވަތަ ލާޒިމުކުރާ ހާލަތެއްގައި ކަމަށް ބުރަވެވެން ނެތް،" ނިންމުމުގައިވެ އެވެ.
"ވަޒީފާއިން ވަކިކުރެވިފައިވަނީ އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާ ފަރާތެއްގެ ގޮތުގައި ކަމަށް ނޯޓިސް ދީފައި އޮތުމުން އެނގެނީ ވަޒީފާއިން ވަކި ކުރިމުގައި ގާއިމުކުރަން ޖެހޭ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމު ކުރެވިފައިވާ ކަމަށް."
އެހެންވެ، އަލުން ވަޒީފާ ހޯދުމަށާއި މުސާރަ އާއި އިނާޔަތްތައް ހޯދައިދިނުމަށް ސިވިލް ސާވިސް ކޮމިޝަންގެ މައްޗަށް އަމުރެއް ނެރޭނެ ތަނެއް ނެތް ކަމަށް ކަނޑައެޅި އެވެ.
މި މައްސަލަ ޓްރިއުބިއުނަލުގައި ކުރިއަށްދާތީ، ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކުގެ މަގާމުތަކަށް އާ މުވައްޒަފުން ނުނެގުމަށް ވަގުތީ އަމުރެއް ވެސް ނެރެފައި އޮތެވެ. މައްސަލަ ނިންމުން ދެ މައްސަލައާ ގުޅިގެން އޮތް އެ ދެ ވަގުތީ އަމުރު މިހާރު ބާތިލްވެފައިވާއިރު، އާ މުވައްޒަފުން ނެގުމުގެ ފުރުސަތު ސިވިލް ސާވިސް ކޮމިޝަނަށް މިހާރު ވަނީ ލިބިފަ އެވެ.












