ރިޕޯޓުއާންމު މީހާގެ އިންސާފު "ފަޅުތެރޭ ތާށިވެފައި"!

އާންމު މީހާގެ އިންސާފު "ފަޅުތެރޭ ތާށިވެފައި"!

ހައިކޯޓުގެ ހުކުމުން މޫސަ އަށް ހިތްހަމަޖެހުން ލިބުނަސް، މައްސަލަ ސުޕްރީމް ކޯޓާ ހަަމައަށް ކުންފުނިން ގެންދިޔަ އެވެ. އަނެއްކާވެސް މޫސަ ޝަރީއަތްތަކުގެ ތެރޭގައި ތާށިވީ އެވެ. އޭރު ކުއްޔަށް ދިން މުއްދަތު ހަމަވެ، އޭގެ ފަހުން ވެސް އެއް އަހަރުވެއްޖެ އެވެ.

ދުވަސްވީ މީހަކު، ހުޅުމާލޭ ފަޅު ތެރޭގައި އޮތް ދޯންޏަކަށް ބަލަހައްޓައިގެން: އިންސާފަށް ހިނގަން ޖެހޭ މަގު ދިގުވެފައި ދަތި - ހުސެއިން ވަހީދު | އަދަދު
ދުވަސްވީ މީހަކު، ހުޅުމާލޭ ފަޅު ތެރޭގައި އޮތް ދޯންޏަކަށް ބަލަހައްޓައިގެން: އިންސާފަށް ހިނގަން ޖެހޭ މަގު ދިގުވެފައި ދަތި - ހުސެއިން ވަހީދު | އަދަދު

މޫސާ އަލީ (އަސްލު ނަމެއް ނޫން) އޭނާގެ މަންމަގެ ފަރާތުން ލިބިފައިވާ ދޯނި، ހުޅުމާލޭ ފަޅު ތެރޭގައި އިންޖީނެއް ވެސް ނެތި، އެއްލާލާފައި އެބަ އޮތެވެ. އެ ދޯންޏާ ގުޅޭ މައްސަލަ ޝަރީއަތުގެ މަރުހަލާތަކުގައި ހިނގަމުންދާތާ ތިން އަހަރުވީއިރު ވެސް، ކޮޅެއްގައި އަދިއެއް ނުޖެހެ އެވެ.

-- މި ލިޔުމުގައި މި ކޭސްއާ ގުޅޭ މައުލޫމާތުތައް ހިއްސާކޮށްފައިމިވަނީ މައްސަލައިގެ ކަން ހިނގައިދިޔަ ގޮތަށް ނުވަތަ ހުކުމްތަކަށް ފާޑުކިޔުމަކަށް ނޫނެވެ. އޭގެ ބަދަލުގައި ކޯޓުގެ މަރުހަލާތަކާއި އިޖުރާއަތްތަކުގެ ސަބަބުން، އާންމު މީހުންނަށް އުފުލަން ޖެހޭ ތަކުލީފަށް ބަލާލުމަށެވެ.

ރާއްޖޭގެ ކޯޓުތަކުގެ އިޖުރާއަތްތަކާއި ހައިބަތަކީ އާންމުމީހާއަށް ވުރެ ފާޓުފުޅާ އެއްޗެއް ކަމުގެ ވާހަކަ އަބަދުވެސް ދެކެވެ އެވެ. އިންސާފު ހޯދުމަށް އާންމު މީހަކު ވިއްޔާ އުފުލަން ޖެހޭ، އެ ތަކުލީފަކީ ނުއުފުލޭ ވަރުގެ ބިޔަ ބޮޑު ތަކުލީފެކަށްވެ އެވެ. އިންސާފު ހޯދުމަށް ދޮރުގައި ޓަކި ޖެހުމަށްވުރެ ބޭއިންސާފާއެކު އަޅާނުލާ ހުރުމަށް ގިނަ މީހުން އިހްތިޔާރު ކުރާ މަންޒަރު ފެންނަނީ ވެސް އެހެންވެ އެވެ. މޫސަ ވެސް މިހާރު އެހުރީ އެގޮތަށް ވިސްނައިގެންނެވެ.

"އަޅުގަނޑުމެން މިހާރު މިތިބީ އުއްމީދު ދޫކޮށްލައިގެން، ދެން ނެތް އަނެއްކާ ކޯޓަށް ދާނެ ހިތްވަރެއް، އެ ފައިސާއެއް،" މޫސާގެ ކޮއްކޮ ހަލީލު ބުނަނީ މިހެނެވެ. "އެކަމަކު، މިއަށް އިންސާފޭ ކިޔާނީ ކިހިނެއް؟،"

މޫސަގެ ދޯނި، ދެ އަހަރު ދުވަހަށް ކުންފުންޏަކަށް ކުއްޔަށް ދިނީ އޭގެން އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި ނަމަވެސް، ކުލި ލިބެމުން ނުދިޔަ އެވެ. އެއްބަސްވުމަށް ދެ އަހަރުވެ، އެއްބަސްވުން އުވުނުއިރު ވެސް ކުލި ނުލިބި އޮތުމާއެކު، މޫސަ އަށް ކޯޓަށް ވަންނަން ޖެހުނީ އެވެ. އެ މައްސަލާގައި ބަދަލު ހޯދުމަށް މޫސަ، އެ ކުންފުންޏާ ދެކޮޅަށް ހުށަހެޅި މައްސަލާގެ ގިނަ އަޑުއެހުންތަކަށް ވަކި އުޒުރެއް ދެއްކުމަކާ ނުލާ ހާޒިރުވެފައިނުވާކަން ސިވިލް ކޯޓުން ފާހަގަކޮށްފައި އެބަ އޮތެވެ. މައްސަލާގެ ބައެއް އަޑުއެހުންތަކަށް ހާޒިރުވެ، މޫސައަށް ކުންފުނިން ރައްދުދީފައިވެސްވެ އެވެ.

ނަމަވެސް، މައްސަލާގައި ގޮތެއް ކަނޑައެޅުމަށް ބޭއްވި އަޑުއެހުމުގެ ޗިޓާ ހަވާލުވުމަށްފަހު ވެސް ކުންފުނީގެ ފަރާތުން ހާޒިރެއް ނުވި އެވެ.

އެހެންވެ، ކުންފުނީގެ ގައިރު ހާޒިރުގައި، ސިވިލް ކޯޓުން ހުކުމްކުރީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެ ލައްކަ ރުފިޔާ މޫސާއަށް ދޭން ޖެހޭނެކަން މަދަނީ މިންގަނޑުން ސާބިތުވާ ކަމާއި، ދޯނި ރައްކާތެރިކަމާއެކު ނިލަންދޫ ފަޅަށް ގެންގޮސްދިނުމަށެވެ. ނަމަވެސް، ދޯނި ނިލަންދޫއަށް ގެންދިޔުމުގެ ބަދަލުގައި ކުންފުނިން އިހްތިޔާރުކުރީ ހައިކޯޓަށް ދާށެވެ. އެ ކޯޓަށް މައްސަލަ ވެއްދުމަށް ނަގާފައިވާ ނުކުތާއަކީ އެމީހުންގެ ގައިރު ހާޒިރުގައި ހުކުމްކޮށްފައިވުމެވެ.

ހައިކޯޓަށް މީހަކު ވަންނަނީ: އިންސާފަށް ހިނގަން ޖެހޭ މަގު ދިގުވެފައި ދަތި - ހުސެއިން ވަހީދު | އަދަދު
ހައިކޯޓަށް މީހަކު ވަންނަނީ: އިންސާފަށް ހިނގަން ޖެހޭ މަގު ދިގުވެފައި ދަތި - ހުސެއިން ވަހީދު | އަދަދު

ހައިކޯޓަށް މީހަކު ވަންނަނީ: އިންސާފަށް ހިނގަން ޖެހޭ މަގު ދިގުވެފައި ދަތި - ހުސެއިން ވަހީދު | އަދަދު

އެ ކުންފުނިން ހިފީ، ގައިރު ހާޒިރުގައި ހުކުމް ކޮށްފައިވަނީ ރޭޑިއޯ އާއި ޓީވީން އާންމުކޮށް އިއުލާން ކުރުމެއް ނެތިކަމުން، އެއީ ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލު ކުރާނެ ގޮތުގެ ގަވައިދާ ހިލާފު ކަމެއް ކަމަށް ބުނާ ނުކުތާގަ އެވެ. އެ ގަވައިދުގައިވާ ގޮތުން، އަމުރު ލިބި މަގުބޫލު އުޒުރެއް ނެތި ހާޒިރުނުވެއްޖެނަމަ ނޫނީ، ހާޒިރުކުރަން ޖެހޭ މީހާ ދީފައިވާ އެޑްރެހުގައި ނެތި އެމީހާ ވީތަނެއް ނޭނގޭނަމަ ގައިރު ހާޒިރުގައި މައްސަލަ ހިންގޭނެކަން އެނގޭ ގޮތަށް ރޭޑިއޯ، ޓީވީ ނުވަތަ އެނޫން ވެސް ވަސީލަތަކުން އިއުލާން ކުރަން ޖެހޭނެ އެވެ.

ނަމަވެސް، ހައިކޯޓުން އެ ކުންފުންޏާ އެއްބަހެއް ނުވި އެވެ؛ ހައިކޯޓުން މައްސަލާގައި އިއްވާފައިވާ ހުކުމުގައި އެ ކޯޓުގެ ކުރީގެ އެހެން ހުކުމަކަށް ރިއާޔަތްކޮށް ބުނީ، ރޭޑިއޯ ނުވަތަ ޓީވީން ގޮވާ އިއުލާން ކުރަން ޖެހޭނީ ހާޒިރުކުރަން ޖެހޭ މީހާ ދީފައިވާ އެޑްރެހުގައި ނެތި، ވީތަނެއް ނޭނގޭ ހާލަތުގަ ކަމަށެވެ. އެކަމަކު، މި މައްސަލާގައި ކުންފުނީގެ ވަކީލް ވަނީ ދީފައިވާ އެޑްރެހުން ޗިޓާ އަމިއްލައަށް ހަވާލުވެފައި ކަމާއި އެހެންވެ، މި ހާލަތުގައި ރޭޑިއޯ، ޓީވީން ގޮވުމަކީ އޮންނަންޖެހޭ އިޖުރާއަތެއް ނޫން ކަމެވެ.

"...ދައުވާ ރައްދުވާ ފަރާތަށް އެމީހާގެ މައްޗަށް ރައްދުވާ ދައުވާއެއް ކޯޓުގައި ހިނގަމުންދާކަން އެނގިހުރެމެ އެ ފަރާތުން ނުވަތަ ވަކީލު ފަރުވާކުޑަމުގެ ސަބަބުން ނުވަތަ މަގުބޫލު އުޒުރެއް ނެތި ކޯޓަށް ހާޒިރުނުވުމުގެ ސަބަބުން ކުރިމަތިވާ ޕްރޮފެޝަނަލް ނެގްލިޖެންސްގެ ޒިންމާއަކީ އެ ފަރުވާ ކުޑަކުރިފަރާތްތަކުން އުފުލަން ޖެހޭނެ ކަމެއް،" ހައިކޯޓުގެ ހުކުމްގައިވެ އެވެ.

"ކޯޓުގައި ހިންގާ ޝަރީއަތްތަކަކީ ދައުވާ ލިބޭ ފަރާތާއި ދައުވާކުރާ ފަރާތުގެ ތަގުދީރުގެ ތެރޭގައި އޮންނަ ބާރެއް ކަމަށް ވެއްޖެނަމަ، ޝަރީއަތެއް ނުހިންގޭނެ."

ކުންފުނީގެ ފަރާތުން، ދައްކަން ބޭނުންވި ވާހަކަތާއި ދިފާއުތައް ދަށު ކޯޓުގައި ހުށަނޭޅުނީ ގައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދިޔުމުން ކަމަށް ހައިކޯޓުގައި އެމީހުން ބުނި ނަމަވެސް، އެކަމަށް ވެސް އެ ކޯޓުން ތަރުހީބެއް ނުދިނެވެ. ހައިކޯޓުން ބުނީ، އަމުރު ލިބުމަށް ފަހު ކޯޓަށް ގަސްދުގައި ހާޒިރުނުވެ ހުރުމަށް ފަހު މައްސަލާގައި ހުކުމް ކުރުމުން، ގައިރު ހާޒިރުގައި ހުކުމް ކުރުމުގެ ސަބަބުން ހުށަހަޅަން ޖެހޭ ހުށަހެޅުންތަކަށް ފުރުސަތު ނުލިބުނު ކަމަށް ބުނެ އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ނެގުމުން، އެކަން ބަލަން ވެއްޖެނަމަ އާންމުކޮށް އެންމެން ވެސް ހިނގާނީ އެ މަގުން ކަމަށެވެ.

"ޝަރީއަތްތަކަށް ދުވަހަކު ވެސް ނިމުމެއް ނާންނާނެ. ވީމާ އެކަމަކީ މި ކޯޓުން ހުޅުވާލަދެވޭނެ ފުރުސަތެއް ނޫން،" ސިވިލް ކޯޓުގެ ހުކުމަށް ތާއިދުކުރަމުން ހައިކޯޓުން ބުންޏެވެ.

މައްސަލަ ސުޕްރީމް ކޯޓާ ހަަމައަށް ކުންފުނިން ގެންދިޔަ އެވެ. އޭރު ކުއްޔަށް ދިން މުއްދަތު ހަމަވެ، އޭގެ ފަހުން ވެސް އެއް އަހަރުވެއްޖެ އެވެ. ކުންފުންޏާއެކު އޮތް އެއްބަސްވުން އުވިފައިވީ ނަމަވެސް، ދޯނި ހުޅުމާލޭ ފަޅުތެރޭ އެ އޮތީ އެވެ.

ސުޕްރީމް ކޯޓުން ދޯނީގެ މައްސަލާގެ ހުކުމް ނެރެފައިވާއިރު ސުޕްރީމް ކޯޓުގެ ހުކުމް ވެސް އެނބުރުނީ ގައިރު ހާޒިރުގެ މައުލޫގަ އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވާފައިވާ ހުކުމްގައިވާ ގޮތުން، ގައިރު ހާޒިރުގައި ހުކުމް ކުރުމުގެ މާއްދާ ހައިކޯޓުން މާނަކޮށްފައިވާ ގޮތް ގޯހެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ރޭޑިއޯ ނުވަތަ ޓީވީން އިއުލާން ކުރުމަކާނުލާ އެގޮތަށް ގައިރު ހާޒިރުގައި ހުކުމް ކުރެވިގެން ނުވާނެ ކަމާއި، އެއީ ގަވައިދުގައި އޮތް އިޖުރާއަތް ކަމަށެވެ. އެއާއެކު، ފަނޑިޔާރު ވަނީ ގައިރު ހާޒިރުގައި ހުކުމް ކުރުމާ ގުޅޭ ގޮތުން ގިނަ ވާހަކަތަކެއް ދައްކަވައި އެކަމާ ގުޅޭ ބޮޑު ހުކުމް ލިޔުއްވާފަ އެވެ.

"ގައިރު ހާޒިރުގައި ކުރާ ހުކުމެއް ކޮށްފިކަން އެ ހަސްމަކަށް އެނގޭ ހިސާބުން އެ ހަސްމު ދެން އަމަލު ކުރަންވީ ގޮތާއި ކޯޓުތަކުން އަމަލު ކުރަންވީ ގޮތް އެނގެން ނެތުމުން ގައިރު ހާޒިރުގައި ކުރެވޭ މިފަދަ ހުކުމްތަކުން އިންސާފު ގެއްލުމަށް މަގުފަހިވޭ،" ހުކުމްގައިވެ އެވެ.

ބައެއް ފަރާތްތަކުން ކޯޓަށް ގަސްދުގައި ހާޒިރު ނުވަނީ، މައްސަލަތައް ހުއްޓުވައި ވަކިކޮޅެއްގައި ނުޖެއްސެމަށް ކަމަށް ފަނޑިޔާރު ގަބޫލު ކުރެއްވި ނަމަވެސް، ހުކުމްގައި ބުނީ ގައިރު ހާޒިރުގައި ނިންމާ މަދަނީ މައްސަލައެއް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފިނަމަ، ބައެއް ހާލަތްތަކުގައި އެ ހުކުމެއް ޝަރުތުތަކަކާއެކު ނުވަތަ ޝަރުތަކާ ނުލައި އެއް ފަރާތްކޮށް އެ މައްސަލައެއް އަލުން ދަށު ކޯޓުން ބެލުމަށް ތަހުވީލު (އަލުން ބެލުމަށް) ކުރަން ޖެހޭނެ ކަމަށެވެ.

އެގޮތުން، މޫސަގެ ދޯނީގެ މައްސަލާގައި ވެސް އެފަދަ ހާލަތެއް އެބަ އޮތްކަން ފާހަގަކޮށް، ގައިރު ހާޒިރުގައި ހުކުމް ކޮށްފައިވަނީ ގަވައިދުގައި އޮތް އިޖުރާއަތަށް ނޫންކަމުން ސުޕްރީމް ކޯޓުން ނިންމީ މައްސަލަ ސިވިލް ކޯޓުގައި ތަހުވީލު ކުރުމަށެވެ. މިހެން ނިންމި މައިގަނޑު އަނެއް ސަބަބަކީ، ކުންފުނިން ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅި ދެ ވަނަ ނުކުތާގައިވާ ކަންކަމަށް ހައިކޯޓުން ބަލާފައިނެތުމުންނެވެ.

ހައިކޯޓާއި ސިވިލް ކޯޓުން ކަންތައް ކޮށްފައި އޮތުން، ސުޕްރީމް ކޯޓަށް އެ ނޫން ގޮތަކަށް ހުކުމް ނެރެވެން ނެތީ އެވެ.

ނަމަވެސް، އެކި ކޯޓުން އެކި މާނަކުރުންތަކާއި އިޖުރާއަތްތަކުގައި ހެދި ގޯސްތަކާހުރެ އަނެއްކާ ވެސް ގޮތް ހުސްވެ، މާޔޫސްވާން މި ޖެހުނީ މޫސަ އެވެ. އެ މައްސަލަގަނޑު ތެރޭން ނުނުކުމެވުނީ އެ ކުންފުންޏަށެވެ.

"ދަށު ކޯޓާއި ހައިކޯޓުން ނިންމާފައި އޮތްވައި އަނެއްކާވެސް މި ޖެހުނީ އަލުން ފަށަން، އެ ދެ މަރުހަލާއަށް ހޭދަކުރި ފައިސާތައް ބޭކާރުވެގެން މިދިޔައީ،" މޫސަގެ ޝަރީއަތާ ގުޅޭ ކަންކަމުގައި ކޯޓުތަކަށް އޭނާގެ ފަރާތުން ދިޔަ، ހަލީލް ބުންޏެވެ.

"ކޮންމެ މަރުހަލާއަކަށް ވަކީލުންނަށް ވެސް ބޮޑު ހޭދައެއްދޭ، އަނެއްކާ އަލުން ތިން މަރުހަލާއަށް ކިހިނެއް އެކަން ކުރާނީ، ނުވާނެ،"

ޝަރީއަތަށް ދާން ޖެހުމުން، ކުރަން ޖެހުނު ހަރަދުތައް ނަގައިދިނުމަށް މޫސަގެ ފަރާތުން ސިވިލް ކޯޓުގައި ފުރަތަމަ އެދެނެވެ. ނަމަވެސް، އެ ކޯޓުން އެ ބަދަލު ނަގައިދޭން އިންކާރުކުރީ، ވަކީލް ފީގެ ވާހަކަ އެއްބަސްވުމުގައި ލިޔެފައި ނެތީސް އެ ބަދަލު ނަގައިދިނުމުގެ އިޖުރާއަތެއް ކޯޓުގައި ނެތް ކަމެވެ.

ސުޕްރީމް ކޯޓުން މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ފޮނުވަމުން ބުނެފައި އޮތީ، އަލުން ދަށު ކޯޓުގައި ޝަރީއަތް ހިންގުމަށް ހިނގި އެކަށީގެންވާ ހަރަދުތައް ހޯދުމަށް ދައުވާ ކުރުމުގެ ހައްގު އެ މައްސަލާގައި ދައުވާ ކުރާ ފަރާތަށް ލިބިގެންވާ ކަމެވެ. އެކަމަކު، އެއީ ވަކި މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހަޅައި، ހުރިހާ ގެއްލުމެއް ވަކިވަކިން ސާބިތުކޮށްދީގެނެވެ.

އަނެއްކާވެސް ކޯޓުގެ އިތުރު މަރުހަލާއެކެވެ.

"ނެތް އިތުރަށް ކޯޓަށް ދާނެ ގޮތެއް، ދަރަނިވެރިވެގެން ތިން މަރުހަލާ ވެސް ކިރިޔާ މި ނިންމާލެވުނީ،" މޫސަގެ ކޮއްކޮ، ހަލީލުގެ ޝަކުވާތައް ބޮޑެވެ.

"މިކަން ހުއްޓާލަންވީ!،"

ހަގީގަތު ވެސް، މި ރާއްޖޭގައި އާންމު މީހާއަށް އިންސާފު ހޯދުން އޮތީ ފަޅު ތެރޭގައި އެ އޮތް ގޮތަށް ތާށިވެފަ އެވެ. އެއްގަމަށް އެރޭކަށް ވެސް ނެތެވެ. ކަނޑަށް ނުކުމެވޭކަށް ވެސް ނެތެވެ.

ނާޒިމް ހަސަން

އެސޯސިއޭޓް އެޑިޓަރ

ނާޒިމް ހަސަން އަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ހަބަރުތައް ކަވަރުކުރުމުގައި މިހާރު ހުރި އެންމެ ހުނަރުވެރި އެއް ނޫސްވެރިޔާ އެވެ. އޭނާ ވަނީ މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް ދެ ފަހަރެއްގެ މަތިން ހާސިލްކޮށްފަ އެވެ. ކޮމިއުނިޓީ ނޫސް ކުޅުދުއްފުށީ އޮންލައިނުން ކެރިއަރު ފަށައި އޭނާ ވަނީ ކުރިން "ވަގުތު"، "އަވަސް" އަދި "ޖަޒީރާ" ގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox