އިންޑިއާގައި ކޮވިޑުގެ ހާލަތު މާ ބޮޑަށް ގޯސްވެފައި ވާތީ އިނގިރޭސިވިލާތުގެ ޓްރެވަލް ރެޑް ލިސްޓުގައި އެ ގައުމު ހިމަނައިފި އެވެ.
އެ ލިސްޓުގައި ހިމެނޭ ގައުމުތަކުން އިނގިރޭސިވިލާތަށް ދަތުރު ކުރުން މަނާ ވާނެ އެވެ. އެހެންކަމުން އިންޑިއާއިން ދެން އިނގިރޭސިވިލާތަށް ދަތުރެއް ނުކުރެވޭނެ އެވެ.
އިންޑިއާގައި އުޅުމަށް ފަހު އެނބުރި ގައުމަށްދާ އިނގިރޭސި ރައްޔިތުންނަށް ވެސް 10 ދުވަހުގެ ކަރަންޓީން މުއްދަތު ފުރިހަމަ ކުރަން މަޖުބޫރު ވާނެ އެވެ.

އޭގެ އިތުރު ފާއިތުވި 10 ދުވަހު އިންޑިއާއަށް ދަތުރުކޮށްފައިވާ އެހެން ގައުމުތަކުގެ ރައްޔިތުންނަށް އިނގިރޭސިވިލާތަށް އެތެރެވުން މަނާ ވާނެ އެވެ.
އިނގިރޭސިވިލާތުން މިފަދަ ފިޔަވަޅެއް އަޅާފައި ވާއިރު، ދާދި ފަހުން ނިއު ޒީލެންޑުން ވެސް ވަނީ އިންޑިއާ އާއި އެ ގައުމާ ދެމެދު ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.
މި ވަގުތު ކޮވިޑުގެ ހާލަތު ދެ ވަނައަށް އެންމެ ގޯސްކޮށް އޮތީ އިންޑިއާގަ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ދެ ލައްކަ މީހުން ޕޮޒިޓިވްވެ، ހާހެއްހާ މީހުން މަރުވަމުން ދެއެވެ.
އިންޑިއާގައި އެންމެ ނުރައްކާތެރި ފައްތަރެއްގައި އޮތީ ވެރިރަށް ނިއު ދިއްލީ އެވެ. އެހެންކަމުން މި ހަފްތާ ބަންދަށް އިއުލާނު ކުރި ލޮކްޑައުން މިހާރު ވަނީ ހަފްތާއަކަށް ދިގުދަންމާލާފަ އެވެ.










