ކޮވިޑުން ރައްކާތެރިވުމަށް ދެމުން އަންނަ ސިނޯފާމް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން މާދަމާ ފަށާނެ ކަމަށް ހެލްތު ޕޮރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން ބުނެފި އެވެ.
ސިނޯފާމް ވެކްސިންގެ ދެ ވަނަ ޑޯޒް މާދަމާ ޖަހާނީ މާޗު 22 އަދި 23 ވަނަ ދުވަހު، ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށެވެ.
މި ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ ޓްރީޓޮޕް ހޮސްޕިޓަލުންނާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންނެވެ.
އެޗްޕީއޭން އެދިފައިވަނީ ރޯދައަށް ނުތިބޭ މީހުން ހެނދުނު 10:00 ން 12:00 އަށް ވެކްސިން ޖަހަން ދިޔުމަށެވެ. އަދި އެހެން މީހުން ރޭގަނޑު 8:30 ން 11:00 އަށް ވެކްސިން ޖެހުމަށް ސެންޓަރުތަކަށް ދިޔުމަށެވެ.
މަޖިލީހުން ވެކްސިން ޖަހާނީ ރޭގަނޑު 9:00 ން 11:30 އަށެވެ.

ވެކްސިން ޖަހަން ދާއިރު، ވެކްސިން ކާޑާއެކު އައިޑީ ކާޑް ނުވަތަ ޕާސްޕޯޓް ނުވަތަ ލައިސަންސް ކާޑް ގެންދިއުމަށް އެޗްޕީއޭން އެދެ އެވެ.
ކޮވިޝީލްޑްގެ ދެވަނަ ޑޯޒް، ވެސް މިހާރު ޖަހައިދެ އެވެ. އެއީ، ސޯޝަލް ސެންޓަރާއި އާޓް ގެލެރީ އަދި ވިލިމާލެ އާއި ހުޅުމާލެ ސެންޓަރުތަކުންނެވެ.
ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް ވެސް ހާއްސަ ހާލަތްތަކުގައި ތިބި މީހުންނަށް ޖަހައިދެ އެވެ.
ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ކަރަންޓީން ނުވެ އަތޮޅުތެރެއަށް ދިއުމުގެ ހުއްދަ ދޭން ސަރުކާރުން ވަނީ ނިންމައި، އެކަމާ ބެހޭ އުސޫލު ވެސް މިހާރު އެޗްޕީއޭން ވަނީ ނެރެފަ އެވެ.













