އެންމެ ނުވަ ދުވަސް ތެރޭ އާބާދީގެ 60 ޕަސަންޓަށް ކޮވިޑު ވެކްސިނުގެ ފުރަތަމަ ޑޯޒް ދެވިފައިވާ ކަމަށް ބޫޓާނުން ބުނެފި އެވެ.
އިންޑިއާ އާއި ޗައިނާއާ ދެމެދުގައިވާ ފަރުބަދަ މަތީގެ ގައުމެއް ކަމަށްވާ، ބޫޓާނުގެ އޮފިޝަލުން އޭއެފްޕީއަށް މައުލޫމާތު ދިން ގޮތުގައި އާބާދީގެ 770،000 މީހުންގެ ތެރެއިން 470،000 އަށް ވަނީ ވެކްސިން ދީފަ އެވެ.
އެ އެންމެންނަށް ވެސް ދީފައި ވަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. ވެކްސިން ދިނުމުގެ ކަންކަމުގައި ބޫޓާން މިހާރު އުޅެނީ އާބާދީގެ ނިސްބަތުން އެހެން ބައެއް ގައުމުތަކަށް ވުރެ މާ ކުރީގަ އެވެ.

މާޗް 27 ވަނަ ދުވަހު ވެކްސިން ޕްރޮގްރާމް ބޫޓާނުގައި ފެށީ 533،000 މީހުންނަށް އެއް ހަފްތާ ތެރޭގައި ވެކްސިން ދޭން ލަނޑުދަނޑި ކަނޑައަޅައިގެންނެވެ.

ވެކްސިން ޕްރޮގްރާމެއްގެ ތެރެއިން މީހެއްގެ ގަޔަށް ވެކްސިން ޖަހަނީ.
ހެލްތު މިނިސްޓްރީގެ އޮފިޝަލަކު އޭއެފްޕީއަށް ބުނެފައި ވަނީ މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އުމުރުން 70 އަހަރުގެ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެކްސިން ދޭން ކަމަށެވެ.
ދުނިޔޭގެ އެންމެ އުފާވެރި ގައުމުގެ ގޮތުގައި މަޝްހޫރު ބޫޓާނުގައި މިހާތަނަށް 896 މީހަކަށް ކޮވިޑު ޖެހިފައި ވާއިރު މި ބަލީގައި މަރުވެފައި ވަނީ އެންމެ މީހެކެވެ.
ވެކްސިން ޕްރޮގްރާމުތަކަށް ބަލާއިރު އެންމެ ކުރީގައި އުޅޭ ގައުމަކީ އިޒްރޭލެވެ. އެ ގައުމުން މިހާރު ވަނީ ފައިޒާ ވެކްސިނުގެ ދެ ޑޯޒް އާބާދީގެ ދެބައިކުޅަ އެއްބަޔަށް ދީ ނިންމާފަ އެވެ. ވެކްސިން ޕްރޮގްރާމެއްގެ ތެރެއިން މީހެއްގެ ގަޔަށް ވެކްސިން ޖަހަނީ.










