މީގެ 13 އަހަރު ކުރިން ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އިން ކިޔަވާ ވިދާޅުވެ މ. ބަޑިކުޅަމާގޭ، އަނަސް އަބްދުއްސައްތާރު، ރާއްޖެ ވަޑައިގަތީ ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާށެވެ. އެކަމަކު އެ ދާއިރާގެ ކަންކަން ހުރި ގޮތުން، ސިޔާސީ ދާއިރާއަށް ނުނިކުމެ، ޝަރުއީ ދާއިރާގައި އުޅެވޭ ގޮތެއް ނުވި އެވެ.
"ގާނޫނީ މަސައްކަތް ފުދޭވަރަކަށް އަހަރުތަކެއް ވަންދެން ކޮށްފައި ޝަރުއީ ދާއިރާގައި އެއިރު ދިމާވި މައްސަލަތަކާ ހެދި އަޅުގަނޑަށް ވިސްނުނީ، އެ ކަންތައް އިސްލާހު ކުރަންޖެހޭ ކަމަށް. އަދި އަޅުގަނޑަށް އެ މަސައްކަތަށް އެންމެ ބޮޑު ކޮންޓްރިބިއުޝަނެއް ދެވޭނީ ސިޔާސީ ދާއިރާއިން ކަމަށް،" އަނަސް ވިދާޅުވި އެވެ.
އޭގެ ފަހުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ ގުޅިވަޑައިގެން ހުއްޓާލުމެއް ނެތި އަނަސް ކުރައްވަމުން ގެންދަވަނީ ސިޔާސީ މަސައްކަތެވެ. އެމްޑީޕީގެ މަސައްކަތް ކުރައްވަމުން، ގާނޫނީ މަސައްކަތް ކުރެއްވޭތޯ ވެސް އަނަސް މަސައްކަތް ކުރެއްވި އެވެ. އެކަމަކު އަނަސް ސިފަ ކުރައްވާ ގޮތުން އެއީ ރައީސް އަބްދުﷲ ޔާމީނުގެ އެންމެ "އަނިޔާވެރި ދުވަސްވަރު" ކަމުން ހަމަ އެއްގޮތަށް ވެސް ގާނޫނީ މަސައްކަތަށް ވަގުތެއް ނުދެވުނެވެ.
"އެމްޑީޕީގެ އެސްޖީއަކަށް އައިސް އަޅުގަނޑު މަސައްކަތް ވެސް ކުރިން ޕްރައިވެޓް ޕްރެކްޓިސް ކުރެވޭތޯ. އެކަމަކު ސިޔާސީ މައިދާން ހަލަބޮލިކޮށް އޮތީމަ، ހާއްސަކޮށް ރައީސް ޔާމީނުގެ ވެރިކަމުގެ އެންމެ އަނިޔާވެރި ދުވަސްތަކާ ދިމާވެފައި އޮތީމާ، ޕާޓީގެ ސެކްރެޓަރީ ޖެނަރަލްގެ ހައިސިއްޔަތުން ކުރަންޖެހޭ މަސައްކަތަށް ވަގުތު ދޭންޖެހޭތީވެ ގާނޫނީ ޕްރޮފެޝަންގެ މަސައްކަތްތަކާ ވަކިވެލީ،" އޭނާ ވިދާޅުވި އެވެ.
ދެން ހިނގައިދިޔަ މުއްދަތުގައި އެއީ އަނަސް އޭނާގެ ހަޔާތުގައި މިހާތަނަށް ކުރި އެންމެ ބޮޑު މަސައްކަތް ކުރި ދުވަސްތަކެވެ. ގައުމަށް މިހާތަނަށް ކޮށްދެވުނު އެންމެ ބޮޑު ކަމަކީ ވެސް ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ދިފާއު ކުރުމަށްޓަކައި އޭނާ ވެސް ހިމެނޭ ގޮތަށް އެމްޑީޕީން ހިންގި ހަރަކާތްތަކެވެ.
"އަޅުގަނޑުގެ އެންމެ ބޮޑު އަމާޒަކަށްވީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ގެއްލިގެންދާތީވެ އެއާ ދެކޮޅަށް ކުރެވުނު މަސައްކަތްތައް. އެނގިވަޑައިގަންނަވާނެ 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އަޅުގަނޑުމެން ވަރަށް ދަތި ހާލުގައި ކެމްޕެއިނު ކުރީ. ކޮންމެ ކެމްޕެއިނު ހަރަކާތަކަށް ސަރުކާރުން ހުރަސް އަޅަމުންދިޔައީ،" އަނަސް ކިޔައިދެއްވި އެވެ.
އެމްޑީޕީގެ ހަރަކާތްތައް ހުއްޓުވުމަށް އެއިރުގެ ސަރުކާރުން ކުރި މަސައްކަތުގައި އަނަސް ވެސް ޖަލު ގޮޅިއެއްގައި ނިދަން ނުޖެހުނީ ހަމަ ކިރިޔާ އެވެ.
"ކޮންމެ މުޒާހަރާއަކާ ގުޅިގެން އަޅުގަނޑު ހާޒިރު ކުރޭ ފުލުސް އޮފީހަށް. އެ ބޭފުޅުން މި ގެންދަނީ މަޝްވަރާ ކުރަން. އެއް ފަހަރު ގެންދިޔަ ފޯނު ނުނަގާތީ ވެސް،" އެއިރު ކުރިމަތިވި ބިރުވެރިކަން އަނަސް ކިޔައިދެއްވި އެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެމްޑީޕީގެ ވެރިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ވަނީ ޖަލަށް ލާފަ އެވެ. އަނަސް ގަބޫލު ކުރައްވަނީ ލީޑަޝިޕަށް ކުރިމަތިވި ހީނަރުކަން ސިޔާސީ މައިދާނުން ނުފެނުނީ އޭނާ ވެސް ހިމެނޭ ގޮތަށް ބަޔަކު މީހުން އެ ޒިންމާތައް ނެގުމުން ކަމަށެވެ.
"ސިޔާސީ ޕާޓީއެއް ހިންގުމުގައި ލީޑާޝިޕް ނަގާނެ ބަޔަކު ވެސް އެބަ ތިބެންޖެހޭ. މި ސިޔާސީ ޕާޓީ މިހާތަނަށް ވެސް ދެމި މި އޮތީ އެއް ލީޑަރަކު ހައްޔަރުކޮށްފިއްޔާ އަނެއް ލީޑަރަކު އެ މަގާމުގައި ދެމި ހުންނަވައިގެން މެދުނުކެނޑި ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންގޮސްގެން،" އޭނާ ވިދާޅުވި އެވެ.
އަނަސްގެ ސިޔާސީ ކެރިއަރުގައި ދެން އޮތީ ބޮޑު ޗެލެންޖެކެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް އޭނާ ވާދަކުރައްވާ އިންތިހާބެވެ. އަންނަ ހޮނިހިރު ދުވަހު ވޯޓުލުން އޮންނައިރު އަނަސްގެ އޮތް ހިތްހަމަޖެހުމަކީ މާލޭގެ ރައްޔިތުންނާ އޭނާއާ އޮތް ގުޅުމެވެ.
"މާލޭ ސިޓީގެ ރައްޔިތުންނަށް އެނގޭނެ ސިޓީ ކައުންސިލްގެ ބާރުތައް އަތުލީ ކޮން ބައެއްކަން، ކާކުކަން. އެ ރައްޔިތުންނަށް ފެންނާނެ މަގު ހަދަން ފެށުމުން މަޖީދީ މަގުގެ ފެން ބޮޑުނުވާ ސަރަހައްދުތަކުން ވެސް ފެންބޮޑުވިތަން،" އަނަސް ވިދާޅުވި އެވެ.
އެޑިޓަރުގެ ނޯޓް: މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް "އަދަދު" އިން ކެެންޑިޑޭޓުންނަށް ވިިއްކި ކެމްޕެއިން ޕެކޭޖުގައި ހިމެނޭ ކޮންޓެންޓެކެވެ.











