ޖާމިނުވި އަޑޭއަށް ވެސް އަލީ ވީ ތަނެއް ނޭނގޭ!

އަލީ ވަހީދަށް އަޑޭ ޖާމިނުވި؛ އެކަމަކު އޭނާ އުޅޭ އެޑްރެހެއް އަޑޭއަކަށް ނޭނގުނު - ފޮޓޯ: ހުސެއިން ވަހީދު | އަދަދު

އަލީ ވަހީދަށް އަޑޭ ޖާމިނުވި؛ އެކަމަކު އޭނާ އުޅޭ އެޑްރެހެއް އަޑޭއަކަށް ނޭނގުނު - ފޮޓޯ: ހުސެއިން ވަހީދު | އަދަދު

އޭނާއަށް ވެސް އަލީ ވަހީދު ވީ ތަނެއް އެނގުނު ކަމަކަށް ނުހެދި އެވެ؛

ޖިންސީ ފުރައްސާރައިގެ ދައުވާ ކުރެވޭ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރު ނެރުނީ، ޖާމިނުވާނެ ނުވަތަ ޒިންމާވާނެ ފަރާތެއްގެ ގޮތުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑޭ)، އަލީ ވަހީދު ހުށަހެޅުމުންނެވެ.

އަލީ ވަހީދު ފުރުން މަނާކޮށްފައި އޮތް އަމުރު ކުރިމިނަލް ކޯޓުން ބާތިލްކުރިއިރު، އަޑޭ ވަނީ ހަތަރު މަސް ފަހުން އޭނާ ކޯޓަށް ހާޒިރުވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ގޮތަކަށް ބުނާނަމަ، އަޑޭ ވަނީ އަލީ ވަހީދާ ހަވާލުވެފަ އެވެ.

Advertisement

ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ އަޑޭގެ ގާތް އެކުވެރިޔާ އަލީ ވަހީދަށް ފުރުމުގެ އަމުރު ލިބުމާއެކު، އޭނާ ރާއްޖެ ދޫކޮށް ވަނީ ވަޑައިގެންފަ އެވެ. މައުލޫމާތު އެނގޭ ފަރާތްތަކުން ބުނާ ގޮތުގައި، އަލީ ވަހީދުވީ ތުރުކީގަ އެވެ. އެކަމަކު، ރަސްމީ އެއްވެސް ފަރާތަކަށް މިކަމެއް ނޭނގެ އެވެ.

އަލީގެ ޕާސްޓްޕޯޓް ދޫކޮށްލި މައްސަލަ، ޕީޖީގެ ފަރާތުން ހައިކޯޓުގައި އިސްތިނާފު ކުރުމުން އޭނާ މިހާރު ދިރިއުޅޭ އެޑްރެހެއް ހޯދުމަށް އެ ކޯޓުން މަސައްކަތްތަކެއް ކުރި އެވެ. ޕީޖީއިން ދީފައި އޮތީ މާލޭގެ އެޑްރެހެކެވެ. އެ ގެއަކު އޭނާއެއް ނޫޅެ އެވެ. މެއިލް، ވަޓްސްއެޕް އަދި ވައިބާއިން ވެސް ހައިކޯޓުން ޗިޓް ފޮނުވި އެވެ. އެކަމަކު، "ސީން" ކަނޑާލާފައި ހުރުމުން ރައްދުވީ ކަމެއް، ނުވާ ކަމެއް ޔަގީނެއް ނުކުރެވުނެވެ.

ހައިކޯޓުން ޕީޖީ އޮފީހަށް އެންގީ، އަލީ ވަހީދު މިހާރު އުޅޭ އެޑްރެހެއް ހޯދުމަށެވެ. އެކަމަށް ދިން މުއްދަތުގައި ޕީޖީ އޮފީހުން ވަނީ ފުލުހުންނަށް އެ މައުލޫމާތު އެނގޭތޯ ސާފުކޮށްފަ އެވެ. ފުލުހުންނަށް ވެސް އަލީ ވަހީދު އުޅުއްވާ އެޑްރެހެއް ނުހޯދުނެވެ.

ދެން، ހައިކޯޓުން ގޮސްފައިވަނީ ޒިންމާ އުފުލާފައިވާ އަޑޭ ގާތަށެވެ؛

އަލީ ވަހީދު އުޅުއްވާ ތަނެއް ދިވެހި ދައުލަތަށް ނޭނގުމުގެ ސަބަބުން ހައިކޯޓުން ވަނީ އޭނާގެ ޕާސްޕޯޓާ ގުޅޭ މައްސަލަ އެ ކޯޓުން ބޭރުކޮށްފަ އެވެ. އެއީ، ޣައިރު ހާޒިރުގައި ޖިނާއީ މައްސަލައެއްގައި ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެވެ.

އެހެން ބުނެ، އިއްޔެ ހައިކޯޓުން ނެރުނު ނިންމުމުގައި އަޑޭގެ ވާހަކަ ވެސް އޮތެވެ. ހައިކޯޓުގެ އެ ނިންމުމުގައި އޮތީ މިހެނެވެ؛

"އައްސަދު އަލީއަށް ގުޅައި އަލީ ވަހީދު ދިރިއުޅޭ އެޑްރެސް ސާފު ކުރުމަށް އެދުމުން އޭނާއަށް ވެސް އަލީ ވަހީދު ދިރިއުޅޭ ތަނެއް ނޭނގޭ ކަމަށް ބުނެފައިވޭ،"

ޖާމިނުވުމާއި އޭގެ ގާނޫނީ ޒިންމާ!

އަލީ ވަހީދު ވީތަނެއް ނޭނގޭކަން ޝަރުއީ ކޯޓަކަށް އޭނާއާ ޖާމިނުވީ އަޑޭ އަންގާފައިވާއިރު، މިކަމުގައި ހުރި ގާނޫނީ ނުކުތާތައް އެނގުން މުހިންމެވެ؛

ޖާމިނުވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ތެރެއިން އައިސްފައިވާ ކަމެކެވެ. އެ ގާނޫނުގެ 64 ވަނަ މާއްދާ ހާއްސަކޮށްފައި އޮތީ މިކަމަށެވެ. އެ މާއްދާގައި އޮތީ ބަންދުކޮށްފައި ހުރި މީހަކަށް އެހެން މީހަކު ޔަގީންކަންދީ ޖާމިނު ވެއްޖެނަމަ އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލެވިދާނެ ކަމެވެ.

މިހެން ޖާމިނުވާ މީހުން ކޯޓުގައި އެއްބަސްވުމެއްގައި ސޮއިކުރަން ޖެހޭއިރު އޭގައި، ހަވާލުވާ މީހަކު ކުށް ކުރިޔަ ނުދީ ބަލަހައްޓާނެ ކަމާއި ތަހުގީގީ އިދާރާތަކާއި ކޯޓުތަކަށް ހާޒިރުވާން އެންގުމުން ގަޑިއަށް ހާޒިރު ކުރާނެ ކަމަށް އިގުރާރުވާން ޖެހެ އެވެ. އަޑޭ ވެސް ވަނީ އަލީ ވަހީދާ ޖާމިނުވުމުގެ ގޮތުން އެފަދަ އިގުރާރެއްގައި ސޮއި ކުރައްވާފަ އެވެ.

ނަމަވެސް، މި ހާލަތުގައި އަލީ ވަހީދު ހުންނެވީ ބަންދުގައި ނޫން ކަމުން މި މާއްދާއަށް ސީދާ ނުފެތެވެ. އަލީ ވަހީދުގެ ހާލަތާ ގުޅޭ މާއްދާއެއް އޮތީ، ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގަ އެވެ. އެ ގަވާއިދުގެ 26 ވަނަ މާއްދާގައި ހާއްސަކޮށްފައިވަނީ މީހަކު ޖާމިނުވުމުން ފުރުމުގެ ހުއްދަ ދިނުމާ އެވެ.

"ޕާސްޕޯޓް ހިފަހައްޓައި ރާއްޖެއިން ފުރައިގެން ދިޔުން މަނާކޮށްފައިވާ މީހަކު ރާއްޖެއިން ބޭރަށް ދާން ބޭނުންވެގެން އެހެން މީހަކު ޖާމިނުވެ، ޕާސްޕޯޓް ދޫކުރެވޭ މީހާ ނުފިލާނެ ކަމާއި ކަނޑައެޅިފައިވާ ދުވަހަށް ރާއްޖެއަށް އަނބުރާ ގެންނާނެ ކަމަށް ޖާމިނުވާ މީހާ އިގުރާރުވުމުން ޕާސްޕޯޓް ދޫކުރުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންވެ އެވެ،" އެ މާއްދާގައި އޮތީ މިހެނެވެ.

ދެން، އެ މާއްދާގައި ބުނަނީ ޖާމިނުވާ މީހާ އިގުރާރާ ހިލާފުވެއްޖެނަމަ، އޭނާގެ މައްޗަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އަދަބުތަކުގެ ތެރެއިން އަދަބެއް ކަނޑައެޅުމުގެ އިހްތިޔާރު ކޯޓަށް އޮތް ކަމެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ޅ)ގައި ޖާމިނުވާ މީހާ، އިގުރާރާ ހިލާފުވެއްޖެނަމަ ދެވޭނެ އަދަބުތައް ކަނޑައަޅާފައިވަނީ ތިރީގައި މިއޮތް ތަރުތީބަށެވެ.

  • އެއް އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
  • ދެ އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން؛
  • 15,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛
  • ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެކަމަށް ކަނޑައެޅުން.

މިއިން ކޮންމެ އަދަބެއް ވެސް އިގުރާރާ ހިލާފުވާ މީހާގެ މައްޗަށް ކޯޓަށް ކަނޑައެޅިދާނެ އެވެ.

އަލީ ވަހީދާ ގުޅުވައި އަޑޭ އިގުރާރާ ހިލާފުވެއްޖެ ކަމެއް ނުވަތަ ނޫން ކަމެއް ކަނޑައަޅާނީ ކޯޓުންނެވެ. އޭނާ އިގުރާރުގައި ސޮއި ކުރައްވާފައިވަނީ ހަތަރު މަސް ފަހުން އަލީ ވަހީދު ކޯޓަށް ހާޒިރުވާނެ ގޮތަށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

އަދި، އަލީ ވަހީދު ބޭރަށް ވަޑައިގެންނެވިތާ ހަތަރު މަސް ވެފައި ނުވާއިރު، އޭގެ ކުރިން އަލީ ވަހީދަށް ކޯޓަށް ހާޒިރުވާން އެންގި ނަމަވެސް، އެއަަށް އިޖާބު ނުދިނުމަކީ އަޑޭ ޒިންމާ އުފުލަން ޖެހޭނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ކޯޓަކުން ކަނޑައެއް ނާޅަ އެވެ.

އެހެންނަމަވެސް، ހައިކޯޓުން ވެސް މިވަނީ އަޑޭގެ ނަން އެ ކޯޓުގެ ނިންމުމަކަށް ތިރިކޮށްފަ އެވެ.

ޕީޖީ ބުނާ ގޮތުން އަޑޭގެ ބޭނުމެއް ނެތް

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވާ ގޮތުގައި، އަލީ ވަހީދު މައްސަލާގައި މީހަކު ޖާމިނުކޮށްފައިވަނީ ކިހިނެއް ކަމެއް ނޭނގޭ ކަމެވެ.

އޭނާ އެހެން ވިދާޅުވަނީ ކުރިމިނަލް ކޯޓުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާއަށް ރިއާޔަތްކޮށް އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް އަޑޭ ޖާމިނުކޮށްފައިވާތީ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް އަލީ ވަހީދުގެ މައްސަލާގައި ޝަމީމް ހާޒިރުކުރުމުން އޭނާ ވިދާޅުވެފައިވާ ގޮތުގައި، ބަންދުގައި ނެތް މީހަކު، ރާއްޖެއިން ބޭރަށް ދިޔުމަށް މީހަކު ޖާމިނުވުމަކީ ގާނޫނު ދަންނަ އުސޫލެއް ނޫން ކަމަށެވެ.

"މާއްދާގެ ސޮދުރުގައި މި އޮންނަނީ ބަންދުކޮށްފައި ހުރި މީހަކު ބަންދުން ދޫކޮށްލުމަށް ޖާމިނުކުރާ ވާހަކަ، ބަންދުގަ ހުންނަ މީހެއްގެ ވާހަކަ، ބަންދުގައި ނެތް މީހަކު ޖާމިނު ކުރާ އުސޫލެއް ޖިނާއީ އިޖުރާއަތުގެ ގާނޫނެއް ނުދަނޭ،" އޭނާ ވިދާޅުވެފައިވެ އެވެ.

ކޮންމެއަކަސް އަލީ ވަހީދު އުޅުއްވާ ތަނެއް ނޭނގި، ކޯޓުތަކުގައި އޭނާގެ މައްސަލަތައް ހުއްޓިގެން ދިޔުމަކީ ކަންބޮޑުވުމެކެވެ. އޭނާގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކާއެކު، އުފުލާފައިވަނީ ބޮޑެތި ދައުވާތަކެކެވެ. އެ ދައުވާތައް ސާބިތު ކުރެވޭނެ ކަމުގެ ޔަގީންކަން ޕީޖީއިން ދޭއިރު، ޕީޖީގެ ވަކީލުން ވަނީ އަލީ ވަހީދުގެ މައްޗަށް ޝަރީއަތް ހިންގުމަކީ އަދުލުއިންސާފު ގާއިމް ކުރުމަށް ނުހަނު މުހިންމު ކަމެއް ކަމަށް ވިދާޅުވެފަ އެވެ. ހައިކޯޓުގައި އަލީ ވަހީދުގެ ޣައިރު ހާޒިރުގައި ޝަރީއަތް ހިންގަން ވެސް އެދުނީ އެހެންވެ އެވެ.

"އަދުލުއިންސާފު ގާއިމް ކުރުމަށްޓަކައި މި މައްސަލަ ކުރިއަށް ގެންދިޔުން މުހިންމު،" ޕީޖީގެ ވަކީލް ފަރަހަނާޒު މުހައްމަދު ހައިކޯޓުގައި ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox