ދީބާޖާއަށް ބަދަލު ދޭން ކުރި ހުކުމް ބާތިލްކޮށްފި

ސުޕްރީމް ކޯޓު: ދީބާޖާގެ ހުކުމް ބާތިލްކޮށް އަލުން ބެލުމަށް ވަނީ ނިންމާފައި - ފޮޓޯ: ހުސެއިން ވަހީދު | އަދަދު

ސުޕްރީމް ކޯޓު: ދީބާޖާގެ ހުކުމް ބާތިލްކޮށް އަލުން ބެލުމަށް ވަނީ ނިންމާފައި - ފޮޓޯ: ހުސެއިން ވަހީދު | އަދަދު

ދީބާޖާ ކުންފުންޏަށް 348 މިލިއަން ރުފިޔާގެ ބަދަލެއް ނަގައިދިނުމަށް ސުޕްރީމް ކޯޓުން އިއްވާފައިވާ ހުކުމް ހަމަ އެ ކޯޓުން މިއަދު ބާތިލްކޮށްފި އެވެ. ނަމަވެސް, މައްސަލަ އަލުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުގެ ފުރުސަތު ފަނޑިޔާރުންގެ ބެންޗުން ދެއްވި އެވެ.

ދިބާޖާ މައްސަލަ އެންމެ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅުމުން ނިންމީ އެ ކުންފުންޏަށް ބަދަލު ދޭން ޖެހޭ ކަަމަށެވެ. އެކަމަކު ހައި ކޯޓުން އެ ހުކުމް ބާތިލްކުރީ އެވެ.

ހައި ކޯޓުގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ދީބާޖާއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން، މައްސަލައިގެ މައުލޫއާ ގުޅޭ ގޮތުން އެއްވެސް ޝަރީއަތެއް ހިންގެވުމަކާ ނުލައި ބޮޑު ބަދަލެއް ދޭން ނިންމެވީ އެވެ. އެއީ، ދައުލަތުން ހައިކޯޓަށް މައްސަލަ ވެއްދީ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވި ފަހުން ކަމަށް ބުނާ ނުކުތާގެ އަލީގަ އެވެ.

އެ ހުކުމް ސުޕްރީމް ކޯޓުން ނެރުއްވީ މިހާރު މަގާމުން ވަކި ކުރައްވާފައިވާ ފަނޑިޔާރުން ބެންޗުގައި ތިއްބަވަނިކޮށެވެ.

ދައުލަތުން ހައިކޯޓަށް އެ މައްސަލަ ހުށަހެޅީ ޖުލައި 22، 2015ގަ އެވެ. ނަމަވެސް އިސްތިއުނާފު ކުރަން ލިބޭ 90 ދުވަހަށް ބަލާއިރު އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މާޗް، 12، 2015 އެވެ. -- އޭރު އަމަލު ކުރަމުން ދިޔަ އުސޫލުގައިވާ ގޮތުން ދަށު ކޯޓުތަކުގެ ހުކުމްތައް ހައިކޯޓުގައި އިސްތިއުނާފު ކުރަން 90 ދުވަހުގެ މުއްދަތެއް ލިބެ އެވެ.

ސުޕްރީމް ކޯޓުގެ އެ ހުކުމާއެކު، މަޝްރަހު ހޫނުވެގެން ގޮސް އެންމެފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އެ ހުކުމް ރިވިއު ކުރަން ހުށަހަޅަން ބަންޑާރަ ނައިބު އޮފީހަށް ދަންނަވާށެވެ. އެ މައްސަލަ ކާމިޔާބު ނުވާނެ ކަަމަށް ވިދާޅުވުމަށް ފަހު ވެސް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ފަހުން ނިންމެވީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާށެވެ.

ބަންޑާރަ ނައިބުގެ ފަރާތުން ހުށަހެޅި މައްސަލާގައި ހުކުމް އިއްވަމުން އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އައިޝާ ޝުޖޫން މިއަދު ވިދާޅުވި ގޮތުގައި، މައްސަލާގެ ހުކުމް އައިސްފައިވަނީ އިންސާފަށް ހުރަސްއެޅޭ ގޮތަށް ކަމަށެވެ. އެގޮތުން، ފަނޑިޔާރު ޝުޖޫން އެންމެ ބޮޑަށް ފާހަގަ ކުރެއްވީ އިސްތިއުފާނުގެ މުއްދަތާ ގުޅޭ ނުކުތާ އެވެ.

ޝުޖޫން ފާހަގަ ކުރެއްވި ގޮތުގައި އިސްތިއުނާފުގެ މުއްދަތަކީ ކަނޑައެޅިފައިވާ މުއްދަތެއް ނަމަވެސް، ބައެއް ހާލަތްތަކުގައި އިސްތިއުނާފުގެ މުއްދަތު ހަމަވުމުން ވެސް އެ ހުއްދަ ދިނުމަކީ ހައިކޯޓަށް ލިބިގެންވާ އިހްތިޔާރީ ބާރެއް ކަމަށެވެ. އެ ބާރުގެ ބޭނުން ހައިކޯޓުގެ ފަނޑިޔާރުން ބައެއް ހާލަތްތަކުގައި ހިފަން ޖެހޭނެކަން ޝުޖޫން ފާހަގަ ކުރައްވަމުން ވިދާޅުވީ އެ ހާލަތްތަކަކީ ވަކިން ކަނޑައަޅާފައިވާ ހާލަތްތަކެއް ނޫން ކަމެވެ. އަދުލު އިންސާފަށް އުނިކަމެއް ނުވަތަ ހަނިވާ ކަމަށް ގަބޫލު ކުރެވޭ ކޮންމެ ހާލަތެއްގައި އެ އިހްތިޔާރުގެ ބޭނުން ހިފަން ޖެހޭނެ ކަމަށެވެ.

މި މައްސަލާގައި ހައިކޯޓަށް ދައުލަތުން އިސްތިއުނާފު ހުށަހެޅުމަށް ލަސްވެގެން ދިޔަ ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ ސިވިލް ކޯޓުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ލިބުން ލަސްވުމާއި އެ މައްސަލައާ ހަވާލުވެ ހުންނެވި ވަކީލްގެ އިހުމާލުން ކަމެވެ. މައްސަލާގައި ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް، ސިވިލް ކޯޓުން ދޫކުރީ 72 ދުވަސް ފަހުންނެވެ. އެއީ 14 ދުވަސް ތެރޭގައި ދޫކުރަން ޖެހޭ އެއްޗެކެވެ.

ޝުޖޫން ފާހަގަ ކުރެއްވި ގޮތުގައި، ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓަކީ ވަރަށް އަސާސީ ހައްގެއް ކަމަށްވާ އިސްތިއުނާފު ކުރުމުގެ ހައްގާ ގުޅިފައިވާ އެއްޗަކަށްވާއިރު އެ ދޫނުކުރުން ލަސްކުރުމަކީ އިންސާފަށް ދަތި ކުރުން ކަމުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ހަގީގަތުގައި އިސްތިއުނާފު މުއްދަތު ގުނަން ޖެހޭނީ ވެސް ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް ދޫކުރާ ދުވަހުން ފެށިގެން ކަމަށެވެ.

"ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް އެތައް ދުވަހެއް ލަސްވެގެން ދިޔުމަކީ އިންސާފުގެ ހަމައަށް ބޭރު ކަމެއްކަން ޝަރުއީ އަދި ބުއްދީގެ ނަޒަރުން ބެލި ކަމުގައި ވިޔަސް އެނގިގެންދޭ،" ޝުޖޫން ފާހަގަ ކުރައްވާފަ އެވެ.

އިސްތިއުނާފުގެ މުއްދަތު ހަމަވި ފަހުން ވެސް މައްސަލަ ބަލައިގަނެ، ހައިކޯޓުގައި ޝަރީއަތް ކުރިއަށް ގެންދިޔަ ސަބަބެއް އެ ކޯޓުގެ ހުކުމްގައި ބަޔާންކޮށްފައިނުވީ ނަމަވެސް، ޝުޖޫން ގަބޫލު ކުރެއްވި ގޮތުގައި ހައިކޯޓުގައި އެ މައްސަލާގެ ޝަރީއަތް ހައިކޯޓުގައި ކުރިއަށް ގެންދިޔުން ރަނގަޅެވެ. އަދި ސުޕްރީމް ކޯޓުން އިސްތިއުނާފުގެ ނުކުތާގައި ހިފައި، މައްސަލާގެ މައުލޫއީ ގޮތެއްގައި ނުބަލައި ހުކުމް އިއްވުން ގޯހެވެ.

ދެން ފަނޑިޔާރު ޝުޖޫން ފާހަގަ ކުރެއްވީ ސުޕްރީމް ކޯޓުގެ ނިންމުމެއް، ހަމަ އެ ކޯޓުން ރިވިއުކޮށް އިތުރު ގޮތެއް ނިންމުމެއްގެ ބާރު ލިބިގެންވޭތޯ ކަމާމެދު އޮތް ނުކުތާއަށެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި އަދުލުއިންސާފަށް ފާޅުކަން ބޮޑު ގޮތެއްގައި އެޅިފައިވާ މައްސަލައެއްނަމަ، ސުޕްރީމް ކޯޓަށް އެ މައްސަލައެއް ރިވިއު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

މީގެކުރިން ސުޕްރީމް ކޯޓުން މައްސަލަތައް ރިވިއުކޮށްފައިވާކަން ފާހަގަ ކުރައްވަމުން ޝުޖޫން ވިދާޅުވި ގޮތުގައި، މި މައްސަލައަކީ ސުޕްރީމް ކޯޓަށް އަލުން ބެލިދާނެ މައްސަލައެއް ކަމެވެ.

ފަނޑިޔާރު ޝުޖޫން ހުކުމް ކުރެއްވީ، ހައިކޯޓުގެ ހުކުމަށް ރުޖޫއަވުމަށެވެ. އެއީ، ދީބާޖާ ކުންފުންޏަށް ބަދަލު ދޭން ނުޖެހުމެވެ. ނަމަވެސް އެ ހުކުމަށް އަހަރުތަކެއްވެފައިވާތީ އެންމެ އިންސާފުވެރި ގޮތަކީ، މައްސަލަ އަލުން ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމުގެ ފުރުސަތު ދިނުން ކަމުގައި ކަމަށް ޝުޖޫން ވިދާޅުވި އެވެ. މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި ދީބާޖާއިން ބޭނުންވާނަމަ، ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮންނާނެކަން ފާހަގަ ކުރައްވަމުން ޝުޖޫން ވިދާޅުވި ގޮތުގައި އަލުން އިސްތިއުނާފުކޮށްފިނަމަ، މައްސަލަ މައުލޫއީ ގޮތެއްގައި އެ ކޯޓުން ބަލައި ހުކުމެއް ނެރޭނެ އެވެ.

ފަނޑިޔާރު ޝުޖޫންގެ މި ހުކުމަށް ބެންޗުގައި ދެން ތިއްބެވި، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ތާއިދު ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox