ސުޕްރީމް ކޯޓަށް ބޮޑު އިމްތިހާނެއްގެ ދުވަސް!

ދިބާޖާ މައްސަލަ ބައްލަވާ ބެންޗުގެ ފަނޑިޔާރުން: މި ހުކުމް ވެގެން ދާނީ މުހިންމު ނިންމުންތަކެއް އަންނަ ހުކުމަކަށް --

ދިބާޖާ މައްސަލަ ބައްލަވާ ބެންޗުގެ ފަނޑިޔާރުން: މި ހުކުމް ވެގެން ދާނީ މުހިންމު ނިންމުންތަކެއް އަންނަ ހުކުމަކަށް --

"ކުރީގެ ފަނޑިޔާރުންގެ ނިންމުމާ މެދު ލަދުވެތިވަމެވެ." ހުކުމަކަށް ތާއިދު ކުރައްވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެފައިވެ އެވެ.

ދަރަންޏެއް ސާބިތު ނުވަނީސް، 2.8 މިލިއަން ޑޮލަރު ދައްކަން ކުރި ހުކުމެއްގެ މައްސަލާގައި ސުއޫދު މި އިބާރާތް ހިމެނުއްވުމަކީ ކުރިން ސުޕްރީމް ކޯޓުގައި އޮތް ބެންޗުގެ ނިންމުންތަކަށް މިހާރު އޮތް ބެންޗުގެ ހިތްހަމަނުޖެހުން އޮތް މިންވަރު ވަރަށް ސާފުކޮށް އެނގިގެންދާ ކަމެކެވެ. ކުރީގެ ހުކުމްތަކާ މެދު ފަނޑިޔާރުންގެ ހިޔާލު ތަފާތު މިންވަރު އެނގިގެންދެ އެވެ.

ސުޕްރީމް ކޯޓު މިއަދު އަނެއްކާވެސް ތައްޔާރުވެފައި ވަނީ އެފަދަ މައްސަލައެއްގެ ހުކުމަށެވެ؛

އެއީ، ކުރީގެ ބެންޗުން ނިންމެވި މައްސަލަތަކުގެ ތެރެއިން އެންމެ ހޫނުވި ދީބާޖާ އަށް ދައުލަތުން ބަދަލު ދިނުމުގެ މައްސަލަ އެވެ. ކުރީގެ ބެންޗުގެ އެންމެ ފަހު ދުވަސްވަރު ތެރޭގައި ފަނޑިޔާރުން ހުކުމް ކުރެއްވީ ދީބާޖާ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދިނުމަށެވެ.

ދިބާޖާ މައްސަލަ އެންމެ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅުމުން ނިންމީ އެ ކުންފުންޏަށް ބަދަލު ދޭން ޖެހޭ ކަަމަށެވެ. އެކަމަކު ހައި ކޯޓުން އެ ހުކުމް ބާތިލްކުރީ އެވެ.

ހައި ކޯޓުގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ދީބާޖާ އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން، މައްސަލައިގެ މައުލޫއާ ގުޅޭ ގޮތުން އެއްވެސް ޝަރީއަތެއް ހިންގެވުމަކާ ނުލައި ބޮޑު ބަދަލެއް ދޭން ނިންމެވީ އެވެ. އެއީ، ދައުލަތުން ހައިކޯޓަށް މައްސަލަ ވެއްދީ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވި ފަހުން ކަމަށް ބުނާ ނުކުތާގެ އަލީގަ އެވެ.

ދައުލަތުން ހައިކޯޓަށް އެ މައްސަލަ ހުށަހެޅީ ޖުލައި 22، 2015ގަ އެވެ. ނަމަވެސް އިސްތިއުނާފު ކުރަން ލިބޭ 90 ދުވަހަށް ބަލާއިރު އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މާޗް، 12، 2015 އެވެ. -- އޭރު އަމަލު ކުރަމުން ދިޔަ އުސޫލުގައިވާ ގޮތުން ދަށު ކޯޓުތަކުގެ ހުކުމްތައް ހައިކޯޓުގައި އިސްތިއުނާފު ކުރަން 90 ދުވަހުގެ މުއްދަތެއް ލިބެ އެވެ.

ސުޕްރީމް ކޯޓުގެ އެ ހުކުމާއެކު، މަޝްރަހު ހޫނުވެގެން ގޮސް އެންމެފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އެ ހުކުމް ރިވިއު ކުރަން ހުށަހަޅަން ބަންޑާރަ ނައިބު އޮފީހަށް ދަންނަވާށެވެ. އެ މައްސަލަ ކާމިޔާބު ނުވާނެ ކަަމަށް ވިދާޅުވުމަށް ފަހު ވެސް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ފަހުން ނިންމެވީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާށެވެ.

ސުޕްރީމް ކޯޓުގައި މިއަދު އޮތީ އެ މައްސަލައިގެ ހުކުމް އިއްވުމެވެ؛

ބެންޗުގައި ތިއްބަވަނީ، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.

ސުޕްރީމް ކޯޓުގެ ކުރިމަތީގައި މިވަގުތު އޮތް އެންމެ ބޮޑު މައުލޫއަކީ ސުޕްރީމް ކޯޓުގެ ހުކުމްތައް ރިވިއު ކުރުމުގެ މައުލޫ އެވެ. ގާނޫނު އަސާސީގައި އޮތީ މިހެނެވެ؛ ގާނޫނު އަސާސީގެ 145 ވަނަ މާއްދާގައިވާ ގޮތުން ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުމެވެ. އެހެންވެ، އެ ނިންމުން ސުޕްރީމް ކޯޓަށް ވެސް ރިވިއު ކުރެވިދާނެ ކަމީ އޮތް ބަހުސެކެވެ.

"ދުނިޔޭގެ ބައެއް ތަންތާ މިސާލަކަށް، މިސްކަރޭޖް އޮފް ޖަސްޓިސް ހުރި ކަމަށްވަންޏާ ސުޕްރީމް ކޯޓުން ނިމުނަސް އެވަރުގެ ކަމެއް ފެނިއްޖެއްޔާ ފަހުން އެ ފުރުސަތުތައް އޮންނަ ގާނޫނީ އޮނިގަނޑުތައް ހުރޭ، ނަމަވެސް ރާއްޖޭގެ ގާނޫނީ އޮނިގަނޑުގައި އެއީ ހަމަ ސީލްޑް، ނިމިފައި އޮތް ނިންމުމެއް، ސުޕްރީމް ކޯޓުން ކޮށްފައި އޮތް ހުކުމެއް، އެހެންވީމަ ފަހުން ކުރާ އަމުރަކުން އެ ބަދަލެއް ނުކުރެވޭނެ، އެއަށް ބަދަލު ގެނައުމުގެ ބާރު ސުޕްރީމް ކޯޓަކަށް ވެސް ނުލިބޭ،" ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ކުރިން ވިދާޅުވެފައިވެ އެވެ.

އެކަމަކު، ކުރީގެ ބެންޗުން މިގޮތަށް ސުޕްރީމް ކޯޓުގެ ގިނަ ނިންމުންތަކެއް އަމިއްލައަށް ރިވިއުކޮށް ބަދަލުކޮށްފައި ވެސް ވެ އެވެ. ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމްގެ މައްޗަށް އިއްވި އުމުރު ދުވަހުގެ ޖަލު ހުކުމް ބާތިލްކުރި ހުކުމަކީ އެފަދަ އެއް ހުކުމެވެ. އޭރު އެކަމަށް ފާޑުކިޔުންތަކާ އެކު ހިޔާލު ތަފާތުވުންތައް ވަރަށް ބޮޑުވި އެވެ.

އެހެންވީއިރު މިއޮތް ރިވިއު ކުރުމުގެ ބަހުސާއެކު ގާނޫނު އަސާސީގެ 145 ވަނަ މާއްދާއަށް ސުޕްރީމް ކޯޓުން މަނާ ކުރުމެއް ދޭން ޖެހޭނެ އެވެ. ނަމަވެސް، ކުރިން ސުޕްރީމް ކޯޓުން ގާނޫނު އަސާސީ މަނާ ކުރުމުގައި ގެންގުޅުނު ފުޅާ ވިސްނުން މިހާރު އޮތް ބެންޗުން ވަނީ ހަނި ވެސް ކޮށްފަ އެވެ. މިހާރުގެ ބެންޗުން ގަބޫލު ކުރާ ގޮތުގައި ގާނޫނު އަސާސީގެ ބެލެނިވެރި ފަރާތަކީ ވެސް ސުޕްރީމް ކޯޓެއް ނޫނެވެ.

"ގާނޫނު އަސާސީ އިސްލާހު ކުރުމަށް ނުވަތަ ގާނޫނު އަސާސީގައި ނެތް ކަމެއް އިތުރު ކުރުމަށް ގާނޫނު އަސާސީން ކޯޓަށް ބާރު ދީފައި ނެތެވެ. ގާނޫނު އަސާސީގެ ބެލެނިވެރިޔާގެ ނަން ބޭނުން ކޮށްގެން ގާނޫނު އަސާސީގައި ނެތްކަމެއް ގާނޫނު އަސާސީއަށް އިތުރު ކުރުމަކީ ނުވަތަ ގާނޫނު އަސާސީގައި ހިމެނޭ މާއްދާއެއްގެ ބާރު ނެތް ކަމަށް ބަޔާން ކުރިމަކީ ގާނޫނު އަސާސީގެ ސިޔާދަތާ ހިލާފު ކަމެކެވެ." ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲގެ ގޮނޑިއާ ގުޅޭ ހުކުމްގައި ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ.

"ގާނޫނު އަސާސީއާ ހިލާފަށް ނިންމާ ނިންމުމަކީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއް ކަމަށް ވިޔަސް އެކަމަކީ ބާތިލު ކަމަކަށް ވާނެކަން ގާނޫނު އަސާސީގެ 268 ވަނަ މާއްދާގެ އެންމެ ފަހު ޖުމްލައިން އެނގޭ،"

ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވާފައިވާ އެ ހުކުމްގައި އެހެން އޮތް ނަމަވެސް ދެން ވެސް އޮތީ ހަމަ ސުއޫދު ލިޔުއްވާފައިވާ ހުކުމެއްގައި އޮތް މުހިންމު ވާހަކައެކެވެ. އެއީ، އިސްތިއުނާފު މުއްދަތާ ގުޅޭ ނުކުތާއެކެވެ.

ދާދިފަހުން ސުއޫދު ކުރެއްވި އެ ހުކުމްގައި ވިދާޅުވެފައިވަނީ، ހައި ކޯޓަށް މައްސަލަ ވެއްދީ އިސްތިއުނާފު ކުރުމުގެ ގާނޫނީ މުއްދަތު ފަހަނަ އަޅައި ދިޔަ ފަހުން ކަމުގައިވީ ނަމަވެސް، އަދާލަތުގެ ހަމަތައް ލާޒިމް ކުރަނީ، ސިވިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށް އެ ކޯޓުން ގޮތެއް ކަނޑައަޅަން ޖެހޭ ކަމެވެ. އެއީ، އެ މައްސަލަ ސިވިލް ކޯޓުން ނިންމާފައިވާ ގޮތުން އޭނާ، އިންސާފުވެރި ޝަރީއަތެއްގެ ހައްގުން މަހުރޫމްވެފައިވާތީ އެވެ.

އެ ހުކުމްގައި ފަނޑިޔާރު ސުއޫދު ލިޔުއްވާފައިވާ ގޮތުގައި ޝަރީއަތުގެ ބައެއް މަރުހަލާތަކަށް ގާނޫނުން މުއްދަތެއް ކަނޑައަޅާފައިވަނީ އެންމެންގެ ހެވާ ލަބާއަށް ކަމުން އިސްތިއުނާފު ކުރުމަށް ދީފައިވާ މުއްދަތު ފަދަ އިޖުރާއަތުތަކަށް ފަރުވާ ބަހައްޓަން ޖެހޭނެ އެވެ. އެ ފަރުވާ ނުބަހައްޓާ ފަރާތްތަކަށް ހިމާޔަތެއް ނުލިބޭނެ ކަމަށެވެ. ނަމަވެސް، ބައެއް ހާލަތްތަކުގައި މައްސަލަ ގެއްލޭ ފަރާތަށް އިންސާފުގެ ދޮރު މުޅިން ބަންދުކުރުމުގެ ކުރިން އޭނާގެ ވާހަކަ އަޑުއަހައި އޭނާއަށް ދިމާވެފައިވާ ހާލަތަކީ ކޮބައިތޯ ބަލައި ލަސްވީ ކީއްވެގެންތޯ އަޑުއެހުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.

"...އެއީ އިންސާފުގެ ދޮރު ބަންދު ކުރުމުގެ ކުރީން އަދާލަތުގެ ޒަމީރަށް އުނދަގޫ ކުރާ ކަމެއްތޯ ބެލުމުގެ ގޮތުން ކުރާ ކަމެއް، އެފަދަ ކަމެއް އޮތް ނަމަ، އެމީހަކަށް ފުރުސަތު ދިނުމަކީ އިންސާފާ އެންމެ ގާތްކުރާ ގޮތް،" ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ޑރ. މުހައްމަދު އިބްރާހިމް ތާއިދު ކުރައްވާފައިވާ ސުއޫދުގެ ހުކުމްގައިވެ އެވެ.

އެހެންކަމުން ދީބާޖާ މައްސަލާގައި ހައިކޯޓުން އެ ދޮރު ދައުލަތަށް ހުޅުވާފައިވަނީ ރަނގަޅަށް ކަމަށް މިއަދު ސުޕްރީމް ކޯޓުން ނިންމާ ނަމަ، ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުމެއް ރިވިއު ކުރަން ޖެހޭނެ އެވެ. އެހެންކަމުގައިވާނަމަ މިއަދު އެ ކޯޓުން ނެރޭ ހުކުމް ވެގެން ދާނީ ގާނޫނުއަސާސީގެ މާއްދާއަކާ ގުޅޭ ގޮތުން މާނަ ކުރުންތަކެއް އަންނާނެ ހުކުމަކަށެވެ.

މިއަދުގެ ހުކުމް ދީބާޖާ އާއި ދައުލަތަށް ނުހަނު މުހިންމުވާއިރު ސުޕްރީމް ކޯޓަށް ވެސް މިއީ ބޮޑު އިމްތިހާނެކެވެ!

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox