އަލީ އުޅޭ ތަނެއް ހޯދަން ދައުލަތަށް ދިނީ އެއް ދުވަހުގެ މުއްދަތެއް!

އަލީ ވަހީދު: އޭނާ ދިރިއުޅޭ ތަނެއް ހޯދަން ވަނީ އަމުރުކޮށްފައި

އަލީ ވަހީދު: އޭނާ ދިރިއުޅޭ ތަނެއް ހޯދަން ވަނީ އަމުރުކޮށްފައި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ޗިޓް ފޮނުވުމަށް މިހާރު ދިރިއުޅޭ އެޑްރެސް ހޯދުމަށް އެއް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު މިއަދުގެ އަޑުއެހުން ހައިކޯޓުން ނިންމާލައިފި އެވެ.

ޖިންސީ ފުރައްސާރައާ ގުޅޭ ހަތް ދައުވާއެއް އުފުލާފައިވާ، އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތީ އޭނާ ޝަރީއަތަށް ފިލައިދާނެ ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ހުށަހަޅާފައިވާތީ އެވެ. ނަމަވެސް ކުރިމިނަލް ކޯޓުން ޕާސްޕޯޓް ދޫކޮށްލަން ފަހުން އަމުރުކުރި އެވެ.

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ޖާމިނުވާ ގޮތަށް އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް އަމުރު ކުރުމާއެކު އޭނާ ރާއްޖެއިން ފުރައިގެން ދިޔަ އެވެ. އޭނާ ފުރައިގެން ދިޔުމާއެކު، ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނެރުއްވި އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅި އެވެ.

އަމުރު އިސްތިއުނާފަށް ހުށަހެޅީ އެކަމަށް އޮންނަ މުއްދަތު ހަމަވި ފަހުންނެވެ. އެހެންވެ، ހައިކޯޓުގެ ރަޖިސްޓްރާ ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ. ރަޖިސްޓްރާގެ ނިންމުން ދައުލަތުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން އިސްތިއުނާފު ހުއްދަ ދޭން ނިންމެވި އެވެ.

އެގޮތުގެ މަތިން ދައުލަތުން ހުށަހެޅި މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ފައިސަލް ވަނީ ދައުލަތުގެ ވަކީލުންނާ ގިނަ ސުވާލުތަކެއް އަމާޒު ކުރައްވާފަ އެވެ.

ފަނޑިޔާރު ފައިސަލް ވިދާޅުވި ގޮތުގައި، އަލީ ވަހީދު ދިރިއުޅޭ ކަމަށް ދައުލަތުން ދީފައިވާ އެޑްރެހުގައި އޭނާ ނޫޅޭ ކަމަށާއި އެހެންވެ، ޗިޓް ހަވާލު ކުރެވިފައިނުވާ ކަމަށެވެ. ދައުލަތުން ދީފައިވާ އަލީ ވަހީދުގެ މެއިލާއި ވައިބާ އަދި ވަޓްސްއެޕް ނަންބަރަށް ވެސް ޗިޓް ފޮނުވި ކަމަށާއި ނަމަވެސް އެ އޭނާއަށް ލިބުނުކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

"މި ހާލަތުގައި ކިހިނެއްތޯ މައްސަލަ ކުރިއަށް ގެންދާނީ؟" ފަނޑިޔާރު ފައިސަލް އެއްސެވި އެވެ.

ޖަވާބުގައި ދައުލަތް ތަމްސީލް ކުރައްވާ ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް، ފަރަހަނާޒް މުހައްމަދު ވިދާޅުވީ އަލީ ވަހީދު ޝަރީއަތަށް ފިލައިގެން ގޮސްދާނެ ކަމަކީ އަންދާޒާ ކުރި ކަމެއް ކަމަށާއި އޭނާގެ މައްޗަށް ޝަރީއަތް ހިންގުން އަދުލުއިންސާފު ގާއިމް ކުރުމަށްޓަކައި މުހިންމު ކަމަށެވެ.

"އޭނާއަށް ޗިޓް ފޮނުވުމުން، އެ ރިސީވްވުމުން ޗިޓް ރައްދުވީ ކަމުގައި ބަލަން ޖެހޭނީ،" ފަރަހަނާޒް ވިދާޅުވި އެވެ.

ފަނޑިޔާރު ފައިސަލް ދެން އެއްސެވީ، އަލީ ވަހީދު މިހާރު އުޅޭ އެޑްރެސް ދައުލަތަށް އެނގޭތޯ އެވެ. އަދި ސީދާ ޖަވާބު ދެއްވުމަށެވެ.

ފަރަހަނާޒް ވިދާޅުވި ގޮތުގައި، އަލީ ވަހީދު މިހާރު އުޅޭ އެޑްރެހެއް ދައުލަތަކަށް ނޭނގެ އެވެ. އަދި، ހައިކޯޓަށް އަލީ ވަހީދު މިހާރު އުޅޭ އެޑްރެހުގެ ގޮތުގައި ދައުލަތުން ހުށަހެޅިއިރު ވެސް އެ އެޑްރެހުގައި އޭނާ ނޫޅޭ ކަމަށާއި ނަމަވެސް އާންމުންކޮށް މާލޭގައި އުޅޭނަމަ، ދިރިއުޅެނީ އެ އެޑްރެހުގައި ކަމަށް ފަރަހަނާޒް ވިދާޅުވި އެވެ.

"އަލީ ވަހީދު ރާއްޖެއިން ބޭރުގައި އުޅޭ އެޑްރެހެއް ދައުލަތަކަށް ނޭނގެ،" ފަރަހަނާޒް ވިދާޅުވި އެވެ. "އޭނާ ދިރިއުޅޭ ގައުމެއް ހޯދުމުގެ މަސައްކަތް ކުރެވިދާނެ،"

ދެން ބަހުސަކަށްވީ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުންނެވެ. މި މައްސަލަ އަލީ ވަހީދުގެ ގައިރު ހާޒިރުގައި ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލު ކުރައްވަންތޯ، ފަނޑިޔާރު ފައިސަލް ސުޕްރީމް ކޯޓުގެ ހުކުމަކަށް ރިއާޔަތް ކުރައްވަމުން އެއްސެވި އެވެ.

ޖިނާއީ މައްސަލައެއްގައި ޣައިރު ހާޒިރުގައި ޝަރީއަތް ނުހިންގޭނެ ކަމުގައި، މަދަނީ ގޮތުން ގޮތް ކަނޑައަޅާފައި އޮތް އެ މައްސަލައިގެ ހުކުމްގައި ބުނެފައިވެ އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ، މި ހާލަތުގައި އަލީ ވަހީދުގެ މައްސަލަ ޣައިރު ހާޒިރުގައި ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ފަރަހަނާޒް ވިދާޅުވީ ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅާފައި އޮތް މައްސަލައަކީ ސީދާ ގޮތުން ޝަރީއަތް ހިންގާފައިވާ މައްސަލައެއް ކަމާއި ނަމަވެސް އަލީ ވަހީދުގެ މި މައްސަލައަކީ، ސީދާ ގޮތުން ޝަރީއަތުގައި އޮތް މައްސަލާގެ މައުލޫއާ ގުޅުން ނެތް މައްސަލައެއް ކަމަށެވެ.

"...ނަމަވެސް އަދުލުއިންސާފު ގާއިމް ކުރުމަށްޓަކައި މި މައްސަލަ ޣައިރު ހާޒިރުގައި ކުރިއަށް ގެންދިޔުން މުހިންމު،" އޭނާ ވިދާޅުވި އެވެ.

ފަރަހަނާޒާ ސުވާލުތައް ފުލުފުލުގައި ކުރެއްވުމަށްފަހު، ފަނޑިޔާރު ފައިސަލް ގޮތް ކަނޑައެޅުއްވި އެވެ؛

"މާދަމާ މެންދުރުފަހު 2:00ގެ ކުރިން އަލީ ވަހީދު މިހާރު ދިރިއުޅޭ އެޑްރެހެއް ހޯދައި ކޯޓަށް ހުށަހަޅަން އަންގަން،" ފަނޑިޔާރު އަމުރު ކުރެއްވި އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓާ ގުޅޭ މައްސަލަ ހައިކޯޓުގައި އިތުރަށް ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން ގޮތެއް ކަނޑައަޅުއްވާނީ އޭގެ ފަހުން ކަމަށް ވިދާޅުވެ، އަޑުއެހުން ނިންމަވާލެއްވި އެވެ. އަޑުއެހުން ނިންމާލެއްވިއިރު ފަރަހަނާޒް އިންނެވީ ފުރުސަތަކަށް އެދި އަތް ނަންގަވައިގެންނެވެ. ނަމަވެސް އެ ފުރުސަތެއް ނުދެއްވަ އެވެ.

ބެލެވޭ ގޮތުގައި ފަރަހަނާޒް ފާހަގަ ކުރައްވަން އުޅުއްވީ އަލީ ވަހީދުގެ މިހާރުގެ އެޑްރެސް ހޯދުމަށް ދެއްވި މުއްދަތު ކުރު ކަމެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ފުރައްސާރަ ކުރި މައްސަލާގައި އަލީ ވަހީދުގެ މައްޗަށް ބޮޑެތި ދައުވާތަކެއް ވަނީ އުފުލާފަ އެވެ. އެ ދައުވާތައް އެހެން އޮތްވައި އޭނާގެ ފުރައިގެން ދިޔުމަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި ކަމެކެވެ.

އޭނާއަށް ފުރުމުގެ ހުއްދަ ދެއްވި ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލަ ވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ދަނީ ބަލަމުންނެވެ. ރައްޔިތުންގެ މަޖިލީހުން ވެސް އަލީ ވަހީދުގެ މައްސަލައަށް ފާރަވެރިވުމަށް ވަނީ ފާސްކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މައިބަދައިގެ އާލާސްކަންފުޅެއްގައި ކަމަށް ވިދާޅުވެ، އަލީ ވަހީދު ފުރަތަމަ ވަޑައިގެންފައިވަނީ ތުރުކީއަށެވެ. އޭނާ މަސައްކަތް ކުރެއްވީ ތުރުކީ މަގުން އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ކަމަށް ވެސް އެނގިފައިވެ އެވެ.

އަލީ ވަހީދުގެ އޭނާއަށް ކުރާ ތުހުމަތުތައް ދޮގުކުރައްވާފައިވީ ނަމަވެސް، ފުރައިގެން ވަޑައިގެންނެވި ފަހުން އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

މި މައްސަލައަކީ، އަލީ ވަހީދު ފްރޭމް ކުރުމުގެ ގޮތުން ފެންމަތިކޮށްގެން އުޅޭ މައްސަލައެއް ކަމަށް އަޑު ފަތުރާފައިވާއިރު އެފަދަ ކަމެއް ތަހުގީގަށް ފާހަގަވެފައި ނެތްކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކުދި ޖަޒީރާތަކުން އެކަނި ތަކުލީފު އުފުލަން ޖެހިގެން ނުވާނެ"

މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް އަންނަ ބަދަލުތަކުގެ ތަކުލީފު ހަމައެކަނި ކުދި ޖަޒީރާ ގައުމުތަކުން އުފުލަންޖެހިގެން ނުވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. އިންޑިއާގައި ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން، ކަނޑުގެ ވަސީލަތްތަކުން ނަފާ ހޯދުމުގައި ހަމަހަމަކަން ބޭނުންވާ ކަމަށާއި، ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމަށް އިސްކަންދީ ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދަރިވަރު މަރުވި މައްސަލަ: މެލޭޝިއާ ޑްރައިވަރަށް ތިން ދައުވާއެއް

މެލޭޝިއާގައި ދިވެހި ދަރިވަރަކު މަރުވި އެކްސިޑެންޓާ ގުޅިގެން، މަސްތުގެ ހާލަތުގައި ހުރެ ފަރުވާކުޑަކޮށް ކާރު ދުއްވި ޑްރައިވަރުގެ މައްޗަށް 26 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ތިން ދައުވާއެއް ވަނީ އުފުލާފައި. މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ މި ޑްރައިވަރު ކޯޓުގައި ހުރިހާ ދައުވާތަކަށް ވަނީ އިންކާރުކޮށްފައި.

އޭޑީކޭގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޑރ. އަދީލް

އޭޑީކޭ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކޮށް ތަރައްގީގެ އައު މަރުހަލާއަކަށް ތައްޔާރުވުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަދީލް އައްޔަންކޮށްފި. ޑރ. އަދީލް ވަނީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ ކާމިޔާބީތަކާއި ހިންގުމުގެ ދާއިރާގެ އެކި ތަޖުރިބާތައް ހޯދާފައި.

"ކުރީ އަސާސެއް ނެތް ތުހުމަތުތަކެއްކަން އިތުރަށް ސާފުވެއްޖެ"

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ދައުވާނުކުރަން ޕީޖީން ނިންމުން އެނގެނީ ކުރި ތުހުމަތަކީ އަސާސެއް ނެތް ތުހުމަތުތަކެއްކަން ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފި. ދޮޅު އަހަރުގެ ތަހުގީގު ނިންމީ އަޒްމިރާލްދާއާ ސުވާލެއްނުކޮށްކަން ގާނޫނީ ޓީމުން ފާހަގަކުރި.

މަދަރުސާ ގޮވާލަން އުޅުން: އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

ތ. ތިމަރަފުށީ މަދަރުސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލި އަށް މީހުންގެ ތެރެއިން ހަތް މީހަކު، ބަންދުގައި ހޭދަކުރި މުއްދަތު ހުކުމަށްވުރެ އިތުރުވުމުން މިނިވަންވެއްޖެއެވެ. މި މައްސަލައިގައި ކުށް ސާބިތުވި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ހުރީ ހަނގުރާމައަށް ދާން އުޅުމުގެ ކުށް ސާބިތުވި އަލީ އަރުހަމް އެކަންޏެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ ސާބިތުނުވި ދައުވާތައް އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނީ ކޯޓު ރިޕޯޓު ލިބުމުން ކަމަށެވެ.

ތަހުގީގަށްފަހު ނިންމީ މަހާޒުއަށް ދައުވާ ކުރެވެން ނެތް ކަމަށް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމާފައި. ދެ އަހަރުގެ ތަހުގީގަށްފަހު ޕީޖީން މިގޮތަށް ނިންމުމާ ގުޅިގެން ފުލުހުން މިހާރު ވަނީ އެ މައްސަލަ ފައިލްކޮށްފައި.

"ރަސްމާލެ އެގްރިމެންޓުގައި ގާނޫނުއަސާސީއާ ހިލާފު ކަމެއް ނެތް"

"އޭގައި [ލަފާގައި] އޮންނާނީ އެގްރިމެންޓުގައި ބަދަލު ކުރަންޖެހޭ ކަންކަން. ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް އޭގައި [އެގްރިމެންޓުގައި] ނުވެސް ނެތް އަސްލު... އޭގައި [ލަފާގައި] ހުންނާނެ ވަރަށް ގިނަ ކަންކަން. މިހާރު އެގްރިމެންޓެއްގައި ލަފަޔެއް ދޭއިރު ހުންނާނެތާ ވަރަށް ގިނަ ކަންކަން ބަދަލު ކުރަންޖެހޭ،" އުޝާމް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox