އުދައްޔުގެ މަރު: ދައުވާ ލިބޭ ތިން މީހުން 30 ދުވަހަށް ބަންދު

އުދައްޔުގެ މަރުގެ މައްސަލާގެ ބަންދު މަޖިލިސް: 30 ދުވަހަށް ބަންދު ކުރަން އަމުރު ނެރުނު

އުދައްޔުގެ މަރުގެ މައްސަލާގެ ބަންދު މަޖިލިސް: 30 ދުވަހަށް ބަންދު ކުރަން އަމުރު ނެރުނު

މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ގއ. މާމެންދޫގައި މާރާމާރީ ހިންގައި އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު މަރާލި މައްސަލާގައި ދައުވާ ލިބޭ ތިން މީހުން 30 ދުވަހަށް ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އުމުރުން 17 އަހަރުގެ އުދައްޔު މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ، ގއ. މާމެންދޫ ރިހިފަރުދާގެ، އަހުމަދު ޝަމީމާއި އެ ރަށު ބިލަތްމާގޭ ޝަރަފު ރަޝީދާއި ހަމަ އެ ރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ މައްޗަށެވެ.

ތިން މީހުންގެ މައްޗަށް ވެސް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

Advertisement

މި މައްސަލާގައި މިއަދު ހެނދުނު ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ބަންދާމެދު ގޮތެއް ކަނޑައެޅުމުގެ މައްސަލާގައި ދައުލަތް ތަމްސީލް ކުރެއްވި ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލް އަހުމަދު ފަރަޝް ޝާކިރު އެދުނީ، ތިން މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށް ދިނުމެވެ.

"މި މީހުންނަކީ މި ކުށުގައި އަމަލީ ގޮތުން ބައިވެރިވެ އެކަމުގައި އުޅުނު މީހުން ކަމުގެ ހެކި ބަސް ލިބިފައިވޭ، އެ ކުށް ހިންގުމަށްފަހު އުފާކޮށް ޝުއޫރު ފާޅުކުރި ކަމުގެ ހެކި ބަސް ވެސް ލިބިފައިވޭ،" އެ މީހުންނަކީ ކުށުގެ ވެށީގެ ތެރޭގައި އުޅޭ ބައެއްކަން ފާހަގަ ކުރައްވަމުން ވަކީލް ވިދާޅުވި އެވެ.

ވަކީލް ފަރަޝް ވިދާޅުވި ގޮތުގައި، އެމީހުން ބަންދު ކުރުމަށް ހުށަހަޅަނީ މުޖުތަމައުއަށް ނުރައްކާ ބައެއް ކަމުގައިވާތީ އާއި އެމީހުންގެ ރެކޯޑަށް ބަލާއިރު އެއީ ހެކިންނަށް ނުފޫޒު ފޯރުވަދާނެ ބައެއް ކަމަށް ގަބޫލު ކުރެވޭތީ އެވެ.

ބަންދު މަޖިލީހަށް ޝަމީމާއި ޝަރަފުގެ ވަކީލުން ހާޒިރުވި އެވެ. މާޒިންގެ ވަކީލަކު ނާދެ އެވެ. އޭނާ ބުނަނީ ވަކީލެއް އަދި ހަމަނުޖެއްސޭ ކަމާއި އެކަމަށް ފުރުސަތު ބޭނުންވާ ކަމަށެވެ. ޝަމީމާއި ޝަރަފުގެ ދިފާއުގައި ވަކީލުން ވާހަކަ ދެއްކެވި އެވެ.

އުދައްޔުގެ މަރުގެ ތުހުމަތުވާ ޝަރަފުގެ ވަކީލެއްގެ ވަޑައިގެން އިންނެވީ ކުރިމިނަލް ކޯޓުގެ ކުރީގެ ގާޒީ، އިބްރާހިމް އަލީ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ދައުލަތުން ގެންގުޅޭ ހެކިތައް ޝަރަފާ ގުޅުވާލެވޭ ގޮތެއް ބުނެ ނުދެވޭ ކަމާއި ހަމައެކަނި އޮތީ ދައްކާ ވާހަކަތަކެއް ކަމަށެވެ.

"ހާދިސާ ހިނގިތާ ޝަރަފު ނެތްކަން ސާބިތުކޮށް ދެވޭނެ ހެކި އެބަހުރި،" އިބްރާހިމް އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހާދިސާގައި ޝަރަފަށް ވެސް އަނިޔާވި އެވެ. މައްސަލާގައި ހިމެނޭ ބަޔަކު ކަތިވަޅިން އޭނާގެ ކަރަށް ހަމަލާދީފައިވާ ކަމާއި އެކަން ބަލާފައި ނެތް ކަމަށެވެ. އެގޮތަށް އޭނާއަށް އަނިޔާވެފައިވުމަކީ މާރާމާރީގައި އޭނާ ބައިވެރިކަން ބުނެދޭ ކަމެއް ނޫން ކަމުގެ ގޮތުގައި ވެސް ކުރީގެ ގާޒީ ފާހަގަ ކުރެއްވި އެވެ.

އިބްރާހިމް އަލީ އެންމެ ޖޯޝުގައި ފާހަގަ ކުރެއްވީ، ހަމަ ކޮންމެ ފަހަރަކު ބުނެލާ ބުނުމެއްގެ ގޮތުގައި މުޖުތަމައުގެ ސަލާމަތަށް ނުރައްކާވުން ނުބޭއްވުމަށެވެ. މުޖުތަމައުއަށް ނުރައްކާ ވަނީ ކިހިނެއްކަން ބުނެދޭން ޖެހޭނެ ކަމަށެވެ. ހަމަ އެގޮތަށް ހެކިންނަށް ނުފޫޒު ފޯރުވަދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ބުނެ މީހަކު ބަންދު ނުކުރެވޭނެ ކަމާއި އެކަން ސާބިތުކޮށް ދޭން ޖެހޭނެ ކަމަށް ބުންޏެވެ.

ނަމަވެސް އިބްރާހިމް އަލީ، ޝަރަފު ބަންދުގައި ބެހެއްޓުމަށް އިއުތިރާޒު ކުރައްވާފައެއް ނުވެ އެވެ.

"ކޮންމެހެން ދޫކޮށްލަން އެދެނީއެއް ނޫން، އަޅުގަނޑު މި އެދެނީ ޝަރީއަތް އަވަހަށް ނިންމައި ދިނުމަށް،" އިބްރާހިމް އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހައްގު އަދަބު ވެސް ހައްގު އިންސާފު ވެސް ހޯދައިދޭން ޖެހޭ ކަމަށެވެ. ކުށްވެރިވާނަމަ އަދަބު ދޭ ގޮތަށް ތުހުމަތުވާ މީހުންގެ ހައްގަށް ވެސް ބަލަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ. މިހާރު ވެސް ޝަރަފު އޮތް ގޮޅީގައި ފަންކަލެއް ވެސް ނެތް ކަމާއި އެ ހާލުގައި މީހުން ގެންގުޅިގެން ނުވާނެކަން އޭނާ ފާހަގަ ކުރައްވަ އެވެ.

ޝަމީމްގެ ވަކީލް މުހައްމަދު ޝަހީދު ވިދާޅުވި ގޮތުގައި ހާދިސާ ހިނގި ތަނުގައި ޝަމީމް ނެތް ކަމުގެ ދިފާއު ސާބިތުކޮށް ދޭން ހަތަރު ހެކިވެރިން އެބަހުރި ކަމަށެވެ. އަދި، އޭނާ ހައްޔަރުކުރީ ވެސް އިޖުރާއަތާ ހިލާފަށް ކަމަށް ވިދާޅުވި އެވެ.

"ޝަމީމްގެ ގެއަަށް ވަދެ އޭނާ ފުލުހުން ހައްޔަރުކުރީ ކޯޓު އަމުރެއް ނެތި، ކޯޓު އަމުރެއް ނެތި ހަތަރު ގަޑިއިރު ބަންދުގައި ގެންގުޅުމަށްފަހު އަނެއްކާ ގެ ކައިރިއަށް ގެންގޮސް އަމުރެއްގެ ދަށުން ހައްޔަރަށް ގެންދިޔައީ،" ޝަހީދު ވިދާޅުވި އެވެ.

ޝަހީދު ވެސް ވިދާޅުވީ، ބަންދު ކުރާ ނަމަވެސް ޝަރީއަތް އަވަސްކޮށް ދިނުމަށެވެ. އަދި، ރިމާންޑް ޖަލަކަށް ވީއެންމެ އަވަހަކަށް ބަދަލުކުރުމަށެވެ.

"ރިމާންޑް ޖަލަކަށް ބަދަލުކޮށް ދިނުން އެދެން، މާފުށީ ޖަލަށް ގޮސްފިނަމަ މަރާލާނެ ކަމުގެ އިންޒާރު ޝަމީމަށް ވަނީ ލިބިފައި،" ޝަހީދު ވިދާޅުވި އެވެ.

ދިފާއީ ވަކީލުންގެ ވާހަކަތަކަށްފަހު، ދައުލަތުގެ ވަކީލް ފަރަޝް ވިދާޅުވީ، ހާދިސާ ހިނގި ތަނުގައި ނެތް ކަމުގެ ދިފާއު ސާބިތުކޮށް ދެވޭނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި، އެކަމާމެދު ވާހަކަ ދެއްކުމަކީ ވެސް ޝަރީއަތުގައި މަރުހަލާގައި ކުރަން ޖެހޭ ކަމެއް ކަމަށެވެ.

"...ދިފާއީ ވަކީލުން ބަންދު ކުރުމާމެދު އިއުތިރާޒު ނުކުރައްވާކަން ވެސް ފާހަގަކޮށްލަން،" ވަކީލް ފަރަޝް ވިދާޅުވި އެވެ.

ވަކީލުން ދެއްކެވި ވާހަކަތަކަށް އަޑުއައްސަވަން މިއަދު އިންނެވި ގާޒީއަކީ މައްސަލާގެ ޝަރީއަތް ހިންގަވާ ގާޒީއެއް ނޫނެވެ. މައްސަލަ ބައްލަވާ ގާޒީ ހުންނެވީ ޗުއްޓީގަ އެވެ. އެހެންވެ، މިއަދު އެ މައްސަލަ ބައްލަވަން އިންނެވި ގާޒީ ނިންމެވީ ޝަރީއަތް ނިމެންދެން ބަންދު ކުރުމާމެދު ގޮތެއް ނުނިންމުމަށެވެ.

"އެކަން އެންމެ ރަނގަޅު ގޮތުގައި ނިންމެވޭނީ މައްސަލަ ބައްލަވާ ގާޒީއަކުގައި ދެކެން،" ގާޒީ ވިދާޅުވި އެވެ.

ނަމަވެސް ދައުލަތުން ފާހަގަކުރި ކަންކަން އެހެން ހުރުމުން، ދައުވާ ލިބޭ ތިން މީހުން 30 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް ގާޒީ އަމުރު ނެރުއްވި އެވެ.

މުޅި މާމެންދޫ ސިއްސިވާލި އުދައްޔުގެ މަރާ ގުޅިގެން ކުޑަ ކުއްޖެއްގެ މައްޗަށް ވެސް ދައުވާކޮށްފައިވެ އެވެ. ޖުވެނައިލް ކޯޓަށް ފޮނުވާފައިވާ އެ މައްސަލާގައި ކުއްޖާއަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.

އުދައްޔު މަރުވީ، ގުރޫޕަކުން އައިސް އޭނާއަށް ހަމަލާ ދިނުމުގެ ތެރޭގައި ބޮލަށް ލިބުމުގެ އަނިޔާއަށް ފަރުވާދެމުން ދަނިކޮށެވެ. އޭނާގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސް ޕޯސްޓްމޯޓަމް ވެސް ހެދި އެވެ. މި މާރާމާރީގައި އުދައްޔު ސަލާމަތް ކުރަން މަސައްކަތް ކުރި އޭނާގެ ބޭބޭއަށް ވެސް އަނިޔާވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައްޑޫ ލިންކް ރޯޑު މައްސަލައިގައި މާދަމާ މުޒާހަރާކުރަނީ

އައްޑޫ ލިންކް ރޯޑު ހަލާކުވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ގޮވާލައި، ބެރިކޭޑް ގެ ނަމުގައި މާދަމާ ހަވީރު އައްޑޫގައި ސުލްހަވެރި އިހުތިޖާޖެއް ބޭއްވުމަށް ވަނީ ނިންމާފައި. މި މަގު ހެދުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފައިވީ ނަމަވެސް، ސަރުކާރުން ބުނި ތާރީހަށް އަމަލީ މަސައްކަތް ފެށިފައި ނުވާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

ހިޔާނާތްވިކަން ސާބިތުވެ ޕޯސްޓުގެ ޕްރޮކިއުމަންޓް މެނޭޖަރު ޖަލަށް

ޕޯސްޓަށް ނުލިބޭ ތެލަކަށް ލިޔެކިޔުންތައް ހަދައިގެން 6.7 މިލިއަން ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ޕޯސްޓުގެ ކުރީގެ ޕްރޮކިއުމަންޓް މެނޭޖަރާއި އެފްއެސްއެމްގެ ކުރީގެ ޑްރައިވަރަކު އަށް އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައި. މި ދެ މީހުންގެ މައްޗަށް ޚިޔާނާތުގެ ކުށުގެ އިތުރުން ސައްހަ ނޫން ލިޔުން ދެއްކުމުގެ ކުށްވެސް ވަނީ ސާބިތުވެފައި.

ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އާޓިފިޝަލް ބީޗުގައި މުޒާހަރާއެއް

އާޓިފިޝަލް ބީޗު ސަރަހައްދުގައި މިރޭ އެ މުޒާހަރާ ބޭއްވީ ގާނޫނުއަސާސީ އިން ހައްގު ލިބިދީފައިވާ ގޮތަށް، ކުއްލިއަކަށް އަދި ކުރިން އެންގުމަކާ ނުލަ އެވެ. އެ މުޒާހަރާގައި ބައިވެރިން ތިބީ ދިވެހިރާއްޖޭގެ ދިދަ ހިފައިގެންނެވެ.

ތެލަސީމިއާގެ އަސާސީ ބޭސް އަބަދު ހުސްވާތީ ބޮޑު ތަކުލީފަކަށް

ތެލަސީމިއާ ކުދިންނަށް ބޭނުންވާ އަސާސީ ބޭސްތައް ގަވާއިދުން ނުލިބޭތީ އެ ބަލި ތަހައްމަލުކުރާ މީހުންނަށް ބޮޑެތި ތަކުލީފުތަކެއް ވަނީ ކުރިމަތިވެފައި. ކުރިން މަހަކު އެއްފަހަރު ދޫކުރާ ބޭސް މިހާރު ދެ ހަފްތާއަށް ލިމިޓްކޮށްފައިވާއިރު، ބޭސް މެދުކެނޑުމުގެ ސަބަބުން ބަލިމީހުންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކުރުމުގެ ބިރު ވަނީ ބޮޑުވެފައި.

އިލްމުވެރިންގެ ގުޅުމުގެ ނިންމުން މުއިއްޒަށް އަދި މަޖިލީހަށް

އެ ދިރާސާ މެންބަރުންނަށް ފޮނުވައި، ކޮމެންޓު ކުރަން ފުރުސަތު ދިނުމަށްފަހު މިހާރު ފައިނަލްކޮށްފައިވާކަން އަދަދު އަށް އެނގިފައިވެ އެވެ. އަދި އެ ދިރާސާ ފައިނަލް ކުރިއިރު، އެއްވެސް ބަޔަކަށް ބަދަލެއް ގެނެސްފައިނުވާކަން ވެސް އެނގިފައިވެ އެވެ.

ރަސްމާލޭގައި ރާ ނުބޮވޭނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ

"ރިސޯޓެއްގައި ކަންކަން އޮންނަ ފުޅާ މިނަށްވުރެ ވެސް ލިމިޓެޑް. ލިމިޓެޑުވާ ގޮތަކީ މިތަނުގައި ރަލެއް ނުވިއްކޭ، އެނގޭތޯ. ރަލެއް ނުބޮވޭނެ. އޫރު މަހެއް ނުހުންނާނެ. މިތާނގައި ފަސް ވަގުތު ބަންގި ގޮވާނެ،" ރައީސް ވިދާޅުވި އެވެ.

ތިން ރަށެއްގައި ފިޓްނަސް ސެންޓަރު ގާއިމުކުރަން އިންޑިއާއަށް

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ ތިން ރަށެއްގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ އިންޑިއާގެ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" ގެ ދަށުން ކުރިއަށްގެންދާ އިތުރު އެހީއެކެވެ.

Newsletter

Get the latest news delivered straight to your inbox