މޯދީގެ ބަންގްލަދޭޝް ދަތުރުފުޅުން 12 މީހުން މަރުވީ ކީއްވެ؟

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ-- ފޮޓޯ: ގެޓީ އިމޭޖަޒް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަދި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ-- ފޮޓޯ: ގެޓީ އިމޭޖަޒް

މިދިޔަ ހަފްތާގައި ކުރިއަށް ދިޔަ ބަންގްލަދޭޝްގެ 50 ވަނަ މިނިވަން ދުވަހުގެ ހަފްލާތަކުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައިވެރިވެ ވަޑައިގެންފި ނަމަ ތާރީހުގެ ތެރޭގައި އެކަން ރަން އަކުރުން ފަވާލެވޭނެ ކަމަށް ބަންގްލަދޭޝުން އުއްމީދު ކުރި އެވެ.

އެކަމަކު އެ ދަތުރުފުޅުގެ ނަތީޖާއެއްގެ ގޮތުން މުޅި ބަންގްލަދޭޝްގައި ހަމަނުޖެހުން ބޮޑުވެ، މޯދީ ފުރާވަޑައިގެންނެވި އިރު 12 މީހުން މަރުވެ ހިނގައްޖެ އެވެ.

މޯދީއަކީ އިންޑިއާ އާއި އިންޑިއާއިން ބޭރުގައި ވެސް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާ ލީޑަރެކެވެ. މޯދީގެ ބަރަތިޔަ ޖަނަތަ ޕާޓީގެ (ބީޖޭޕީ) ސަރުކާރުން މުސްލިމުންނާ ދެކޮޅު ސިޔާސަތުތައް ހިންގާ ކަމުގެ ތުހުމަތު އިންތިހާއަށް ކުރަމުން ދެއެވެ. އެކަމަކު ބީޖޭޕީން އެ ތުހުމަތު ދޮގު ކުރެ އެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ މަގުތަކަށް އާއްމުން ނުކުތީ މޯދީގެ ސަރުކާރުގެ އެ ސިޔާސަތުތަކާ ދެކޮޅަށެވެ. ސުލްހަވެރިކޮށް ފެށި އެއްވުންތަކުން އުފެދުނު ހަމަނުޖެހުމަކީ އިންޑިއާ އާއި ބަންގްލަދޭޝަށް ވެސް ބޮޑު ލަދެކެވެ. އަދި އޭގެ ސަބަބުން އިންޑިއާ އާއި ބަންގްލަދޭޝްގެ ޒަމާންވީ ގުޅުމަށް ހިޔަނި އެޅިއްޖެ އެވެ.

ބަންގްލަދޭޝްގައި ވީ ކިހިނެއް؟

ދެ ދުވަހުގެ ދަތުރުފުޅެއްގައި މޯދީ ޑާކާއަށް ވަޑައިގެންނެވި މާޗް މަހުގެ 26 ވަނަ ދުވަސް ވީ ބަންގްލަދޭޝްގެ މިނިވަން ދުވަހަށެވެ. އެ ދުވަސް ދިމާވީ ބަންގްލަދޭޝް އުފެއްދުމުގައި އިސްކޮށް އުޅުއްވި އަދި މިހާރުގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ބައްޕާފުޅު، ޝެއިހް މުޖީބުއްރަހްމާން އުފަންވެ ވަޑައިގެންނެވިތާ 100 އަހަރު ފުރުނު ދުވަހާ އެވެ.

އެ ހާއްސަ ހަފްލާގެ ހާއްސަ މެހެމާނުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ ރާއްޖެ، ސްރީލަންކާ، ބޫޓާން އަދި ނޭޕާލްގެ އެންމެ އިސް ވެރިންނެވެ. ސަރަހައްދީ ހުރިހާ ގައުމެއްގެ އިސް ވެރިންގެ ތެރެއިން ވެސް އެންމެ ވަރުގަދަ ޝަހުސިއްޔަތަކަށް ހުންނެވީ އިންޑިއާގެ މޯދީ އެވެ.

މޯދީ ބަންގްލަދޭޝަށް ވަޑައިގެންނެވުމަކީ 10 ދުވަހަށް ދެމިގެންދިޔަ އުފާފާޅު ކުރުމުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ބައިގެ ގޮތުގައި ފާހަގަކޮށްފައި އޮތް ނަމަވެސް، އެމަނިކުފާނު ޑާކާއަށް ފައިބައި ވަޑައިގެންނެވުމާއެކު، މުޒާހަރާތައް ފެށި އެވެ.

މާޗް 26 ވީ ހުކުރު ދުވަހު، ހުކުރު ނަމާދަށް ފަހު މިސްކިތުގެ ބޭރުގައި ބަޔަކު އެއްވެ އަޑުއުފުލި އެވެ. އެމީހުން ފޮނުވާލަން ޖެހުނީ ކަރުނަ ގޭހާއި މުގުރުގެ ބާރު ބޭނުންކޮށްގެންނެވެ. އެއާއެކު އިސްލާމިސްޓް ޖަމިއްޔާ، ހިފާޒަތޭ އިސްލާމުގެ ރުޅިގަނޑު އަމާޒުވީ ސަލާމަތީ ބާރުތަކަށެވެ.

ސުލްހަވެރިކަމާއެކު ހިޔާލުފާޅު ކުރަމުން ދިޔަ ބަޔަކަށް ސަލާމަތީ ބާރުތަކުން ހަމަލާ ދިން ކަމަށް ބުނެ، މުޅި ބަންގްލަދޭޝްގައި އެއްވުންތައް ބާއްވަން ހިފާޒަތޭ އިސްލާމުން ގޮވާލި އެވެ. އެ ގޮވާލުމަށް އިޖާބަދީ، އޭގެ ދެ ދުވަސް ފަހުން ބޮޑެތި އެއްވުންތައް ބޭއްވި އެވެ.

އެ ދުވަހުގެ އެއްވުންތައް ރޫޅާލައި، މީހުން ފޮނުވާލެވުނީ ކަރުނަ ގޭހާއި، ރަބަރު ވަޒަން ބޭނުންކޮށްގެންނެވެ. މުޒާހަރާގެ ބައިވެރިން ރައްދު ދިނީ ގަލާއި ހިލައިންނެވެ.

އެންމެ ބޮޑު ހަމަނުޖެހުމެއް ހިނގީ ޑާކާ އާއި އިރުމަތީ ބްރާހްމަންބާރިއާ ޑިސްޓްރިކްޓުގަ އެވެ. ރުޅިގަދަވެފައި ތިބި އާއްމުން، ބަސްތަކާއި ރޭލުތަކާއި ހިންދޫ ދީނުގެ ފައްޅިތަކަށް ހަމަލާދިނެވެ. އަދި ސަލާމަތީ ބާރުތަކުން ދިން ބަޑީގެ ހަމަލާތަކުގައި ޒަހަމްވި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނެވެ.

އަޑުއުފުލަން އެއްވެ ތިބި ދަރިވަރުންނަށް ހަމަލާ ދިނީ ސަލާމަތީ ބާރުތަކުންނާއި ވެރިކަން ކުރާ އަވާމީ ލީގުގެ ސަޕޯޓަރުން. ހަމަނުޖެހުން އުފެދުނީ އެހެންވެ. އެކަމަކު ހަތިޔާރެއް ނެތް ބަޔަކަށް އަމާޒުކޮށް ބަޑި ޖަހަން ޖެހޭ އެއްވެސް ސަބަބެއް ނެތް. ހިފާޒަތޭ އިސްލާމުގެ ވައިސް ޗެއާމަން ޑރ. އަހްމަދު އަބްދުލް ގާދިރް ބީބީސީއަށް ވިދާޅުވި އެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި އެއްވުމުގައި ބައިވެރިވި 12 މީހަކު މަރުވި އެވެ. އެކަމަކު ހިފާޒަތު ޖަމިއްޔާއިން ބުނީ މަރުވި މީހުންގެ އަދަދު އެއަށްވުރެ އިތުރުވާނެ ކަމަށެވެ.

"ބަންގްލަދޭޝްއަކީ ޑިމޮކްރަސީއެއް އަދި ކޮންމެ މީހަކަށް ވެސް އެމީހަކު ބުނަން ބޭނުންވާ އެއްޗެއް ބުނުމުގެ ހައްގު ލިބިގެންވޭ. އެކަމަކު އެއްވާ މީހުންނަށް ގާނޫނުގެ އިމުން ބޭރެއް ނުވެވޭނެ،" ބަންގްލަދޭޝްގެ ގާނޫނާ ބެހޭ މިނިސްޓަރު އަނީސުލް ހައްގު ބީބީސީއަށް ވިދާޅުވި އެވެ.

އާއްމުން އެއްވީ ކީއްވެ؟

މުޒާހަރާ ރޭވުމުގައި އުޅުނީ އިސްލާމިސްޓް ޖަމިއްޔާތަކާއި، ދީނީ ތައުލީމުދޭ ސްކޫލުތަކުގެ ދަރިވަރުންނާއި މޯދީގެ ދަތުރުފުޅާ މެދު ހިތްހަމަނުޖެހިފައި ތިބި ވައަތު ފިޔައިގެ ސިޔާސީ މީހުންނެވެ. އެމީހުން މޯދީއަށް ތުހުމަތު ކުރީ މުސްލިމުންނާ ދެކޮޅަށް ސިޔާސަތު ހިންގާ ކަމަށެވެ.

މުޒާހަރާ ރޭވި މީހުންނާއި ވެރިކަން ކުރާ އަވާމީ ލީގުން ވެސް އެއްބަސްވާ ގޮތުގައި، ސަލާމަތީ ބާރުތަކުން ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފަ އެވެ.

އެ ހާދިސާއާ ގުޅިގެން ކަންބޮޑުވެފައިވާ އާއްމު ރައްޔިތުންނާއި އެކްޓިވިސްޓުން ގުޅިގެން ވަނީ މުޒާހަރާގެ ބައިވެރިންނަށް އިންސާފު ހޯދައިދޭން ގޮވާލާ ބަޔާނެއް ނެރެފަ އެވެ.

ބަންގްލަދޭޝާއި އިންޑިއާގެ ގުޅުން ރަނގަޅު ނަމަވެސް، ބަންގްލަދޭޝް ރައްޔިތުންގެ މެދުގައި އިންޑިއާއާ ދެކޮޅު ވިސްނުން ޒަމާނުއްސުރެ އަބަދުވެސް އޮވެ އެވެ. 2014 ވަނަ އަހަރު ބީޖޭޕީއިން އިންޑިއާގެ ވެރިކަމާ ހަވާލުވުމާއެކު އެ ވިސްނުން ބޮޑަށް ބަދަލުވީ މޯދީ އާއި ބީޖޭޕީއާ ދެކޮޅު ވިސްނުމަކަށެވެ.

"މުޒާހަރާ ކުރަން ނިކުތީ އިންޑިއާ ނުވަތަ އިންޑިއާ ރައްޔިތުންނާ ދެކޮޅަކަށް ނޫން. އެމީހުން ރުޅި އައީ މޯދީއަށް ދައުވަތު ދިނުމުން،" އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޝީރީން ހައްގު ބީބީސީއަށް ވިދާޅުވި އެވެ. "ބަންގްލަދޭޝަށް އިންޑިއާގެ ރައީސަށް ވެސް ދައުވަތު ދެވުނީސް. އެކަމާ ރުޅި އަންނާނެ އެއްވެސް މީހަކު ނުހުންނާނެ.

ހަމަނުޖެހުމުގެ އަސަރު ދެ ގައުމުގެ ގުޅުމަށް ކުރާނެތަ؟

ތާރީހީ ގޮތުން އިންޑިއާ އާއި ބަންގްލަދޭޝްގެ ގުޅުން އަބަދުވެސް ރަނގަޅެވެ.

ބަންގްލަދޭޝަކީ ކުރިން އިރުމަތީ ޕާކިސްތާނެވެ. އިނގިރޭސީން ވަނީ 1947 ވަނަ އަހަރު އިންޑިއާ ދެ ފަޅިކޮށް، ހިންދޫންގެ މެޖޯރިޓީ އޮތް އިންޑިއާގެ ފަޅި އާއި މުސްލިމުންގެ މެޖޯރިޓީ އޮތް ޕާކިސްތާނުގެ ފަޅި ކަނޑައަޅާފަ އެވެ. އޭރު ބަންގްލަދޭޝަކީ ޕާކިސްތާނުގެ ބައެކެވެ.

އެކަމަކު ބަންގްލަދޭޝުން ވަނީ 1971 ގައި ޕާކިސްތާނުން ވަކިވެ، މިނިވަން ގައުމަކަށް ވުމަށް މަސައްކަތް ފަށާފަ އެވެ. މި މަސައްކަތުގައި ބަންގްލަދޭޝަށް އެހީތެރިވެދިނީ އިންޑިއާގެ އަސްކަރިއްޔާ އެވެ. އޭރުން ފެށިގެން ދެ ގައުމުގެ މެދުގައި އޮތީ އެކުވެރިކަމެވެ.

ނަމަވެސް ބީޖޭޕީ ވެރިކަމަށް އައުމާއެކު ކަންކަން ބަދަލުވެއްޖެ އެވެ.

މޯދީ އާއި ބީޖޭޕީގެ ވެރިން ވަނީ ދެ ގައުމު ގުޅޭ ބޯޑަރު ސަރަހައްދުގައިވާ ވެސްޓް ބެންގޯލް އާއި އައްސާމް ސްޓޭޓަށް ވަޑައިގެން، ގަވާއިދާ ހިލާފަށް ބަންގްލަދޭޝް މީހުން އިންޑިއާއަށް އެތެރެވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ބަންގްލަދޭޝުން އެކަން ދޮގުކުރެ އެވެ.

އޭގެ އިތުރުން އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހް ވަނީ ގަވާއިދާ ހިލާފަށް އެތެރެވާ ބަންގްލަދޭޝް މީހުންނަކީ "ކަތުރުފަނީގެ" ގޮތުގައި ސިފަކުރައްވައި، ބީޖޭޕީ ސަރުކާރުން "އެމީހުން ވަކިވަކިން ހޮވާ ބޭ އޮފް ބެންގޯލް" ކަނޑަށް އުކާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ ވާހަކަތަކަށް ފަހު ފުރަތަމަ ފަހަރަށް ބަންގްލަދޭޝް ހިތްހަމަނުޖެހޭކަން ހާމަކުރި އެވެ. އަދި ތަކުރާރުކޮށް އިންޑިއާގެ ވެރިން އެފަދަ ވާހަކަތައް ދައްކަވާއިރު ޝެއިހް ހަސީނާގެ ސަރުކާރުން މޯދީ އާއި ބީޖޭޕީއަށް ތާއީދު ކުރާތީ އެކަމަނާއަށް ވަނީ ޕްރެޝަރާ ކުރިމަތިލާން ޖެހިފަ އެވެ.

މޯދީގެ ސަރުކާރުން 2019 ވަނަ އަހަރު ފާސްކުރި ސިޓިޒަންޝިޕް ގާނޫނުގެ މައްސަލާގައި ވެސް ބަންގްލަދޭޝްގެ ކަންބޮޑުވުން އެބަ އޮތެވެ. އޭގައިވާ ގޮތުން އަފްގާނިސްތާން، ޕާކިސްތާނު އަދި ބަންގްލަދޭޝްގެ މައިނޯރިޓީއަށް ނިސްބަތްވާ މީހުންގެ ތެރެއިން އިންޑިއާއަށް ހިޖުރަކޮށް ރައްކާތެރިކަމަށް އެދޭ މީހުންނަށް އިންޑިއާއިން ރައްކާތެރިކަން ދޭނެ އެވެ. ނަމަވެސް މައިނޯރިޓީންގެ ތެރޭގައި މުސްލިމުން ހިމަނާފައެއް ނުވެ އެވެ. އެހެންކަމުން އެ ގާނޫނަކީ ވެސް މުސްލިމުންނާ ދެކޮޅު އެއްޗެއް ކަމަށް ސިފަވި އެވެ.

ބަންގްލަދޭޝުން ހިތްހަމަނުޖެހި ބައެއް މިނިސްޓަރުން އިންޑިއާއަށް ކުރައްވަން ހަމަޖެހިފައި ހުރި ދަތުރުތައް ކެންސަލް ވެސް ކުރި އެވެ. އެ ގާނޫނުގެ ދަށުން ހެދި ނޭޝަނަލް ރެޖިސްޓާ އޮފް ސިޓިޒަންސްއާ މެދު ވެސް ބަންގްލަދޭޝުން ކަންބޮޑުވެ އެވެ.

އައްސާމް ސްޓޭޓުގެ ފައިނަލް ރަޖިސްޓްރީގައި އެތަނުގައި ދިރިއުޅޭ ދެ މިލިއަން މީހުން ހިމަނާފައެއް ނުވެ އެވެ. އެމީހުން ރަޖިސްޓްރީން އުނިކޮށްފައި ވަނީ ގަވާއިދާ އެއްގޮތަށް ހިޖުރަ ކުރި ކަމަށް ބަޔާން ކުރާ އެކަށީގެންވާ ލިޔުން ނެތުމުންނެވެ. ލިސްޓުން އުނިވި މީހުން ބަންގްލަދޭޝަށް ޑީޕޯޓުކުރަން ހިންދީ ހަރުކަށި މީހުން ދަނީ ގޮވާލަމުންނެވެ.

ބަންގްލަދޭޝާއެކު އޮތް ގުޅުން ރަނގަޅުވުން އިންޑިއާއަށް ވެސް މުހިއްމެވެ. އިންޑިއާގެ އުތުރު އިރުމަތީ ބޯޑަރު ސަރަހައްދުގައި އުޅޭ ހަނގުރާމަވެރި ކުދި ގްރޫޕުތައް ކޮންޓްރޯލް ކުރެވެނީ ބަންގްލަދޭޝްގެ އެހީ ލިބިގެންނެވެ.

އޭގެ އިތުރުން ބަންގްލަދޭޝަކީ ޗައިނާ އާއި ޕާކިސްތާނު ފަދަ ޒަމާންވީ ހަތުރުންގެ މެދުގައި އޮތް އިންޑިއާގެ ގާތް އެކުވެރިއެއް ކަމަށް ބުނެ، އިންޑިއާ ސަރުކާރުން ފަހުރުވެރިވެ އެވެ.

އެހެންކަމުން މޯދީގެ ދަތުރުފުޅާއެކު ބަންގްލަދޭޝުން ފެނުނު މަންޒަރުތަކަކީ އިންޑިއާއަށް ލިބުނު ނުރައްކަލުގެ އިންޒާރެކެވެ. ބަންގްލަދޭޝްގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދޭ ނަމަ މުހިއްމު އެކުވެރިއަކު ގެއްލިދާނެ ކަމުގެ އިންޒާރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

ތޫފާނާ ގުޅިގެން އިންޑިއާގައި 180،000 މީހުން އެހެން ހިސާބުތަކަށް

އިންޑިއާގެ އިރުމަތީ އައްސޭރިފަށަށް އެރި ބާރުގަދަ ތޫފާން "އަރުނަބް" އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 180،000 އަށް ވުރެ ގިނަ މީހުން ވަނީ ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ގަސްތައް ވެއްޓި ކަރަންޓުގެ ޚިދުމަތަށް ބުރޫއަރައި، ދަތުރުފަތުރުތައް މެދުކަނޑާލަން ޖެހުނު ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ނަތަންޔާހޫގެ ޕާޓީއަށް މެޖޯރިޓީއެއް ނުލިބޭނެ

އިސްރާއީލުގެ އިންތިޚާބުގެ އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި، ބޮޑުވަޒީރު ނަތަންޔާހޫގެ ކޯލިޝަނަށާއި އިދިކޮޅު ކޯލިޝަނަށް ވެސް ސަރުކާރެއް އެކުލަވައިލުމަށް ބޭނުންވާ 61 ގޮނޑީގެ އަޣުލަބިއްޔަތެއް ނުލިބެއެވެ. ދެ ފަރާތަށް ވެސް ލިބޭނެ ކަމަށް ލަފާކުރެވެނީ 51 ގޮނޑި ކަމަށްވާއިރު، ސަރުކާރެއް އެކުލަވައިލުމުގައި އަރަބި ޕާޓީތަކުގެ ދައުރު ބޮޑުވާނެ ކަމަށް ބެލެވެއެވެ. މި ނަތީޖާގެ ސަބަބުން އިސްރާއީލުގެ ސިޔާސީ މަސްރަހު އިތުރަށް އޮޅުންބޮޅުންވުމުގެ ފުރުސަތު އެބައޮތެވެ.

ބްރެޒިލްގެ އިދިކޮޅު ލީޑަރު ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެ

މަނީ ލޯންޑަރިންގެ ތުހުމަތުތަކަކާ ގުޅިގެން ޕާސްޕޯޓް ހަވާލުކުރަން ބްރެޒިލްގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، އެ ގައުމުގެ އިދިކޮޅު ލީޑަރު ފްލާވިއޯ ބޮލްސޮނާރޯ ފިލައިގެން އެމެރިކާއަށް އެތެރެވެއްޖެއެވެ. އޭނާގެ ޕާސްޕޯޓް ބާތިލްކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމެރިކާއަށް ގޮސްފައިވަނީ، އެ ގައުމުން އޭނާއަށް ވިސާ ދޫކޮށްފައިވާކަން ކަށަވަރުވިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މި އަހަރު އެންމެ މަގުބޫލު ލަފުޒަކަށް "މެކްސިންގް" ހޮވައިފި

ޑިކްޝަނަރީ ޑޮޓް ކޮމް އިން 2026 ވަނަ އަހަރުގެ އެންމެ މަގުބޫލު ލަފުޒަކަށް، ކަމެއް އެންމެ ފުރިހަމައަށް ކުރުމުގެ މާނަ ދޭހަވާ "މެކްސިންގް" (maxxing) ހޮވައިފިއެވެ. މި ލަފުޒު ބޭނުންކުރާ މިންވަރު ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 19 ގުނަ އިތުރުވެފައިވާއިރު، މިއީ ހާއްސަކޮށް ޒުވާނުންގެ މެދުގައި އެކި ކަންކަން އެންމެ މަތީ ދަރަޖައަށް ފުރިހަމަކުރުމަށް ބޭނުންކުރާ އިސްތިލާހެކެވެ.

Newsletter

Get the latest news delivered straight to your inbox