ހަތް އަހަރު ހައުސިން މިނިސްޓަރުކަން ކުރެއްވި ޑރ. މުހައްމަދު މުއިއްޒު އަތުގައި މިހާރު ވެސް ރެކޯޑެއް އެބައޮތެވެ. މި ފަހުން މާލޭގައި އެންމެ ގިނަ މަޝްރޫތައް ހިންގެވުމުގައި މޭސްތިރިއަކަށް އުޅުއްވުމެވެ. އިދިކޮޅު ކޯލިޝަން، ޕީޕީއެމް/ޕީއެންސީއިން މާލޭގެ މޭޔަރު ކަމަށް އޭނާ ވާދަ ކުރައްވަނީ އެ ކޮންފިޑެންސާ އެކުގަ އެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ސަބަބާ ގުޅޭގޮތުން މުއިއްޒު "އަދަދު"އަށް ވިދާޅުވީ މާލޭ ރައްޔިތުންގެ ގިނަ އުއްމީދުތަކެއް ހުރިއިރު އެކަންކަން ހާސިލް ކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓެއް ނަމަވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންގެ އަޑު އަހައިގެން ސަރުކާރާ ގުޅިގެން ކަމަށް ވިދާޅުވި އެވެ.
"މާލޭގެ ތަރައްގީ އާއި އަދި ރާއްޖޭގެ ހުރިހާ ދިމާލެއްގަހެން ތަރައްގީގެ މަސައްކަތްތައް ކުރުމުގައި އުޅެވިފައި ހުރުމާއެކީގައި ރައްޔިތުން އެދޭ ބަދަލުތައް، އުއްމީދު ކުރާ ކުރިއެރުންތައް ގެނެސް ދިނުމުގައި ނަތީޖާ ނެރެދެވިދާނެ ކަމަށް ގަބޫލު ކުރަން،" އޭނާ ވިދާޅުވި އެވެ.
"ސަރުކާރާ އެކީގައި ސަރުކާރާ ގުޅިގެން ރައްޔިތުންގެ އުއްމީދުތައް ހާސިލް ކޮށް ދިނުމަށް އަޅުގަނޑު މަސައްކަތް ކޮށްދޭނެކަމުގެ ޔަގީންކަން [އަޅުގަނޑު ދެން]."

ވައުދުތަކުގެ ލިސްޓްގެ ކުރީގައި ބޯހިޔާވަހިކަން
މާލޭގެ ހާލަތު އެނގިވަޑައިގަންނަވާތީ އެ ކަންކަން ހައްލު ކުރެއްވުމަށް މުއިއްޒު ވަނީ ގިނަ ވައުދުތަކެއް ވެވަޑައިގެންފަ އެވެ. އެގޮތުން އެންމެ އިސްކަމެއް ދެއްވާ ދާއިރާ އަކީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމުގައިވާ ބޯހިޔާވަހިކަމެވެ. ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތް ކުރައްވާނީ ރައްޔިތުންގެ އަޑު އަހައިގެން ސަރުކާރާ ގުޅިގެން ކަމަށް މުއިއްޒު ވިދާޅުވި އެވެ. މީގެ ކުރިން ކައުންސިލްތަކުން ބޯހިޔާވަހިކަމުގެ މަޝްރޫތައް ނުހިންގި ނަމަވެސް އެއީ ކުރެވިދާނެ ކަމެއް ކަމަށް މުއިއްޒު ގަބޫލު ކުރައްވަ އެވެ.
"މީގެ ކުރިން ކައުންސިލަކީ ގެދޮރުގެ މައްސަލައަށް އެއްވެސް ރަށެއްގައި ކަމެއް ހިންގާފައި އޮތް ބައެއް ނޫން. ގާނޫނުގައި އެކަން އޮތް ނަމަވެސް އެއީ މީގެ ކުރިން ކޮށްފައި އޮތް ކަމެއް ނޫން. އެކަމުގެ މާނައެއް ނޫން ކުރިއަށް އޮތްތަނުގައި ކައުންސިލްތައް އެގޮތަށް ހިނގުމެއް. ކައުންސިލަކީ ރައްޔިތުންނަށް ތިޔާގިކަމާއި ފާގަތިކަން ގެނެސް ދިނުމުގެ މެންޑޭޓެއް އޮތް ބަޔަކަށް ވާއިރު އެހެންވީމައި އޭގެ އެންމެ ފުޅާ މިނުގައި އެކަން އެބަ ޖެހޭ ރައްޔިތުންނަށްޓަކައި ކޮށްދެވޭތޯ ބަލަން،" ސިވިލް އިންޖީނިއަރިން ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައިވާ މުއިއްޒު ވިދާޅުވި އެވެ.
ފްލެޓްގެ އިތުރުން ގޯތި ދޭން ޖެހޭ ކަމަށާއި ފްލެޓަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް އޮތް ދާއިމީ ހައްލެއް ނޫން ކަމަށް އެންމެ ގިނަ ފްލެޓް އެޅުއްވިއިރު ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒު ވިދާޅުވި އެވެ. މާލެ ކައިރިން ހިއްކާފައި އޮތް ގުޅިފަޅުން ފްލެޓްގެ އިތުރުން ގޯތި މާލޭ ރައްޔިތުންނަށް ދޭން ޖެހޭ ކަމަށް މުއިއްޒު ގަބޫލު ކުރައްވަ އެވެ. އެކަން ކުރަން ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ބޯހިޔާވަހިކަމުގެ އިތުރުން މާލޭ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް ވަޒީފާގެ ދަތިކަމަކީ ވެސް މުއިއްޒުގެ ކަންބޮޑުވުކެވެ. ހާއްސަކޮށް ޒުވާނުންނާއި އަންހެނުންނަށް ވަޒީފާގެ ދަތިކަން ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ހައްލު ކުރެއްވުމަށް ސަރުކާރާއެކު މަސައްކަތް ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މާލޭގެ ޒުވާނުންނާއި ކަނބަލުންނަށް ފުރުސަތުތަކެއް މާލޭގެ ބިމުންނާއި ޖާގައިގެ ވަސީލަތްތަކުން އެބަހުރި ފަހިކޮށްދެވެން،" މުއިއްޒު ވިދާޅުވި އެވެ.
އެ ދެ މައްސަލާގެ އިތުރުން މާލެއަކީ ޓްރެފިކް ބާރު ބޮޑު އަދި މަގުތަކުގެ މައްސަލަތައް ގިނަ ސިޓީއަކަށް ވާއިރު އެކަން ހައްލު ކުރަން ކުރެވޭނެ ގިނަ މަސައްކަތްތަކެއް އެބަ ހުރި ކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒުގެ އަޒުމަކީ ރީތި ހިތްގައިމު ސިޓީއަކަށް މާލެ ހެދުމެވެ.

އެކަންކަމުގެ އިތުރުން ސިޓީ ކައުންސިލުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖައްސައި ދެއްވުމަކީ ވެސް މުއިއްޒުގެ ވައުދެކެވެ. އޭނާ ވިދާޅުވީ ގޯތިގެދޮރާއި ގުޅޭ ކަންކަމާއި އިމާރާތް ކުރުމާ ގުޅޭ ކަންކަމުގައި ކޮންމެ ދުވަހަކު ވެސް މީހުން ހިދުމަތަށް އެދޭއިރު މިހާރު ހިދުމަތް ދިނުމުގައި ލަސްތަކެއް އުޅޭ ކަމަށެވެ.
"ވަރަށް ކުރީގެ ސިސްޓަމްތައް މި ހުންނަނީ ބޭނުން ކޮށްފައި. ޒަމާނީ އެއް ނޫން. އެހެން ކަމުން މިކަންކަން ރަނގަޅު ކުރެވި ޒަމާނީ ވަސީލަތްތަކާއި ނިޒާމުތައް ގެނެސް އަވަސް ކުރެވެން އެބަ ޖެހޭ. އެހެންވީމައި ހިދުމަތް އަވަސް އަދި ޒަމާނީ އިދާރާއަކަށް ކައުންސިލް އޮފީސް ބަދަލު ކުރާނަން،" ހިންގުމުގެ ތަޖުރިބާ ބޮޑު މުއިއްޒު ވިދާޅުވި އެވެ.
ގިނަ ބަޔަކު މުއިއްޒު ދަންނަނީ ވަރަށް ހީވާގި އަދި ނަތީޖާ ނެރޭ ބޭފުޅެއްގެ ގޮތުގަ އެވެ. އޭނާ ވަޒީރުކަން ކުރެއްވި ހަތް އަހަރުގެ ތެރޭގައި މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫތަކެއް ހިންގެވި އެވެ. މާލެއަށް ބަލާއިރު ބްރިޖު މަޝްރޫ އާއި ހައިވޭ ހެދުމާއި މާލޭގައި ހިތް ފަސޭހަ އެތައް މައިދާނެއް ހެދުން ހިމެނެ އެވެ. އޭގެ ތެރެއިން ވެސް މުއިއްޒު އެންމެ ހިތްހަމަ ޖެހިވަޑައިގަންނަވާ ޕްރޮޖެކްޓަކީ ބްރިޖު މަޝްރޫ އެވެ.
އިންތިޚާބުގައި މުއިއްޒާ ދެ ކެނޑިޑޭޓުން ވާދަ ކުރައްވާއިރު އޭނާއަށް ވޯޓް ދޭން ޖެހޭ މައިގަނޑު ސަބަބަކަށް މުއިއްޒު ގަބޫލު ކުރައްވަނީ މަޝްރޫތައް ހިންގުމުގެ ތަޖުރިބާ އެވެ. އޭނާގެ މައްޗަށް ނުފޫޒެއް ނުފޯރުވޭނެ ކަމަށާއި އޭނާ މުޅިންހެން އަމަލު ކުރައްވާނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުގެ މައްޗަކަށް ޕްރެޝަރެއް ނާންނާނެ ސަރުކާރުގެ ސިޔާސަތެއް ވަކި ގޮތަކަށް އޮތީތީއެއް ރައްޔިތުންގެ ވިސްނުމާ ދިމާވާ ނުވާ ހާލަތުގައި ސަރުކާރު ކޮޅުގައި ސަރުކާރުގެ ޕްރެޝަރަށް ދީލާލުމުގެ. އެ މަޖުބޫރު ކަމެއް އަޅުގަނޑުގެ މައްޗަކަށް ނޯންނާނެ،" މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑު މިއަންނަނީ ވާދަވެރި ސިޔާސީ ޕާޓީ ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި. ވެރިކަން ކުރާ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައެއް ނޫން. އެހެންވީމައި އަޅުގަނޑަށް ވަރަށް ފަސޭހަ ވާނެ މާލޭ ރައްޔިތުންގެ ފަޅީގައި ހުރެގެން ރައްޔިތުން ބޭނުންވާ ކަންކަން ހުށަހަޅައިގެން ކުރަން. ސަރުކާރުން ވެސް ރައްޔިތުންނަށް ފަސޭހަވާ ރައްޔިތުންނަށް ރަނގަޅު ގޮތްގޮތްވާ ކަމެއް ހުށަހަޅައިފިއްޔާ އެންމެ ފުރަތަމަ އެއަށް އިޖާބަދޭނެ މީހަކަށް ވެސް އަޅުގަނޑު ވާނަން. އެއްވެސް ކަމެއްގައި ހުރަހެއް ނާޅާނަން،"
އިންތިޚާބު ކައިރި ވެފައިވަނިކޮށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް މުއިއްޒު ހާސިލް ކޮށްފައިވާއިރު އެކަމާ ގުޅިގެން ވިދާޅުވީ އެ ކޮމިޝަންތަކަށް ހުށަހެޅޭ މައްސަލަތައް ބަލަން ވާނެ ކަމަށާއި އޭސީސީއާ ދޭތެރޭގައި ޝަކުވާއެއް ނެތް ކަމަށެވެ. ނަމަވެސް އޭސީސީއަށް ހާޒިރު ކުރާތީ ވަގުތު ގެއްލޭ ކަމަށާއި އެހެންވެ އިންތިޚާބުގެ ކެމްޕެއިނަށް ހުރަސްތަކެއް އެޅޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އޭނާއަކީ މަޝްރޫތައް ހިންގުމުގައި ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާގެ ތަޖުރިބާގެ އަލީގައި މާލޭގެ މައްސަލަތައް ހައްލުކޮށްދޭން މުއިއްޒު ހުންނެވީ އަޒުމު ކަނޑައަޅުއްވައިގެންނެވެ.
އެޑިޓަރުގެ ނޯޓް: މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް "އަދަދު" އިން ކެެންޑިޑޭޓުންނަށް ވިިއްކި ކެމްޕެއިން ޕެކޭޖުގައި ހިމެނޭ ކޮންޓެންޓެކެވެ.











