"އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކީ އެންމެ ފަހު ބަހެވެ": އެ ހިފައިގެން އިސްތިއުނާފަށް ދެވެން އޮތް ދޮރު ލައްޕައިފިއެވެ! މިއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް ލިބުނު ކާމިޔާބެއްތަ؟ ނުވަތަ ހައްގަށް ލިބުނު ހަނިކަމެއް ހެއްޔެވެ؟
މި ސުވާލު އުފެދިފައި މިއޮތީ ހައިކޯޓުގެ ނިންމުމެއް އައި ގޮތުންނެވެ.
އެމްޑަބްލިއުއެސްސީން ވަޒީފާއިން މީހަކު ވަކި ކުރުމުގައި އޮޑިޓް ރިޕޯޓަކަށް ހަވާލާދީފައިވާތީ، އެ ރިޕޯޓް ހޯދުމަށް އޭނާ އެ ކުންފުނީގައި އެދުމުން ޖަވާބެއް ދީފައެއް ނުވެއެވެ. އެހެންވެ, އޭނާ އެ މައުލޫމާތު ހޯދައިދިނުމަށް އިންފޮމޭޝަން ކޮމިޝަނަރަށް ހުށަހެޅުމުން އެންގެވީ އެ މައުލޫމާތު ދޫކުރުމަށެވެ. އެކަމާ ހިތްހަމަނުޖެހި އެމްޑަބްލިއުއެސްސީން ހައިކޯޓަށް ދިޔައީއެވެ. އެއީ އާންމުކޮށް އަމަލުކުރަމުން ދިޔަ އުސޫލެވެ. އަދި ގާނޫނުގައި ކުރަހައިދީފައި އޮތް މަގެކެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގައި އޮތީ މިހެންނެވެ;
އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭނަމަ އެ ނިންމުމަކާ ގުޅޭ ގޮތުން ހިތްހަމަނުޖެހޭ ފަރާތަކުން އެ މައްސަލައެއް ނިންމާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ނުވަތަ އެ ނިންމުން ނިންމަން ޖެހޭ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ހައިކޯޓަށް އިލްތިމާސްކުރުމުގެ ފުރުސަތު ލިބިދެއެވެ.
އެމްޑަބްލިއުއެއްސީން ހުށަހެޅި މައްސަލާގައި ހުކުމަށް ދިޔުމަށް ހައިކޯޓުން ބަހުސްކުރީ އެ ކޯޓުގެ އިހްތިސޯސްއާ ގުޅޭ ގޮތުންނެވެ. ހައިކޯޓުން މާނަކުރި ގޮތުގައި, މައުލޫމާތު ހޯދުމުގެ ގާނޫނުގައި އިސްތިއުނާފުން މައްސަލަ ބެލުމުގެ ބާރެއް ހައިކޯޓަށް ބަޔާންކޮށްފައި ނުވެއެވެ. އެހެންވެ, ދެން އެ ކޯޓުން ބެލީ އެ ކޯޓަށް އިހްތިސޯސް އޮތް މައްސަލަތަކަށެވެ.
ކޯޓުތަކުގެ ގާނޫނުން ހައިކޯޓަށް ބާރު ދެނީ ދަށު ކޯޓުތަކުންނާއި ޓްރައިބިއުނަލުން ނިންމާ ނިންމުންތަކުގެ އިސްތިއުނާފު ބެލުމަށެވެ. ހުށަހަޅާފައި މި އޮތީ ދަށު ކޯޓަކުން ނިންމި މައްސަލައެއް ނޫނެވެ. ހަމައެހެން, "އިންފޮމޭޝަން ކޮމިޝަނަރު", ޓްރައިބިއުނަލްއަކަށް ވެސް ނުވަދެއެވެ. އެއީ ފަރުދެކެވެ. މުއައްސަސާއެއް ނޫނީ އިދާރާއެއް ނޫނެވެ. އެހެންވެ, އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް އެ ކޯޓަށް ނުބެލޭނެ ކަމަށް ހައިކޯޓުން ކަނޑައެޅިއެވެ.
އެކަމަކު, "އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް" އިން ނިންމާފައިވާ ނިންމުމެއް ކަމަށް ގާނޫނުގެ ލިޔެފައި އޮތްނަމަ, އެ އޮފީހަކީ މުއައްސަސާއެއް ކަމުގައި ބަލައިގެން ޓްރައިބިއުނަލަކުން ނިންމި ނިންމުމެއްގެ ގޮތުގައި އިސްތިއުނާފީ އިހްތިސޯސްގެ ތެރެއިން ހައިކޯޓަށް ބެލިދާނެ ކަމަށް އެ ކޯޓުން ދެކެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ މަގުސަދަކީ ހައިކޯޓުން ބުނާ ގޮތުގައި, އިސްތިއުފާނު ކުރުމުގެ ފުރުސަތު ހޯދައިދިނުން ނޫނެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކޮންމެ މީހަކަށްމެ ގާނޫނުގައި ކަނޑައަޅާ ގޮތެއްގެ މަތިން ލިބިދިނުމެވެ.
މިއާއެކު, އުފެދުނު ސުވާލާ ހަމައަށް އަންނައިރު ވިސްނުން ދެ ކަފިވެއެވެ. އެއް ކޮޅަކީ އިސްތިއުނާފުގެ ހައްގު ނެތުމުން, މައުލޫމާތަށް ހުރަސް އެޅުމެވެ. އަނެއް ކޮޅަކީ އިސްތިއުނާފު ކުރުމުގެ ހައްގު އޮންނަ ނަމަ, މައުލޫމާތު ލިބުމުގެ ހައްގު ހަނިވުމެވެ.
މަތީ ކޯޓަށް ދެވެން ނެތުމަކީ ގެއްލުމެއް؟
ފުރަތަމަ ކޮޅުގެ މިސާލެކެވެ; "ދިޔަރެސް" ނޫހުން ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދު ހޯދުމަށް އިންފޮމޭޝަން ކޮމިޝަނަރު ކައިރިއަށް ގޮހެވެ. އެކަމުގައި ކޮމިޝަނަރު ނިންމެވީ އެއީ ހާމަކުރަން ޖެހޭ މައުލޫމާތެއް ނޫން ކަމެވެ. އެހެންވެ, ވަރުގަދަ ގާނޫނީ ވަކީލުންގެ ޓީމަކާ އެކު, އެ މައްސަލާގައި އެ ނޫހުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރިއެވެ.
އެއީ, ހޯދަން ބޭނުންވި މައުލޫމާތު ކޮމިޝަނަރުގެ އަރިހުން ނުލިބުމަކީ އެ ނޫހަށް ގަބޫލު ކުރެވޭ ކަމަކަށް ނުވުމުންނެވެ. އެކަން މަތީ ކޯޓަކަށް ގެންދެވޭނެ ދޮރެއް ނެތްނަމަ, މައުލޫމާތު ހޯދުމުގެ ހައްގަށް އުނިކަމެއް ނޫނީ ބުރުލެއް އެބަ އާދެއެވެ. އިންޑިއާ ސިފައިންގެ އަދަދުގެ މައުލޫމާތުގައި އެހާ ހިސާބުން ފުލް ސްޓޮޕް ޖެހުނީއެވެ.
"އެންމެ މަރުހަލާއަކުން ކަންކަން ނިމެން އޮތުމަކީ އެންމެ ރަނގަޅު ގޮތަކަށް ނުވެދާނެ, އެހެންވެ އިސްތިއުނާފު ކޯޓުތައް މި ހުންނަނީ, އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކީ އެންމެ ފަހުގެ ނިންމުމުގެ ގޮތުގައި އޮތުމުން ހައްގު އެބަ ހަނިވޭ," ވަކީލަކު ވިދާޅުވިއެވެ.
"ހަގީގަތުގައި ދެ ހައްގު ވެސް ހަނިވޭ, މައުލޫމާތު ހޯދުމުގެ ހައްގު ވެސް, އިސްތިއުނާފު ކުރުމުގެ ހައްގު ވެސް."
މިސާލަކުން އޭނާގެ ނުކުތާ ވަރުގަދަ ކުރައްވަން މަސައްކަތް ކުރެއްވިއެވެ;
އިންތިހާބީ ހައްގަކާ ގުޅޭ މައްސަލައެކެވެ. އިލެކްޝަން ކޮމިޝަންއަކީ އިންތިހާބުތަކާ ގުޅޭ ހުރިހާ ބާރެއް އޮތް ތަން ނަމަވެސް, އެ ކޮމިޝަނުން ނިންމާ ނިންމުންތައް ވެސް އެއީ ފަހުގެ ނިންމުމެއް ނޫނެވެ. ކެންޑިޑޭޓެއްގެ ޝަރުތަކާ ގުޅޭ މައްސަލައެއް ވިޔަސް, އިންތިހާބީ ޝަކުވާއެއް ވިޔަސް އޮތީ މަތީ ކޯޓުތަކުގައި އިސްތިއުނާފު ކުރެވޭ ގޮތަށެވެ.
"އެހެންވީއިރު, އިންފޮމޭޝަން ކޮމިޝަނަރު އެއީ ފަހު ބަސް އިއްވާ ފަރާތެއްގެ އޮތުން ހަމައެއް ނުޖެހޭ, އެއީ ގާނޫނުގެ މަގުސަދެއް ވެސް ނޫން, ގާނޫނު ބައްޓަން ކޮށްފައި އޮތް ގޮތެއް ވެސް ނޫންކަން ޔަގީން," ވަކީލް ވިދާޅުވިއެވެ.
މިކަމުގައި މައްސަަލައަކީ ގާނޫނުގައި ލިޔެފައި އޮތް ގޮތުން "އިންފޮމޭޝަން ކޮމިޝަނަރު" މުއައްސަސާއަކަށް ނުވާނަމަ, އެކަން ބަދަލުކޮށްގެން ވެސް މިކަމަށް ހައްލެއް އެބަ ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބަންޑާރަ ނައިބު އޮފީހުގެ ވިސްނުން ވެސް ހުރީ މި މަގުންނެވެ. އެހެންވެ, އެ އޮފީހުން ވަނީ ހައިކޯޓުން ނިންމި ނިންމުމުގެ ތެރެއަށް ވަދެ, މައްސަލާގައި ސުޕްރީމް ކޯޓަށް ގެންގޮސްފައެވެ. އެމްޑަބްލިއުއެސްސީން ވެސް ވަނީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

ސުޕްރީމް ކޯޓު: އެ ކޯޓުގެ ފަނޑިޔާރުންގެ ކުރިމަތީ އޮތީ މުހިންމު މައްސަލައެއް
މަތީ ކޯޓުތަކަށް ދެވޭނަމަ, އޭގެ ޒާތުގައި މައުލޫމާތުގެ ހައްގު ހަނިވީތަ؟
އަނެއް ކޮޅަކީ ހައިކޯޓުގެ ގާނޫނީ މާނަކުރުމުގެ ސަބަބުން މައުލޫމާތު ލިބިގަތުމުގެ ހައްގު އޭގެ އެންމެ ފުޅާ މިނުގައި އޮތުމެވެ. މިސާލެކެވެ;
އެމްއޭސީއެލްގެ ވެރިންގެ މުސާރަތައް ހާމަނުކޮށްގެން ސޯޝަލް އެކްޓިވިސްޓް އައިމަން ލަތީފް އުޅޭތާ އެތައް ދުވަހެއްވެފައިވާއިރު, ކޮމިޝަނަރު އަންގާފައި އޮތީ އެ މައުލޫމާތު އެމްއޭސީއެލްއިން ހާމަ ކުރަން ޖެހޭ ކަމެވެ. ހައިކޯޓުގެ ހުކުމްގައިވާ ގޮތުން ކޮމިޝަނަރުގެ އެ ނިންމުމަކީ ފަހު ބަހެވެ. އެހެންވީއިރު އެމްއޭސީއެލްއަށް ހާމަކުރުން ނޫން ގޮތެއް ނެތެވެ.
"މިއީ މިކަން އޮންނަން ވާނެ ގޮތް, ހައްގު އޭގެ އެންމެ ފުޅާކޮށް, މައުލޫމާލެއް ހޯދަން ތަކުލީފު ބޮޑުކޮށް އެތައް މަރުހަލާތަކަކަށް ދެވޭ ގޮތަށް އޮތުން ހަމައެއް ނުޖެހޭ, ގާނޫނު މާނަ ކުރަން ވާނީ މައުލޫމާތު ހައްގު ވީއެންމެ ބޮޑަށް ލިބޭ ގޮތަށް," އެހެން ވަކީލަކު ވިދާޅުވި އެވެ.
"ކޮމިޝަނަރުގެ ނިންމުން ކޯޓުތަކުގައި އިސްތިއުނާފު ކުރެވޭނަމަ, އޭގެ ޒާތުގައި މައުލޫމާތުގެ ހައްގު އެބަ ހަނިވޭ."
އޭނާ ގަބޫލު ކުރައްވާ ގޮތުގައި, އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުން ފަހު ބަހެއްގެ ގޮތުން އޮތުން މައްސަލައެއް ނޫނެވެ. އެއީ, ކޮމިޝަނަރު ގޮތެއް ނިންމަވަނީ އިދާރާތަކުން ނިންމާ ނިންމުންތަކެއްގެ މައްޗަށް ބަސް އިއްވުމުގެ ގޮތުން ކަމަށްވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ނިންމުން އިސްތިއުނާފަށް ހުޅުވާފައި އޮންނަ ނަމަ, އެތައް ދުވަހަކަށް ޝަރީއަތްތައް ދިގުލައި މައުލޫމާތު ހޯދުމަށް ތަކުލީފުތައް ބޮޑުވެގެން ދިޔުން ނޫން ކަމެއް ނުވާނެ," އޭނާ ވިދާޅުވި އެވެ.
ގާނޫނުގައި އިންފޮމޭޝަން ކޮމިޝަނަރަށް ބޮޑެތި ބާރުތަކެއްދީ, ނިޒާމް ބައްޓަންކޮށްފައިވަނީ ވަކީލް ގަބޫލު ކުރައްވާ ގޮތުގައި, މައުލޫމާތު ދޫކުރުމާއި އެ ހޯދުމަށް ބާރު އަޅާ ގޮތަށެވެ. އެގޮތުން ގާނޫނުގައި އޮތް މާއްދާއަކަށް އޭނާ އަލިއަޅުވާލި އެވެ. އެ މާއްދާގައި އޮތީ މިހެންނެވެ;
އިންފޮމޭޝަން ކޮމިޝަންގެ ނިންމުމަށް އަމަލު ނުކޮށް ވަނިކޮށް 45 ދުވަސް ފާއިތުވެއްޖެނަމަ، އެފަރާތަކާމެދު، ގާނޫނީ ގޮތުން ކޮށްފައިވާ އަމުރަށް ނުކިޔަމަންތެރިވުމުން އަމަލުކުރާ އުސޫލުން އަމަލުކޮށްދިނުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް، ފޮނުވިދާނެ ކަމަށެވެ.
"މީގެން ވެސް އެބަ އެނގޭ އިންފޮމޭޝަން ކޮމިޝަންގެ ބާރު," އޭނާ ވިދާޅުވި އެވެ.
ވަކީލް ވިދާޅުވި ގޮތުގައި މައުލޫމާތުގެ ނިޒާމް އޮތް ގޮތުން, ކޮމިޝަނަރަކީ މިނިވަން މަގާމެއް ކަމަށްވާއިރު އޭނާއަށް މަސައްކަތް ކުރެވޭނީ ހަމައެކަނި އާންމު މަސްލަހަތުގަ އެވެ. އާންމު މަސްލަހަތުގެ ބޭރުން މައުލޫމާތެއް ހިފަހައްޓައިގެން ފައިލްކޮށްގެން އިނުމަކީ އެ މަގާމުގައި ކުރެވޭނެ ކަމެއް ނޫނެވެ. އެހެންވީމަ ވަކީލް ވިދާޅުވި ގޮތުގައި, ކޮމިޝަނަރުގެ ހުރިހާ ނިންމުމެއް ވެސް އަންނާނެ ކަމަށް ގަބޫލު ކުރަންވާނީ އާންމު މަސްލަހަތު އެންމެ ބޮޑު ގޮތަށެވެ.
"މިއީ މިހާ ފުރިހަމައަށް, ސާފުކޮށް އޮތް ބާރުގަދަ ނިޒާމެއް,"
އެކަމަކު, ކޮމިޝަންގެ ބާރުގަދަ ނިޒާމްގެ ތެރެއިން ކަންކަން އަދި ނުހިނގަ އެވެ. އެމްއޭސީއެލްގެ ސީއީއޯގެ މުސާރައިގެ މައްސަލައަކީ ކަމުގެ ހެއްކެކެވެ. ކޮމިޝަރުގެ ނިންމުމުގެ މައްޗަށް ވެސް އެމްއޭސީއެލްއިން އަންނަނީ އެ މައުލޫމާތު ހާމަކުރަން ދެކޮޅު ހަދަމުންނެވެ. އެއް ސަބަބަކީ, އެމްޑަބްލިއުއެސްސީގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި އޮތުމެވެ.
އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ވެސް ގަބޫލު ކުރައްވާ ގޮތުގައި އެމްއޭސީއެލްއިން މިހާރު މައުލޫމާތު ހިފަހައްޓައިގެން ތިބީ ސުޕްރީމް ކޯޓުގައި ހައިކޯޓުގެ ނިންމުން އިސްތިއުނާފުކޮށްފައި އޮތުމުންނެވެ. ނަމަވެސް, އެގޮތަށް އެހެން ނުތިބޭނެ ކަމަށް ކޮމިޝަނަރު ދެކެވަޑައިގަންނަވަ އެވެ. އެއީ, މިހާރު ދެމި އޮތީ ހައިކޯޓުގެ ހުކުމަށް ވެފައި އެ ކޯޓުން އަންގާފައި އޮތީ ކޮމިޝަނަރުގެ ނިންމުމަކީ އެ މައްޗަށް އަމަލު ކުރަން ޖެހޭނެ ނިހާއީ ނިންމުމެއް ކަމަށްވާތީ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން ނެރުއްވާފައިވާ ރައުޔެއްގައި ވެސް ކަނޑައަޅާފައިވާ ގޮތުގައި, މައްސަލައެއް އިސްތިއުނާފު ކުރުމަކީ އޭގެ ސަބަބުން އޮޓޮމެޓިކުން ހުކުމް ތަންފީޒުކުރުން ފަސްކުރަންޖެހޭ ސަބަބެއް ނޫނެވެ. ހުކުމް ތަންފީޒުކުރުން ފަސްކުރެވޭނީ އިސްތިއުނާފީ ކޯޓަކުން އެފަދައިން އަމުރު ކުރުމުންނެވެ.
ކޮމިޝަނަރުގެ ނިންމުން އިސްތިއުނާފު ނުކުރެވޭނެ ކަމަށް ކަނޑައެޅި ހައިކޯޓުން ހުކުމް, މަޑުޖައްސާލަން މިހާތަނަށް އަމުރެއް ނެތެވެ.
ނަމަވެސް, އާހިދު ގަބޫލު ކުރައްވާ ގޮތުގައި ހައިކޯޓުގެ ހުކުމް އައި ގޮތުން ގާނޫނީ ހުސްކަމެއް އެބަ އޮތެވެ. އެމްއޭސީއެލްގެ މައްސަލައިގައި އަމަލު ކުރާނެ ސީދާ ގޮތެއް މިވަގުތު ސާފު ނުވަނީ އެވެ. އެކަން ސާފުވާން އޮތީ ސުޕްރީމް ކޯޓުން މައްސަލައިގައި ގޮތެއް ކަނޑައަޅައިގެންނެވެ.
މާދަމާއަށް ސުޕްރީމް ކޯޓުގައި ހައިކޯޓުގެ ހުކުމާ ގުޅޭ, ދައުލަތުން ކުރި އިސްތިއުނާފާއި އެމްޑަބްލިއުއެސްސީން ކޮށްފައިވާ އިސްތިއުނާފުގެ އަޑުއެހުން ވެސް ވަނީ ތާވަލުކޮށްފަ އެވެ.
ސުޕްރީމް ކޯޓުން ނިންމަން އޮތީ އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން ފަހު ބަހަށް ހެދުންތޯ ނޫނީ, މައުލޫމާތު ހޯދުމުގެ ހައްގާއެކު ސުޕްރީމް ކޯޓާ ހަމައަށް ވެސް އާދެވޭ ގޮތަށް މަގު ތަންމިނަށް ހުޅުވާލާފައި ބާއްވާނީ ކަމާމެދު އެވެ.
މިއީ މައުލޫމާތު ލިބިގަތުމުގެ ހައްގަށްޓަކައި މުހިންމު, ބޮޑު ޝަރީއަތަކަށް ވާނެ އެވެ.












