ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި, ތިން އިންތިހާބު ކާމިޔާބު ކުރުމަކީ ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއެއްގެ އަތުގައި އޮތް ރެކޯޑެއް ނޫނެވެ. އެޕްރީލް 10 ގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ މުޅި އަމާޒަކީ އިދިކޮޅު ތިން ބަލި ކުރުމެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބަށް ފަހު, ލޯކަލް ކައުންސިލް އިންތިހާބުން ވެސް މޮޅުވުމެވެ.
އެމްޑީޕީ މައި ޕާޓީގެ ގޮތުގައި އޮވެ 2018ގެ ރިޔާސީ އިންތިހާބު ކޯލިޝަނަކުން ކާމިޔާބުކޮށް, 2019ގެ މަޖިލީސް އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯދި އެވެ.
އިންތިޚާބުތަކުގައި ކޯލިޝަނުން އެކުގައި ވާދަކުރަން ވީ ވައުދާއި އަހުދަށް ބެލުމެއް ނެތި މަޖިލިސް އިންތިޚާބަށް އެމްޑީޕީ ނުކުތީ ވަކިންނެވެ. އެކަނި ނުކުމެ މަޖިލީހުގެ 85 ގޮނޑީގެ ތެރެއިން 65 ގޮނޑި ނެގުމަކީ ތާރީހީ ކާމިޔާބީއެކެވެ. ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްތާ އެކު އެއްވެސް ސިޔާސީ ޕާޓީއަކުން މިހާތަނަށް ވެރިކަމެއް ނުކުރެ އެވެ.
އެމްޑީޕީގެ ދެ ލީޑަރުން, ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މި އިންތިހާބަށް ޖެއްސެވި ހިސާބު އޮތީ އާއްމު ކުރައްވައިފަ އެވެ. އެއީ 80 ޕަސެންޓުން އެމްޑީޕީ މި އިންތިހާބުގައި ކުރި ހޯދުމެވެ.

އެކަމަކު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަޝިޕުން ޔަގީންކުރާ ގޮތުގައި, އެ ހިސާބު ދިމައެއް ނުވާނެ އެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި, ދެ އިންތިހާބުގައި ރައްޔިތުން ދިން ވޯޓާ އެކު ވެރިކަމުގެ މިސްރާބު ގޯސްވެ, ވައުދު ނުފުއްދި ރައްޔިތުން މާޔޫސްވެއްޖެ އެވެ. ކައުންސިލް އިންތިހާބުގައި ސާފުކޮށް އެ މެސެޖް ސަރުކާރަށް ދޭނެ ކަމަށް އިދިކޮޅުން ތިބީ އުއްމީދުކޮށްގެންނެވެ.
2019-2008 އަށް ރައްޔިތުންގެ ނިންމުން
ވާދަވެރި ސިޔާސީ ޕާޓީތައް އެކުލެވޭ ނިޒާމަކުން ރާއްޖެ ހިންގަން ފަށައި 2008ގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބުކުރީ އެމްޑީޕީންނެވެ. ދިގު 30 އަހަރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރި ހޯއްދެވީ އެހެން ޕާޓީތަކާ އެކު ހެއްދެވި އިއްތިހާދަކުންނެވެ.
ރިޔާސީ އިންތިޚާބުތަކަށް އަދިވެސް ރާއްޖޭގައި އޮތީ އިއްތިހާދު ވުމުގެ ފޯމިއުލާ އެވެ. އެއް ޕާޓީއަކުން ނުކުމެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭ ވަރުގެ ޕާޓީއެއް ނެތެވެ. ނޫން ނަމަ, ރީނދޫ ލަޝްކަރާ އެކު ނުކުތް އެމްޑީޕީ 2013ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރީހެވެ. ނުވަތަ 2018 ގައި ހެދި މިހާރު ވެރިކަން ކުރާ ބޮޑު ކޯލިޝަންގެ މައްޗަށް ކުރީގެ ރައީސް އަބްދުالله ޔާމީނަށް ކުރި ހޯއްދެވުނީހެވެ.
އެމްޑީޕީގެ ވެރިކަމުގައި އެ ޕާޓީއަށް ފުރަތަމަ ކުރިމަތިވި އިމްތިހާނަކީ 2009ގެ މަޖިލިސް އިންތިހާބެވެ. އިންތިޚާބުގެ ގިނަ ގޮނޑިތައް ނެގީ އޭރުގެ އިދިކޮޅު ޕާޓީ, ޑީއާރުޕީންނެވެ. ލާމަރުކަޒީ ނިޒާމް ހިންގަން 2011ގައި ބޭއްވި ފުރަތަމަ ކައުންސިލް އިންތިހާބު ވެސް ލިބުނީ ޑީއާރުޕީ އަށެވެ. ކައުންސިލްތަކުގެ 502 ގޮނޑި ޑީއާރުޕީން ނެގި އިރު އެމްޑީޕީއަށް ލިބުނީ 395 ގޮނޑި އެވެ. އަމިއްލަ ގޮތުން ވާދަކޮށް 160 މީހަކު ގޮނޑި ކަށަވަރު ކުރި އެވެ.
ޑީއާރުޕީ ބައިބައިވެ, 2011 ގައި އުފެދުނު ޕީޕީއެމުން 2013 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރީ, ސިޔާސީ މަސްރަހުގައި ބޮޑު ކުރިއެރުމެއް ކުރު މުއްދަތެއްގެ ތެރޭގައި ހޯދައިގެންނެވެ. ޖެހިގެން އައި އަހަރު ބޭއްވި މަޖިލީހުގެ އިންތިޚާބުގައި ވެސް އެމްޑީޕީގެ މައްޗަށް ޕީޕީއެމުން ކުރި ހޯދި އެވެ. މަޖިލީހުގެ 33 ގޮނޑި ޕީޕީއެމުން ނެގި އެވެ. އެމްޑީޕީ އަށް ލިބުނީ 26 ގޮނޑި އެވެ.
ޕީޕީއެމްގެ ވެރިކަމުގެ ދެ ވަނަ އަހަރުގެ ތެރޭގައި ބޭއްވި މަޖިލީސް އިންތިހާބު ކާމިޔާބު ވިޔަސް ތިން ވަނަ އަހަރު ފެށެން އުޅެނިކޮށް ބޭއްވި ކައުންސިލް އިންތިޚާބުގައި ރައްޔިތުން ޕީޕީއެމަށް ދިނީ ވަރުގަދަ މެސެޖެކެވެ. އެ އިންތިޚާބުގައި ޕީޕީއެމުން ވިއްކީ ތަރައްގީ އެވެ. މަޝްރޫއުތައް އިއުލާންކޮށްފައި ވަނިކޮށް 2014 ގައި ބޭއްވި އިންތިހާބުގައި އަޣުލަބިއްޔަތު, ރައްޔިތުން ދިނީ އެމްޑީޕީއަށެވެ. އޭގެ ފަހުން 2017ގައި ބޭއްވި އިންތިހާބު ވެސް ކާމިޔާބުކުރީ އެމްޑީޕީންނެވެ.
މާލެ ހިމެނޭ ގޮތުން ތިން ސިޓީ ކައުންސިލާއި ބޮޑެތި އާބާދީތަކުގެ މެޖޯރިޓީ ދިނީ އެމްޑީޕީ އަށެވެ. މާލޭ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން 12 ގޮނޑިއާ އެކު އައްޑު އާއި ފުވައްމުލަކު ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ނެގި އެވެ. ބޮޑެތި އާބާދީތަކުގެ ވެސް ގިނަ ގޮނޑިތައް ރީނދޫ ކުލައިން ފެންނަން އޮތުމުން ޕީޕީއެމަށް ޖެހުނީ ބަލި ގަބޫލުކުރާށެވެ.
އެންމެ ފަހުން ބޭއްވި ކައުންސިލް އިންތިޚާބާ އެކު ޕީޕީއެމަށް ލިބުނު ނާކާމިޔާބީ އެގޮތުގައި މިއަދާ ހަމައަށް ދެމި އެބައޮތެވެ. އެ އިންތިޚާބުން ފެށިގެން މިހާތަނަށް ބޭއްވި ދެ އިންތިޚާބުގައި ވެސް ރައްޔިތުންގެ ތާއީދެއް ނުލިބުނެވެ. އެކަމަކު, މި އިންތިހާބު ތަފާތުވުން ގާތެވެ. ރޫޅި ބައިބައިވެފައި އޮތް ޕީޕީއެމް ވަރުގަދަވާނެ ކަމުގެ ޔަގީންކަން ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށް އޮތުމުންނެވެ.
ތާއީދު އޮތްތޯ ބަލާ އިންތިހާބެއް؟
ކޮންމެ ސަރުކާރެއްގައި ވެސް ދައުރުގެ މެދު ތެރެއިން މި އޮންނަ ކައުންސިލް އިންތިހާބު ކާމިޔާބު ކުރަން ފަސޭހައެއް ނޫނެވެ. ލާމަރުކަޒީ ނިޒާމް ހިންގަން ފެށިފަހުން ފާއިތުވެދިޔަ ތިން ކައުންސިލް އިންތިހާބުން ވެސް އެކަން ފެންނަން އެބައޮތެވެ. ވައުދުތަކާ އެކު ވެރިކަމާ ހަވާލުވެ ދެ އަހަރާ ބައިވާ އިރު ރައްޔިތުން އެދުނު މިސްރާބަށް ގައުމު ބައްޓަންވޭތޯ ބަލައި އެ މަގަށް ނުދާ ނަމަ ރައްޔިތުންގެ ފާޑުކިއުން އެންމެ ބޮޑުވާ ދުވަސްކޮޅަކީ މި އެވެ.
ސަރުކާރަށް ތާއީދު އޮތްތޯ ބަލާ އިންތިހާބެއްގެ ގޮތުގައި ކައުންސިލް އިންތިހާބު ސިފަކުރާ އެއް ސަބަބަކީ އެ އެވެ. މި އިންތިހާބުގައި ސަރުކާރަށް ފާޑުވެރި ނަޒަރަކުން ވޯޓުލާން ނުކުންނަ މީހުން ގިނަ އެވެ. މި އިންތިހާބުގައި ވެސް ފާޑުވެރިކަން ކުރިއަށް ނެރެ އިންތިހާބުގެ ވޯޓާ މިއޮތީ ގުޅުވާލައިފަ އެވެ.

މި އިންތިހާބަށް ފަހު ދެން އޮންނާނީ ރިޔާސީ އިންތިހާބަށް އޭރަކު އޮންނަ ސަރުކާރަކުން ތައްޔާރުވާން ޖެހިފައި އޮންނަ ދެ އަހަރަށް ވުމަކީ ވެސް ފާޑުވެރި ނަޒަރަކުން ވޯޓުލާ ސަބަބެކެވެ.
މި އިންތިހާބުގައި ހެޓްރިކް ހަދަން ނިންމައިގެން ތިބި އެމްޑީޕީން "ރަށްވެހި ފަތިސް"ގެ މަންޒަރު އެ ދައްކާހާ ފަސޭހަ އިން ކާމިޔާބު ކުރެވިދާނެތޯ ސުވާލު އުފެދެ އެވެ. ކައުންސިލް އިންތިހާބުތަކުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ވެސް މަދެވެ.
ވާދަވެރި ކެމްޕޭންތަކަކުން ފޯރި ނަގާ އެމްޑީޕީ އަށް މި އިންތިހާބު ސްކްރީންގައި ދައްކާާހާ ފަސޭހަ ނޫން ސަބަބުތަކެއް ވެ އެވެ. އަހަރުތަކެއް ވަންދެން ޕާޓީއަށް ވަފާތެރި މެމްބަރުން މާޔޫސްވާ ކަންކަން އެބަހުއްޓެވެ. އެ ކަންބޮޑުވުންތަކާއި ޝަކުވާތައް ވެސް ދަނީ އޮއްސަމުންނެވެ. މި ކަންކަމާ ގުޅުވަނީ ޕާޓީއަށް ވަފާތެރިންގެ ގޮތުގައި ތިބެ ވޯޓުލާން ޖެހޭ ސަބަބެއް ނެތް ކަމެވެ.
ކޮވިޑް-19ގައި އަހަރެއްހާ ދުވަސް ހޭދަވެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް އައި ދަތިކަމާއި މި ވެރިކަން ފެށުނުއިރު އުއްމީދުކުރި ވަރަށް "ހުވަފެންތަކުގައި ކުލަ ނުޖެހުމަކީ" ވެސް މި އިންތިހާބު ކާމިޔާބު ކުރުމުގައި އެމްޑީޕީއަށް އޮތް ގޮންޖެހުމެއް ކަން ވޯޓުލާން ނުދާނެ ކަމަށް ދައްކާ ވާހަކަތަކުން ސާފެވެ. މީގެ އިތުރަށް, ބޯހިޔާވަހިކަމުގެ ވައުދު ފުއްދުމުގައި އަންނަ ލަސް ކަމާއި މަރުތަކަށް އިންސާފު ހޯދުމާއި އެމްއެމްޕީއާރުސީގެ ޚިޔާނާތް ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް ދައުލަތަށް ގެއްލުނު ފައިސާ ހޯދައިދޭން ވީ ވައުދު ކޮޅެއްގައި ނުޖެހި އަދި އޮތުމަކީ ސަރުކާރާ މެދު ނުރުހުންވާ ބައެއް ކަންކަމެވެ.
މި އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ނުވާނެ ސަބަބުތަކުގެ ގޮތުގައި އިދިކޮޅުން ވެސް ދައްކަނީ މި ވާހަކަތަކެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ދީގެން ނަތީޖާ ނުނެރެވުމުގެ ތުހުމަތާ އެކު މި އިންތިހާބު ޕީޕީއެމަށް ދޭން ޖެހޭ ސަބަބާ މެދު އެ މީހުން ސުވާލު އުފައްދަ އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުالله (އަދުރޭ) "އަދަދު"އަށް ވިދާޅުވީ މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވައިފި ނަމަ ތަފާތު ބޮޑު ނަތީޖާއަކުން މި އިންތިހާބު ޕީޕީއެމް ކާމިޔާބު ކުރާނެ ކަމަށެވެ. ކުރިމަތިލާފައިވާ ނިސްބަތުން ގިނަ ގޮނޑިތައް, މިފަހަރު ނަގާނީ އޭނާ ޔަގީންކުރައްވާ ގޮތުގައި ޕީޕީއެމުންނެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ 18 އަތޮޅު ކައުންސިލްގެ 70 ޕަސެންޓާ އެކު ސިޓީ ކައުންސިލްތަކުން 50 ޕަސެންޓާ އެކު އިންތިހާބުގައި ޕީޕީއެމް ކުރި ހޯދާނެ އެވެ.
"ހިތްހަމަނުޖެހުން ހުއްޓަސް, ބޮޑު މަންޒަރެއް ނުގެއްލޭނެ"
އެކަމަކު އެމްޑީޕީން ގަބޫލުކުރާ ގޮތުގައި މި އިންތިހާބު ފަސޭހަކަމާ އެކު އެ ޕާޓީއަށް ކާމިޔާބުވާނެ އެވެ. އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ދައްކަނީ އެ ޕާޓީން ވަކާލާތުކުރާ އަދި ޕީޕީއެމުން ގަބޫލުނުކުރާ ކަމަށް އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވިދާޅުވެފައިވާ ލާމަރުކަޒީ ނިޒާމް ބާރުވެރިކުރަން ބާއްވާ އިންތިހާބަކަށް މި އިންތިހާބު ވުމެވެ.
ކައުންސިލް އިންތިހާބަށް ކަނޑައެޅި އެމްޑީޕީގެ ތަރުޖަމާން މުހައްމަދު ސައިފް ފާތިހް ”އަދަދު“އަށް ވިދާޅުވީ އެމްޑީޕީން މި އިންތިހާބުގައި ހެޓްރިކް ހަދާނެ ކަމާ މެދު ޕާޓީއަށް ޔަގީންކަން އެބައޮތެވެ. މާލޭ ސިޓީ ކައުންސިލާ އެކު ރާއްޖޭގެ ހުރިހާ ރަށްތަކެއްގެ ކައުންސިލް އެމްޑީޕީއަށް ކާމިޔާބު ވާނީ މި ނިޒާމަކީ އެހެން ބަޔަކަށް ހިންގަން އެނގޭނެ ނިޒާމެއް ނޫން ކަން ރައްޔިތުން ގަބޫލުކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ވިސްނުމެއް. ދިވެހިންނަށްޓަކައި އެމްޑީޕީން ދެކެމުން އައި ހުވަފެނެއް,“ ސައިފް ވިދާޅުވި އެވެ.
ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއަކީ ލާމަރުކަޒުކުރުން ކަމަށް ރައީސް ސޯލިހް ވިދާޅުވި ވާހަކަފުޅަށް ބާރު ދެއްވައި ސައިފް ވިދާޅުވި ގޮތުގައި, މި ވެރިކަމުގެ މިހާތަނަށް ރާއްޖޭގެ ހުރިހާ ރަށަކަށް ވަނީ މިއިން ޒަމާނަކު ނުހިންގާހާ ގިނަ މަޝްރޫއުތައް ކުރިއަށް ގެންގޮސްފަ އެވެ.
"ލާމަރުކަޒު ކުރުމުގެ ވިސްނުން އޮތްވަރު ފެންނާނެ, މިސާލަކަށް ވ. ތިނަދުއަށް ބެލިއަސް ބަނދަރު އަޅާ ތަން ފެންނާނެ. ގދ. ތިނަދުއަށް ބެއްޔަސް ބަނދަރު އަޅާނެ. މީހުން ދިރިއުޅޭ އެއްވެސް ރަށެއް އިސްތިސްނާނުކޮށް ރަނގަޅު ލާމަރުކަޒީ ނިޒާމެއް މި ސަރުކާރުން ވަނީ ފަށާފައި,“ އޭނާ ވިދާޅުވި އެވެ.
ސައިފް ވިދާޅުވީ ވާދަވެރި ޕީޕީއެމުން މި ނިޒާމް ގަބޫލުނުކުރާކަން ސާފުކޮށް ބުނެފައި އޮތް ކަމަށާއި އެ ކޯލިޝަންގެ ވިސްނުމަކީ އެ ބައެއްގެ ރަށުގައި ރީތިކޮށް ދިރިއުޅެން އޮއްވައި ވެސް "ރައްޔިތުން ކޮންކްރީޓް ގޮޅިއަކަށް ލުން" ކަމަށެވެ.

ކޮވިޑުގައި ރައްޔިތުންނަށް ދިމާވި ދަތިތަކުން އަރައިގަތުމުގެ މަސައްކަތް ކުރީ ސިވިލް ސާވިސްގެ އެއްވެސް މުވައްޒަފެއްގެ މުސާރަ އުނި ނުކޮށް, ވިޔަފާރިތައް ބަނގުރޫޓުވިޔަ ނުދޭން ލޯނާއި އިންކަމް ސަޕޯޓް އެލަވަންސާއި ކަރަންޓް ސަބްސިޑީ ދީގެން ކަން ފާހަގަކުރެއްވި އެވެ. ފެނާއި ނަރުދަމާއި ބަނދަރު އަދި މަގު ހެދުމުގެ މަޝްރޫއުތައްވެސް ކޮވިޑާ ހެދި ހުއްޓާ ނުލާ ކަމަށް ވިދާޅުވި އެވެ.
"މުޅި ދުނިޔެއަށް މާޔޫސްކަން ވެރިވި ވަގުތު އުއްމީދެއް މި ގެނެސްދިނީ އެމްޑީޕީގެ ސަރުކާރުން," އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ވެރިކަމެއް ނަމަ އޮންނާނީ މި ހާލަތުތޯ އެނާ ސުވާލު އުފެއްދެވި އެވެ.
ވޭތުވެދިޔަ ދެ އިންތިހާބުގައި އެމްޑީޕީ އަށް ދިން ޔަގީންކަން މި އިންތިހާބުގައި ރައްޔިތުން އާ ކޮށްދޭނެ ކަމާ މެދު ސައިފްގެ ޔަގީންކަން އެބައޮތެވެ.
އެމްޑީޕީގެ މެމްބަރުންގެ ހުރި ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވައި ވިދާޅުވި ގޮތުގައި އެމްޑީޕީގެ މެމްބަރުންނަކީ ގަބޫލުކުރުންތަކެއްގެ މަތީގައި ތިބި އެކަން ކަން ނުވާ ނަމަ އަޑު އުފުލާނެ ބައެކެވެ. އެކަމަކު އެ ޕާޓީއަކީ ސިޔާސީ ކަންކަމުގައި ތަސައްރަފް ފުދިފައި ތިބި އަދި އަމާޒު ނުގެއްލޭނެ ބައެއް ކަމަށް ވިދާޅުވި އެވެ.
"ބޮޑު މަންޒަރެއް ނުގެއްލޭނެ. އަޅުގަނޑުމެން ކުރަން މި އުޅޭ ކަމަކީ ދިވެހިރާއްޖެ ބަދަލުކުރުމުގެ މަސައްކަތް. އެކަމުގައި ކުނި ވެސް ޖެހޭނެ. ލަސްވީމަ ޝަކުވާ ވެސް ކުރާނެ. އެކަމަކު އެ ކަންކަމުގައި ޖެހި އެހެން ޕާޓީއަަކަށް ވޯޓުލުމަކީ އެމްޑީޕީގެ މެމްބަރުން އަދި މި ޕާޓީގެ ސިޔާސަތުތައް ގަބޫލުކުރާ ރައްޔިތުން ކުރާނެ ކަމެއް ނޫން," ސައިފް ވިދާޅުވި އެެވެ.
ހެޓްރިކް ހެދުމުގައި އެމްޑީޕީގެ ގަބޫލުކުރުން މަތީގައި ދެމިތިއްބަސް ރައްޔިތުންގެ ބަސް ސާފުވާނީ އިންތިހާބުގެ ވޯޓުންނެވެ. ކައުންސިލްތަކާ އެކު އިތުރު ބާރުވެރިކަމެއް އެމްޑީޕީއަށް ދޭނީތޯ ނުވަތަ ވޭތުވެދިޔަ ދެ އިންތިހާބުގައި ކުރި އިތުބާރު ދެމި އެބައޮތްތޯ ނަތީޖާ އިން އެނގޭނެ އެވެ. މި އިންތިހާބުގައި ހެޓްރިކެއް ނުހެދިއްޖެ ނަމަ ރައްޔިތުން އެ ނަގައިދެނީ ވަރަށް ވަރުގަދަ ފިލާވަޅެެކެވެ.












