އަޒަރުބައިޖާންގައި ފެސްޓިވަލެއް ސިފައިގައި ކުރިއަށްގެންދަން ނިންމާފައިވާ ފީފާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖޭން ރޭންކިން ލެވަލްގައި ތާރީހީ މޮޅެއް ހޯދައިފި އެވެ.
ހަ ބައްރުން 189 ޓީމު ވާދަކުރި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދީ ފައިނަލުގައި ޗެކް ރިޕަބްލިކް އަތުން 3-0 އިން މޮޅުވެގެންނެވެ. ތިން ވަނަ އަށް ގްރީސް ދިޔައިރު، ހަތަރު ވަނައިގައި ނިންމީ ޕެރަގުއޭ އެވެ.
ރޭންކިން މެޗުގައި، ބްރިޓިޝް ވާޖިން އައިލެންޑްސް އަތުން މޮޅުވި ރާއްޖެ ދިޔައީ މުޅި މުބާރާތުން 159 ވަނަ އެވެ. ރޭންކިން މެޗުގައި ރާއްޖެ ހޯދި މޮޅަކީ، ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ލިބުނު ފުރަަތަމަ މޮޅެވެ.
އަހުމަދު ޝާކިރު (ޝާކިއްޓެ)ގެ ކޯޗުކަމުގައި ކުޅުނު ރާއްޖޭން މުބާރާތުގައި ކުޅުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ގްރޫޕް އޭގައި ވާދަކޮށް ދެކުނު އެފްރިކާ އަތުން 8-0 އިން ބަލިވިއިރު، ފްރާންސް އަތުން 6-0 އިން ބަލިިވި އެވެ. ތިން ވަނަ މެޗުގައި ކޮސޯވޯއާ ކުޅެގެން ބަލިވީ 3-0 އަދި، އަންގުއިލާއާ ކުޅެގެން 3-3 އިން އެއްވަރުވިއިރު، ގްރޫޕް ފަހު މެޗުގައި 3-1 އިން އެސްޓޯނިއާ އަތުން ވީ ބައްޔެވެ.
ގްރޫޕް ސްޓޭޖަށް ފަހު، ރާއްޖޭން ވާދަކުރަން ޖެހުނީ، ރޭންކިން ބުރުގެ ޓަޔާ އީގަ އެވެ. އެ ބުުރުގެ ގަދަ 32 ޓީމުގެ ބުރުގައި، އެސްވަޓީނީ އަތުން 3-0 އިން ބަލިވިއިރު، ގަދަ 16 ބުރުން ގުއާމް އަތުން 2-0 އިން ބަލިވި އެވެ. މި ޓަޔާގެ ކުއާޓާ ފައިނަލުގައި 8-1 ޑޮމިނިކާ އަތުން ބަލިވިއިިރު، ސެމީ ފައިނަލުގައި ޓާކްސް އެންޑް ކައިކޯސް އައިލެންޑް އަތުން 4-2 އިން ބަލިވި އެވެ. އަދި، ރޭންކިން ޓަޔާގެ ފައިނަލުގައި، ބްރިޓިޝް ވާޖީން އައިލެންޑްސް އަތުން 2-0 އިން މޮޅުވީ އެވެ.
ފީފާ 15 އަހަރުން ދަށުގެ ފެސްޓިވަލް ސްޓައިލުގެ މި ވޯލްޑް ކަޕްގައި، ދެކުނު އޭޝިއާ ސަރަހައްދުގެ ރޭންކިން އަށް ބަލާއިރު، އިންޑިއާ ދިޔައީ 87 ވަނަ އެވެ. ބަންގްލަދޭޝް 130 ވަނައިގައި އޮތްއިރު، ސްރީ ލަންކާ އޮތީ ރާއްޖެ އަށް ވުރެ އެއް ދަރަޖަ ކުރީ 158 ވަނައިގަ އެވެ. ނޭޕާލް، 163 ވަަނައިގައި އޮތްއިރު، ޕާކިސްތާން އޮތީ 169 ވަނައިގަ އެވެ. އަދި ބޫޓާން އޮތީ 182 ވަނައިގަ އެވެ.












