އަންނަ މަހު ބަންގްލަދޭޝްގެ ޑާކާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތަށި ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، ރާއްޖޭން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ އިންޑޮނޭޝިއާގައި ކުރިއަށްގެންދާ ޓްރެއިނިން ކޭމްޕްގެ ބޭނުންހިފުން މުހިންމު ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް، އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.
އަންނަ މަހު ދެ ވަނަ ދުވަހުގެ ނިޔަލަށް އިންޑޮނޭޝިއާ އަށް ޓްރެއިނިން ކޭމްޕަކަށް އިއްޔެ ގައުމީ ޓީމު ފުރުމުގެ ކުރިން، މާލޭ ބަސް ޓާމިނަލްގައި ޓީމާ ބައްދަލުކުރުމަށް ފަހު، ޕީއެސްއެމް އަށް ދިން އިންޓަވިއުއެއްގައި ތޯރިގު ވިދާޅުވީ، މި ކޭމްޕް ހަމަޖައްސައިދިނީ ގައުމީ ޓީމުގެ ކޯޗު، ހަންގޭރީގެ އިސްޓަވާން އުރްބާނީ އަށް ޓީމު އެކުލަވާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
"ދެން ހާއްސަކޮށް މާލޭގެ މާހައުލުން ބޭރުވުމުން ވެސް ޓީމު އެކަމަށް ފޯކަސް ކޮށްގެން މަސައްކަތް ކުރަން އެ ލިބޭ ވަގުތުގައި، ދެން، ކޮމްޕެޓިޓިވް ދެ މެޗު ދީގެން،" ތޯރިގު ވިދާޅުވި އެވެ.
މިދިޔަ ސެޕްޓެމްބަރު/އޮކްޓޫބަރު ފީފާ ބްރޭކްގެ ތެރޭގައި ގައުމީ ޓީމުގެ ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އުރްބާނީ ވަނީ ސާފްގެ ކުރިން ތައްޔާރުވާން ދެ މެޗު ކުޅުން މުހިންމު ކަމަށް ބުނެފަ އެވެ. ތޯރިގު ވަނީ އިންޑޮނޭޝިއާ ކޭމްޕްގެ ތެރެއިން ރާއްޖޭން ވާދަވެރި ދެ މެޗު ކުޅޭނެ ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭން އެންމެ ފުރަތަމަ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، ޓީމުގައި ހިމެނުނު ތޯރިގު ވިދާޅުވީ، މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރަނގަޅު ނަތީޖާ އަކަށް އުންމީދުކުރާއިރު، ސަރަހައްދުގެ ފުޓްބޯޅައިގެ ކަންކަން މި ވަގުތު ހުރި ގޮތުން ރާއްޖެ އަކީ ފޭވަރިޓެއްގެ ގޮތުގައި ނުގުނަފާނެ ކަަމަށެވެ.
"އެކަމަކު، އަޅުގަނޑުމެންނަކީ މިހާރު ސާފް ޗެމްޕިއަންޝިޕް މި ވަގުތު މި ސަރަަހައްދުގެ ފުޓްބޯޅަ ރޭވިފައި އޮތް ގޮތާއި ތަރުތީބު ވެފައި އޮތް ރޭންކަށް ބަލާއިރު، އިންޑިއާ އަށް ވުރެން ދަށުގައި ރޭންކިން އޮތަސް ވެސް މިހާރު މި ހުރި ޓީމުތަކަށް ބަލާއިރު، ފޭވަރިޓެއް ނޫން،" ތޯރިގު ވިދާޅުވި އެވެ.
"އޭގެ މާނަ އަކީ އަޅުގަނޑުމެން ނަތީޖާ އަށް މަސައްކަތް ނުކުރާނެ ވާހަަކައެއް ނޫން. ހަމަ ސާފް ޗެމްޕިއަންޝިޕްގައި މި ލިބޭ ފުރުސަތުގައި ހަމަ ތަށްޓައް މަސައްކަތްކުރާނެ މި ޓީމު، ޓީމު އިރާދަކުރެއްވިއްޔާ، ޓްރެއިނިން ކޭމްޕް ނިމިގެން އޮންނާނީ އެ ރޫހުގައި، ތިން ވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމަށްޓަކައި އެ ޓީމު ބައްޓަން ކުރުމަށް ކޯޗަށް ހޯދައިދިން ފުރުސަތެއް މިއީ، ޓީމު އެކުލަވާލުމަށް،"
ބަންގްލަދޭޝްގައި މިހާތަނަށް ސާފް ޗެމްޕިއަންޝިޕް ބޭއްވި ތިން ފަހަރު ވެސް ރާއްޖޭން ފައިނަލަށް ދަތުރުކުރި އެވެ. އެ ގޮތުން، 2003 ވަނަ އަހަރު ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް އަތުން ބަލިވިއިރު، 2009 ވަނަ އަހަރު ޕެނަލްޓީ ޖަހައިގެން އިންޑިއާގެ ޒުވާން ޓީމު އަތުން ބަލިވީ އެވެ. އެކަމަކު، 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖޭން ހޯދީ ފައިނަލުގައި އިންޑިއާ ބަލިކޮށްފަ އެވެ.
އެންމެ ފަހުން، 2023 ވަަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕަކީ ރާއްޖޭގެ ނަތީޖާ އެންމެ ދަށް މުބާރާތެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓިއިރު، މިއީ، ސާފް ޗެމްޕިއަންޝިޕެއްގެ ގްރޫޕް ސްޓޭޖުން ރާއްޖެ އަށް މުބާރާތް ނިމުނު ފުރަތަމަ ފަހަރެވެ.
ހަ ގައުމުން ކުޅޭ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އޮތީ އިންޑިއާ އާއި ޕާކިސްތާނާ އެއް ގްރޫޕެއްގަ އެވެ. އިންޑިއާ އިން ދެ ވަނަ ފަންތީގެ ޓީމެއް ސާފް ޗެމްޕިއަންޝިޕަށް ފޮނުވާއިރު، ޕާކިސްތާނުން މިއަދު ވަނީ އެ ގައުމުގައި ޕްރެކްޓިސް ފަށައިފަ އެވެ. ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުން ފާހަގަކުރަން މިދިޔަ ޖޫން މަހު ބޭއްވި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާާރާތުގައި ޕާކިސްތާނުން 3-0 އިން ރާއްޖެ ބަލިކުރި އެވެ. މިއީ، 1991 ވަނަ އަހަރަށް ފަހު، ޕާކިސްތާނުން ރާއްޖެ ބަލިކުރި ފުރަތަމަ ފަަހަރެވެ. ޑައިމަންޑް ޖުބިލީ އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޕާކިސްތާނުން ވަނީ ދާދި ފަހުން ބޭއްވި ފީފާ އާސިއާން ކަޕްގައި ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު އޮތީ އަންނަ މަހުގެ އަށް ވަނަ ދުވަހު ޕާކިސްތާނާ ދެކޮޅަށެވެ. އަދި، ދެ ވަނަ މެޗުގައި އަންނަ މަހު 11 ވަނަ ދުވަހު އިންޑިއާއާ ކުޅޭނެ އެވެ.












