ލެބަނަން އަތުން ވެސް ރާއްޖެ ބަލިވެއްޖެ

Oct 1, 2026, 8:52 PM
ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި އަފްގާނިސްތާނާއި ރާއްޖޭން ބައްދަލުކުރި މެޗުގެ ތެެރެއިން.

ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި އަފްގާނިސްތާނާއި ރާއްޖޭން ބައްދަލުކުރި މެޗުގެ ތެެރެއިން.

ބައިނަލްއަގުވާމީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއްގައި މިރޭ ލެބަނަންއާ ދެކޮޅަށް ކުޅެ ރާއްޖެ 6-0 އިން ބަލިވެއްޖެ އެވެ. 

ރާއްޖޭން މި މެޗުގެ ބޮޑުބައި ކުޅުނީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ، މެޗުގެ 11 ވަނަ މިނިޓްގައި ގައުމީ ޓީމުގެ ކެޕްޓަން، ސަމޫހު އަލީ (ސަމުއްޓެ) އަށް ރަތް ކާޑެއް ދެއްކުމުންނެވެ. އޭރު ނަތީޖާ އަކީ، 1-0 އެވެ. 

ލެބަނަންއާ ދެކޮޅަށް ކުޅުނު މެޗާ އެކު، ރާއްޖޭން މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެފައި މި ވަނީ ލަނޑެއް ވެސް ނުޖެހި އެވެ.

Advertisement

އެ ގޮތުން، މިދިޔަ މަހު 24 ވަނަ ދުވަހު ޗައިނާގައި އެ ގައުމާ ދެކޮޅަށް ކުޅެގެން، 3-0 އިން ބަލިވިއިރު، އޭގެ ހަަތަރު ދުވަސް ފަހުން، ކިރްގިސްތާނަށް ދަތުރުކޮށް، އެ ގައުމާ ކުޅެގެން ވަނީ 5-0 އިން ބަލިވެފަ އެވެ. އަދި، ކިރްގިސްތާންގެ ބިޝްކެކްގައި މިރޭ ލެބަނަންއާ ކުޅެގެން ހަ ގޯލުން ބަލިވީ އެވެ.

ބާރަ އަހަރަށް ފަހު، ރާއްޖޭގެ ކޯޗުކަމާ މި އަހަރުގެ ކުރީކޮޅުގައި އަލުން ހަވާލުވެ، ގައުމީ ކޯޗު ހަންގޭރީގެ އިސްތަވާން އުރްބާނީގެ އިރުޝާދުގެ ދަށުން ރާއްޖޭން މި ވަނީ ޖުމްލަ އެކު، 10 މެޗު ކުޅެފަ އެވެ. އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރަމުން އަންނަ އުރްބާނީ 20 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް ވެސް މަަސައްކަތްކުރިއިރު، ނުކުތް 10 މެޗުގެ ތެރެއިން މޮޅުވީ، މިދިޔަ މާޗް މަހު މާލޭގައި ޓިމޯ ލެސްޓޭ އަތުންނެވެ. ހަ މެޗުން ބަލިވިއިރު، ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ. 

ލެބަނަން އިން ވަނީ މެޗުގެ ތިން ވަނަ މިނިޓްގައި ލީޑުނަަގައިފަ އެވެ. މިއީ، މިރޭގެ މެޗަށް ރާއްޖޭގެ މިޑްފީލްޑަރަކަށް ބޭނުންކުރި ހުސެއިން ސިފާއު ޔޫސުފް (ކުރޯ) އަތުން ގެއްލުނު ބޯޅައަކުން، އޭރިއާތެރެއިން، ހުސެއިން ޗަކްރޯން ޖެހި ލަނޑެކެވެ. އޭގެ ކުރިން، އޭރިއާތެރެއިން ލެބަނަންގެ ޖިމޭ ކަޒާން ފޮނުވާލި ބޯޅައެއް ރާއްޖޭގެ ކީޕަރު، ހުސެއިން ޝަރީފް ވަނީ މަތަކޮށްފަ އެވެ. 

އޭގެ ފަހުން، މެޗުގެ 11 ވަނަ މިނިޓްގައި، ސަމުއްޓެ އަށް ރަތެއް ދެއްކީ، ލެބަނަންގެ ލެއޮނާޑޯ ޝާހިން އޭރިއާތެރެއަށް ހުސްކޮށް ވަންނަން ދިޔަ ބޯޅައެއްގައި އޭނާ ގައިގައި ހިފެހެއްޓުމުންނެވެ. 

އެއް ކުޅުންތެރިއަކު މަދުކޮށް ރާއްޖޭން ރަނގަޅަށް ކުޅެމުންދިޔަ ނަމަވެސް މެޗުގެ 34 ވަނަ މިނިޓްގައި ލެބަނަން އިން ދެ ވަނަ ލަނޑު ޖެހި އެވެ. މިއީ، އޭރިއާބޭރުން، ލެބަނަންގެ ޖިމޭ ކަޒާން ފޮނުވާލި ބޯޅައެއް، އޭރިއާތެރެއިން ޗަކްރޯން ގަައިގައި ޖެހިފައި ވަން ގޯލެކެވެ. މެޗުގެ ރެފްރީ އެ ގޯލު ބަލައިގަންނަން ނިންމީ، ޗަކްރޯން އަތުގައި ބޯޅަ ޖެހުނުތޯ ބަލައިފަ އެވެ. 

މެޗުގެ 42 ވަނަ މިނިޓްގައި ޗަކްރޯން ވަނީ ތިން ވަނަ ލަނޑު ޖަހައި ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއީ، އޭރިއާތެރެއިން ރާއްޖޭގެ ޑިފެންޑަރުންނަށް ސަލާމަތްނުކުރެވި ދިޔަ ބޯޅައެއް ހޯދައި، ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން ޗަކްރޯން ޖެހި ގޯލެކެވެ. އޭނާ އަކީ ލެބަނަން އަށް ހެޓްރިކެއް ހަދައިދިން ނުވަ ވަނަ ކުޅުންތެރިޔާ އެވެ. 

ޗަކްރޯން އަކީ މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި ރާއްޖެ ކޮޅަށް ހެޓްރިކް ހެދި ދެ ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން، ޗައިނާގެ ވަން ޒިމިން ވަނީ ހެޓްރިކް ހަދައިފަ އެވެ. 

ފުރަތަމަ ހާފުގައި ރާއްޖެ އަށް ލަނޑެއް ޖަހައިދޭން އެންމެ ހުސް ފުރުސަތެއް ލިބިގެންދިޔައީ ސަމުއްޓެ އަށް ރަތް ކާޑެއް ދެއްކި ފަހުން ޓީމުގެ ކެޕްޓަން، ބޭންޑް އަޅައިގެން ކުޅުނު އަލީ ފާސިރު (ސެންޓޭޭ) އަށެވެ. އެ ގޮތުން، ލެބަނަންގެ ކީޕަރު، މޮސްތަފާ މަތަރު ކުރިއަށް ޖެހި ފޮނުވާލަން މަސައްކަތް ކުރި ވަގުތު ސެންޓޭ އަށް ލިބުނު ފުރުސަތެކެވެ. ކީޕަރު މަތަރު ކުރިއަށް އަރައި ހުއްޓައި ލިބުނު މި ފުރުސަތުގައި ސެންޓޭ ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ. 

ރާއްޖޭން ދެ ވަނަ ހާފުގައި ދެ ބަދަލަކާ އެކު ނުކުތްއިރު، މި ހާފުގެ ހަ މިނިޓް ތެރޭ ލެބަނަން އިން ރާއްޖެ ކޮޅަށް ހަތަރު ވަނަ ލަނޑު ޖެހި އެވެ. މިއީ، އަރިމަތިން ނެގި ހުރަހަކުން ލެބަނަންގެ ޝާހީން ހުސްކޮށް އަރައި ޖެހި ޝޮޓެއް ކީޕަރު ހުސެން މަތަކުރުމުން، ރީބައުންސަށް ނުކުތް ބޯޅަ ރާއްޖޭގެ އަހުމަދު މާއިޝް ރަޝީދު (މާއި) ގައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ. 

ލެބަނަން އިން ފަސް ވަނަ ލަނޑު ޖެހީ 84 ވަނަ މިނިޓްގަ އެވެ. މިއީ، އޭރިއާތެރެއިން އަލީ ކަސަސް އަށް ލިބުނު ފުރުސަތެއްގައި ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ޖެހި ގޯލެކެވެ. ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި ކަސަސް ވަނީ މެޗުގެ އިތުރު ވަގުތުގައި ލެބަނަންގެ ހަ ވަނަ ލަނޑު ޖަހައިފަ އެވެ. 

މިއީ، ލެބަނަންގެ ކޯޗުކަމާ މި އަހަރުގެ ޖެނުއަރީ މަހު އަލްޖީރިއާގެ މަޖީދު ބުގޭރާ ހަވާލުވި ފަހުން ރަސްމީ މެޗަކުން އެ ޓީމުން ހޯދި ފުރަތަމަ މޮޅެވެ. ލެބަަނަންގެ ކޯޗުކަމާ މި އަހަރުގެ ޖެނުއަރީ މަހު ހަވާލުވީ ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އޭނާގެ ކޯޗުކަމުގައި މިހާތަނަށް ލެބަނަން އިން ކުޅުނީ ރަސްމީ އެންމެ މެޗެއްގަ އެވެ. އެ މެޗުން، ޔަމަން އަތުން 2-0 އިން ވަނީ މޮޅުވެފަ އެވެ. އަދި، ގަތަރުގެ ދޯހާގައި ޓްރެއިނިން ހަދަމުން އަންނަ ލެބަނަން އިން ވަނީ، ރާއްޖެ އާއި ކިރްގިސްތާނާ ކުޅުމުގެ ކުރިން، މިދިޔަ މަހުގެ 27 ވަނަ ދުވަހު، ގަތަރުގެ ކްލަބް، އަލް ސާދާ އެކު. މެޗެއް ކުޅެފަ އެވެ. އެ މެޗުން، ލެބަނަން ވަނީ 2-1 އިން މޮޅުވެފަ އެވެ.

އަނެއްކޮޅުން، މިރޭގެ ނަތީޖާއާ އެކު، ލެބަނަން އިން މި ވަނީ ރާއްޖެއާ ދެކޮޅަށް ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައިފަ އެވެ. ލެބަނަން އިން ވަނީ 2004 ވަނަ އަަހަރު ވޯލްޑް ކަޕް ކޮލިފައިންގެެ ދެ މެޗުން ރާއްޖެ، 3-0 އާއި 5-2 އިން ބަލިކޮށްފަ އެވެ. އޭގެ ހަތަރު އަހަރު ފަހުން، 2008 ވަނަ އަހަރު ކުޅުނު ދެ އެކުވެރިކަމުގެ މެޗުތަކުގައި ލެބަނަން މޮޅުވީ، 4-0 އާއި 2-1 އިންނެވެ. އެންމެ ފަހުން، މި ދެ ޓީމު ކުޅުނީ 2023 ވަނަ އަހަރު ބެންގަލޫރުގައި އޮތް ސާފް ޗެމްޕިއަންޝިޕްގަ އެވެ. އެ މެޗުން ލެބަނަން މޮޅުވީ 1-0 އިންނެވެ. 

ފީފާ އިން މި މަހު ނެރުނު ރޭންކިންގައި، ލެބަނަން އޮތީ 114 ވަނައިގަ އެވެ. ރާއްޖެ އޮތީ، 172 ވަނައިގަ އެވެ. 

އަންނަ ނޮވެމްބަރު މަހު އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ރާއްޖޭން މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގައި  ކުޅުނު ތިން މެޗުން ބަލިވިއިރު، އުރްބާނީގެ ކޯޗުކަމުގައި ރާއްޖޭން މޮޅުވީ ޓިމޯ ލެސްޓޭ އަތުން 2-1 އިންނެވެ. ރާއްޖޭގެ ސީނިއާ ގައުމީ ޓީމު އުރްބާނީގެ ކޯޗުކަމުގައި މި ފަހަރު ހަވާލުވި ފަހުން ބަލިވީ މިރޭ ލެބަނަން އަތުން ބަލިވުމުގެ އިތުރުން، އަފްގާނިސްތާން (1-0)، ޕާކިސްތާން (3-0)، ޗައިނާ (3-0) އަދި ކިރްގިސްތާން (5-0) އަތުންނެވެ.

ސީނިއާ ޓީމު ވަނީ ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމާ 1-1 އިން އެއްވަަރުވެފަ އެވެ. 

ރާއްޖޭގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި، އުރްބާނީގެ ކޯޗުކަމުގައި ރާއްޖެ ވަނީ ސްރީ ލަންކާ އަތުން 3-2 އިން ބަލިވެފަ އެވެ. އަދި، ބޫޓާނާ 0-0 އިން އެއްވަރުވިއިރު، ނޭޕާލާ އެއްވަރުވީ 1-1 އިންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox