އަންނަ މަހު 4-17 އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބާއްވާ 15 ވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމަށްޓަކައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން އިންޑޮނޭޝިއާގައި ކޭމްޕްކުރާ ގޮތަށް ހަަމަޖެހިއްޖެ އެވެ.
"އަދަދު ސްޕޯޓްސް" އިން ސުވާލުކުރުމުން އެފްއޭއެމް އިން ބުނީ، އިންޑޮނޭޝިއާގައި ކޭމްޕް ކުރުމަށް ހަމަޖެހިފައިވަނީ، މި މަހު 26 އިން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި، ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ބަންގްލަދޭޝަށް ދާނީ ރާއްޖެ އަށް އައުމަށް ފަހު ކަމަށް ވެސް އެފްއޭއެމް އިން ވަނީ މައުލޫމާތު ދީފަ އެވެ.
ބާރަ އަހަރަށް ފަހު، ރާއްޖޭގެ ކޯޗުކަމާ މި އަހަރުގެ ކުރީކޮޅުގައި އަލުން ހަވާލުވެ، ގައުމީ ކޯޗު ހަންގޭރީގެ އިސްތަވާން އުރްބާނީގެ އިރުޝާދުގެ ދަށުން ރާއްޖޭން މި ވަނީ ޖުމްލަ އެކު، 10 މެޗު ކުޅެފަ އެވެ. އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރަމުން އަންނަ އުރްބާނީ 20 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް ވެސް މަަސައްކަތްކުރިއިރު، ނުކުތް 10 މެޗުގެ ތެރެއިން މޮޅުވީ، މިދިޔަ މާޗް މަހު މާލޭގައި ޓިމޯ ލެސްޓޭ އަތުންނެވެ. ހަ މެޗުން ބަލިވިއިރު، ތިން މެޗުން ވަނީ އެއްވަރުވެފަ އެވެ.
އުރްބާނީގެ ކޯޗުކަމުގައި ރާއްޖޭން ކުޅުނު މެޗުތަކުގެ ތަފްސީލަށް ބަލާއިރު، ސީނިއާ ގައުމީ ޓީމުން ޓިމޯ ލެސްޓޭ އަތުން 2-1 އިން ވަނީ މޮޅުވެފަ އެވެ. ސީނިއާ ބަލިވީ އަފްގާނިސްތާން (1-0)، ޕާކިސްތާން (3-0)، ޗައިނާ (3-0)، ކިރްގިސްތާން (5-0) އަދި ލެބަަނަން އަތުން (5-0) އިންނެވެ. ސީނިއާ ޓީމު ވަނީ ބަންގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމާ 1-1 އިން އެއްވަަރުވެފަ އެވެ.
ރާއްޖޭގައި ބޭއްވި 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި، އުރްބާނީގެ ކޯޗުކަމުގައި ރާއްޖެ ވަނީ ސްރީ ލަންކާ އަތުން 3-2 އިން ބަލިވެފަ އެވެ. އަދި، ބޫޓާނާ 0-0 އިން އެއްވަރުވިއިރު، ނޭޕާލާ އެއްވަރުވީ 1-1 އިންނެވެ.
ބަންގްލަދޭޝްގައި މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރާއިރު، މި މުބާާރާތް އެ ގައުމުގައި މި ހޯސްޓްކުރަނީ، އަށް އަހަރަށް ފަހު އެވެ. އެންމެ ފަހުން، ބަންގްލަދޭޝްގައި ސާފް ޗެމްޕިއަންޝިޕް ބޭއްވީ 2018 ވަަނަ އަހަރު އެވެ. ބަންގްލަދޭޝް އިން ވަނީ 2003 ވަނަ އަހަރާއި 2009 ވަނަ އަހަރުގައި ވެސް ސާފް ޗެމްޕިއަންޝިޕް ހޯސްޓްކޮށްފަ އެވެ.
ރާއްޖޭން ވަނީ ބަންގްލަދޭޝްގައި ބޭއްވި ހުރިހާ ސާފް ޗެމްޕިއަންޝިޕެއްގެ ފައިނަލުގައި ކުޅެފަ އެވެ. އެންމެ ފަހުން، 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދި އެވެ. އެކަމަކު، 2023 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
ނޭޕާލަށް މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ފުރުސަތު ނެތީ ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުންނެވެ. ހަ ގައުމު ވާދަކުރާ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދަނީ ދެ ގްރޫޕަކަށެވެ. އެއީ، ގްރޫޕް އޭގައި ބަންގްލަދޭޝް، ބޫޓާން އަދި ސްރީ ލަންކާ އެވެ. އަދި، ގްރޫޕް ބީގައި އިންޑިއާ، ޕާކިސްތާން އަދި ރާއްޖެ އެވެ.
ސާފް ޗެމްޕިއަންޝިޕް 2026 ޝެޑިއުލް
ގްރޫޕް ބީ: އިންޑިއާ - ޕާކިސްތާން (5 ނޮވެމްބަރު)
ގްރޫޕް އޭ: ބޫޓާން - ބަންގްލަދޭޝް (5 ނޮވެމްބަރު)
ގްރޫޕް ބީ: ރާއްޖެ - ޕާކިސްތާން (8 ނޮވެމްބަރު)
ގްރޫޕް އޭ: ސްރީ ލަންކާ - ބޫޓާން (8 ނޮވެމްބަރު)
ގްރޫޕް ބީ: އިންޑިއާ - ރާއްޖެ (11 ނޮވެމްބަރު)
ގްރޫޕް އޭ: ބަންގްލަދޭޝް - ސްރީ ލަންކާ (11 ނޮވެމްބަރު)
ސެމީ ފައިނަލް ދެ މެޗު (14 ނޮވެމްބަރު)
ފައިނަލް މެޗު (17 ނޮވެމްބަރު)












