ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ދެކުނުގެ ރަށެއްގައި ދެ ޓީޗަރުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެއް ރަށަކުން ހައްޔަރުކުރީ 52 އަހަރުގެ ދެ މީހުން ކަމަށެވެ. ނަމަވެސް އެ ދެ މީހުންގެ ވަނަވަރެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
އޭގެ ތެރެއިން އެކަކުގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އޮކްޓޯބަރު 11، ގަ އެވެ. 16 އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު އަމާޒުވާ އެ މައްސަލައިގައި އޮކްޓޯބަރު 14، ގައި މީހަކު ހައްޔަރުކޮށް އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފަ އެވެ.
އަނެއް މީހާގެ މައްސަލަ އޮކްޓޯބަރު 17، ގައި ހުށަހެޅުމާއެކު މައްސަލަ ތަހުގީގުކޮށް މީހާ ހައްޔަރުކުރީ އޮކްޓޯބަރު 23، ގަ އެވެ. 12 އަހަރާއި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ އެ މައްސަލައިގައި އޭނާގެ ބަންދަށް 30 ދުވަސް ވަނީ ޖަހާފަ އެވެ.
ރާއްޖޭގައި ކިޔަވައިދޭ ބިދޭސީ ޓީޗަރުން ދަރިވަރުންނަށް ޖިންސީގޯނާކުރާ ކަމުގެ ތުހުމަތުތައް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ. އެފަދަ މައްސަލަތައް ފުލުހުން ސީރިއަސްކޮށް ބަލައި މީގެކުރިން ފިޔަވަޅު އަޅާފައިވެ އެވެ.













