about 2 hours 0
ސާއިފް ޝިޔާދު
about 2 hours 0
ޖެފްރީ އެޕްސްޓީންއަކީ ދުނިޔެއަށް މިހާރު އާ ނަމެއް ނޫނެވެ. އޭނާ މަޝްހޫރުވެފައިވަނީ ދުނިޔޭގެ އެންމެ ނޮޓޮރިއަސް ޕެޑޮފައިލްގެ ގޮތުގަ އެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، ސެކްސް ޓްރެފިކް ކުރުމާއި، ބްލެކްމެއިލް ކުރުމުގެ ބޮޑު ރިންގެއް އޭނާ ހިންގި އެވެ.
އެޕްސްޓީންގެ ހަތް ފްލޯގެ މެންޝަނެއް އެމެރިކާގެ ނިއު ޔޯކްގައި ހުއްޓެވެ. އެ މެންޝަނަކީ އެޕްސްޓީން ސެކްސް ޓްރެފިކިން އޮޕަރޭޝަނެއް ހިންގި ތަނެކެވެ. އެ ތަނަށް ދާ ގައުމުތަކުގެ ވެރިންނާއި ބާރުގަދަ މީހުން އެ ތަނުގެ ތެރޭގައި ހިންގާ މުޑުދާރު، ނަޖިސް އަމަލުތަކުގެ ފޮޓޯ އާއި ވީޑިއޯ ނަގައި އެ މެޓީރިއަލް އެޕްސްޓީން ބޭނުންކުރަމުންދިޔައީ ބްލެކްމެއިލް ކުރުމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ކަމުގެ ތުހުމަތުގައި އެޕްސްޓީންއާ ދެކޮޅަށް ތަހުގީގު ފެށީ 2005 ވަނަ އަހަރު އެވެ. މުޅި ދުނިޔޭގެ މީޑިއާގެ ސަމާލުކަން އޭނާގެ މައްސަލައަށް ލިބެން ފެށީ އެ ހިސާބުންނެވެ. ގައުމުތަކުގެ ވެރިންނާއި ބާރުގަދަ ވިޔަފާރިވެރިން އެޕްސްޓީން އައިލެންޑާއި މެންޝަންގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާކަމުގެ ވާހަކަތައް މަޑުމަޑުން ނޫސްތަކަށް ލީކުވާން ފެށީ އެ ދުވަސްވަރު އެވެ.
ޖޫން، 2008، ގައި އޭނާގެ މައްޗަށް 18 މަސްދުވަހު ޖަލު ހުކުމެއް އިއްވިއިރު 13 މަސްދުވަހަށް ފަހު އޭނާ މިނިވަންވި އެވެ. އެއަށްފަހު ވެސް އެޕްސްޓީން ގެންދިޔައީ އެ އޮޕަރޭޝަން ހިންގަމުންނެވެ. އެހެން އުޅެނިކޮށް ޖުލައި، 2019، ގައި ސެކްސް ޓްރެފިކިން ތުހުމަތުގައި އޭނާ އަލުން ހައްޔަރުކުރި އެވެ. އަދި، ޖެހިގެން އައި އޮގަސްޓު 10، ގައި ޖަލު ގޮޅީގައި ހުއްޓައި އޭނާ ކުއްލި ގޮތަކަށް މަރުވި އެވެ.
ސިފައިންނާއި ފުލުހުން ހިންގި މިއުޓިނީއެއްގެ ތެރެއިން ވެރިކަމަށް އާދެވުނު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އެޕްސްޓީން އާއެކު ގާތް ގުޅުމެއް ބޭއްވިކަން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކުރި ލިޔެކިޔުންތަކުން ވަނީ ހާމަވެފަ އެވެ. އެމެރިކާގެ ސްޓެންފޯޑް ޔުނިވާސިޓީއިން ތައުލީމު ހާސިލުކުރި އަދި އެ ގައުމުގެ ކަންކަމަށް ފަރިތަ ބޭފުޅަކަށް އެޕްސްޓީންގެ ވާހަކަތައް ނޭނގި އޮވެދާނެ ކަމަށް ގަބޫލުކުރަން ދައްޗެވެ.
އެ ލިޔެކިޔުންތަކުން ހާމަވާ ގޮތުގައި ވަހީދު އާއި އެޕްސްޓީންއާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެކެވެ. ފޭސްބުކް ޕާސްވޯޑް ހަނދާން ނެތުނު ވާހަކައާ ހަމައިން ފެށިގެން 500 މިލިއަން ޑޮލަރުގެ ލޯނު ހޯދުމުގެ ވާހަކަ ދެ މީހުން ދެއްކި އެވެ. ބައްދަލުވުންތައް ތާވަލުކުރި އެވެ. އާއިލީ މެންބަރުންގެ ވާހަކަ ދެއްކި އެވެ.
ޒަޔަނިސްޓު މޮސާޑުގެ އިންޓެލިޖެންސް އެސެޓެއް ކަމަށް ގަބޫލުކުރެވޭ އެޕްސްޓީންގެ ޗީފް އިންފޯމަންޓެއްގެ ގޮތުގައި އިންޑިއާ ކަނޑުގައި ހަރަކާތްތެރިވީ ވަހީދު އެވެ. އޭރު ވެސް އެޕްސްޓީންއަކީ ޕެޑޯފައިލެއްކަން ވަހީދުއަށް ސާފުކޮށް އެނގޭނެ އެވެ. ބަދަލުގައި ވަހީދު އެދެމުންދިޔީ މިއުޓިނީއަކުން އޭނާގެ އަތްމައްޗަށް ފުރޮޅުނު ވެރިކަން ދަމަހައްޓައި ދުނިޔޭގެ ކުރިމަތީގައި އޭނާގެ މޫނުމަތި ރީތިކުރެވޭނެ ގޮތްތަކެއް އެޕްސްޓީން މެދުވެރިކޮށް ހޯދުމަށްކަން ލިޔެކިޔުންތަކުން އެނގެ އެވެ.
"ދިވެހިރާއްޖޭގެ ކަންކަން ތި ބޭފުޅާގެ ބެލުމުގެ ދަށަށް އައުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ފެބްރުއަރީ 7، 2012، ގައި އެޕްސްޓީން ވަހީދުއަށް ލިޔުނެވެ.
ވެރިކަމުގެ ހުވާ ވަހީދު ކުރުމާއެކު އެންމެ ފުރަތަމަ މަރުހަބާގެ މެސެޖު ފޮނުވި މީހުންގެ ތެރޭގައި އެޕްސްޓީން ހިމެނޭނެ ކަމަށް ބެލެވެ އެވެ. އެ އީމެއިލްގެ ކޮޕީއެއް ސަލްތާން ބިން ސުލަޔެމްއަށް ވެސް ލިބުނެވެ. އެއީ ވަހީދު އާއި އެޕްސްޓީންގެ ގުޅުވައިދިން މީހާ ކަމަށް ބެލެވެ އެވެ.
ވަހީދު އަތަށް ވެރިކަން ފުރޮޅުމުން އެޕްސްޓީން މަރުހަބާ ކިޔާފައިވާ އީމެއިލެއް
މާޗު 23، 2012، ގައި ފޮނުވި އީމެއިލެއްގައި ވަހީދު ލިޔުނީ "ތޭންކްސް ފޯ ވެލްކަމިން މީ ޓު ދަ ކްލަބް" އެވެ. ޖަވާބުގައި އެޕްސްޓީން ބުނީ ވަހީދުއަކީ އޭނާގެ ޔަހޫދީ-މުސްލިމް "ފަން ފެމިލީ" ގެ ބައެއް ކަމަށެވެ. އަދި ވަހީދު އެދުނު ގޮތަށް ނިއު ޔޯކް ޓައިމްސްގައި ހިލޭ އާޓިކަލެއް ޖެހުމަށް މަގުފަހިކޮށްދޭނެ ކަމުގެ ޔަގީންކަން އެޕްސްޓީން ދީފައި އޮތެވެ.
މެއި 13، 2012، ގައި އެޕްސްޓީން ވަނީ ވަހީދުއަށް އޭރު ކޮމަންވެލްތުން ކުރިމަތިކުރަމުންދިޔަ ޕްރެޝަރު ކުޑަކުރުމަށް މަސައްކަތްތަކެއް ކުރިކަމުގެ އިޝާރާތެއް އީމެއިލް މެދުވެރިކޮށް ދީފަ އެވެ.
ޖޫން 26، 2012، ގައި ވަހީދު ވަރަށް ހެއްވާ މެސެޖެއް އެޕްސްޓީންއަށް ފޮނުވި އެވެ. އެ މެސެޖުގައި އޮތީ ވަހީދުގެ ފޭސްބުކް އެކައުންޓުގެ ޕާސްވޯޑު އެޕްސްޓީންއަށް އެނގޭތޯ އެވެ.
ޖެހިގެން އައި ޖުލައި 4، 2012، ގައި ވަހީދު ވަނީ ރާއްޖޭގައި ގޭންގު ކުށްތައް އިތުރުވާތީ އެންވައިޕީޑީގެ ދެ އެކްސްޕާޓުން ރާއްޖެއަށް ފޮނުވޭނެ ގޮތެއް ހޯދައިދިނުމަށް އެޕްސްޓީން ކައިރީގައި އެދިފަ އެވެ. އެކަމަށް އަމިއްލައަށް ފަންޑު ކުރާނެ ކަމަށް އޭގެ ހަތަރު ދުވަސް ފަހުން އެޕްސްޓީން ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.
އދ. ގެ އާންމު މަޖިލީހުގެ ހަވާސާގާއި އެޕްސްޓީންއާ ވަހީދު ބައްދަލުކުރަން ހަމަޖެހިފައިވާކަން ހާމަވާ ޕްރޮގްރާމެއް ތާވަލު
ދިވެހި ދައުލަތުގެ ސިއްކަ ޖެހި ލިޔުމެއްގައި ވެސް ވަހީދު އެޕްސްޓީން އާއެކު ބައްދަލުވުމެއް ތާވަލުކުރިކަން ހާމަވެ އެވެ. އެމެރިކާގެ ނިއު ޔޯކުގައި ސެޕްޓެމްބަރު، 2012، ގައި ބޭއްވި އދ. ގެ އާންމު މަޖިލީހުގެ ރަސްމީ ޕްރޮގްރާމުގެ ތެރެއިން އެޕްސްޓީންއާ ވަހީދު ބައްދަލުކުރީ ސެޕްޓެމްބަރު 23، 2012، ގަ އެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަން ބަދަލުކުރި ގޮތް ތަހުގީގު ކުރުމަށް އެކުލަވާލި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ރިޕޯޓު ވެސް ސެޕްޓެމްްބަރު 26، 2012، ގައި ވަހީދު އެޕްސްޓީންއާ ހިއްސާކުރިކަން އީމެއިލްތަކުން ހާމަވެ އެވެ. އެ ރިޕޯޓު އެޕްސްޓީންއާ ހިއްސާކުރީ ވަހީދުގެ ސަރުކާރަށް ބޭރުގައި އޮތް ތާއިދު އިތުރުކުރުމުގެ ބޭނުމުގަ އެވެ.
"ތިޔަ ފޯރުކޮށްދެއްވި އެހީތެރިކަމަށްޓަކައި އެންމެ ފުރަތަމަ އިހުލާސްތެރި ޝުކުރެއް ދަންނަވަން. ތިޔަ ދެއްވި އިރުޝާދުތަކަކީ ނުހަނު އަގުހުރި އިރުޝާދުތަކެއް،" ސެޕްޓެމްބަރު 26، 2012، ގައި ވަހީދު އެޕްސްޓީންއަށް ލިޔުނެވެ.
ކޯނީ ރިޕޯޓު ހިއްސާކުރަން ވަހީދު ފޮނުވި އީމެއިލް
ޖުލައި 28، 2012، ގައި ލޯނު ހޯދުމުގައި އެހީތެރިކަމަށް އެދި ވަހީދު ފޮނުވި މެއިލްގައި ވިދާޅުވެފައިނީ ސަރުކާރުން 500 މިލިއަން ޑޮލަރުގެ ލޯނެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އާއި މަޝްވަރާ ކުރެއްވި ކަމަށާއި ލޯނު ބޭނުންވަނީ 10 އަހަރުން އަނބުރާ ދައްކާ ގޮތަށް ކަމަށް ވެސް ލިޔުއްވާފައިވެ އެވެ.
އެޕްސްޓީން ވެސް ވަނީ ވަހީދުގެ ވާހަކަ އެހެން ބައެއް މީހުންނާ ހިއްސާކޮށްފަ އެވެ. އެ އީމެއިލްގައި އޭނާ ވަހީދު ސިފަކުރީ ވަރަށް ގާތް އެކުވެރިޔެއްގެ ގޮތުގަ އެވެ. އޮކްޓޯބަރު 3، 2012، ގައި ޖޭމްސް މެކްގީއަށް ފޮނުވި އީމެއިލްގައި އެޕްސްޓީން އެދުނީ 2013 ގެ އިންތިހާބަށް ވަހީދުއަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
އޭރު ރާއްޖޭގައި ހިނގަމުން ދިޔަ ސިޔާސީ އެކި ކަންކަމުގެ އަދާހަމަ މެދުކެނޑުމެއްނެތި ވަހީދު ދިޔައީ އެޕްސްޓީން އަށް ދެމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވުމަށް 2013 ވަނަ އަހަރު ކުރިމަތިވި ގޮންޖެހުންތަކުގެ ވާހަކަ ވެސް އެޕްސްޓީންއާ ވަހީދު ހިއްސާކުރި އެވެ.
ހާއްސަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަމަލުތައް ހިއްސާކޮށް ނަޝީދު އާ ދެކޮޅަށް ސިޔާސީ ގޮތުން ކަން ކުރާނެ ގޮތުގެ ހިޔާލާއި ލަފަޔަށް ވަހީދު ވަނީ އެޕްސްޓީންގެ ކިބައިން އެދިފަ އެވެ.
ރިޔާސީ ބަޔާން އިއްވި ދުވަހު ވަހީދު އެޕްސްޓީންއަށް ކުރި މުއާމަލާތް
"ޝުކުރިއްޔާ! ތިޔައީ އަޅުގަނޑު ސަލާމަތްކޮށްދިން މީހާ. ތިޔަ ދެއްވި އިރުޝާދާ އެއްގޮތަށް އަޅުގަނޑު ފުރިހަމައަށް އަމަލުކުރާނަން،" ޖެނުއަރީ 27، 2013، ގައި ވަހީދު ލިޔުނެވެ.
އެ އަހަރު ވަހީދު އަށް އެންމެ ފަސް ޕަސެންޓު ވޯޓު ލިބުނު ރިޔާސީ އިންތިހާބުގެ ކެމްޕޭނު ރޭވުމަށް އެޕްސްޓީންގެ އެހީއަށް ވަހީދު އެދުމުން، ކެމްޕޭން ރާވާނެ ގޮތުގެ ޕްރޮޕޯސަލްތަކާއި އިތުރު ވާހަކަތައް އެޕްސްޓީންގެ ގާތް ބަޔަކު ވަހީދުއާ ވަނީ ބަދަލުކޮށްފަ އެވެ. "2013 ވަނަ އަހަރުގެ އިންތިހާބު ނިންމާނެ މައިގަނޑު ކަމަކީ ހަމައެކަނި "ނަޝީދު އާއި ވަހީދު" ގެ ކުރިމަތިލުން. ކޮރަޕްޝަނާއި، ގާނޫނާ ހިލާފަށް ބާރުތައް ހޯދުމާއި، އަދި ސުލްހަވެރި މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރުން ފަދަ ކަންކަމަކީ އިދިކޮޅު ކެންޑިޑޭޓުގެ ކިބައިގައި މަގާމުގެ ޝަރުތު ހަމަނުވާކަން ސާބިތުކޮށްދޭނެ މައިގަނޑު ސަބަބުތައް ކަމުގައި ކޮންމެ ބަޔަކުވެސް ބަލާނެ،" އެ ތަނުން އެއް އީމެއިލްގައި ކޮންސަލްޓަންޓުން ބުނެފައިވެ އެވެ.
ވަހީދުގެ ކޮންސަލްޓަންޓުންގެ ގޮތުގައި ތިބީ "ނިއުގްރޭންޖު ކޮންސަލްޓަންޓްސް" ކަން އީމެއިލްތަކުން އެނގެ އެވެ.
"އަޅުގަނޑުމެން މި ބަލަނީ އިތުރު ދެ ޕާޓީއަކާ ގުޅުވޭތޯ، އަދި ފުރަތަމަ ބުރުން އަޅުގަނޑުމެން ކާމިޔާބު ކުރާނަން. ކުރީގެ ރައީސް ގައްޔޫމް އޭނާގެ އާއިލާއަށްޓަކައި ކާމިޔާބު ހޯދަވަން ކުރައްވާ މަސައްކަތުން، މިފަހަރު އޭނާއަށް ފިލާވަޅެއް ލިބިގެންދާނެ، އަދި ރިޓަޔާ ކުރައްވައިގެން ހުންނަން ދަސްވާނެ،" މެއި 15، 2013، ގައި ވަހީދު ލިޔުނެވެ.
އެޕްސްޓީންއަށް ޝުކުރު އަދާކޮށް ވަހީދު ފޮނުވި އީމެއިލް
ވަހީދު މިހާ ޔަގީންކަމާއެކު އެޕްސްޓީންއާ ވާހަކަ ދެއްކި ނަމަވެސް އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ލިބުނީ އެންމެ ފަސް ޕަސެންޓެވެ. އެއީ ރާއްޖޭގެ ތާރީހުގައި އިންތިހާބަކާ ކުރިމަތިލިއިރު ވެރިކަމުގައި ހުންނެވި ބޭފުޅަކަށް އެންމެ މަދުން ވޯޓު ލިބުނު ފަހަރެވެ. 11،000 ވޯޓު ވެސް ވަހީދުއަށް ހަމައެއް ނުކުރެވެ އެވެ.
"މިއީ އަޅުގަނޑަށް ރަނގަޅު ގޮތެއް. ދެން އަޅުގަނޑުގެ މައްޗަށް ދައުވާއެއް ނުކުރާނެ. އަރަބި ގައުމުތަކާ އަޅާބަލާއިރު، އަޅުގަނޑުމެންނަށް އަމާންކަމާއެކު ވެރިކަން ބަދަލުކުރެވުނީ އުފަލެއް. ކުޑަ ދުވަސްކޮޅަކަށް އަރާމުކޮށްލުމަށްފަހު، އާއިލީ ސިއްހީ ކަންކަމަށް ވަގުތު ދީފައި، ދެން ވަޒީފާއެއް ހޯދުމުގެ މަސައްކަތް ކުރާނީ،" ވެރިކަމުން ދުރުވުމުގެ އެއް ދުވަސް ކުރިން ވަހީދު އެޕްސްޓީނަށް ލިޔުނެވެ.
މަހުޖަނުންނާއި ނުފޫޒުގަދަ މީހުންނަށް ހާއްސަ ޕްރައިވެޓް އައިލެންޑެއް ތަރައްގީކުރަން ވެސް ވަހީދު ރޭވި އެވެ. ވެރިކަމަށްފަހު، 2014 ވަނަ އަހަރު ފޮނުވި މެއިލް އެއްގައި ވަހީދު ޕްރައިވެޓް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރަން ހުށަހެޅީ ރ. ފުއްގިރި އެވެ.
ފުއްގިރި އާއި ކ. އިންނަހެރެ ފަޅުގައި ފަސް ރަށް ތަރައްގީކުރުން ހިމެނޭ ވަކި ދެ މަޝްރޫއެއްގެ ވާހަކަ ވަހީދު އެންމެ ފުރަތަމަ އެޕްސްޓީން އާ ހިއްސާކުރީ މެއި 25، 2014، ގައި ފޮނުވި މެއިލް އެއްގަ އެވެ. އޭގެތެރެއިން ފުރަތަމަ މަޝްރޫއެއްގެ ގޮތުގައި ވަހީދު ހިމަނާފައިވަނީ ފުއްގިރި މަޝްރޫއެވެ.
އިންތިހާބުން ބަލިވެ ވެރިކަން ނިމުނު ދުވަހު ވަހީދު ފޮނުވި އީމެއިލް
އޭނާ ފުއްގިރި ތަރައްގީކުރަން ބޭނުންވަނީ "ވީވީއައިޕީ" ބޭފުޅުންނަށް ހާއްސަ ރަށެއްގެ ގޮތުގައި ކަމަށާއި އެ ރަށް މާކެޓު ކުރާނީ މުޅި ރަށް އެކީ ޗުއްޓީ ހޭދަކުރަން އެދޭ މަހުޖަނުންނަށް ވިއްކުމަށް ކަމަށް ވަހީދު ބުނެފައިވެ އެވެ. ފުއްގިރީގައި ތަރައްގީ ކުރާނީ ދެތިން ކޮޓަރި ހުންނަ 10 ވިލާ ކަމަށް ވެސް ބުނެފައިވެ އެވެ.
މި ރަށް މެދު އިރުމަތީގެ ޝާހީ އާއިލާތަކާއި އެޕްސްޓީން ގެ ކްލަޔަންޓުންގެ ތެރޭގައި ހިމެނޭ ރަޝިޔާގެ މަހުޖަނުންނަށް ވިއްކޭނެ ކަމަށް ބުނެ ވަހީދު ވަނީ ފުއްގިރީގެ ފޮޓޯތަކެއް އެޕްސްޓީން އާ ހިއްސާކޮށްފަ އެވެ. އެޕްސްޓީން އާއި ގުޅިގެން ފުއްގިރި ތަރައްގީކުރަން ބޭނުންވާ ބަޖެޓަކީ 25 މިލިއަން ޑޮލަރު ކަމުގައި ވަހީދު ބުނެފައިވެ އެވެ.
ފުއްގިރި އާއި ބެހޭ ގޮތުން ވަހީދު ފޮނުވި މެއިލްތަކަށް އެޕްސްޓީން ފޮނުވި ޖަވާބުގައި އަހާފައިވަނީ މި މަޝްރޫއުތަކަށް ދާނެ ކަމަށް ލަފާކުރެވޭ ހަރަދެވެ. މިކަމާއި ގުޅޭގޮތުން ރާއްޖެ އައުމަށް ވަހީދު ދިން ދައުވަތާއި ގުޅިގެން ރާއްޖެ އަންނަން ބޭނުންވާ ކަމަށް އެޕްސްޓީން ބުނެފައިވެ އެވެ. ނަމަވެސް، އޭނާ ރާއްޖެ އައި ކަމެއް ޔަގީނެއް ނޫނެވެ.
ފޮތް ޕަބްލިޝް ކުރަންވެގެން ފައިސާ ހޯދަން ވަހީދު އެޕްސްޓީން ކައިރިން އެދިފައި
ވަހީދުގެ ދަރިފުޅު، ޖެފްރީ ސާލިމް ވަހީދު އާއެކު ނިއުޔޯކުގައި ހުންނަ އެޕްސްޓީންގެ ގޭގައި 2014 ގައި ބައްދަލުކުރި ކަމާއި އޭގެ އިތުރުން ވެސް އެތައް ފަހަރެއްގެ މަތިން ވަހީދު، އެޕްސްޓީން އާއި ބައްދަލުކުރިކަން ފައިލްތަކުން ހާމަވެ އެވެ. އެޕްރީލް އަދި މެއި، 2014، ޖުލައި، 2015 ގައި މިފަދަ ބައްދަލުވުންތަކެއް ބޭއްވި އެވެ. އަދި، ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުރި އެޕްސްޓީންގެ އެޕާޓްމަންޓެއްގައި ވެސް ވަހީދު އޭނާއާ ބައްދަލުކުރިކަން އެ އީމެއިލްތަކުން ހާމަވެ އެވެ.
އެޕްރީލް 22، 2014، ގައި އެޕްސްޓީންގެ ގެއަށް ދާނެ ކަމުގެ ޔަގީންކަން ވަހީދު ދިން އީމެއިލެއް ވެސް ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނެ އެވެ. ޖެނުއަރީ 27، 2014، ގައި ފޮތެއް ނެރުމަށް އެއް ލައްކަ ޕައުންޑް ހޯދައިދިނުމަށް ވެސް އެޕްސްޓީންގެ ކައިރީގައި ވަހީދު އެދުނެވެ.
----
އަލަށް އާންމުކުރި ލިޔެކިޔުންތަކުގައި ވަހީދުއާ ގުޅޭ، ނުވަތަ އޭނާގެ ނަން ހިމެނިފައިވާ 649 ޑޮކިއުމެންޓެއް އެބަ އޮތެވެ. ވަހީދު އެޕްސްޓީންއާ ގާތް ގުޅުމެއް ބޭއްވީ އޭނާއަކީ ކޮން ކަހަލަ މީހެއްކަން ވަރަށް ރަނގަޅަށް އެނގި ހުރެ އެވެ. އޭރު ވެސް އެޕްސްޓީންގެ ވާހަކަތަކަކީ އެންމެނަށް އެނގޭ ބޮޑު ސިއްރެކެވެ. ވަހީދުއަށް ވެސް އެ ސިއްރުތައް އެނގޭނެ އެވެ.
ދެހާސް ބާރަ ވަނަ އަހަރު ބަޔަކު ނުކުމެ ސަރުކާރެއް ބަދަލުކުރީ އެއީ ދީނާ ހިލާފު ޝިއާރުތަކަށް ހިތްވަރުދޭ ސަރުކާރެއް ކަމަށް ތުހުމަތުކޮށެވެ. އޭގެ ބަދަލުގައި ހަވާލުވި ވެރިކަމުގެ ހުރިހާ ކަމެއްހެން ހިނގަމުންދިޔައީ ޒަޔަނިސްޓު މޮސާޑުގެ އިންޓެލިޖެންސް އޮޕަރޭޓިވެއްގެ ބެލުމުގެ ދަށުންކަން މިއޮތީ ހާމަވެފަ އެވެ.
ގައުމާއި ދީނަށް ނަސްރު ދޭން ވަހީދު އިސްކޮށްގެން އެކުލަވާލި ސަރުކާރު އެހީތެރިކަން ހޯދީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، އަނިޔާ ކުރުމާއި، ޓްރެފިކް ކުރުމާއި، އެތައް ޖަރީމާއެއް ހިންގާފައި ހުރި މީހެއްގެ ކިބައިންނެވެ.
އެޕްސްޓީންއަކީ ކިޔައިދޭ މީހެއް ނޫންކަން ވަހީދަށް އެނގޭއިރު ވެސް އެއް އީމެއިލްގައި އޭނާވަނީ އެޕްސްޓީންގެ "ބިއުޓިފުލް ސްޓޫޑެންޓްސް" އަށް ހެޔޮއެދުންތައް ފޮނުވާފަ އެވެ. މިއަދު ވަހީދު ހުރީ ރައީސް މުހައްމަދު މުއިއްޒުގެ އިސް މަންދޫބުގެ ގޮތުގަ އެވެ. ދުނިޔޭގައި ރާއްޖެ ތަމްސީލުކުރަން އެޕްސްޓީންގެ އަރިސް މީހަކު ބަހައްޓައިގެން ނުވާނެ އެވެ.
Comment