ބުރާސްފަތި ދުވަހު ހައްޔަރުކުރުމަށްފަހު، އެއިލްޝަމް ޕޮލިސް ސްޓޭޝަނުން އެންޑްރޫ ނުކުމެވަޑައިގަންނަވަނީ: އޭނާ ހައްޔަރުކުރީ ދައުލަތުގެ މަގާމެއްގައި ހުރެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގަ
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން އާންމުކުރި، މަރުވެފައިވާ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގުޅޭ ފައިލްތަކުގެ މައްސަލާގައި އިނގިރޭސި ވިލާތުގެ ފުލުހުން ހައްޔަރުކުރި އެ ގައުމުގެ ރަސްގެފާނު ޗާލްސްގެ ކޮއްކޮ އެންޑްރޫ މައުންޓްބެޓަން-ވިންޑްސާ (ކުރީގެ ޕްރިންސް އެންޑްރޫ) ދޫކޮށްލައިފި އެވެ.
އެންޑްރޫ ހައްޔަރުކުރީ ބުރާސްފަތި ދުވަހުއެވެ. އިނގިރޭސި ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރުކުރީ ދައުލަތުގެ މަގާމެއްގައި ހުރެ ހިންގާފައިވާ ނޭދެވޭ އަމަލުތަކެއްގެ ތަހުގީގަކާ ގުޅިގެން ކަމަށެވެ. ނަމަވެސް، ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާ ވަނީ ދޫކޮށްލާފައެވެ.
ފުލުހުން ވަނީ ބާކްޝަޔާ އަދި ނޯފޯކްގައި ހުރި އެންޑްރޫއާ ގުޅުންހުރި ބައެއް ތަންތަން ބަލައި ފާސްކޮށްފައެވެ. މި މައްސަލައަކީ އެންޑްރޫ އިނގިރޭސިވިލާތުގެ ޓްރޭޑް އެންވޯއީއެއްގެ ގޮތުގައި 2001 އިން 2011 އަށް ހުންނެވި ދުވަސްވަރު، ޖެފްރީ އެޕްސްޓީންއަށް ސިއްރު ލިޔެކިޔުންތަކެއް ހިއްސާކުރި ކަމަށް ބުނާ މައްސަލައެކެވެ.
މި ހާދިސާއާ ގުޅިގެން ރަސްގެފާނު ޗާލްސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ގާނޫނު ތަންފީޒުކުރުމުގައި ހުރިހާ މަރުހަލާއެއް ފުރިހަމައަށް ކުރިއަށްދާންޖެހޭނެ ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގަށް ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ވެސް ރަސްގެފާނު ދެއްވިއެވެ.
އެޕްސްޓީންއާ އޮތް ގުޅުމުގެ ސަބަބުން އެންޑްރޫ ވަނީ 2019 ވަނަ އަހަރު ޝާހީ ޒިންމާތަކުން އެކަހެރިވެވަޑައިގެންފައެވެ. އެއަށް ފަހު 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އޭނާގެ 'ޕްރިންސް' ލަގަބާއި އަސްކަރީ ޝަރަފުތައް ވަނީ އަތުލާފައެވެ.
އެޕްސްޓީންގެ ފައިލްތަކުން ހާމަވިގޮތުގައި، އަފްޣާނިސްތާނުގެ މައުދަނުގެ މައުލޫމާތާއި، ވިއެޓްނާމް އަދި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުތަކުގެ ސިއްރު ރިޕޯޓްތައް އެންޑްރޫ ވަނީ އެޕްސްޓީންއަށް ފޮނުއްވާފައެވެ.
އެންޑްރޫ ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަކަށް ތަކުރާރުކޮށް އިންކާރުކުރައްވާފައެވެ. މިއީ އިނގިރޭސި ޝާހީ އާއިލާގެ އިސް މެންބަރަކު މިފަދަ މައްސަލައެއްގައި ހައްޔަރުކުރެވުނު ފުރަތަމަ ފަހަރެވެ.
Comment