Advertisement

އެޕްސްޓީންގެ މައްސަލައިގައި ހައްޔަރުކުރި މެންޑެލްސަން ކަފާލާތުގެ ދަށުން ދޫކޮށްލައިފި

24 ފެބުރުވަރީ 2026 - 10:40 0


އެޕްސްޓީންގެ މައްސަލައިގައި ހައްޔަރުކުރި މެންޑެލްސަން ކަފާލާތުގެ ދަށުން ދޫކޮށްލައިފި

24 ފެބުރުވަރީ 2026 - 10:40 0

ދައުލަތުގެ މަގާމެއްގައި ހުރެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި އިނގިރޭސިވިލާތުގެ ކުރީގެ ވަޒީރު އަދި ސަފީރު ލޯޑް މެންޑެލްސަން، ހައްޔަރުކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.

މެޓްރޯޕޮލިޓަން ޕޮލިހުންް ބުނި ގޮތުގައި އުމުރުން 72 އަހަރުގެ މެންޑެލްސަން ދޫކޮށްލި ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާނެ އެވެ. އޭނާ ހައްޔަރުކުރީ އުތުރު ލަންޑަނުގެ ކެމްޑަންގައި ހުންނަ އޭނާގެ ގޭގައި ހުއްޓަ އެވެ.

ފުލުހުން ވަނީ މެންޑެލްސަންގެ ދެ ގެއެއް ބަލައި ފާސްކޮށްފަ އެވެ.

މެންޑެލްސަންގެ މައްޗަށް ތަހުގީގު ފެށީ މި މަހުގެ ކުރީކޮޅުގައެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ވަޒީރުކަމުގައި ހުންނެވި ދުވަސްވަރު، އިގުތިސާދީ ގޮތުން ނުފޫޒު ފޯރުވޭ ފަދަ ސަރުކާރުގެ ސިއްރު މައުލޫމާތުތަކެއް، ޖިންސީ ގޯނާގެ ކުށް ސާބިތުވެފައިވާ މަރުވެފައިވާ ޖެފްރީ އެޕްސްޓީންއަށް ހިއްސާކުރި މައްސަލައިގަ އެވެ.

މިދިޔަ މަހު އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކުރި އީމެއިލްތަކުން އެނގޭ ގޮތުގައި، 2009 ވަނަ އަހަރު އޭރުގެ ބޮޑުވަޒީރު ގޯޑަން ބްރައުންގެ ސަރުކާރުގެ "އެސެޓް ސޭލްސް ޕްލޭން" އާ ގުޅޭ މައުލޫމާތާއި، 2010 ވަނަ އަހަރު ޔޫރޯ ބެއިލްއައުޓް ޕެކޭޖް އިއުލާން ކުރުމުގެ ކުރިން އެ މައުލޫމާތު އޭނާ ވަނީ އެޕްސްޓީންއަށް ފޮނުވާފައެވެ.

މެންޑެލްސަންއަކީ 2025 ފެބްރުއަރީގައި އެމެރިކާގައި ހުންނަ އިނގިރޭސި ސަފީރުގެ މަގާމަށް އައްޔަންކުރި ބޭފުޅެކެވެ. ނަމަވެސް، އެޕްސްޓީންއާ އޮތް ގުޅުން ހާމަވުމާ ގުޅިގެން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ.

މެންޑެލްސަން މިކަމާ ގުޅޭ ގޮތުން ބަހެއް ވިދާޅުވެފައެއް ނުވެއެވެ. މެންޑެލްސަންއަކީ 1990 ގެ އަހަރުތަކުގައި ޓޯނީ ބްލެއާގެ ސަރުކާރު ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެއް ބޭފުޅާއެވެ.