އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސްގެ ކޮއްކޮ، އެންޑްރޫ މައުންޓްބެޓަން-ވިންޑްސާ (ކުރީގެ ޕްރިންސް އެންޑްރޫ) ހައްޔަރުކުރުމާ ގުޅިގެން، މަރުވެފައިވާ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންގެ ނެޓްވޯކްތަކުގައި ހިމެނޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގޮވާލާ ގޮވާލުންތައް އަލުން ވަރުގަދަވެއްޖެ އެވެ.
އިނގިރޭސި ރަސްގެފާނު ޗާލްސްގެ ކޮއްކޮ، އެންޑްރޫ ހައްޔަރުކުރީ ބުރާސްފަތި ދުވަހުއެވެ. ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރުކުރީ ދައުލަތުގެ މަގާމެއްގައި ހުރެ ހިންގާފައިވާ ނޭދެވޭ އަމަލުތަކެއްގެ ތަހުގީގަކާ ގުޅިގެން ކަމަށެވެ. ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާ ވަނީ ދޫކޮށްލާފައެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރެވޭ ތަހުގީގު ކުރިއަށް ގެންދެ އެވެ.
އެންޑްރޫ ހައްޔަރުކުރުމާ ގުޅޭގޮތުން އދ. ގެ ހާއްސަ ރެޕަޓުއާ ރީމް އަލްސާލަމް ވިދާޅުވީ، މިއީ މުއްސަނދިކަމެއް ނުވަތަ ނުފޫޒެއް އޮތް ނަމަވެސް، އަދި އެއީ ޝާހީ އާއިލާގެ މީހަކަށް ވިޔަސް، "ގާނޫނަށްވުރެ މަތީގައި އެކަކުވެސް ނުހުންނާނެ" ކަން ހާމަކޮށްދޭ މުހިންމު މެސެޖެއް ކަމަށެވެ.
އަލްޖަޒީރާއަށް ދެއްވި އިންޓަވިއެއްގައި އޭނާ ވިދާޅުވީ އެޕްސްޓީންގެ ކުށްތަކަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކެއްގެ މައްސަލަ މިނިވަންކަމާއެކު ބަލަންޖެހޭ ކަމަށެވެ.
އެންޑްރޫ ހައްޔަރުކޮށްފައި މިވަނީ އެޕްސްޓީންގެ މައްސަލައާ ގުޅޭ އެތައް މިލިއަން ފައިލްތަކެއް އެމެރިކާ ސަރުކާރުން ހާމަކުރިތާ ހަފުތާތަކެއް ފަހުންނެވެ. މި ލިޔެކިޔުންތަކުން ހާމަވެފައިވާ ގޮތުގައި އެންޑްރޫ އިނގިރޭސިވިލާތުގެ ޓްރޭޑް އެންވޯއީއެއްގެ ގޮތުގައި ހުންނެވިއިރު، ސަރުކާރުގެ ސިއްރު މައުލޫމާތުތަކެއް އެޕްސްޓީންއާ ހިއްސާކޮށްފައިވެއެވެ. އަދި އަލަށް ހާމަވި ފޮޓޯއަކުން ފެންނަނީ އަންހެން ކުއްޖަކު ބިމުގައި އޮއްވައި އެންޑްރޫ އޭނާގެ ކައިރިއަށް ގުދުވެގެން އޮންނަ މަންޒަރެވެ.
އެންޑްރޫ ވަނީ މި ހުރިހާ ތުހުމަތުތަކަކަށް އިންކާރު ކުރައްވާފައެވެ.
އެމެރިކާގެ ކޮންގްރެސް މެންބަރު ތޯމަސް މާސީ ވަނީ އެފްބީއައިގެ ޑިރެކްޓަރ ކާޝް ޕަޓޭލް އަދި އެޓާނީ ޖެނެރަލް ޕޭމް ބޮންޑީގެ ކިބައިން، އެޕްސްޓީންގެ މައްސަލައިގައި ހިމެނޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެޕްސްޓީންއާ އޮތް ގުޅުމުގެ ވާހަކަވެސް ވަނީ އަލުން ފެންމަތިވެފައެވެ. ޑިމޮކްރެޓިކް މެންބަރު މެލަނީ ސްޓޭންސްބަރީ ވިދާޅުވީ "ޕްރިންސަކު ޒިންމާދާރު ކުރެވޭނަމަ، ރައީސަކުވެސް ޒިންމާދާރު ކުރެވެންވާނެ" ކަމަށެވެ.
މި މައްސަލައިގެ އަސަރު ހަމައެކަނި އެމެރިކާ އާއި އިނގިރޭސިވިލާތަކަށް ނޫނެވެ. ފަރަންސޭސިވިލާތާއި ނޯވޭއިންވެސް ވަނީ އެޕްސްޓީންގެ ނެޓްވޯކާ ގުޅޭ ކޮރަޕްޝަނާއި ޖިންސީ ގޯނާގެ ތަހުގީގުތައް ފަށައިފައެވެ. އދ. ގެ ތަޖުރިބާކާރުން ބުނާ ގޮތުގައި އެޕްސްޓީން ހިންގާފައިވާ ކުށްތަކަކީ "އިންސާނިއްޔަތާ ހިލާފު ޖަރީމާތަކެއް" ކަމަށް ބެލުމުގެ ގާނޫނީ ޖާގަ އެބައޮތެވެ.
ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން އާއި އެޕްސްޓީންއާ ހާއްސަ ގުޅުންތަކެއް އޮތްކަން ހާމަކުރި ފައިލްތަކުން ވަނީ އެނގިފަ އެވެ. ދައުލަތުގެ ބައެއް ސިއްރުތައް ވަހީދު އެޕްސްޓީންއާ ހިއްސާކޮށްފައިވާކަން ލިޔެކިޔުންތަކުން އެނގޭއިރު، އޭނާ ވަނީ ކެމްޕޭނަށާއި ފޮތެއް ނެރުމަށް އެޕްސްޓީންގެ މާލީ އެހީތެރިކަމަށް ވެސް އެދިވަޑައިގެންފަ އެވެ.
ވަހީދުގެ މައްސަލަ ތަހުގީގުކުރުމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ގޮވާލާފައިވެ އެވެ.
Comment