Advertisement

ތަޒްމީލުގެ ކާމިޔާބު ތަސައްވަރުން އެމްޓީޑީސީގެ ހިންގުން ތިންވަނަ ގިޔަރުގައި

16 ފެބުރުވަރީ 2023 - 08:21 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ތަޒްމީލުގެ ކާމިޔާބު ތަސައްވަރުން އެމްޓީޑީސީގެ ހިންގުން ތިންވަނަ ގިޔަރުގައި

16 ފެބުރުވަރީ 2023 - 08:21 0

އެއީ ރައްޔިތުންގެ ހިއްސާ އޮތް ރައްޔިތުންގެ ކުންފުންޏެކެވެ. ވިޔަފާރި ކުރަނީ ރާއްޖޭގެ އިގުތިސާދުގެ މައި ތަނބު ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތުގަ އެވެ. އެހެނަސް ކުންފުނީގެ އުމުރުން ބާރަ އަހަރު ވެގެންދިޔަ އިރުވެސް ކުންފުނީގެ ހިއްސާދާރުންނަށް ފައިދާއެއް ނުވެ އެވެ. ކުންފުނި އުފެއްދި މަގުސަދު އޮތީ އޮންނާނެ ތަނެއްގަ އެވެ.

މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ވިޔަފާރި ކޮށްގެން ލިބޭ ފައިދާ ސީދާ ރައްޔިތުންގެ ޖީބަށް ވަންނާނެ މަގު ފަހި ކޮށްދިނުމުގެ މަގުސަދުގައި 2006 ވަނަ އަހަރު ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި އުފެއްދި މޯލްޑިވްސް ޓުއަރިޒަމް ޑެވެލޮޕްމަންޓު ކޯޕަރޭޝަންގެ ކަޅު ތާރީހުގެ ހުލާސާ އެކެވެ. އެ ކުންފުންޏަކީ ކިތަންމެ ފޮނިި މަގުސަދެއްގައި އުފެއްދި ކުންފުންޏެއް ކަމުގައި ވީނަމަވެސް އެ ކުންފުންނީގެ އުމުރުގެ އެންމެ ހަގު ދުވަސްތައް ހޭދަ ކުރަންޖެހުނު ހިތި ގޮތުގެ ވާހަކަ އެވެ.

މީގެ 15 އަހަރު ކުރިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ، މައުމޫން އަބްދުލް ގައްޔޫމްގެ ގަރާރެއްގެ ދަށުން އުފެއްދި ކުންފުނީގެ ހިއްސާ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ގަތެވެ. ހިއްސާއެއް 100ރ. ގެ މަގުންނެވެ. ރާއްޖޭގެ އުތުރާއި ދެކުނުން ޖުމްލަ ނުވަ ރަށެއް ފަތުރުވެރިކަން ތަރައްގީކުރަން އޭރުގެ ސަރުކާރުން އެމްޓީޑީސީއަށް ދީފައި އޮތެވެ.

ނަމަވެސް ކުންފުނި ރަނގަޅަށް ހިނގައި ނުގަނެ އުޅެނިކޮށް ވާސިލުވާން ބޭނުންވި މަންޒިލު ކަނޑައަޅައި އަމާޒުފަތްގަނޑުގައި ޖެހި ފާހަގައަށް ބެލުމެއް ނެތި ކުންފުނީގެ ހަޔާތުގެ ފުރަތަމަ އަހަރު ކޮންމެ ހިއްސާއަކަށް 90ރ. ބަހަން އެ ކުންފުނީގެ އޭރުގެ ބޯޑުން ފާސް ކުރި އެވެ. އެއަށްފަހު ޖެހިގެން އައި 2009 ވަނަ އަހަރު ކޮންމެ ހިއްސާއަކަށް 20ރ. ގެ މަގުން ފައިދާ ބެއްސެވެ.

ކުންފުނީގެ ކުރިމަގަށް ވިސްނައިނުލައި ނިންމި އެ ނިންމުންތަކުގެ ސަބަބުން ކުންފުނީގައި ލީ ރެނދު އިތުރަށް ފުޅާވެގެންދިޔައީ ޖެހިގެން އައި 2010 ވަނަ އަހަރު ޓޫރިޒަމް ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުންނެވެ.

އޭރު ތިލަދުންމަތީ ދެކުނުބުރީ އުލިގަމުގެ އެއްބައި އެމްޓީޑީސީން ދިޔައީ ލޯކަލް ޓޫރިޒަމަށް ތަރައްގީ ކުރަމުންނެވެ. އެހެންކަމުން އެ ސަރަހައްދަށް ކުލީގެ ގޮތުގައި އެ ކުންފުނިން ދައްކަމުން އައީ ވަރަށް ކުޑަ މިންވަރެކެވެ. ނަމަވެސް ޓޫރިޒަމް ގާނޫނަށް ގެނައި ބަދަލާ އެކު ފަތުރުވެރިކަމަށް ދޫކޮށްފައި އޮންނަ ރަށްރަށުގެ ބޮޑުކުޑަމިނަށް ބަލައި އަގު ކަނޑައެޅޭ ގޮތަށް ގާނޫނު ބަދަލުވެގެންދިޔަ އެވެ. ނަތީޖާއަކަށްވީ އެރަށަށް ވެސް ދައްކަން ޖެހޭ ކުލި ބޮޑުވުމެވެ. އޭރު އެތަން ތަރައްގީ ކުރުމަށް އެމްޓީޑީސީން އޮތީ ހަތަރުވަރަކަށް މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ.

2010 ވަނަ އަހަރު އެ ކުންފުނީގެ މާލިއްޔާގައި ލީ ރެނދުގެ ސަބަބުން ހަދާނެ ގޮތް ހުސްވެފައި ތިއްބާ ރަށަކަށް ފަހު ރަށެއް އަތްދަށުން ބީވަމުން ގޮސް އެމްޓީޑީސީއަށް ކުރިމަތިލާން ޖެހުނީ ގެއްލުމާ އެވެ. އެއާ އެކު ކުންފުނީގެ 53 ޕަސެންޓުގެ ހިއްސާދާރުންގެ ގޮތުގައި ތިބި އެތައް ބަޔެއްގެ އުންމީދުތައް ވެއްޔާ މޮޑެވިގެން ދިޔަ އެވެ.

11 އަހަރަށްފަހު ހިންދެމިލުން

ދުއްވާނެ މިސްރަބެއް ނޭނގި ބާރަ އަހަރު ދަރަނީގެ ފައްތިޔަލުގައި އެމްޓީޑީސީ އަޅާފައި އޮތުމަށްފަހު 2019، ގައި އެމްއާރުއެމްގެ ސްލޮޓެއްގައި ކުންފުނީގެ ހުންގާނާ ތަޒްމީލް އަބްދުއް ސަމަދު ހަވާލުވެލެއްވި އެވެ. އޭނާ އެ މަގާމާ ހަވާލުވި އިރު ކުންފުންޏަކަށް ފައިދާއެއް ނުވެ އެވެ.

"އަޅުގަނޑުމެން މެނޭޖުމަންޓާ ހަވާލުވީއިރު، ކުންފުންޏަކީ ފައިދާވާ ކުންފުންޏެއް ނޫން، ކުންފުނީގެ ވަރަށް ގިނަ ދަރަނިތައް ހުރި، ކުންފުނި ވެއްޓިފައި އޮތް ހާލަތުން އަރައިގަންނަން ވެސް ވަރަށް ބޮޑެތި އުނދަގޫތައް ހުރި،" މަގާމާ ހަވާލުވެލެއްވި އިރު ހާލަތު އޮތް ގޮތް ތަޒްމީލް ކިޔައިދެއްވި އެވެ.

ދެހާސް ނަވާރަ ވަނަ އަހަރާ ހަމައަށް އައި އިރު، ޖޫރިމަނާ އާއި ކުލީގެ ގޮތުގައި އެމްޓީޑީސީން ގާތްގަނޑަކަށް ސޯޅަ މިލިއަން ޑޮލަރު ދައުލަތަށް ދައްކަން ޖެހިފައި އޮތެވެ.

އޭގެތެރޭގައި އެ ކުންފުންޏަށް ދޫކޮށްފައި ހުރި ރަށްތައް ތަރައްގީ ކުރުމަށް އެގްރީމަންޓު ކުރެވުނު މުއްދަތު ހަމަވެގެންދިޔަ އިރުވެސް މަސައްކަތް ނުފެށި އޮތުމުގެ ސަބަބުން އެ ރަށްތަކުގެ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހިފައި ހުރި ފައިސާއާއި ރަށްތަކުގެ ކުލީގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހޭ ފައިސާ ހިމެނެ އެވެ.

އެހެންނަމަވެސް ތަޒްމީލް ވިދާޅުވި ގޮތުގައި މި ސަރުކާރުން އެފަދަ ރަށްތައް ޖޫރިމަނާ ކުރުމުގެ އުސޫލަށް ގެނައި ބަދަލުގެ ސަބަބުން އެ އަދަދު ގާތްގަނޑަކަށް ހަ މިލިއަން ޑޮލަރަށް ކުޑަވެގެންދިޔަ އެވެ. އެއާ އެކު ކުންފުންޏާ އެކު ހަމައިސްކޮޅަށް ހިންދެމިލުމުގެ މަސައްކަތް ފެށީ ވަރަށް ވަރުގަދަ އަޒުމަކާ އެކުގައި ކަމަށް ތަޒްމީލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އަސްލު ބޭނުންވީ މި ކުންފުންޏަކީ އަމިއްލަ މަސައްކަތުން، ފައިދާ ނެރެގެން އަނެއްކާވެސް ހިއްސާދާރުންނަށް އެއްޗެއް ދިއްކޮށްލެވޭނެ ބައެއްކަން ސާބިތު ކޮށްދޭން،" ހިތްހަމަ ޖެހިލާފައި ތަޒްމީލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރިީ އަމިއްލަ ފައިމައްޗަށް ތެދުވެވޭތޯ،"

އެމްޓީޑީސީއަށް 15 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ފައިލް


އެ އަޒުމުގައި ސަރުކާރާ އެކު ކުރި މަޝްވަރާތަކުން ދަރަނީގެ ގޮތުގައި ދައްކަން އޮތް ފައިސާ ވެސް ގްރޭސް ޕީރިއަޑަކާ އެކު ވަކި މުއްދަތެއްގެ ތެރޭގައި ދައްކައި ހަލާސް ކުރާ ގޮތަށް، އެމްޓީޑީސީއާ އެކު ސެޓްލްމެންޓު އެގްރީމެންޓެއްގައި ސަރުކާރުން ސޮއި ކުރި އެވެ.

އޭރު ކުންފުނީގެ ދަށުގައި އޮތީ ޖުމްލަ ތިން ރަށެވެ. އޭގެތެރެއިން އޮޕަރޭޓިން ހާލަތުގައި އޮތީ އަނަންތަރައިން ބ. އަތޮޅުގައި ހިންގަމުން އަންނަ ކިހަވަށް ހުރަވަޅި ރިސޯޓާއި އަޔާޑާ މޯލްޑިވްސް އިން ގދ. އަތޮޅުގައި ހިންގަމުން އަންނަ މަގުދުވާ ރިސޯޓެވެ. ދެން އޮތީ ތިލަދުންމަތީ ދެކުނު ބުރީގައި އެމްޓީޑީސީން ތަރައްގީކޮށް މިހާރު ނިމުމުގެ މަގުމަތީގައި އޮތް ނާގޯއްޓެވެ.

ހދ. ނާގޯއްޓަކީ ވެސް މީގެ ކުރިން އެކިފަހަރު މަތިން އެމްޓީޑީސީން ތަރައްގީ ކުރަން މަސައްކަތް ކޮށްފައިވާ ރަށެކެވެ. އެހެންނަމަވެސް ނިމުމާ ހަމައަށް ގެނެސް އެ ރަށުން ފައިދާއެއް ނެރެވިފައެއް ނުވެ އެވެ.

ތަޒްމީލް ވިދާޅުވީ އޭނާ އެ މަގާމާ ހަވާލުވެލެއްވި އިރު، އެމްޓީޑީސީން ކުއްޔަށް ދޫކޮށްފައި ހުރި ރަށްރަށުން ލިބެންޖެހޭ އެތައް ފައިސާއެއް ވެސް ނުލިބި ހުރި ކަމަށެވެ. އެހެންނަމަވެސް ގަދަހިތްވަރުގައި ހުރި ތަޒްމީލް މަގާމާ ފުރަތަމަ ހަވާލުވީ އަހަރު ތެރޭގައި އެ ފައިސާ ވެސް ހޯދައި ކުންފުނީގެ ރިޔާ ނަގައި ފައްސިޔަކޮށްލި އެވެ. އެއާއެކު ބޫންއަޑު ކިޔާފައި ހުއްޓިފައި އޮތް އެމްޓީޑީސީ ދުއްވައިގަތެވެ.

ކުންފުނީގެ ހިންގުމާއި ދުވެއްޔަށް ގެނައި ބަދަލުތަކާ އެކު ތަޒްމީލްގެ މާލިމީ ކަމުގެ ދެވަނައަށްވީ އަހަރު ހިއްސާދާރުންނަށް ފައިދާ ބެއްސެވެ. އެއީ އެގާރަ އަހަރަށްފަހު ހިއްސާދާރުންނަށް ކުންފުނީގެ ފައިދާ ބެހި ފުރަތަމަ ފަހަރެވެ.

ދަރަނީގައި ހިންގަމުން އަައި ކުންފުނި އަރަންޏަށް ބަދަލުކޮށް ފާއިތުވި ތިން އަހަރު ވެސް އެ ކުންފުނިން ވަނީ މެދުކެނޑުމެއް ނެތި ކުންފުނީގެ ހިއްސާ ބަހާފަ އެވެ.

ކުންފުނި އަމާން ބަނދަރަކަށް

އެމްޓީޑީސީގެ ތާރީހަށް ބަލައިލާއިރު، ފެންނާން އޮތީ ރާއްޖޭގެ އުތުރާއި ދެކުނުގައި ރަށްތަކެއް ތަރައްގީ ކުރުމަށް މަސައްކަތްތަކެއްކޮށް ނާކާމިޔާބު ވެފައިވާ މަންޒަރެވެ. އެ ސަރަހައްދުތަކަށް ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކާއި ކުންފުނީގެ އޭރުގެ ވެރިންގެ ކިބައިގައި މަސައްކަތުގެ ހޭޑިފޭޑި ނެތުމުން އެންމެ އެދެވޭ ގޮތަށް އެކަން ނުކުރެވުނީ އެވެ.

ތަޒްމީލް ވިދާޅުވި ގޮތުގައި ކުންފުނީގެ މާޒީން ލިބުނު ފިލާވަޅާއި އިބުރަތުގެ އަލީގައި މިހާރު ކުންފުނީގެ ވިސްނުން ހުރީ ހަމައެކަނި ކުއްޔަށް ރަށްތައް ދޫކޮށްގެން މަންފާ ހޯދުމުގެ ބަދަލުގައި ވިޔަފާރީގެ ތެރެއަށް ސީދާ ކުންފުނިން ވަންނާށެވެ. އެގޮތުން އެ ކުންފުނިން ހދ. އަތޮޅުގައި މިހާރު ތަރައްގީ ކުރަމުން އަންނަ ނާގޯއްޓަކީ އެ ކުންފުނީގެ ފަނަރަ ޕަސެންޓު ހިއްސާ އޮންނަ ގޮތަށް ފެށުމަށް ތައްޔާރުވަމުން އަންނަ މަޝްރޫއު އެކެވެ.

"އަޅުގަނޑު މި މަގާމާ ހަވާލުވުމަށްފަހު ލީސް ކޮމްޕޯނެންޓުގެ ގޮތުގައި މިއޮތް ދެރަށުގެ އިތުރުން އަޅުގަނޑު ވިސްނުން ގެންގުޅުނީ އެމްޓީޑީސީގެ ޑައިރެކްޓު އިންވޯލްވްމެންޓު މާކެޓުގައި އޮންނަން ޖެހޭ ކަމަށް،"

އޭނާ ވިދާޅުވީ އެ ކުންފުނިން ދަނީ މެދުރާއްޖެ ތެރޭގައި އެ ކުންފުނީގެ އަމިއްލަ ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ދުވެލީގައި ކުރަމުން ކަމަށެވެ. އުތުރާއި ދެކުނުގެ ރަށްތައް ދޫކޮށް މެދުރާއްޖެތެރެއަށް ކަޅިއަޅަން ޖެހުނު ސަބަބެއް ކަމަށް ތަޒްމީލް ވިދާޅުވީ މި ސަރަހައްދުގައި ހިންގާ ރިސޯޓުތަކަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމުން ލިބޭ އާމްދަނީން ދެކޮޅުޖެހިފައި ބޮޑު މަންފާއެއް ވުމެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ ވެސް ވިސްނުމަކީ ސީ ޕްލޭންގައި އެންމެ ލަސްކޮށް ވެސް ވިހި މިނެޓުގެ ދަތުރެއް ކޮށްފައި ދެވޭ ހިސާބުގައި އޮތް ރަށެއް އެމްޓީޑީސީން ހޯދުމަށްފަހުގައި ތަރައްގީ ކުރުން،"

އެގޮތުން އޭނާ ވިދާޅުވީ އެމްޓީޑީސީން މިހާރު ވާނީ މ، އދ، ޅ އަތޮޅުގެ ބައެއް ރަށްތައް ބަލާފައި ކަމަށެވެ. އެމްޓީޑީސީގެ އަމިއްލަ ރިސޯޓެއް ތަރައްގީ ކުރުމަށް ބޭނުންވާ އިކުއިޓީ މިހާރު ވެސް ކުންފުނީގައި ހުރި ކަމަށާއި ކުރިއަށް އޮތް ކައިރި މުސްތަގުބަލުގައި އެކަން ކުރެވޭނެ ކަމަށް ތަޒްމީލް ގަބޫލުކުރައްވަ އެވެ.

"ރިސޯޓު ތަރައްގީ ކުރުމަށް ބޭނުންވާ އިކުއިޓީ މިހާރުވެސް ކުންފުނީގައި އެބަހުރި، މިއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ޑްރީމް ޕްރޮޖެކްޓެއް، އަޅުގަނޑު މިތަނުގައި މާދަމާ ނެތަސް، އެމްޓީޑީސީގެ ހިއްސާދާރުންނަށާއި މި ކުންފުންޏަށް އެތައް ގުނަޔަކުން ފައިދާ ވެގެން އަންނާނެ ކަމެއް،" އުފާވެރި ރާގުގައި ތަޒްމީލް ވިދާޅުވަމުން ގެންދެވި އެވެ.

އެމްޓީޑީސީގެ އަމިއްލަ ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމާ ފިޔަވަޅަކާ ގާތަށް އެ ކުންފުނިން ޖެހިލާފައި ވާއިރު، އެ ރިސޯޓަކީ 230 އެނދުގެ ފަސްތަރީގެ ރިސޯޓަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެއިތުރުން ޔޫއޭއީގެ ރޯ ގަލަދާރީ ކުންފުންޏާއެކު ޖޮއިންޓު ވެންޗާ ހަދައިގެން ތިލަދުންމަތީ ދެކުނުބުރީގައި ތަރައްގީ ކުރަމުން އަންނަ ނާގޯއްޓަކީ މިހާތަނަށް ދިވެހިރާއްޖޭގައި ހުޅުވޭ އެންމެ ބޮޑު ރިސޯޓެވެ. 76 ހެކްޓަރުގެ އެ ރިސޯޓުގެ ކޮންސްޓުރަކްޝަން މަސައްކަތް ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު، އެއީ ވެސް މުސްތަގުބަލުގައި އެ ކުންފުންޏަށް ދާއިމީކޮށް ފައިސާ ވަންނާނެ ގޮތެއްކަން ތަޒްމީލް ފާހަގަ ކުރެއްވި އެވެ.

އެމްޓީޑީސީން ތިލަދުންމަތީ ދެކުނުބުރީގައި ތަރައްގީ ކުރަމުން އަންނަ ނާގޯށި -- ފޮޓޯ: ގޫގުލް


ދެ ފިޔަވައްސަކަށް ބަހާލައިގެން ހުޅުވުމަށް ޕްލޭންކޮށްފައިވާ އެ ރިސޯޓުގެ ކޮންސެޕްޓަކީ ދުނިޔޭގެ މަޝްހޫރު ބައިވަރު ބްރޭންޑުތަކަށް ރިސޯޓުގެ އެކި ސަރަހައްދުތައް ދީގެން ހިންގުމެވެ.

"އެމީހުންގެ (ރޯ ގަލަދާރީ) ވިސްނުމަކީ ގިނަ ބްރޭންޑުތައް އެއްކޮށްގެން މި ހުޅުވުން، ދުނިޔޭގެ މަޝްހޫރު ބައެއް ބްރޭންޑުތަކުން އެ ބްރޭންޑެއްގެ ސްޓައިލަށް އެ ބޭފުޅުންގެ ވިލާސްތައް ހިންގަމުން ގެންދާނީ،" އޭނާ ވިދާޅުވި އެވެ.

ފެންވަރު ރަނގަޅު ރިސޯޓުތަކާއި ހޮޓާތައް ކުރެހުމުގައި ދުނިޔޭގައި ނަން މަޝްހޫރު ކުންފުނި، ޑަބްލިއުޓީއެޗްއީ އިން ކުރަހާފައިވާ އެ ރިސޯޓުގައި ޖުމްލަ 1600 އެނދު ހުންނާނެ ކަމަށް ތަޒްމީލް ވިދާޅުވި އެވެ. އެއީ މިހާތަނަށް އެންމެ ގިނަ އެނދާ އެކު ހުޅުވާ ރިސޯޓެވެ.

އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ނާގޯށީގެ ފުރަތަމަ ފިޔަވަހި އެކަނި ހުޅުވާލިޔަސް އެ އަތޮޅަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ، [އެއީ] ވަރަށް ބައިވަރު އެނދު، ވަރަށް ބައިވަރު ވަޒީފާ އުފެދިގެން އަންނާނެ،" ތަޒްމީލް ވިދާޅުވި އެވެ.

އަންނަ އަހަރު ހުޅުވޭނެކަމަށް އަންދާޒާކޮށްފައިވާ ނާގޯއްޓަކީ ތިލަދުންމަތީ ދެކުނުބުރީގައި ފުރަތަމަ ހުޅުވޭ ރިސޯޓެވެ. މިހާރު ކުރެވެމުން ދަނީ ބީއޯކިއު ތައްޔާރު ކުރުމާއި އެންމެ ފަހުގެ ޑީޓެއިލް ކުރެހުން ކުރެހުމުގެ މަސައްކަތް ކަމަށް ތަޒްމީލް ވިދާޅުވި އެވެ.

ތަޒްމީލުގެ އުންމީދީ އެ ވާހަކަތަކުން ދޭހަވީ ހަމައެކަނި ކުލީގެ ގޮތުގައި ލިބެމުން އައި އާމްދަނީއަށް މުޅީން ބަރޯސާވެފައި އޮތް ކުންފުނި މިހާރު ދަތުރު ކުރަމުން އެދަނީ އަމާން ބަނދަރަކާ ދިމާލަށް ކަމެވެ. އެ ކުންފުންޏަކީ ޕަބްލިކް ކުންފުންޏެއް ކަމަށް ވުމުން ކުރިއަށް އޮތް ތަނުގައި އޭނާ އެ މަގާމުގައި ނެތަސް މިހާރު އެ ފަށާ މަސައްކަތް ދެން ހުއްޓައިނުލާ ކުރިއަށް ގެންދަން ޖެހޭނެ އެވެ.

އަރުތެރޭގައި ދެން ލާނީ ފޮނި ރަހަ

މުޅި ކުންފުނީގެ ތަސައްވުރެ އެކީއެކަށް ބަދަލުކޮށްލައި އެމްޓީޑީސީގެ ހުންގާނުގައި ހުރެ ތަޒްމީލް ކުރަމުން އެގެންދާ ދަތުރާމެދު އޭނާ ބުނަން އޮތީ އެންމެ ވާހަކައެކެވެ. އެއީ ކުންފުނީގެ ހިންގުމަށް ގެނެވިފައި ހުރި ބަދަލުތަކާއެކު ދެން އެކުންފުނީގެ ހިއްސާދާރުންގެ އަރުގައި ހިތި ރަހައެއް ދުވަހަކުވެސް ނުލާނެ ވާހަކަ އެވެ.

"ކުންފުނި ހިންގުމަށް ގެނެވިފައި ހުރި ބަދަލުތަކާ އެކު ކުރިއަށް އޮތް ތަނުގައި ކޮންމެ އަހަރުވެސް މެދުކެނޑުމެއް ނެތި ހިއްސާދާރުންނަށް ހިއްސާ ބެހޭނެ އިންތިޒާމު ކުންފުނީގައި ހަމަޖެހިފައި މިހާރު ހުންނާނެ،" ވަރަށް ޔަގީންކަމާ އެކު ތަޒްމީލް ވިދާޅުވި އެވެ.

އޭނާ އެ އިޝާރާތް ކުރައްވަނީ މީގެ ތިން އަހަރު ކުރިން އެ މަގާމާ ހަވާލުވެލެއްވިއިރު، ކުންފުނި ވެއްޓިފައި އޮތް ފުން ވަޅުގަނޑުން އަރައިގަނެވި ހިންދެމިލާފައިވާ ވާހަކަ އަށެވެ. ކިރިޔާވެސް ހިންގުންތެރި ބަޔަކު ކުންފުނި ހިންގުމާ ހަވާލުވިޔަސް ދެލޯ މަރައިގެން ވެސް އެފަދަ ވަޅަކަށް އަލުން ނުވެއްޓި ކުރިއަށް ދެވޭނެ ވަރަށް ކުންފުނި ވަރުގަދަ ވެފައިވާ ވާހަކަ އަށެވެ.

އޭނާ އެ ވިދާޅުވަނީ ދެ ރިސޯޓުގެ ކުލީގެ ގޮތުގައްޔާއި ޖޮއިންޓު ވެންޗާ ހަދައިގެން ތަރައްގީ ކުރަމުން އެދާ ނާގޯއްޓާއި އަލަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރަމުން އެދާ އަމިއްލަ ރިސޯޓު ހިމެނޭހެން ތިން ވިޔަފާރި މޮޑެލުން ކުންފުންޏަށް ވަންނާނެ ފައިދާގެ ވާހަކަ އެވެ.

އެމްޓީޑީސީއަށް 15 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ފައިލް


އޭގެ އެންމެ އަލިގަދަ އެއް ހެއްކަކީ ކުންފުނީގެ އަމިއްލަ ފައިސާއިން އޮފީސް ހިންގާނެ އިމާރާތެއް އެޅުމަށް ހުޅުމާލެއިން އަމިއްލަ ބިމެއް ގަނެ އެ މަސައްކަތް ފެށުމާ ހަމައަށް ގޮސްފައި އޮތުމެވެ. މިވީހާތަނަށް އެމްޓީޑީސީ ހިންގަމުން އައީ އިމާރާތެއް ކުއްޔަށް ހިފައިގެންނެވެ. ކޮންމެ މަހަކު ކުލީގެ ގޮތުގައި 75،000ރ. އެ އިމާރާތަށް ދައްކައިގެންނެވެ.

އެހެންނަމަވެސް ހުޅުމާލޭގައި ތަރައްގީ ކުރާ އާ އިމާރާތަކީ ޖުމްލަ 6000 އަކަފޫޓުގެ ބިމެއްގައި އެޅުމަށް ތައްޔާރުވަމުންދާ އިމާރާތެކެވެ.

މި އަހަރުގެ ތެރޭގައި މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ އެ އިމާރާތް ވެސް ޑިޒައިން ކޮށްފައި ވާނީ އެ ކުންފުންޏަށް ފައިދާ ވާނެ ފަދަ ބިޒްނަސް މޮޑެލްއަކަށް ކަމަށް ތަޒްމީލް ވިދާޅުވި އެވެ.

"އެތަނުގެ ގްރައުންޑު ފްލޯ އަކީ ބިޒްނަސް ލައުންޖެއްގެ ގޮތުގައި ތަރައްގީ ކުރެވޭ ފަންގިފިލާއެއް، ދެން އެތަނުގެ އެއް ފްލޯ ނޫނީ އެހެން ހުރިހާ ފޮލޯއެއްވެސް އަޅުގަނޑުމެން ދޫކުރާނީ ކުއްޔަށް،" އޭނާ ވިދާޅުވި އެވެ.

ތަޒްމީލްގެ ނެވި ކަމުގައި ފާއިތުވި ހަތަރު އަހަރު ކުރި އެ ދަތުރު މުޅި ކުންފުނީގެ ތާރީހާ ނުބައްދަލެވެ. ނަމަވެސް ކުންފުންޏަށް ލިބުނު ހުރިހާ ކާމިޔާބެއްގެ ފަހަތުގައި ހުރީ އޭނާ އެކަނި ނޫން ކަމަށް އޭނާ ބުނެ އެވެ. އެމްޓީޑީސީގެ މުޅި ޓީމުގެ ފަރާތުން ދޭ މެސެޖެއްގެ ގޮތުގައި ތަޒްމީލް ވިދާޅުވީ ކުންފުނިން މިހާރު ކުރަމުން އެދާ ކަންކަމަކީ އެއީ ނުވާނެ ވަރުގެ ކަންކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ އިރާދަކުރެއްވިއްޔާ މި ކުންފުންޏަކީ މި ތިން ކޮމްޕޯނެންޓުގެ ވިޔަފާރި ވެސް ޓޫރިޒަމްގެ ތެރޭގައި ކުރާނެ ކުންފުންޏަކަށް ހެދުން، އެމްޓީޑީސީން މީގެ ކުރިން ވެސް ވަނީ ރަށްތައް ތަރައްގީކޮށް ހިންގާފައި، މިއީ ރޮކެޓު ސައިންސެއް ނޫން،" ފަހުރުވެރި ކަމާއެކު އޭނާ ވިދާޅުވި އެވެ.

އެންމެ ފަހު ވާހަކައަކަށް ވެސް އޭނާ ވިދާޅުވީ ކުންފުނީގެ ކުރިމަގާ މެދު ކުރާ އުންމީދެއްގެ ވާހަކަ އެވެ.

"މިއަދު އަޅުގަނޑުމެން މި ފައި ނަގަނީ އެއް ރިސޯޓު ހެދުމަށޭ، އެމަކު ކުރިއަށް އޮތް ތަނުގައި އެމްޓީޑީސީ މަސައްކަތް ކުރާނީ އެންމެ ރިސޯޓެއް ހިންގާކަށް ނޫނޭ، މިއަދު އަޅުގަނޑުމެން މި ޗެލެންޖު މިނަގަނީ އެ މަންޒިލަށް ދާން،" ތަޒްމީލް ވިދާޅުވި އެވެ.

އާ ގަލަމަކުން އާ ސަފްހާއެއްގައި އެމްޓީޑީސީގެ ތާރީހު މިއަދު ލިޔެވެމުން ދާއިރު، އެ ކުންފުނީގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށްނެވެ. ވަރަށް ކައިރި މުސްތަގުބަލެއްގައި ކުންފުނި އުފެއްދި އަސްލު މަގުސަދު ހާސިލު ވެދާނެ ކަމުގެ ކޮޅުމަތި މިހާރު ވެސް އެވަނީ ފެންނާން ފަށާފަ އެވެ.

ރާއްޖޭގެ އެންމެ ހިއްސާދާރުން ގިނަ ކުންފުނީގެ ގޮތުގައި އޮތް އެމްޓީޑީސީގެ މި ކުރިއެރުމަކީ ހަމަ ޔަގީނުންވެސް އެތައް ބަޔަކަށް އެކަމުގެ ސަބަބުން ހިނިތުންވުން ގެނުވާނެ ކަމެކެވެ. އަދި މިއީ ފަތުރުވެރިކަމުގެ ސިނާއަތުން ދިވެހިރާއްޖެއަށް ބޭރު ފައިސާ ވަންނާނެ އިތުރު ދޮރެއް ވެސް މެއެވެ.