24 ޖުލައި 2025 - 12:41 1
މުހައްމަދު ޝަހްޒާން
ވެލިދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
24 ޖުލައި 2025 - 12:41 1
ނ. ވެލިދޫ އިންޑަސްޓްރިއަލް ޒޯނުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފެށީ އާންމު އުސޫލުގެ ތެރެއިން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު (އީއައިއޭ) އީޕީއޭއިން ފާސް ނުކުރަނީސްކަން އެނގިއްޖެ އެވެ.
ގާނޫނާއި ގަވާއިދުތައް ބުނާގޮތުން ކޮންމެ މަޝްރޫއުއެއް ފެށުމުގެ ކުރިން ވެސް އެ މަޝްރޫއުއަކުން އީއައިއޭ ރިޕޯޓެއް ތައްޔާރު ކުރަންޖެހެ އެވެ. އާންމު އުސޫލުގެ ދަށުން އެ ރިޕޯޓު ފާސްކުރުމުގެ ޒިންމާ މަތިކޮށްފައި އޮންނަނީ އެންވަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާ އެވެ.
ނަމަވެސް އެނގިފައި ވާގޮތުގައި ވެލިދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އީއައިއޭ ރިޕޯޓު ހަދައި އީޕީއޭއަށް ހުށަހެޅުމުން ކަންބޮޑުވާ ކަންތައްތަކެއް ހުރުމުން އެ ރިޕޯޓު އީޕީއޭއިން ފާހެއް ނުކުރެ އެވެ.
އަދަދު އަށް އެނގިފައި ވާގޮތުގައި ވެލިދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އީއައިއޭ ރިޕޯޓު ފާސްކުރީ އެންވަރަމެންޓް މިނިސްޓްރީންނެވެ. ނަމަވެސް އެއީ އާންމު އުސޫލުން ކަން ކުރާ ގޮތެއް ނޫނެވެ.
އެކަމާ ގުޅޭގޮތުން މައުލޫމާތު ދެމުން އެންވަރަމެންޓް މިނިސްޓްރީގެ އިސް އޮފިޝަލެއް ވިދާޅުވީ، ވެލިދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އީއައިއޭ ރިޕޯޓު ފާސްކުރީ މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން މިނިސްޓަރު ކަނޑައެޅުއްވި ބޭފުޅަކު ލައްވައި ކަމަށެވެ.
"އެއީ މިނިސްޓަރަށް ލިބިގެންވާ ބާރެއް، އޭގައި ސޮއި ކުރާނެ ބޭފުޅަކު ހަމަޖައްސައި ކުރިއަށް ގެންދަން ނިންމެވީ މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން،" އޮފިޝަލް ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގައި ބަޔާން ކޮށްފައި އޮންނަނީ އެ ގަވާއިދު ތަންފީޒު ކުރާނީ އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ކަމަށެވެ.
ވެލިދޫ އިންޑަސްޓްރިއަލް ޒޯނުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު، އަބްދުالله މުއްތަލިބު އެވެ.
އެ މަޝްރޫއުގެ ދަށުން ހިއްކަން ހަމަޖެހިފައި ވަނީ 2.7 ހެކްޓަރުގެ ބިމެވެ. އޭގެއިތުރުން 443 މީޓަރުގެ ޖިއޯ ބޭގު ރިވެޓްމެންޓެއް ވެސް އެ މަޝްރޫއުގެ ދަށުން ޖަހަންޖެހެ އެވެ. 33.6 މިލިއަން ރުފިޔާ ހަރަދު ކުރަން ނިންމާފައިވާ އެ މަޝްރޫއު އަންނަ އަހަރުގެ ފެބްރުއަރީ 18 އަށް ނިންމަންޖެހޭނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment