ފުލުހުންގެ ޑިއުޓީ އަދާކުރަނިކޮށް ވަޅިޖަހައި މަރާލި ސާޖަންޓް އާދަމް ހަލީމްގެ މަރުގެ މައްސަލައިގައި ކާށިދޫ، ސުވާސާގެ، މުހައްމަދު ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ކ. ކާށީދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރި އާދަމް ހަލީމްއަށް ދިން ހަމަލާތަކާ ގުޅިގެން އޭނާ ނިޔާވީ ޖުލައި 23، 2012، ގަ އެވެ. އެ މައްސަލައިގައި ސަމާހުގެ މައްޗަށް 2014 ވަނަ އަހަރު ކްރިމިނަލް ކޯޓުން އަދި 2020 ވަނަ އަހަރު ހައި ކޯޓުގައި ވެސް ކުށް ސާބިތުވި އެވެ.
އެކަމަކު، 2024 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ކްރިމިނަލް ކޯޓާއި ހައި ކޯޓުގެ ހުކުމް ބާތިލްކޮށް އެ މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފަ އެވެ. ދަށު ކޯޓުން އެ މައްސަަލަ އަލުން ބަލައި، ސަމާހުގެ ކުށް ސާބިތުވާ ކަމަށް ނިންމީ މިދިޔަ އާދީއްތަ ދުވަހު އެވެ.
ސަމާހު، އާދަމް ހަލީމަށް ހަމަލާދިނީ ގޭބަންދުގައި ހުރެ ބޭރަށް ނުކުމެ އުޅޭތީ އޭނާ ގެއަށް ވައްދަން އާދަމް ހަލީމް މަސައްކަތް ކުރުމުންނެވެ. އޭނާ ނިޔާވީ ފުލުހުންގެ ޔުނީފޯމުގަ އެވެ. ނިޔާވިއިރު، ވަޒީފާގައި އުޅޭތާ ހަތް އަހަރާއި ފަސް މަސްދުވަސް ވަނީ ވެފަ އެވެ.
އާދަމް ހަލީމް ނިޔާވުމުން ފުލުހުން ވަނީ އޭނާއަށް ޕްރޮމޯޝަނެއް ދީ، ސާގަންޓުގެ ރޭންކު ދީފަ އެވެ. އަދި އޭނާ ނިޔާވި ދުވަހަކީ ފުލުހުންގެ މެމޯރިއަލް ޑޭގެ ގޮތުގައި ކޮންމެ އަހަރު ވެސް އޭގެ ފަހުން ދަނީ ފާހަގަ ކުރަމުންނެވެ.
ސާޖަންޓް އާދަމް ހަލީމްގެ ނަމުގައި ހެންވެއިރުގައި ފުލުހުންގެ އިމާރާތެއް ވެސް ވަނީ ހުޅުވާފަ އެވެ.
Comment