about 2 hours 0
ސަމާހު ސުޕްރީމް ކޯޓުގައި މިދިޔަ އަހަރު ވާހަކަ ދައްކަނީ: އާދަމް ހަލީމަށް ހަމަލާ ދިނީ ގޭބަންދު ހުކުމް ތަންފީޒު ކުރަން އުޅުމުން -- ފޮޓޯ: ސްކްރީންޝޮޓް
about 2 hours 0
ފުލުހުންގެ ޑިއުޓީ އަދާކުރަނިކޮށް ވަޅިޖަހައި މަރައިލި ސާޖަންޓް އާދަމް ހަލީމްގެ މަރުގެ މައްސަލައިގައި ދައުވާ ކުރި މީހާގެ މައްޗަށް ދެ ވަނަ ފަހަރަށް ވެސް ކުށް ސާބިތުވެއްޖެ އެވެ.
ކ. ކާށީދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރި އާދަމް ހަލީމް ނިޔާވީ ޖުލައި 23، 2012، ގަ އެވެ. އެ މައްސަލައިގައި ދައުވާ ކުރީ ކާށިދޫ، ސުވާސާގެ، މުހައްމަދު ސަމާހާގެ މައްޗަށެވެ. އޭނާގެ މައްޗަށް 2014 ވަނަ އަހަރު ކްރިމިނަލް ކޯޓުން އަދި 2020 ވަނަ އަހަރު ހައި ކޯޓުގައި ވެސް ކުށް ސާބިތުވި އެވެ.
އެކަމަކު، 2024 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ކްރިމިނަލް ކޯޓާއި ހައި ކޯޓުގެ ހުކުމް ބާތިލްކޮށް އެ މައްސަލަ އަލުން ބެލުމަށް އަމުރުކޮށްފަ އެވެ. ދަށު ކޯޓުން އެ މައްސަަލަ އަލުން ބަލައި، ސަމާހުގެ ކުށް ސާބިތުވާ ކަމަށް ނިންމީ މިއަދު އެވެ.
ސަމާހު، އާދަމް ހަލީމަށް ހަމަލާދިނީ ގޭބަންދުގައި ހުރެ ބޭރަށް ނުކުމެ އުޅޭތީ އޭނާ ގެއަށް ވައްދަން އާދަމް ހަލީމް މަސައްކަތް ކުރުމުންނެވެ. އޭނާ ނިޔާވީ ފުލުހުންގެ ޔުނީފޯމުގަ އެވެ. ނިޔާވިއިރު، ވަޒީފާގައި އުޅޭތާ ހަތް އަހަރާއި ފަސް މަސްދުވަސް ވަނީ ވެފަ އެވެ.
އާދަމް ހަލީމް ނިޔާވުމުން ފުލުހުން ވަނީ އޭނާއަށް ޕްރޮމޯޝަނެއް ދީ، ސާގަންޓުގެ ރޭންކު ދީފަ އެވެ. އަދި އޭނާ ނިޔާވި ދުވަހަކީ ފުލުހުންގެ މެމޯރިއަލް ޑޭގެ ގޮތުގައި ކޮންމެ އަހަރު ވެސް އޭގެ ފަހުން ދަނީ ފާހަގަ ކުރަމުންނެވެ.
ސާޖަންޓް އާދަމް ހަލީމްގެ ނަމުގައި ހެންވެއިރުގައި ފުލުހުންގެ އިމާރާތެއް ވެސް ވަނީ ހުޅުވާފަ އެވެ.
Comment