Advertisement

ކާންދޭން ބޭނުންކުރާ ހޮޅިކޮޅެއް ސަރުކާރަށް ނުގެނެވި ތުއްތު ކުއްޖަކު ނިޔާވެއްޖެ


ކާންދޭން ބޭނުންކުރާ ހޮޅިކޮޅެއް ސަރުކާރަށް ނުގެނެވި ތުއްތު ކުއްޖަކު ނިޔާވެއްޖެ

ކާންދޭން ބޭނުންކުރާ ހޮޅިކޮޅެއް ސަރުކާރަށް ނުގެނެވި "ކުއަޑްރިޕްލެޖިކް ސްޕާސްޓިކް ސެރެބްރަލް ޕަލްސީ" ބައްޔަށް ފަރުވާ ހޯދަމުންދިޔަ ހަ އަހަރުގެ މ. ޗީޒް، އިބްރާހިމް އަޒާން ސުހައިލް އިއްޔެ ނިޔާވެއްޖެ އެވެ.

އަޒާންގެ މަންމަ އާމިނަތު ޔަޝްފާ މާޗު 16، ގައި ފޭސްބުކް ގައި ކުރި ޕޯސްޓެއްގައި އޭނާގެ ދަރިފުޅަށް ބޭނުންވާ ހޮޅިކޮޅު ހޯދުމަށް އެސްޓީއޯގައި އެދުނުތާ އަށް މަސް ވެގެންދިޔައިރުވެސް ހަބަރެއް ނުވާ ކަމަށް ބުނެ ކަންބޮޑުވުންތައް ހާމަކޮށްފައިވެ އެވެ.

"ދަރިފުޅަށް ކާން ދެނީ ޕެގް ޓިއުބަކުން. މިދިޔަ އަހަރު ދެ ޕެގް ޓިއުބް ހޯދަން އެސްޓީއޯއިން އޯޑަރުކުރިން. އަދިވެސް ނުލިބޭ. މިހާރު އަށް މަސްވީ. އެސްޓީއޯއަށް ގުޅައި، ހުޅުމާލޭގެ އެސްޓީއޯ ފާމަސީއަށް އެތައް ފަހަރެއްގެ މަތިން ދެވިއްޖެ. މިހާރު ޕެގް ޓިއުބް ކޮންމެހެންވެސް ބަދަލުކުރަން އެބަ ޖެހޭ. އަހަރެން މިހުރީ ގޮތް ހުސްވެފައި. އެއްވެސް ފާމަސީއަކުން ނުލިބޭ،" ޔަޝްފާ މާޗު 16، ގައި ބުންޏެވެ.

ޔަޝްފާގެ ކަންބޮޑުވުންތައް ސޯޝަަލް މީޑިއާއަށް ތިލަކުރިތާ ނުވަ ދުވަސް ފަހުން އޭނާއަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްކުރި އާންމު މީހަކަށް ފޮނުވި މެސެޖެއްގައި ބުނީ އަޒާންގެ ހާލު މިހާރު ވަރަށް ދެރަ ކަމަށާއި ހޮޅިކޮޅު ސަރުކާރުން ދިން ނަމަވެސް ބޭނުން ނުކުރެވުނު ކަމަށެވެ.

"އަހަރެންގެ ދަރިފުޅު ދުނިޔޭގައި އޮތީ ހަމަ ކިރިޔާ. އޭނާ އެދަނީ އެންމެ ފަހުގެ ނޭވާ ލަމުން. އައިޖީއެމްއެޗްގައި. ކުރީ ދުވަހު އައިޖީއެމްއެޗްގެ ޕްރޮކިއުމަންޓް އިން ގުޅާފައި ބުނީ އޭތި ލިބިއްޖެއޯ. އެބައޮތް ލިބިފައި. އެކަމަކު މިހާރު މާ ލަސްވެއްޖެ. ހާލު ދެރަވީމަ ނުގުޅޭނެ،" އޭނާ ބުންޏެވެ.

މިކަމުގައި ކަން ހިނގާފައިވާ ގޮތް އަދަދު އިން ބެލި ބެލުމުން އަޒާންއަށް ބޭނުންވާ ހޮޅިކޮޅު ހޯދަން ޔަޝްފާ އެސްޓީއޯގައި އެދުމުން, އެސްޓީއޯއިން ވަނީ އެކަމުގައި އެންސްޕާއަށް ފްލެގް ކޮށްފަ އެވެ.

އެއާއެކު އެކަން ބެލުމަށްފަހު އެންސްޕާއިން ވަނީ އެ ހޮޅިކޮޅު ހޯދުމަށް މާލީ އެހީއެއް ގޮތުގައި އެންސްޕާއަށް ހުށަހަޅަން ޕޭޝަންޓް ކައިރީ އެދުމަށް އެސްޓީއޯގައި ބުނެފަ އެވެ. ނަމަވެސް އަށް މަސް ވެގެންދިޔައިރު އެކަމުގައި އެއްވެސް ކަހަލަ ކޮމިއުނިކޭޝަނެއް އެސްޓީއޯއިން އޮތީ ނުހިންގަ އެވެ.

މިކަމާ ގުޅިގެން އެސްޓީއޯގެ ބަހެއް ހޯދަން މި ނޫހުން ތަކުރާރުކޮށް މަސައްކަތްކުރި ނަމަވެސް، އެ ކުންފުނީގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

ޔަޝްފާ މާޗު 16، ގައި ކުރި ޕޯސްޓުގައި އިތުރަށް ބުނީ އެސްޓީއޯއިން އޭނާއަށް ގުޅާފައި ބުނީ ހޮޅިކޮޅު ފޯރުނުކޮށްދެވި ލަސްވަނީ އެންސްޕާގެ އެޕްރޫވަލް ނުލިބޭތީ ކަމަށެވެ. ނަމަވެސް މި ނޫހަށް އެނގިފައިވާ ގޮތުގައި އެސްޓީއޯއިން މިކަމާ ގުޅިގެން ހިންގަން ޖެހޭ މުއާމަލާތް އޮތީ ނުހިންގަ އެވެ.

އޭގެއިތުރުން އެސްޓީއޯއިން ހިންގަންޖެހޭ މުއާމަލާތްތައް ނުހިންގުމުގެ ސަބަބުން އަޒާންގެ އާއިލާއިން ރަސްމީކޮށް އެންސްޕާއަށް އެ ހޮޅިކޮޅު ހޯދުމަށް އެދިފައެއް ނުވާކަން ފާހަގަކުރެވެ އެވެ.

ސަރުކާރުގެ އެކި އިދާރާތަކުގެ އިހުމާލުން އަދި ސިއްހީ ހިދުމަތްތެރިންގެ އިހުމާލުން މަރުވާ މީހުންގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ. އެފަދަ މައްސަލަތައް ތަހުގީގީ އިދާރާތަކުންނާއި އެހެނިހެން އިދާރާތަކުން ބަލާފައިވެ އެވެ.

ނަމަވެސް މިހާތަނަށް އެފަދަ މައްސަލައަކާ ގުޅިގެން އެއްވެސް ކަހަލަ ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކުރެވެ އެވެ. ހާއްސަކޮށް އިހުމާލަކާމެދު އެއްވެސް މީހަކު ޒިންމާކުރެވިފައެއް ވެސް ނުވެ އެވެ.