Advertisement

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށް އަނެއްކާ ވެސް ރައީސް ވިދާޅުވެއްޖެ

މުހައްމަދު މުއިއްޒު: މި އަހަރުގެ ތެރޭގައި މަރުގެ ހުކުމް ތަންފީޒުކުރަން ފެށޭނެ ކަމަށް ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް


ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރާނެ ކަމަށް އަނެއްކާ ވެސް ރައީސް ވިދާޅުވެއްޖެ

މި އަހަރު ތެރޭގައި މަރުގެ އަދަބާ ގުޅޭ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރަން ފަށާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު އަނެއްކާ ވެސް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މަރުގެ އަދަބު ތަންފީޒުކުރުމަށް ހާއްސަ ގާނޫނެއް ގެނައުމަށް ބަންޑާރަނައިބުގެ އޮފީހުން ބިލެއް ތައްޔާރުކުރަމުންދާ ކަމަށާއި އެ ބިލު މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގައި ހުށަހަޅާނެ ކަމަށެވެ.

"ބަންޑާރަނައިބުގެ އޮފީހުން އެބަ ކުރިއަށްގެންދަން މިފަދަ ފަރާތްތަކަށް މަރުގެ އަދަބު ތަންފީޒުކުރުމުގެ ހާއްސަ ގާނޫނެއް ގެނައުމަށްޓަކައި އެކަމާ ބެހޭ ބިލެއް އެބަ ތައްޔާރުކުރަން. އެހެންވީމަ މި ބިލު އިރާދަކުރެއްވިއްޔާ ނިމުމަކާ ހަމައަށް ގޮސްފައިވަނީ. މިހާރު ހިނގަމުންދާ މަޖިލީހުގެ، މި އަހަރު ހިނގަމުންދާ ދައުރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މި ބިލު އަޅުގަނޑުމެން މަޖިލީހަށް ފޮނުވާނަން،" މުއިއްޒު ވިދާޅުވި އެވެ.

މަޖިލީހުން ބިލު ފާސްވުމާއެކު އެ ބިލު ތަސްދީގުކުރައްވާނެ ކަމަށާއި އެއަށްފަހު ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެ ބިލު މަޖިލީހުން ފާސްވެގެން އައުމުން އެ ބިލު ތަސްދީގުކުރެވުނީމަ ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަވެފައިވާ އަދި މަރުގެ ހުކުމް ތަންފީޒުކުރަން ހުރިހާ ފަރާތްތަކެއްގެ މަރުގެ އަދަބު ތަންފީޒު އިރާދަކުރެއްވިއްޔާ މި ސަރުކާރުން ކުރާނަން."

ރާއްޖެފަދަ އިސްލާމީ ގައުމެއްގައި އަދުލް އިންސާފު ގާއިމުކުރުމަށްޓަކައި މަރުގެ އަދަބާ ތަންފީޒުކުރުމާ ގުޅޭގޮތުން ހުރިހާ ޕްރޮސެސްއެއް ނިމުމުން ވެސް މަރުގެ އަދަބު ތަންފީޒުނުކޮށް ހިފެހެއްޓުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ ތެރެއިން ވަކި ބަރުދަނެއް ހަމަވާ މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ބެންޗުގެ އިއްތިފާގުން ހުކުމް ކުރާ ހާލަތުގައި ޑްރަގުގެ ބޮޑުންނަށް މަރުގެ އަދަބު ދިނުމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް މި ސަރުކާރުން ވަނީ ބަދަލު ގެނެސްފަ އެވެ.

މަރުގެ އަދަބު ދެވޭ ހާލަތުތައް

  • 350 ގްރާމަށް ވުރެ އިތުރަށް ކެނަބިސް ޓްރެފިކް ކުރުން
  • 250 ގްރާމާށް ވުރެ އިތުރަށް ޑައިމޯފިން ޓްރެފިކް ކުރުން
  • 100 ގްރާމަށް ވުރެ އިތުރަށް ޖަދުވަލު 1 ގައި ވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުން

ރާއްޖޭގައި 1954 ވަނަ އަހަރުގެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައި ނުވެ އެވެ. 2024 ވަނަ އަހަރުގެ ނިޔަލަށް ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ނިމި މަރުގެ އަދަބު ދޭ ހިސާބުގައި ހަތަރު މީހަކު ތިބި ކަމަށް ސަރުކާރުން 2024 ވަނަ އަހަރު ހާމަކުރި އެވެ.

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެންނަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ނިންމި އެވެ. އެހެން ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ސިޔާސަތު 2018 ގައި ބަދަލުކުރި އެވެ.

މަރުގެ އަދަބު ތަންފީޒު ކުރަން ކުރިން ވަކާލާތު ކުރެއްވި ނަމަވެސް، ޝަރުއީ ދާއިރާއަށް އިތުބާރު ނެތުމުން އެކަމަށް މިހާރު ތާއިދު ނުކުރައްވާ ކަމަށް ޔާމީން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ވިދާޅުވި އެވެ.