Advertisement

އުނގޫފާރަށް ދިން އުނގުއްޔަށް އެހެން ރަށެއްގެ ބަޔަކު އެރުން މަނާކޮށްފި

އުނގޫފާރާއި އުނގުއްޔާއި އިފުރު ފެންނަ ސެޓެލައިޓް ފޮޓޮއެއް: އުނގުލު އޮންނަނީ އުނގޫފާރާއި އިފުރާ ދޭތެރޭ މެދަށްވާ ކަހަލަ ގޮތަކަށް --- ފޮޓޯ: ގޫގުލް އާތު


އުނގޫފާރަށް ދިން އުނގުއްޔަށް އެހެން ރަށެއްގެ ބަޔަކު އެރުން މަނާކޮށްފި

ރ. އުނގޫފާރު ރައްޔިތުން އެކިކަހަލަ މަސައްކަތް ކުރަން، އެ ރަށުގެ އިހުތިސޯސްގެ ތެރޭގައި ހިމަނާފައިވާ އުނގުއްޔަށް އެރޭނީ އުނގޫފާރުގެ ރަށްވެހިންނަށާއި ރަށްވެއްސަކާއި ކައިވެނިކޮށްގެން އުނގޫފާރުގައި ދިރިއުޅޭ މީހުންނާއީ މީހުންގެ ދަރިންނަށް އެކަނި ކަމަށް ބުނެ އުނގޫފާރު ކައުންސިލުން މިއަދު އިއުލާނެއް ނެރެފި އެވެ.

އުނގޫފާރާ ގާތްގަނޑަކަށް ދެ ކިލޯމީޓަރު ދުރުގައި އޮންނަ އުނގުއްޔަށް އަރާ ފޭބުމާ ގުޅޭ ގޮތުން ރަށު ކައުންސިލުން ކުރި އިއުލާނުގައި ވަނީ ކައުންސިލުން އުނގުއްޔާ މެދު އަމަލުކުރާނެ ވަކި އުސޫލެއް ކަނޑައަޅާ ނިމެންދެން އެ ރަށަށް އަރާ ފޭބުމުގައި އަމަލުކުރާނީ އެ އިއުލާނުގައި ބަޔާންކޮށްފައިވާ އުސޫލާ އެއް ގޮތަށް ކަމަށެވެ.

އެހެން ރަށެއްގެ ބަޔަކަށް އުނގުއްޔަށް ނޭރޭ ގޮތަށް ހެދިއިރު، އުނގޫފާރު ރައްޔިތުންނަށް ވެސް ދުރާލާ ކައުންސިލުގެ ހުއްދަ ނުނަގާ ރަށަށް ނޭރޭ ގޮތް ހަދާފަ އެވެ. އެ ރަށު މީހުން ވެސް ޖެހެނީ ދުރާލާ ފޯމެއް ފުރައިގެން ކައުންސިލުގެ ހުއްދަ ހޯދާށެވެ.

އޭގެ އިތުރުން، އުނގޫފާރު ކައުންސިލުން ވަނީ އުނގުލަށް އެރޭނެ ގަޑިތަކާއި، އެ ރަށުން ހޮވާ ކާއްޓާ މެދު އަމަލުކުރާނެ ގޮތާއި، ކާށި ވިއްކޭނެ އަގާއި، ކަށިކެޔޮ ގަނޑެއް ވިއްކާނެ އަގާއި ރަށުގައި ކުރުން މަނާ ބައެއް ކަންކަން ކަނޑައަޅާފަ އެވެ.

އުނގޫފާރު ކައުންސިލުން ވަނީ އެ ކައުންސިލްގެ ރަސްމީ ހުއްދައެއް ނެތި އެއްވެސް މީހަކު އަރައިފި ނަމަ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.

"ވީމާ، މި ކައުންސިލްގެ ރަސްމީ ހުއްދައެއް ނެތި އެއްވެސް ފަރާތަކުން ރ. އުނގުލަށް އަރާ ފޭބުމަކީ މަނާކަމެއްކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ. އަދި މި އެންގުމާ ހީލާފުވާ ފަރާތްތަކާ މެދު، ކަނޑައެޅިފައިވާ ގާނޫނީ އުސޫލުތަކުގެ ތެރެއިން އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް މި ކައުންސިލުން އަޅަމުން ދާނެ ވާހަކަ ވެސް މައުލޫމާތަށްޓަކައި ދަންނަވަން" އިއުލާނުގައި ބުންޏެވެ.

އުނގޫފާރު ކައުންސިލުން މި ގޮތަށް އަންގައި އިއުލާނެއް ކުރި ނަމަވެސް، މި އިއުލާނުގެ ގާނޫނީ ސައްހަކާމާ މެދު ސުވާލު އުފެދެ އެވެ.

ގާނޫނު އަސާސީގެ 41 ވަނަ މާއްދާ - ދަތުރުފަތުރުކުރުމާއި ވަޒަންވެރިވުމުގެ މިނިވަންކަން


(ހ) ރާއްޖެއިން ފުރައިގެން ދިއުމާއި، ރާއްޖެއަށް އެނބުރި އައުމާއި، ރާއްޖޭގައި ހުރުމާއި ރާއްޖޭގެ އެކި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށްމެ ލިބިގެންވޭ. (ށ) ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވަޒަންވެރިވުމާއި، އެއް ރަށުން އަނެއް ރަށަށް ހިޖުރަކުރުމުގެ ހައްގު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވޭ. (ނ) އެ ރަށެއްގައި ދިރިއުޅޭ މީހުންނަށް ލިބޭ އެންމެހައި ހިދުމަތްތަކާއި، އިމްތިޔާޒުތައް ހަމަހަމަކަމާއެކު ލިބުމުގެ ހައްގު އެ ރަށެއްގައި ވަޒަންވެރިވާ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވޭ.

ސަބަބަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ދަތުރުފަތުރުކުރުމާއި ވަޒަންވެރިވުމުގެ މިނިވަންކަމުގެ ހައްގުގެ ދަށުން ދިވެހި ރައްޔިތަކަށް މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް އެރުން މަނާނުކުރެވޭނެތީ އެވެ. އުނގުއްޔަކީ އުނގޫފާރުގެ ބަޔެއްގެ ގޮތުގައި ހިމަނާފައިވާ ރަށަކަށް ވާތީ، އެ ރަށަކީ ވެސް މީހުން ދިރިއުޅޭ ރަށެއްގެ ބަޔެކެވެ.

މިކަމާ ގުޅިގެން ލޯކަލް ގަވަމަންޓް އޮތޯރިޓީ އާއި ކައުންސިލު މިނިސްޓްރީގެ ބަހެއް ނުލިބޭތީ މި މައްސަލައިގައި ސަރުކާރުން ދެކޭ ގޮތެއް ނޫނީ އަޅާ ފިޔަވަޅެއް އަދި ނޭނގެ އެވެ.

އުނގޫފާރުގެ ބަޔެއްގެ ގޮތުގައި އުނގުލު ހަމަޖެއްސުމަކީ މި ދައުރުގެ ވަރަށް ކުރީކޮޅު ރައީސް މުހައްމަދު މުއިއްޒު އެ ރަށަށް ވަޑައިގެން އެ ރަށު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދެކެވެ. މި ވައުދާ އެއް ގޮތަށް އެ ރަށް އުނގޫފާރުގެ ބަޔެއްގެ ގޮތުގައިކަނޑައެޅީ މި މަހުގެ ކުރީކޮޅުގަ އެވެ.

އުނގުލުގައި ކުރިން މީހުން ދިރިއުޅުނެވެ. އެ ރަށުގައި ދިރިއުޅެމުން ދިޔަ ސަތޭކަ ވެސް ހަމަނުވާ އާބާދީ އެ އަތޮޅު ހުޅުދުއްފާރަށް ބަދަލުކުރީ 1993 ގައި އެވެ.