23 ޖުލައި 2024 - 16:43 0
އަހުމަދު އާއިދު
ރ. އުނގޫފާރުގައި 18 އަހަރުގެ އަތީކު ކަރަންޓުގައި ޖެހުނު ސަރަހައްދު: -- ފޮޓޯ: އުނގޫފާރުޑޮޓްކޮމް
23 ޖުލައި 2024 - 16:43 0
ރ. އުނގޫފާރުގައި ބަޔަކު ކަރަންޓުގައި ޖެހުނު މައްސަލައިގައި ފެނަކަ ކޯޕަރޭޝަނުން އިހުމާލުވެފައިވާތީ އެ ކުންފުނި ޖޫރިމަނާކުރަން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އިން މިއަދު ނިންމައިފި އެވެ.
މެއި 23، ހިނގި މި ހާދިސާގައި އަށް އަހަރުގެ ފިރިހެން ކުއްޖަކާއި، 12 އަހަރުގެ އަންހެން ކުއްޖެއްގެ އިތުރުން 18 އަހަރުގެ ހުސެއިން އަތީކު ކަރަންޓުގައި ޖެހުނެވެ. އޭގެ ތެރެއިން 18 އަހަރުން ދަށުގެ ދެ ކުދިންނަށް އުނގޫފާރު ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލިއިރު، އަތީކު ނިޔާވީ އޭނާ މާލެ ގެނެސް ފަރުވާދެމުން ދަނިކޮށެވެ.
ޔޫއާރުއޭ އިން މި މައްސަލާގައި ނެރުނު ބަޔާނެއްގައި ބުނީ، ހާދިސާ ހިނގަން ދިމާވެފައިވާ މައިގަނޑު ސަބަބަކީ އެ ރަށުގެ މަގުބައްތިތަކަށް ކަރަންޓު ދިނުމުގައި ހުންނަން ޖެހޭ ސަލާމަތީ ކަންކަމާމެދު ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އިހުމާލުވުމުން ކަމަށެވެ.
މިހެންވެ، ގާނޫނުގައިވާ ގޮތުގެ މަތިން އެ ކުންފުނި 50،000ރ. އިން ޖޫރިމަނާކޮށް އެ ފައިސާ 20 ދުވަހުގެ ތެރޭގައި ދެއްކުމަށް އެންގިފައި ވާނެ ކަމަށް ވެސް ޔޫއާރުއޭގެ ބަޔާނުގައިވެ އެވެ.
ޔޫއާރުއޭއިން ބުނީ އެ އިދާރާއަށް މި ހާދިސާގެ މައުލޫމާތު މެއި 24، ގައި ލިބުމާއެކު ތަހުގީގު ފަށާފައިވާނެ ކަަމަށެވެ.
ޔޫއާރުއޭގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދީ އުނގޫފާރު ކައުންސިލާއި އެ ރަށުގައި ކަރަންޓުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނި، ފެނަކައިންނެވެ.
"ތަހުގީގުން އެނގުނު ގޮތުގައި މައްސަލަ ދިމާވަން މެދުވެރިވި ސަބަބަކީ، މަގު ބައްތިތަކުގައި ހުންނަންޖެހޭ ސަލާމަތީ އިކުއިޕްމަންޓްތަކުގެ ތެރޭގައި ހިމެނޭ އާރތު ލީކް ސަރކިޓް ބްރޭކަރ (އީއެލްސީބީ) އާއި މިނިއޭޗަރ ސަރކިޓް ބްރޭކަރ (އެމްސީބީ) ހަރުކުރެވިފައިވާނުވާ މަގު ބައްތިތަކަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކަރަންޓު ދީފައިވުން،" އެ އިދާރާއިން ބުނެފައިވެ އެވެ.
މިއީ އުނގޫފާރު ނޫނަސް ފެނަކައިން ހިދުމަތްދޭ ގިނަ ރަށްރަށުގައި ހާލަތު ހުރި ގޮތްކަން އެ އިިދާރާއިން ވަނީ ފާހަގަކޮށްފަ އެވެ.
ފުލުހުން ވެސް މި މައްސަލަ ބަލަމުންދާއިރު ރައްކާތެރިކަމުގެ މިންގަނޑުތަކާ ހިލާފަށް އާތު ލީކޭޖް ސާކިއުޓް ބްރޭކާ (އީއެލްސީބީ) ހަރުނުކުރާ މަގުބައްތިތަކަށް މި މަހަށްފަހު ކަރަންޓު ދިނުން ހުއްޓާލަން ފެނަކައިން ވަނީ ނިންމާފަ އެވެ.
އެ ކުންފުނިން މިގޮތަށް ނިންމީ އުނގޫފާރުގައި ހިނގި ހާދިސާއަށްފަހު މުޅި ރާއްޖޭގައި ފެނަކައިން ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުގެ ނަތީޖާއަށް ބަލާފަ އެވެ. ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ފެނަކަ އަކީ ރާއްޖޭގެ އެންމެ ގިނަ ރަށްރަށަށް ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެވެ.
Comment