about 5 hours 0
އަހުމަދު އާއިދު
ރައީސް މުހައްމަދު މުއިއްޒު ރޭ ދުވާފަރުގައި ބޭއްވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަނީ ---- ފޮޓޯ: ރައީސް އޮފީސް
about 5 hours 0
ސަރުކާރުން އެކުލަވާލި ތަރައްގީގެ މާސްޓަ ޕްލޭނާއި އާބަން ސެންޓަރުތަކުގެ ސިޔާސަތާ މުޅިން ފުށޫއަރާ ގޮތަށް، ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައި ވަނިކޮށް، ރ. ދުވާފަރަކީ އާބަން ސެންޓަރެއްގެ ގޮތުގައި ކަނޑައަޅައި އެ ރަށާއި އުނގޫފާރާ ދެމެދު އާރުޓީއެލްގެ ހިދުމަތް ފަށަން ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރަން ރޭ ދުވާފަރުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އުނގޫފާރާއި ދުވާފަރު އެކުގައި އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަން ނިންމާފައިވާ ކަމަށެވެ.
އެކަމަށް އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި އަންނަ ރޯދަ މަހުގެ ކުރިން ދުވާފަރާއި އުނގޫފާރާ ދެމެދު އާރުޓީއެލް ހާއްސަ ފެރީއެއްގެ ހިދުމަތް ފަށާނެ ކަމަށް ވިދާޅުވި އެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގެން، "ދިވެހީންގެ ރާއްޖެ" މެނިފެސްޓޯގެ ދަށުން ރާއްޖޭގެ ހަތް ސަރަހައްދެއް އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީކުރަން ނިންމައި، އެ ރަށްތައް ވަނީ އިއުލާނުކޮށްފަ އެވެ. އެ ލިސްޓުގައި ރ. އަތޮޅުން ހިމެނެނީ ހަމައެކަނި އުނގޫފާރެވެ.
“ސަރުކާރުގެ ސިޔާސަތުގެ ދަށުން އަޅުގަނޑު ކަނޑައަޅާފައި މިވަނީ އުނގޫފާރާއެކީގައި ދުވާފަރަކީ މި ދެރަށް އެކުގައި މިއީ އާބަން ސެންޓަރެއްގެ ގޮތުގައި. އިރާދަ ކުރެއްވިއްޔާ މި އާބަން ސެންޓަރު އަޅުގަނޑުމެން ތަރައްގީކުރާނީ ދެމެހެއްޓެނިވި ތަރައްގީގެ ގޮތުން މެދު އަދި ދުރުރާސްތާއަށް ބަލާއިރު މިރާއްޖޭގެ ތަރައްގީގެ މުހިއްމު ނާރެހެއްގެ ގޮތުގައި”މުއިއްޒު ވިދާޅުވި އެވެ.
ނޮވެމްބަރު 9، 2024 ގައި އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީ ކުރާނެ ކަމަށް އިއުލާނުކުރި ރަށްތައް؛
އާބަން ސެންޓަރުގެ ގޮތުގައި ހަތް ރަށް ތަރައްގީ ކުރަން ކަނޑައެޅި ސިޔާސަތު ބަދަލުކޮށް، ކަނޑުއޮޅިއަކުން ވަކިވެފައި އޮތް ނަމަވެސް ފަސް ކިލޯމީޓަރެއްހާ ކައިރީގައި އޮތް މި ދެ ރަށަށް އެއް "އާބަން ސެންޓަރު" ގެ ގޮތުގައި ތަރައްގީ ކުރަން ނިންމެވިކަން އިއުލާން ކުރެއްވިއިރު، އާރުޓީއެލްގެ ފެރީ ތައާރަފު ކުރާ ވާހަކަ ފިޔަވައި، ހިދުމަތްތަކާއި ތަރައްގީގެ ޕްލޭން ރާވާފައިވާ ގޮތާއި އެކަންކަން ބަހާނެ ގޮތެއް ސަރުކާރުން ހާމަައެއް ނުކުރެ އެވެ.
ދުވާފަރަކީ އާބާދީ ބޮޑު، އަދި ސިޔާސީ ގޮތުން އަބަދުވެސް ވާދަވެރި ރަށެކެވެ. 2022 ގެ ބޯހިމެނުމުން ދައްކާ ގޮތުން ދުވާފަރުގެ އާބާދީ އަކީ 3,321 އެވެ. އުނގޫފާރުގެ އާބާދީ އަކީ 1,754 އެވެ.
ސަރުކާރުން އާބަން ސެންޓަރު ތަރައްގީ ކުރުމަށް އާންމުކުރި ލިސްޓާއި ގުޅިގެން އިދިކޮޅު ސިޔާސީ ޕާޓީތަކުން މީގެ ކުރިން ކަންބޮޑުވުން ފާޅުކުރި އެވެ. އެގޮތުން އެ ލިސްޓު އާންމުކުރުމާއެކު އިދިކޮޅު އެމްޑީޕީން ވަނީ ހަތް އާބަން ސެންޓަރު ކަނޑައެޅީ އެއްވެސް ބަޔަކާ މަޝްވަރާ ނުކޮށް ކަމަށް ބުނެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment