about 1 hour 1
އަމަން ހަލީމް
ވާވު އަތޮޅުގެ އިރުމަތީ ފަރާތް ފެންނަ ސެޓެލައިޓް ފޮޓޮއެއް: އެއާޕޯޓު އަޅަނީ ފޮޓޯގެ ތިރިން ފެންނަ ދިއްގަރު ފަޅުގައި --- ފޮޓޯ: ގޫގުލް އާތު
about 1 hour 1
ވާވު އަތޮޅު ދިއްގަރު ފަޅުގައި، "އަމަން އިންޓަނޭޝަނަލް ޕްރައިވެޓް އެއާޕޯޓު" ގެ ނަމުގައި، ޕްރައިވެޓު ޖެޓު ޖައްސަން ހާއްސަ އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ވާވު ޖެޓު އެއާޕޯޓު ތަރައްގީކުރަނީ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު އާއި ބޭރުގެ ދެ ކުންފުންޏަކުން ހިއްސާވާ ގްލޯބަލް އޭސް މޯލްޑިވްސް ކުންފުނިންނެވެ.
ގްލޯބަލް އޭސްގައި ހިއްސާވާ ބޭރު ކުންފުނިތަކަކީ އޭޖީ އީސްޓް 2 ޑީއެމްސީސީ އާއި ސޭންޑްސްޓޯމް ކަލެކްޓިވް އެވެ. ބެލެވޭ ގޮތުގައި ސޭންޑްސްޓޯމް ކަލެކްޓިވްއަކީ ވ. ފޮއްތެޔޮ ފަޅުގައި ރިސޯޓު ތަރައްގީކުރަމުން އަންނަ އަމަން ރިސޯޓްސްއާ ގުޅުން އޮންނަ ކުންފުންޏެކެވެ.
ގްލޯބަލް އޭސްގެ މެނޭޖިން ޑިރެކްޓަރަކީ އަމަން ރިސޯޓްސްގެ ޗީފް ޑިވެލޮޕްމަންޓް އޮފިސަރު ޝާން ޗީއޯ އެވެ. އަދި، ކުންފުނީގެ ބޯޑުގައި ތިބެނީ ޗީއޯ އާއި ޖަނާހެވެ.
މި މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައިވާ ގޮތުގައި އެއާޕޯޓު ތަރައްގީކުރަން ގާތްގަނޑަކަަށް 134 ހެކްޓަރުގެ ސަރަހައްދެއް ހިއްކާނެ އެވެ. މިކަމަށް ބޭނުންވާ ހުރިހާ ވެލި ނަގަނީ ފަޅު ތެރެއިންނެވެ.
ދިއްގަރު ފަޅުގައި އެއާޕޯޓެއް ތަރައްގީކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތް ފެށީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރާ ދިމާކޮށް ކުރީ ސަރުކާރުންނެވެ.
މިކަން ފުރަތަމަ އިއުލާންކުރީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާވު އަތޮޅަށް ކެމްޕެއިނަށް ވަޑައިގެން، އަމަން ރިސޯޓްސްގެ ޕްރޮޖެކްޓު އިއުލާންކުރި ދުވަސްވަރާ ދިމާކޮށެވެ.
އަމަން އިންޓަނޭޝަނަލް އެއާޕޯޓުގެ ކޮންސެޕްޓް: މި އެއާޕޯޓުގައި ދިގު ރަންވޭއެއް އޮވޭ --- ކުރެހުން: ގްލޯބަލް އޭސް މޯލްޑިވްސް
އޭގެ ހަފުތާއެއްހާ ދުވަސް ފަހުން، އޮގަސްޓު 7، 2023 ގައި ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން ހިންގަން ބޭނުންވާ ޕްރޮޖެކްޓެއްގެ ގޮތުގައި ފަސް މިލިއަން ޑޮލަރު ދޭން ނޫނީ އެއާޕޯޓު ތަރައްގީކޮށްދޭން ހުޅުވާލި އެވެ.
ވާވު އެއާޕޯޓުގެ މަސައްކަތް ނިމުމުން ރާއްޖޭގައި އެއާޕޯޓެއް ނެތް އެއްވެސް އަތޮޅެއް ނުހުންނާނެ އެވެ. އެއާޕޯޓެއް ނުހުންނަނީ ވ. އަތޮޅާއި އއ. އަތޮޅުގައި އެކަންޏެވެ. އއ. އަތޮޅުގައި އެއާޕޯޓު ތަރައްގީކުރަނީ މަޑިވަރުގަ އެވެ.
Comment