Advertisement

ބާސެލޯއިން ހިންގި ވޭލް ލެގޫން ރިސޯޓު މެލިއާއިން ހިންގަން ފަށަައިފި

19 ފެބުރުވަރީ 2026 - 09:44 0

މެލިއާ ވޭލް ލެގޫން މޯލްޑިވްސް: މިއީ ލަންކާގެ ބްރައުންސް ކުންފުނިން ތަރައްގީކުރި ރިސޯޓެއް --- ފޮޓޯ: ބާސެލޯ


ބާސެލޯއިން ހިންގި ވޭލް ލެގޫން ރިސޯޓު މެލިއާއިން ހިންގަން ފަށަައިފި

19 ފެބުރުވަރީ 2026 - 09:44 0

އދ. ބޮޑުފިނޮޅުގައި ކުރިން ބާސެލޯ ވޭލް ލެގޫން މޯލްޑިވްސްގެ ނަމުގައި ހިންގަމުން އައި ރިސޯޓުގެ މެނޭޖުމަންޓާ ސްޕެއިންގެ އެހެން ކުންފުންޏަކުން ހަވާލުވެ، މެލިއާ ވޭލް ލެގޫން މޯލްޑިވްސްގެ ނަމުގައި ޓޫރިސްޓުންނަށް ހިދުމަތް ދޭން ފަށައިފި އެވެ.

އަރިއަތޮޅުގައި ފެހުރިހި އާންމުކޮށް ފެންނަ އަދި ހިމާޔަތްކޮށްފައިވާ "ސައުތް މެރިން ޕްރޮޓެކްޓަޑް އޭރިއާ" ނުވަތަ "ސަމްޕާ" ސަރަހައްދުގެ ތެރޭގައި އޮންނަ މެލިއާ ވޭލް ލެގޫންއަކީ ފަސް ތަރީގެ އޯލް އިންކްލޫސިވް ރިސޯޓެކެވެ.

މި ރިސޯޓުގައި 63 ބީޗު ވިލާ އާއި 30 ވޯޓާ ވިލާ އާއި ޕޫލް ހުންނަ ހަތް ބީޗު ވިލާ ހުރެ އެވެ. އަދި ވެލްނަސްއަށް ވަރަށް ހާއްސަ އިސްކަމެއް ދީގެން ހަށިގަނޑަށް ފަރުވާ ދިނުމާއި ސޯނާ އާއި ސްޓީމް ބާތު ހިމެނޭ ގޮތަށް ސްޕާގެ ހިދުމަތްތައް ލިބެ އެވެ.

މިއީ 40 ގައުމެއްގައި، 350 އަށް ވުރެ ގިނަ ޓޫރިސްޓުންނަށް ހިދުމަތްދޭ ޕްރޮޕަޓީތައް މެނޭޖުކުރަމުން އަންނަ މެލިއާއިން ރާއްޖޭގައި ހިންގަން ފެށި ފުރަތަމަ ރިސޯޓެވެ.

"ރާއްޖެއިން ރަމްޒުކޮށްދެނީ އަހަރަމެންގެ މަގުސަދުގެ އަސާސީ ސިފަ: ދުނިޔޭގެ އެންމެ އެކްސްކްލޫސިވް މަންޒިލްތަކުގައި ކުރިއަރައި، މެލިއާގެ މެހެމާންދާރީ ފޯރުކޮށްދީގެން، ތަފާތު މާހައުލެއްގައި ހާއްސަ ހިނދުކޮޅެއް ހޯދައިދިނުން،" މެލިއާ ޗެއާމަން އަދި ސީއީއޯ ގެބްރިއަލް އެސްކާރާ ވިދާޅުވެފައި ވެ އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މެލިއާއިން މި ރިސޯޓުގެ މެނޭޖުމަންޓާ ހަވާލުވީ އެ ރިސޯޓު ތަރައްގީކުރި ލަންކާގެ ބްރައުންސް އިންވެސްޓްމަންޓްސް އިން އެ ރަށް ވިއްކާލުމާ ގުޅިގެންނެވެ.

ބްރައުންސް އިން މިދިޔަ އަހަރުގެ ފަހުކޮޅު މި ރަށް 57.5 މިލިއަން ޑޮލަރު (887 މިލިއަން ރުފިޔާ) އަށް ވިއްކާލީ އޭއެސްބީ ހޮޓެލް ޕްރޮޕަޓީސް ކިޔާ ކުންފުންޏަކަށެވެ. މި ކުންފުންޏަކީ ދުބާއީގެ އަލްބުވާދީ އިންވެސްޓްމަންޓުގެ ސަބްސިޑަރީ ކުންފުންޏެކެވެ.