Advertisement

ސާވިސް ޗާޖު ޑޮލަރުން ދިނުމަށް މަޖުބޫރު ކުރުމަށް ހުށަހެޅި ބިލު އެޖެންޑާ ނުކުރާތީ މަޓޭގެ ކަންބޮޑުވުން

17 ފެބުރުވަރީ 2026 - 10:01 1

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ކެންދޫ ދާއިރާގެ މެންބަރު މަޓޭ، އޭނާ ވަނީ ޓޫރިޒަމް މުވައްޒަފުންގެ ޖަމިއްޔާގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައި --- ފޮޓޯ؛ މަޖިލިސް އިދާރާ


ސާވިސް ޗާޖު ޑޮލަރުން ދިނުމަށް މަޖުބޫރު ކުރުމަށް ހުށަހެޅި ބިލު އެޖެންޑާ ނުކުރާތީ މަޓޭގެ ކަންބޮޑުވުން

17 ފެބުރުވަރީ 2026 - 10:01 1

ސާވިސް ޗާޖުގެ ގޮތުގައި ލިބޭ ބޭރު ފައިސާ މުވައްޒަފުންނަށް ދިނުމުގެ ކުރިން ދިވެހި ރުފިޔާއަށް މާރުކުރުން ހުއްޓުވުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އެޖެންޑާ ނުކުރާތީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ 52 ވަނަ މާއްދާގެ ށ. ގެ ދެވަނަ ނަންބަރުގެ ފަހަތަށް ދެ ނަންބަރު އިތުރު ކުރަން މަޓޭ ހުށަހެޅުއްވީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު އެވެ. ނަމަވެސް، އެ ބިލުގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ނުދެ އެވެ.

"ޑޮލަރުން ދެމުން އައި ސާވިސް ޗާޖު ދިވެހި ރުފިޔާއަށް ގިނަ ރިސޯޓުތަކުން ބަދަލުކުރަމުންދާތީ އަލުން ޑޮލަރުން ދިނުމަށް މަޖުބޫރު ކުރުމަށް އިސްލާހެއް ވާނެ ހުށަހަޅާފައި، އަދި އެ އިސްލާހު [އެޖެންޑާއެއް ނުކުރޭ]،" މިއަދުގެ ޖަލްސާގައި މަޓޭ ވިދާޅުވި އެވެ.

އޭނާ ހުށަހަޅުއްވާފައިވާ އިސްލާހުގައިވާ ފުރަތަމަ ނަންބަރުގައި ހިމެނެނީ ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާގެ ތެރެއިން، މުވައްޒަފުންނަށް ބަހަންޖެހޭ ފައިސާގެ ބާވަތް ބަދަލުކުރުމަށް، ވަޒީފާ ދޭ ފަރާތުން އެ ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ނުވާނެ ކަމަށެވެ.

އޭގެއިތުރުން އެ ނަންބަރުގައި އިތުރަށް ބުނެފައިވަނީ މުވައްޒަފުންނަށް ދޭންވާނީ ސާވިސް ޗާޖުގެ ގޮތުގައި އެ ފައިސާއެއް ލިބުނު ބާވަތަކުން ކަމަށެވެ.

ދެވަނަ ނަންބަރެއްގެ ގޮތުގައި އިތުރުކުރުމަށް މަޓޭ ހުށަހެޅުއްވީ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަގުތީ އެއްބަސްވުމެއް ނުވަތަ ތިންވަނަ ފަރާތެއްގެ މުވައްޒަފެއްގެ ގޮތުގައި، ސީދާ ގޮތުން ފަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ހަރަކާތްތެރިވާ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖު ދިނުމުގައި ތަފާތު ކޮށްގެން ނުވާނެ ކަމަށެވެ.

މި އިސްލާހު ފާސްވެއްޖެނަމަ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސާވިސް ޗާޖު ލިބުމުގައި އޮތް ތަފާތުތައް ނައްތާލެވި، ސާވިސް ޗާޖު އެ ދޭ ބާވަތެއްގެ ފައިސާއަކުން މުވައްޒަފުންނަށް ދިނުމަށް ލާޒިމުވާނެ އެވެ.

ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ތާށިކަމާ ގުޅިގެން ބައެއް ރިސޯޓުތަކުން މުވައްޒަފުންނަށް ދޭ ސާވިސް ޗާޖު ދެމުންދަނީ ދިވެހި ރުފިޔާއިންނެވެ. ނަމަވެސް ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި ފަތުރުވެރިން އަތުން ނަގަނީ ޑޮލަރުންކަން ފާހަގަކުރެވެ އެވެ.