Advertisement

ރިސޯޓުތަކާއި ވިޔަފާރިތަކުން ނުދައްކާ ހުރި 13 ބިލިއަން ރުފިޔާ ހޯދަން ކުރި މަސައްކަތެއް ކިޔައި ނުދެވުނު

މުހައްމަދު މުއިއްޒު: ރިސޯޓުތަކާއި ވިޔަފާރިތަކުން ނުދައްކާ ހުރި 13 ބިލިއަން ހޯދަން ކުރި މަސައްކަތެއް ސަރުކާރަށް ކިޔައިދެވިފައެއް ނުވޭ -- ފޮޓޯ: ރައީސް އޮފީސް


ރިސޯޓުތަކާއި ވިޔަފާރިތަކުން ނުދައްކާ ހުރި 13 ބިލިއަން ރުފިޔާ ހޯދަން ކުރި މަސައްކަތެއް ކިޔައި ނުދެވުނު

ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ގޮތަށް، ރިސޯޓުތަކާއި ވިޔަފާރިތަކުން ބިމު ކުއްޔާއި ޓެކްސްގެ ގޮތުގައި ދައްކަން ޖެހި ނުދައްކާ ހުރި 13 ބިލިއަން ރުފިޔާ ހޯދަން ކުރި މަސައްކަތެއް ސަރުކާރަށް ކިޔައި ނުދެވުނެވެ.

އެ ފައިސާ ހޯދަން ސަރުކާރުން ކުރި މަސައްކަތްތަކާ ގުޅޭގޮތުން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދަށް މި ނޫހުން ގުޅައި މެސެޖުކުރުމުން ވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މިދިޔަ އަހަރު ބޭއްވި މިނިވަން ދުވަހުގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ ރިސޯޓުތަކާއި ވިޔަފާރިތަކުން ބިމު ކުއްޔާއި ޓެކްސްގެ ގޮތުގައި ނުދައްކާ ހުރި ފައިސާ ކޯޓަށް ގޮސްގެން ވިޔަސް ހޯދާނެ ކަމަށެވެ.

ނުލިބި ހުރި ފައިސާ:

  • ބިމު ކުލި: 513 މިލިއަން އެމެރިކާ ޑޮލަރު
  • ޓީޖީއެސްޓީ: 102 މިލިއަން އެމެރިކާ ޑޮލަރު
  • ޖީއެސްޓީ 3.3 ބިލިއަން ރުފިޔާ
  • ކޯޕަރޭޓް އިންކަމް ޓެކްސް: 1 ބިލިއަން ރުފިޔާ

"މި ފައިސާ އެކަނި ހޯދިޔަސް އަޅުގަނޑުމެންގެ ދަރަނީގެ މައްސަލަ ހައްލުވީ،" ސަރުކާރުގެ މާލީ ހާލަތު ގޯހުން ގޯހަށް ދާ ދަނޑިވަޅުގައި އެކަން ފޫބެއްދުމުގެ ގޮތުން ފައިސާ ހޯދަން ފަށާފައިވާ މަސައްކަތާ ގުޅޭ ގޮތުން މުއިއްޒު އޭރު ވިދާޅުވި އެވެ.

މުއިއްޒު އޭރު ވިދާޅުވީ ސަރުކާރަށް ލިބެންޖެހޭ ފައިސާގެ ދެބައިކުޅަ އެއްބައި ކޯޓަށް ނުގޮސް ލިބޭނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އޭގެއިތުރުން އެ ފައިސާތައް ދައްކަން ޖެހޭ ކުންފުނިތަކަށް ސިޓީ ފޮނުވާފައިވާކަން ވެސް މުއިއްޒު އޭރު ވިދާޅުވި އެވެ.

"މިދެންނެވި ފައިސާ އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ގައުމުގެ އިގުތިސާދީ ސިޔާދަތު ޔަގީންކުރުމަށްޓަކައި ދަރަނިން ސަލާމަތްކުރުމަށްޓަކައި އަޅުގަނޑުމެން ހޯދާނަން. އަޅުގަނޑުމެން ބޭނުން ވަނީ ނިޒާމުގެ ތެރެއިން ކުރަންޖެހިފައި ހުރި ކަންކަން ދޫކޮށް ނުލައި ކުރަން،" މުއިއްޒު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން އާންމު ފަރާތްތަކާއި ވިޔަފާރިތަކަށް ދައްކަންޖެހޭ ބިލްތަކުގެ ތަފްސީލްތައް އެންމެންނަށް ފެންނާނެ ގޮތް ހަދާނެ ކަމަށް ވެސް މުއިއްޒު ކުރިން ވިދާޅުވި ނަމަވެސް، މިހާތަނަށް ވެސް އެކަން ގާއިމުކޮށްފައެއް ނުވެ އެވެ.

އެމްއެމްޕީއާރްސީން ގެއްލުނު ފައިސާ ވެސް މި ސަރުކާރުން ހޯދާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވާއިރު، އޭގެއިން މިހާތަނަށް އެއްވެސް ފައިސާއެއް ހޯދުނުކަން ހާމަކޮށްފައެއް ނުވެ އެވެ.