Advertisement

އަފުލާތޫންގެ ސިމްޕޯޒިއަމްގައި ދިއޮޓީމާގެ ބަސްމަގުން ލޯބި ދެނެގަތުން


އަފުލާތޫންގެ ސިމްޕޯޒިއަމްގައި ދިއޮޓީމާގެ ބަސްމަގުން ލޯބި ދެނެގަތުން

"ސިމްޕޯޒިއަމް" އަކީ އަފުލާތޫނުގެ ފަލްސަފާވެރި މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތެވެ. މި ލިޔުން ބިނާވެފައިވަނީ ގަދީމީ އެތެންސްގެ ޖާފަތެއްގެ ތެރޭގައި، އިލްމީ ބޭފުޅުންތަކެއް، 'އިރޯސް' ނުވަތަ ލޯތްބާ ބެހޭގޮތުން ދެއްކެވި ވާހަކަތަކެއްގެ މައްޗަށެވެ. ސިމްޕޯޒިއަމްގައި ކިޔައިދެނީ ލޯތްބަކީ ކޮބައިކަމާއި، އޭގެ މަގުސަދާއި، އޭގެ ބާރުވެރިކަން މާނަކޮށްދޭ ގޮތާމެދު އެ ޖާފަތުގެ ބައިވެރިންގެ ރައުޔެވެ.

އެ މަޖިލީހުގެ ބައިވެރިން ދެކުނު ގޮތުގައި ލޯތްބަކީ ހަމައެކަނި ޖިސްމާނީ ގަޔާވުމެއް ނުވަތަ ޖަޒުބާތީ ގުޅުމެއްގެ ގޮތުގައި ބެލުމަކީ ވަރަށް އާދައިގެ ވިސްނުމެކެވެ. އެ މަޖިލީހުގެ ވާހަކައިގެ މިސްރާބު ހުރީ އެއަށްވުރެ ފުން ދިރާސާއަކަށެވެ. "ސިމްޕޯޒިއަމް" އަކީ ހަމައެކަނި ލޯތްބާ ބެހޭގޮތުން ކުރެވިފައިވާ ހިޔާލީ ތަސައްވުރެއް ނޫނެވެ. އެއީ ދިރިއުޅުމުގެ މާނަ ހޯދުމަށާއި، އިލްމު އުގެނުމަށާއި، އަދި ދާއިމީ ހިތްހަމަޖެހުމަކާ ހަމައަށް ވާސިލުވުމަށް އިންސާނުންނަށް ބާރުއަޅާ އިހުސާސަކީ ކޮބައިކަން ދެނެގަތުމުގެ މައްޗަށް ކުރެވިފައިވާ ދިރާސާއެކެވެ.

'ސިމްޕޯޒިއަމް' ގެ ފެށުމުގައި ލޯތްބާ ބެހޭގޮތުން ކުރެވޭ ބަހުސްތަކަކީ އަޅުގަނޑުމެންނަށް އާދައިގެ ގޮތެއްގައި މި އަޑުއިވޭ ވާހަކަތަކެކެވެ. އެ ޖާފަތުގެ ގިނަ ބައިވެރިން ދެކުނުގޮތުގައި ލޯތްބަކީ ރީތިކަމާއި މަތިވެރި ކަމެވެ. އިންސާނާގެ ކިބައިގައިވާ އެދުންވެރިކަމެވެ. އަދި އެއީ އިންސާނާއަށް ހިތްވަރުދޭ އެއްޗެއްގެ ގޮތުގައި ބައިވެރިން ފާހަގަކުރެ އެވެ.

ބައިވެރިޔަކަށްފަހު ބައިވެރިޔަކު ވާހަކަ ދައްކަމުން ގޮސް، ސޮކްރެޓީސް ވާހަކަދައްކަން ފެށުމާއެކު މި ހުރިހައި ތަސައްވުރެއް ބަދަލު ވެ އެވެ.

ސިމްޕޯޒިއަމްގައި 'އަފުލަތޫނުގެ ސޮކްރެޓީސް' ފާޅުކުރަނީ އޭނާގެ އަމިއްލަ ހިޔާލެއް ނޫނެވެ. އޭނާ ކިޔައިދެނީ މަންޓިނިއާގެ ދިއޮޓީމާ ނަމަކަށް ކިޔާ އަންހެނެއްގެ ފަރާތުން އޭނާ ދަސްކުރި ފިލާވަޅުތަކެވެ. އޭނާ ގެނެސްދެނީ ހަމައެކަނި ލޯތްބާ މެދު އޮތް ތަފާތު ނަޒަރިއްޔާތެއް ނޫނެވެ. އޭގެ ބަދަލުގައި ލޯތްބަކީ ކޮބައިކަމާއި، އަޅުގަނޑުމެންނަށް އެ އިހުސާސް ކުރެވެނީ ކީއްވެގެން ކަމާއި، އަދި އޭގެ ސަބަބުން އަޅުގަނޑުމެންނަށް ކުރާ އަސަރު ވެސް އޭނާގެ ތަގުރީރުގައި މުޅިން އާ ގޮތަކަށް މާނަކޮށް ދެ އެވެ. ދިއޮޓީމާގެ ބަހުސް ނިމޭއިރު، ލޯތްބަކީ ހަމައެކަނި ޖަޒުބާތީ ގުޅުމެއް ނުވަތަ ދަމާބާރެއް ނޫންކަން ކިޔުންތެރިންނަށް ގަބޫލުކުރެވޭނެ އެވެ. އޭނާ ހުށަހަޅާ ގޮތުން ލޯތްބަކީ އިންސާނުންގެ ހަރަކާތްތެރިކަމާއި، އުގެނުމާއި، އަދި 'މަރުނުވެ ދިރިތިބުމާ' ގުޅޭ ފަލްސަފާއެކެވެ.

ދިއޮޓީމާގެ ވާހަކަ ފަށަނީ ކުރީގެ ބަހުސްތަކުގައި އެއްވެސް ސުވާލެއް ނެތި ގަބޫލުކޮށްފައިވާ އެތައް އަސާސެއް މުގުރާލަމުންނެވެ. ލޯތްބަކީ ރީތި އަދި ފުރިހަމަ އެއްޗެއް ކަމަށް ކުރެވޭ ދައުވާއަށް ދިއޮޓީމާ ގޮންޖަހަ އެވެ. އޭގެ ކުރިން ވާހަކަ ދެއްކި، ފަލްސަފާވެރިން ސިފަކުރި ގޮތުގައި ލޯތްބަކީ ކަލާނގެތަކުގެ ތެރެއިން އެންމެ ރީތި، އުނިކަމެއް ނެތް ފުރިހަމަ 'ކަލާނގެ' އެވެ. ނަމަވެސް، ދިއޮޓީމާ މިކަން ދޮގުކުރަނީ ވަރުގަދަ ހުއްޖަތަކުންނެވެ. އޭނާ ބުނެ އެވެ. އިންސާނުން އަބަދުވެސް އެދެނީ ތިމާގެ ކިބައިގައި ނެތް ކަމަކަށެވެ. އެއީ އިންސާނުންގެ އެންމެ އަސާސީ ފިތުރަތެވެ. އެހެންވީމާ، ލޯތްބަކީ ރީތިކަމާއި ހެޔޮކަމަށް އެދުން ކަމުގައިވާނަމަ، އޭގެ މާނައަކީ ލޯބީގެ ކިބައިގައި އެ ރީތިކަމާއި ފުރިހަމަކަން މިހާރު ނެތުމެވެ. އޭގެ މާނައަކީ ލޯތްބަކީ އުނިކަމެއްގެ ތެރޭގައި އޮންނަ އެއްޗަކަށް ވުމެވެ. ލޯބި އުފަންވަނީ ހުރިހާ ކަމެއް ފުރިހަމަވުމަކުން ނޫނެވެ. އޭގެ ބަދަލުގައި ތިމާގެ ކިބައިގައި ކަމެއް އުނިކަން އިހުސާސްވުމުންނެވެ.

މި އަސާސުގެ މައްޗަށް ބިނާކޮށް، ދިއޮޓީމާ ބުނާ ގޮތުގައި "އެރޯސް" (ލޯބި) އަކީ ކަލާނގެއެއް ނޫނެވެ. އަދި އެއީ އާދައިގެ އިންސާނެއްވެސް ނޫނެވެ. އެއީ އެ ދެމެދުގައިވާ ހުސްކަމެކެވެ. ނުވަތަ އެ ދެމެދުގައިވާ ގުޅުމެވެ. މިއީ އޭނާގެ ފަލްސަފާގެ މައިގަނޑު އަސާސެވެ. އޭނާ ބުނާގޮތުން ލޯތްބަކީ ހިމޭންކަމެއް ވެސް ނޫނެވެ. އެއީ ހަރަކާތެކެވެ. ތިމާ މިހާރު ހުރި ހާލަތާއި ތިމާ ވާސިލުވާން ބޭނުންވާ ހެޔޮ ހާލަތާ ދެމެދު ކުރެވޭ ދަތުރެކެވެ. ލޯބީގެ ސަބަބުން އަބަދުވެސް ހިތް ނުތަނަވަސްވެ، ހަމަޖެހުމެއް ނުލިބި ވަނީ މި ސަބަބަށްޓަކަ އެވެ. ތިމާ އެދޭ ކަމެއް ހާސިލުވުމުންވެސް، ހިތުގެ އެދުން މުޅިން ފިލައިގެނެއް ނުދެ އެވެ. ލޯބީގައި އަބަދުވެސް ކުރިއަށް ދާނެ އިތުރު ފިޔަވަޅެއް ނުވަތަ މިހާރަށް ވުރެ މަތިވެރި ދަރަޖައެއް އޮންނަކަން އިހުސާސު ވެ އެވެ. އެހެންކަމުން، ލޯތްބަކީ ވަކި މަންޒިލަކަށް ދިއުމެއް ނޫނެވެ. އެއީ ހެޔޮކަމާއި ރީތިކަމުގެ މަގުގައި މެދުކެނޑުމެއްނެތި، އަބަދާއަބަދުމެ ކުރެވޭ ދަތުރެކެވެ.

މި ހިޔާލު އިތުރަށް ތަފުސީލުކޮށްދިނުމަށްޓަކައި، ދިއޮޓީމާ ކިޔައިދެނީ 'އެރޯސް' ނުވަތަ ލޯބީގެ ރަމްޒު އުފަންވި ގޮތުގެ ވާހަކަ އެވެ. އޭނާ ބުނާ ގޮތުގައި ލޯތްބަކީ 'ޕީނިއާ' (ފަގީރުކަމާއި އުނިކަމުގެ ރަމްޒު) އަދި 'ޕޯރޯސް' (ވަސީލަތްތަކާއި ހިކުމަތްތެރިކަމުގެ ރަމްޒު) ގެ ދަރިއެކެވެ. މައިމީހާގެ ފަރާތުން ލޯތްބަށް ލިބުނީ ބޭނުންޖެހިފައިވުމާއި އުނިކަމުގެ ސިފަ އެވެ. ބަފާގެ ފަރާތުން ލިބުނީ މަސައްކަތްކުރުމާއި، އުފެއްދުންތެރިކަމާއި، އަދި ނެތް އެއްޗެއް ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމުގެ ގާބިލުކަމެވެ.

ދިއޮޓީމާ ހަގީގަތުގައި މި ކިޔައިދެނީ އިންސާނާގެ ފިތުރަތުގައިވާ ވަރަށް އަސާސީ ދެ ސިފައެކެވެ. ތިމާގެ ކިބައިގައި ހުރި އުނި ސިފަތައް އިހުސާސުވުމަކީ އިންސާނުންނަށް ލިބިގެންވާ ގާބިލުކަމެކެވެ. ހަމައެއާއެކު، އެ އުނިކަން ފޫބެއްދުމަށް މަސައްކަތްކުރުމުގެ ކުޅަދާނަކަންވެސް އިންސާނުންނަށް ލިބިގެން ވެ އެވެ. އިންސާނުންގެ އުންމީދުތަކާއި، އެ އުންމީދުތަކަށް ވާސިލުވުމަށް ހިފާ މަގުތަކާއި އަދި ހިތުގެ ސާބިތުކަން އުފަންވަނީ މި ދެ ހާލަތުގެ ތެރެއިންނެވެ. މި މާނައިގައި، ލޯތްބަކީ ހަމައެކަނި އިހުސާސެއް ނޫނެވެ. އެއީ އިންސާނާގެ މަސައްކަތްތަކާއި އުންމީދުތައް ކުރިއަށް ގެންދާ މައިގަނޑު ބާރެވެ.

ދިއޮޓީމާ ދެން އަލިއަޅުވާލަނީ އަޅުގަނޑުމެން ލޯބިވާއިރު ހަގީގަތުގައި އެދެނީ ކޮން ކަމަކަށްތޯ ބެލުމުގެ މައްޗަށެވެ. ބަލާބެލުމަށް އަޅުގަނޑުމެންގެ ހިތްތައް ލެނބެނީ ބޭރުފުށުން ފެންނަ ރީތި ކަމަށެވެ. ނަމަވެސް، އޭނާ ބުނާ ގޮތުގައި ރީތިކަމަކީ، ލޯބި ވާސިލުވާން ބޭނުންވާ ފަހު މަންޒިލެއް ނޫނެވެ. ހަގީގަތުގައި އިންސާނާ އެ ހޯދަނީ ހިތުގެ ހަމަޖެހުމެވެ. ރީތި ކަމަކީ ވަގުތީ އުފާވެރިކަމެކެވެ. އިންސާނުންނަކީ ވަގުތީ އުފާވެރިކަމަކުން ދާއިމީ ހިތްހަމަޖެހުން ހޯދޭ ބައެއް ނޫނެވެ. އިންސާނުން އެދެނީ ބަދަލުވުމެއް ނެތް، އަދި ނެތިގެން ނުދާނެ 'ތާއަބަދު ދެމިއޮތުމުގެ' ދާއިމީ އުފަލަށެވެ.

އިންސާނުންނަކީ ފަނާވެދަނިވި ބަޔަކަށް ވާތީ، ދާއިމަށް ދުނިޔޭގައި ތިބުމަކީ މުސްތަހީލު ކަމެކެވެ. އެ ހަގީގަތް ގަބޫލުކުރުމާއެކު، ދެން އިންސާނުން ހޯދަނީ ތަފާތު ގޮތްގޮތުން 'ދާއިމަށް ދުނިޔޭގައި ތިބެވޭނޭ' ގޮތްގޮތެވެ. އޭގެ އެއްގޮތަކީ ތިމާގެ އަމިއްލަ ނަސްލެއް އުފަންކޮށް ފެތުރުމެވެ. ނުވަތަ ދަރިން ހޯދައިގެން އޭނާގެ ވުޖޫދު ދެމެހެއްޓުމެވެ. އަނެއް ގޮތަކީ ފިކުރީ އަދި އުފެއްދުންތެރި މަސައްކަތްތަކެވެ. މީހުން އުފައްދާ ފިކުރުތަކާއި، އިލްމާއި، މުއައްސަސާތަކާއި، އަދި ކާމިޔާބީތަކަކީ އެމީހުންގެ ހަށިގަނޑު ފަނާވުމަށްފަހުވެސް ދެމިހުންނަ ތަކެއްޗެވެ. މިހާރު ކިޔަމުން މިދާ، އަފުލަތޫނުގެ ސިމްޕޯޒިއަމްއަކީ މީގެ މިސާލެކެވެ. ފަލްސަފާވެރިންނާއި، ގާނޫނު ހަދާ މީހުންނާއި، ކުރެހުންތެރިންނާއި އެ ނޫންވެސް ފަންނުވެރިން، އެމީހުންގެ މަސައްކަތުން އެ ހޯދަނީ 'ދާއިމީވުމުގެ' ސިފަ އެވެ. މި ހުރިހައި ކަމެއް ކުރަން އިންސާނަށް މަޖުބޫރުކުރުވާ ބާރަކީ ލޯބި ނުވަތަ 'އެރޯސް' އެވެ. އެއީ އިންސާނާގެ ފަނާވެދަނިވި ހަށިގަނޑުގެ ހުރަސްތައް ގިރާކޮށް، ދާއިމަށް ދެމިހުންނަނިވި ކަމެއް ދުނިޔެއަށް ދޫކޮށްދިއުމަށް އޭނާ ކުރާ އުންމީދެވެ.

މި ވާހަކަތަކަށް ފަހު ދިއޮޓީމާ ހުށަހަޅަނީ 'ލޯބީގެ ސިޑީގެ' ފަލްސަފާ (Ladder of Love) އެވެ. މިއީ އިންސާނާގެ ވިސްނުމާއި ވަކި އެއްޗަކާމެދު އޭނާގެ ހިތުގައި އުފެދޭ އެދުން ނުވަތަ ލޯބި ކުރިއަރަމުންދާ ގޮތް ދައްކުވައިދޭ މިސާލެކެވެ.

ލޯބީގެ ފުރަތަމަ ދަރަޖައަކީ ލޮލަށް ފެންނަ ރީތިކަމެވެ. މި މަރުހަލާގައި އިންސާނާގެ ޝައުގުވެރިކަން ހުންނަނީ ވަކި އިންސާނަކަށް އަމާޒުވެފަ އެވެ. ދެވަނަ މަރުހަލާގައި އޭނާ ފުންކޮށް ވިސްނާން ފެށުމުން، ރީތިކަމަކީ ވަކި މީހަކަށް މިލްކުވެގެންވާ ސިފައެއް ނޫންކަން އޭނާއަށް އެނގެ އެވެ. އެކަން މައުރިފާވުމުން، ގިނަ ހަށިގަނޑުތަކެއްގެ ރީތިކަން ބަލައިގަނެވި، ވަކި މީހަކަށް އޮންނަ ބަނދެވުން ކުޑަވެ އެވެ. ދެން ހަށިގަނޑުގެ ބޭރުފުށުގެ ރީތިކަމުން، އެތެރެފުށުގެ ރީތިކަމަށް މި ޝައުގުވެރިކަން ބަދަލު ވެ އެވެ. އެއީ މީހާގެ ހެޔޮ އަހުލާގާއި، ބުއްދިވެރިކަމާއި، އަދި ހެޔޮ ސިފަތަކެވެ. މި ދަރަޖައިގައި ލޯބި ބިނާވަނީ ބޭރުފުށުގެ ސިފައަށްވުރެ ބޮޑަށް އެތެރެފުށުގެ އަގުވަޒަންކުރުމުގެ މައްޗަށެވެ.

އިންސާނާގެ ފިކުރަށް އައި މި ކުރިއެރުމާއެކު ދެން އޭނާ ދަތުރުކުރަނީ މާ ފުޅާ ދާއިރާއަކަށެވެ. އެއީ މުޖުތަމައުގެ ނިޒާމުތަކާއި، ގާނޫނުތަކާއި، އަދި އުސޫލުތަކުގައިވާ ރީތިކަން ދެނެގަތުމަށެވެ. މި މަރުހަލާގައި ލޯބި އިހުތިޔާރުކުރާނީ ސިޔާސީ، އިޖުތިމާއީ އަދި އަހުލާގީ ސިފައެކެވެ. އިންސާފާއި، ހަމަޖެހުމާއި، އަދި ފުރިހަމަ މުޖުތަމައުތަކަށް އޮންނަ ލޯބި އުފަންވަނީ މި ހިސާބުންނެވެ. އެއަށްފަހު، ދެން މި ދަތުރު މިސްރާބު ޖަހަނީ އިލްމާއި އުނގެނުމަށް އޮންނަ ލޯތްބަށެވެ. އިންސާނާގެ ޝައުގުވެރިކަން އެހިސާބުން އެނބުރެނީ ފިކުރުތަކަށާއި، ކަންކަމުގެ ހަގީގަތް ދެނެގަތުމުގެ މައްޗަށެވެ. އެންމެ ފަހުން ލޯބީގެ އެންމެ މަތީ ދަރަޖައަށް ވާސިލު ވެވެ އެވެ. އެއީ، ރީތިކަމުގެ ހަގީގީ އަސްލު (Pure and Abstract Beauty) ފެންނަ ހިސާބެވެ. އެ ހިސާބުން ލޯތްބަކީ ވަކި މީހަކާ ނުވަތަ ވަކި އެއްޗަކާ ގުޅިފައިވާ އެއްޗެއް ނޫނެވެ. އެއީ ބަދަލުވުމެއް ނެތް، ދާއިމީ ހަގީގަތެކެވެ. މިއީ ލޯބީގެ އެންމެ މަތިވެރި މަންޒިލެވެ.

ދިއޮޓީމާގެ ފަލްސަފާގައި ލޯބި ބަދަލުކޮށްލަނީ ހަމައެކަނި ތިމާއަށް އިހުސާސްވާ ކަމެއްގެ ބަދަލުގައި، ތިމާގެ ނަފުސު ތަރައްގީކުރާ ހަރަކާތްތެރި މަސައްކަތަކަށެވެ. ލޯތްބަކީ ހަމައެކަނި ވަކި މީހަކާމެދު ވަކި މީހަކަށް ކުރެވޭ އިހުސާސެއް ނޫނެވެ. އެއީ މީހާގެ ސިފަތައް ބައްޓަންކޮށް މަތިވެރިކޮށްދޭ ކަމެކެވެ. އާދައިގެ ދަރަޖައިގައި ވާ ލޯތްބަކީ ފަހަރުގައި ހިތްދަތިކަން ގެނުވާ ކަމަކަށް ވެދާނެ އެވެ. ނަމަވެސް، މަތީ ދަރަޖައިގައި ވެވޭ ލޯތްބަކީ ފިކުރީ އަދި އަހުލާގީ ކުރިއެރުމުގެ ބިންގަލެވެ. ލޯތްބާއި ފަލްސަފާއާ ގުޅޭ ހިސާބަކީ މިއީ އެވެ. ފަލްސަފާވެރިންނަކީ ވެސް އެދުންތަކާ ވަކިވެފައިވާ ބައެއް ނޫނެވެ. އެއީ މަތިވެރި އެދުންތަކެއްގެ އެހީގައި ހަގީގަތާ ހަމައަށް ދަތުރުކުރުމަށް މަސައްކަތްކުރާ ބައެކެވެ.

މި ނަޒަރިއްޔާއިން ވިސްނީމާ ލޯބީގެ މަގުސަދާ މެދު އަޅުގަނޑުމެން ދެކޭ ގޮތްވެސް ބަދަލުވެގެން ދާނެ އެވެ. ލޯތްބަކީ އޭގެ ޒާތުގައި ވަކި މަންޒިލަކަށް ވާސިލުވެވުމެއް ނޫނެވެ. އެއީ ބަދަލުވުމަކަށް ވާސިލުކޮށްދޭ ވަސީލަތެކެވެ. އެއީ ވަގުތީ އުފަލުން އިންސާނާ ދުރަށް ގެންގޮސް، މާނަހުރި ދާއިމީ ކަންކަމާ ދިމާލަށް އިންސާނާ ކޮއްޕާލާ ބާރެކެވެ. ތިމާގެ ކިބައިގައި ހުރި އުނިކަން ދެނެގަނެ، އެ އުނިކަން ފޫބެއްދުމަށް ކުރެވޭ އިހުލާސްތެރި މަސައްކަތަކީ ލޯބީގެ ފެށުމެވެ. އެ އުނިކަން އިހުސާސު ނުވާނަމަ، އެއްޗެއް ހޯދުމަށާއި، އުނގެނުމަށާއި، ނުވަތަ އައު ކަމެއް އުފެއްދުމަށް އިންސާނާއަށް މަޖުބޫރުކުރުވާ ބާރެއް ނޯންނާނެ އެވެ.

ދިއޮޓީމާގެ މި ހުއްޖަތަކީ މިއަދުގެ ދުނިޔެއާ ވެސް ވަރަށް ބޮޑަށް ގުޅުން ހުރި ވާހަކަތަކެކެވެ. ފެށުނީއްސުރެ އިންސާނާގެ ތަބީއަތުގައިވާ އަސާސީ ސިފަތަކަށް ބަދަލެއް އައިސްފައި ނުވެ އެވެ. ގުޅުންތަކާއި، ކާމިޔާބީތަކާއި، އަދި މަގުބޫލުކަން ހޯދުމަށް އިންސާނުން މަސައްކަތްކުރަނީ އެކަންކަން ކުރަން މަޖުބޫރު ކުރުވާ އަސްލު ބާރަކީ ކޮބައިކަން މުޅިން ފަހުމު ނުވެ ތިބެ އެވެ. ދިއޮޓީމާގެ ފަލްސަފާއިން އެނގެނީ ތިމާގެ ކިބައިގައި ހުރި އުނިކަމާމެދު އޮންނަ ހިތްނުތަނަވަސްކަމަކީ އިންސާނާގެ ފިތުރަތުގައި ހުރި އުނިސިފައެއް ނޫން ކަމެވެ. އެއީ އިންސާނިއްޔަތުގެ ވަރަށް މުހިންމު ބައެކެވެ. އިންސާނާއަށް އޮތް ހަގީގީ ގޮންޖެހުމަކީ އޭނާގެ ނަފުސުގެ ޝައުގުވެރިކަން ނުވަތަ ލޯބި ނައްތާލުމެއް ނޫނެވެ. އޭގެ ބަދަލުގައި އެ ޝައުގުވެރިކަން ދެނެގަނެ، އެންމެ އާދައިގެ ދަރަޖައިން މަތީ ދަރަޖަތަކަށް އެ ޝައުގުވެރިކަން ނުވަތަ ލޯބި ތަރައްގީކުރުމެވެ.

މި ހުރިހައި ވާހަކައެއްގެ އަސްލަކީ، އިންސާނާގެ ހާލަތާ މެދު ދިއޮޓީމާ ގެނެސްދޭ ފުން ވިސްނުމެވެ. އިންސާނުންގެ ދިރިތިބުމުގެ އަސްލު ބިނާވެފައިވަނީ އެމީހުންގެ ކިބައިގައި ނެތް ކަންކަމާއި، އެކަންކަން ހޯދުމަށް ކުރާ މަސައްކަތުގެ މައްޗަށެވެ. ލޯތްބަކީ މި ދެމެދުގައިވާ ދަމާބާރުގެ ރަމްޒެވެ. އެއީ އިންސާނާ އެއްގޮތެއްގައި ހުއްޓި ހުރުމުން ސަލާމަތްކޮށް، އިސްލާހުވުމަށާއި، ދެނެގަތުމަށާއި، އަދި އުފެއްދުންތެރިކަމަށް ބާރުއަޅާ އިހުސާސެވެ. އެ ބާރު ނެތްނަމަ، އިންސާނުންގެ ކިބައިގައި އެއްވެސް އުންމީދެއް، ކުރިއެރުމެއް، އަދި ކަންކަމުގެ ހަގީގަތް ހޯދުމުގެ ޝައުގުވެރިކަމެއް ވެސް ނުހުންނާނެ އެވެ.