4 މާރިޗު 2023 - 06:58 0
މުހައްމަދު ޝަހްޒާން
މަންޓާ އެއާގެ ބޯޓެއް ޓެކްސީވޭ ހުރަސްކޮށް އޭޕްރަންއަށް ވަންނަނީ -- ފޮޓޯ: ފައިލް
4 މާރިޗު 2023 - 06:58 0
މުޅި ދުނިޔެއިން ވެސް އެންމެ ގިނަ ބަޔެއްގެ ލޯބި ލިބިފައިވާ އެއާލައިންތަކުގެ ލިސްޓެއްގައި ރާއްޖޭގެ މަންޓާ އެއާ ހިމެނިއްޖެ އެވެ.
އެ ލިސްޓު އެކުލަވާލައިފައި ވަނީ އޮންލައިންކޮށް ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރަމުންދާ އޮސްޓުރޭލިއާގެ އެސް މަނީ އިންނެވެ. މަންޓާ ހިމެނުނީ އެ ލިސްޓުގެ އަށްވަނައިގަ އެވެ.
އެ ވެބްސައިޓުން އާންމު ކޮށްފައިވާ ލިސްޓަކީ ދުނިޔޭގެ އެކި ކަންކޮޅުގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދެމުންގެންދާ އެއާލައިންތަކާ ގުޅޭ ގޮތުން ޓުވިޓާގައި މީހުން ކޮށްފައި ހުންނަ ޓުވީޓުތަކަށް ބެލުމަށްފަހު އެކުލަވާލައިފައިވާ ލިސްޓެކެވެ.
މަންޓާ އެއާ ދެ ކްރޫއަކު އެ އެއާލައިންގެ އިސްތިހާރު ފޮޓޯއެއްގައި. -- ފޮޓޯ: މަންޓާ އެއާ
އެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން އެ ލިސްޓު އެކުލަވާލީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސެންޓިމެންޓު ޓޫލެއްގެ އެހީތެރިކަމާ އެކު އެވެ. އެ ޓޫލް މެދުވެރިކޮށް ބަލާފައި ވަނީ އެއާލައިނުތައް ޓެގުކޮށް އިނގިރޭސި ބަހުން ކޮށްފައި ހުންނަ ޓުވީޓެވެ. އެ ޓުވީޓުތަކުގެ ތެރެއިން ފައްސި ޓުވީޓުތަކާއި ނައްސި ޓުވީޓުތައް ދެނެގަތުމަށްފަހު އެ ޓޫލްއިން ކޮންމެ އެއާލައިނަކަށް ވެސް ދީފައި ވަނީ ޕަސެންޓޭޖެކެވެ.
މިދިޔަ ޑިސެމްބަރު މަހު ނެގި މައުލޫމާތުތަކުގެ މައްޗަށް އެކުލަވާލި އެ ލިސްޓުގައި ވާގޮތުން، ދުނިޔޭގެ އެންމެ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ އެއާލައިނަކީ ކެނެޑާގެ ބެއާސްކިން އެއާލައިނެވެ. އެ އެއާލައިނަށް އޭއައި ސެންޓިމެންޓު ޓޫލުން ދީފައި ވަނީ 53.4 އިންސައްތަ ފައްސި ރޭޓިން އެކެވެ.
އެ ލިސްޓުގެ އަށްވަނަ ހޯދި މަންތާ އެއާއަށް ލިބިފައި ވަނީ 42.3 އިންސައްތަ ފައްސި ރޭޓިން އެކެވެ. އެ ޕަސެންޓޭޖާ އެކު މަންތާއިން ވަނީ އޭޝިއާ އަދި އޯޝެނިއާގެ އެއާލައިންތަކުގެ ލިސްޓުގެ ހަވަނަ ހޯދައިފަ އެވެ.
އެންމެ މަތިން ފައްސި ރޭޓިންއެއް ހޯދައިގެން މި ސަރަހައްދުގެ އެންމެ ގިނަ ބައެއްގެ ލޯބި ހޯދައިފައިވާ އެއާލައިނަކީ މެލޭޝިއާގެ އެމްވައި އެއާލައިނެވެ.
މަންޓާ އެއާއަކީ ދިވެހި އެއާލައިންތަކުގެ ތެރެއިން އެންމެ ހަގު އެއާލައިނެވެ. އުމުރުން ހަތަރު އަހަރު ފުރުނުއިރު، މިހާރުވެސް ރާއްޖޭގެ ހަތަރު އެއާޕޯޓަކަށް އެ އެއާލައިނުން ދަތުރުތައް ކުރަމުން ދެއެވެ. އަދި މަންތާއިން ދަނީ ސިލޯނަށާއި އިންޑިއާއަށް މިއަހަރު ދަތުރުތައް ފެށުމަށް ތައްޔާރުވަމުންނެވެ.
މަންޓާ އެއާ އަކީ ގައުމީ އެއާލައިންގެ އިތުރުން ސީޕްލޭން ދަތުރުތަކާއި ވީލް ބޭސްޑް އެއާކުރާފްޓު ބޭނުންކޮށްގެން ރާއްޖޭގައި ހިދުމަތް ދެމުންދާ ހަމައެކަނި އެއާލައިނެވެ.
Comment