މިއަދު ރާއްޖޭގެ މާވިއްކާ ފިހާރަތަކުން ރަތް ފިނިފެންމާ ހުސްވާނެއެވެ. ޗޮކުލެޓު ފިހާރަތަކާއި ސެންޓު ފިހާރަތަކުގެ ދޮށުގައި ކިއުޖެހޭ މީހުން ގިނަވާނެއެވެ. އެކި މަންސަތަކުގައި އިޝްޤީ ލޯބީގެ ޝިޢާރުތައް ފާޅުކުރާ މިންވަރު އިތުރު ވާނެއެވެ. ކައިވެންޏާއި ރައްޓެހިވުމަށް އެދި ހުށަހެޅުންތައް ހުށަހަޅާ މީހުންގެ ޢަދަދުވެސް ނިސްބަތުން އިތުރުވުން އެކަށީގެންވެއެވެ. ޖައްވުގައި ދައުރުވާ ވައިވެސް "އެކި ރާގު އިއްވައިދޭ" ދުވަހަކަށް މިއަދު ވާނެއެވެ. މިއަދު ދުވާރުގެ ގާތަކުގެ ތެރެއިންވެސް ހިފެހެއްޓުމެއް ނެތި ލޯބި ކޯދުލާނެއެވެ.
މިހާހިސާބުން މަޑުޖައްސާލަމާ ހިނގާށެވެ. "ހިފެހެއްޓުމެއް ނެތް" މިއީ ހާދަހާ ނުރައްކާތެރި ޢިބާރާތެކެވެ. އިޝްޤީ ލޯތްބަކީ ޒާތެއްގެ އެއްޗެކެވެ. މިނިވަންކަމާއެކު ކުރެވޭ އިހުސާސެއްކަމަކު، އެ އިހުސާސްގެ މައްޗަށް ބާރުފޯރުވާ ދީނީ އަދި އަޚުލާޤީ މިންގަނޑުތަކަކާއި އިޖުތިމާޢީ އުސޫލުތަކަކާއި ޤާނޫނީ އިންތަކެއް ހިމެނޭ އިހުސާސެކެވެ. ވަކި އިމެއްގެ ތެރޭގައި ގެންގުޅެންޖެހޭ އިހުސާސެކެވެ. ވާހަކަތަކާއި ފިލުމުތަކުގައި އެ ދައްކާފަދަ، ދުނިޔޭގެ ފިކުރާއި، ދިރިއުޅުމުގެ މަޖުބޫރީ އާއި، ތަދުބީރުގެ ޕްލޭންތަކުގެ މައްޗަށް ކޮންމެ ކޮންމެ ފަހަރަކު ގަދަވެވޭ އިހުސާސެއް ނޫނެވެ. މިއަދު ލިޔާ ކާޑުގައި ޢުމުރުދުވަހު ލޯބިދޭން އެ ވާ ވަޢުދުގެ ބުރަދަން ހަނދާންހުންނަނީ ކިތައް ބައިވެރިންބާވައެވެ؟ އެހެން އިންސާނެއްގެ އެންމެ ނާޒުކު އިހުސާސްތަކުގައި ތިމާ ބައިވެރިވާއިރު، މި ނެގެނީ ކިހާވަރެއްގެ ޒިންމާއެއް ކަމާމެދު ފިކުރުކޮށްލަނީ ކިތައް މީހުން ހެއްޔެވެ؟
ހަނދާ ތަރިތައް ގެނެސް އުނގަށް ލައިދޭނަމޭ މިއަދު ބުނެފާނެއެވެ. މާދަމާ ކައިވެނީގެ ޒިންމާ ކޮނޑުއަޅައި، ދެމަފިރިންގެ ވާޖިބު އަދާކުރަންޖެހުމުން، ތަރިރުހަނދު ކީއްކުރަން، ފެނާއި ކަރަންޓު ބިލުގެ މައްސަލަވެސް އޮންނަނީ ވަރިފަށަށް އަރަން ބަހަނާއަކަށް ވެދާ ހިސާބުގައެވެ. މައްސަލައަކީ ކޮބާ ހެއްޔެވެ؟ ކޮންމެ މީހަކުވެސް ބައިވެރިއެއްގެ ކިބައިގައި ހުންނަން އެދޭ ހުރިހާ ސިފަތަކެއް ހެއްޔެވެ. ކޮންމެ ބައިވެރިއަކީ ޚިޔާލީ ފިލްމުތަކާއި ވާހަކަތަކުގެ ޝަޚުޞިއްޔަތުތަކަށް ވުމަށް އެދެވޭ އެދުން ހެއްޔެވެ؟ ގުޅުމުގެ ޅަފަތުގައި ބައިވެރިން އެކަކު އަނެކަކު ރުއްސުމުގެ މަޤްޞަދުގައި ގަސްދުގައި ލޮލުގައި އަޅުވާ އަނދުންހެއްޔެވެ؟ ބައިވެރިޔާ ބޭނުންވާ "ގޮޅިއަށް" ފެތެންވެގެން ތިމާ އަމިއްލައަށް ފިތިގެން ހަދާ މަކަރުހެއްޔެވެ؟ ބައިވެރިޔާ ރުއްސުމަށްޓަކައި، ތިމާގެ ހިތާއި، ސިކުނޑި އާއި ޖީބަށްވެސް ކުޅަދާނަ ނުވާވަރަށް ކުރެވޭ މަސައްކަތްހެއްޔެވެ؟ ހަނދާން ނެތެނީ، އެފަދަ މަސައްކަތުން ކާމިޔާބުކުރާ ގުޅުމެއް ދެމެހެއްޓުމަށްވެސް އެހާ މަސައްކަތްކުރަން ޖެހޭނޭކަމެވެ. ކަމުނުދަނީ "ކާމިޔާބުވީމާ" ފަރުވާކުޑަކޮށްލާ އުޞޫލެވެ. ކޯކުފުޅިއަކުން އެއްތަށި އަޅާއިރު މައްޗަށް އެ އަރާ ފޮނު ފަދަ އެއްޗަކަށް މި މަސައްކަތްތައް ވާކަމެވެ.
އިޚުލާސްތެރިކަމާއެކު ތިމާގެ ހިތުގެ އިހުސާސްތައް ފާޅުކުރަން ޖެހިލުން މިވަނީ ޒަމާނަށް އައި ބަދަލުތަކާހެދި ހެއްޔެވެ؟ ކޮންމެ ކައިވެނި ހަފުލާއެއްގައި ބަޑިބޭހުގެ ކުޅިވަރު ކުޅެންޖެހޭ ޒަމާނުގައި ދިރިއުޅެވޭތީ ހެއްޔެވެ؟ މިއިން ކޮންމެ ބަޑިބޭހެއްގެ އަޑުފައްގަނޑުގައި ފަރުދާވެފައިވަނީ ކިތައް ގެވެށި އަނިޔާ ބާވައެވެ؟ ކައިވެނީގެ ހުދު ހެދުމުގެ ފަސްބައިގައި ވަނީ ކިތައް "ލައްގަނޑު" ބާވައެވެ. ހަފުލާގެ ސުފުރާމަތި ފަޅުފިލުވާލެވުނީ ކިތައް މީހުންގެ ޖީބު ފޫއެޅިގެން ބާވައެވެ؟
ލޯބީގެ ގުޅުމުގެ ބިންގަލަކީ މަލަމަތިން އުފާވެރިކަން ދެއްކުމަށް ދަރަނިވެރިވި ދެ ބައިވެރިންކަމުގައި ނުހަދަމާ ހިނގާށެވެ. އެ ބިންގަލުގެ މައްޗަށް ރާނާ ފާރުތަކަކީ ވާރޭފެން ފޮދަކުން ގިރިގެން ދާފަދައިން ސައިބޯނިން ރާނާ ފާރަކަށް ނުހަދަމާ ހިނގާށެވެ. އެ ފާރު ހިމާޔަތްކުރަން އަޅާ ފުރާޅަކީ ޒިންމާތަކުން ރެކެން ދިއްކުރާ އައްޑަނައަކަށް ނުހަދަމާ ހިނގާށެވެ. މިނިވަން ޚިޔާލުގެ މި ޒަމާނުގައި، އިޝްޤީ ލޯބީގެ އިހުސާސްތަކާމެދު އިޚުލާސްތެރިވަމާ ހިނގާށެވެ. ލޯބީގެ ކޮންމެ ބާވަތެއްގައިވެސް ހައްދުތަކެއް ވަނީ ސަބަބުތަކެއް އޮތީމައެވެ. އިޝްޤީ ލޯބިވެސް ހަމަ އެފަދައެވެ. ހަމަ އަސްލުވެސް، އެދޭނަމަ ލޯބިވާންވީ ހިތަށް ކުޅަދާނަ މިންވަރަކަށެވެ.
Comment