about 2 hours 0
މުހައްމަދު ޝަހްޒާން
ހުޅުމާލޭގައި ހުންނަ އަމީން އެވެނިއުގެ އިމާރާތެއް -- ފޮޓޯ: އަދަދު
about 2 hours 0
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ހިޔާނަތްތެރިވި މައްސަލައިގައި އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް އުފުލި މަނީ ލޯންޑާ ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ ސާބިތު ނުވާކަމަށް ދަށު ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި މިއަދު ދައުލަތުން އިސްތިއުނާފުކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ދަށު ކޯޓުގެ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރީ އެފްއޭއެމްގެ 1000،000 ޑޮލަރުގެ ޗެކަކީ ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަމަށް އެ މައްސަލަ ބެއްލެވި ދަށު ކޯޓުގެ ފަނޑިޔާރު ނިންމެވީ ގާނޫނީ ހަމަތަކާއި ހިލާފަށް ހެކި ވަޒަން ކޮށްގެން ކަމަށް ނުދެކޭތީ ކަމަށެވެ.
އަދި، ދައުލަތުން ކުރި ދައުވާ ސާބިތު ކުރަން ހުށަހެޅި ގިނަ ޝަފަހީ ހެކިންގެ ހެކިބަސް ނުނެގުމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ނިންމެވީ ގާނޫނާ ހިލާފަށް ކަމަށް ޕީޖީ އޮފީހުން ދެކެ އެވެ.
"މި އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައި ވާނީ، ދައުވާގެ އެ ބައި ސާބިތުކުރުމަށް ހުށަހެޅި އެންމެހައި ހެކިންގެ ހެކިބަސް ނަގައި، ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހައި ހެކިތައް އަލުން ވަޒަންކޮށް، މި 1000،000 ޑޮލަރުގެ ޗެކާ ގުޅޭ މުއާމަލާތަކީ މަނީ ލޯންޑަރިންގެ އަމަލެއް ކަމާމެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ދަށު ކޯޓަށް ތަހުވީލު [ފޮނުވައިދިނުން] ކޮށްދިނުމަށެވެ،" ޕީޖީ އޮފީހުން ބުންޏެވެ.
އަމީންގެ މައްޗަށް ޕީޖީން ދައުވާކުރީ އެފްއޭއެމަށް ފީފާއިން ދިން 1.9 މިލިއަން ޑޮލަރުގެ ތެރެއިން 1000،000 ޑޮލަރު ނެގޭ ގޮތަށް އެފްއޭއެމްގެ ޗެކެއް އަމީން އެވެނިއުގެ އެޕާޓުމެންޓެއް ގަންނަން ފައިސާ ދިނުމުން، އެއީ އެފްއޭއެމްގެ ފައިސާކަން އެނގިހުރެ އެ ފައިސާ ބަލައިގަނެގެންނެވެ.
މީގެ އިތުރުން އެ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ބުނެ ބޭންކް އޮފް ސިލޯނަށް އަމީން އެވެނިއުއިން ސިޓީއެއް ފޮނުވައި، އޭޕްރިލް 14، 2021، ގައި އަމީން އެވެނިއުގެ އެކައުންޓަށް އެ ޑޮލަރުތައް ޖަމާކޮށް، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމަށް ދެއްކުމުގެ ބަދަލުގައި އެ ފައިސާ އެފްއޭއެމަށް ދީފައިވާކަން ދެއްކުމަށް އަމީން ކޮންސްޓްރަކްޝަންގެ ނަމުގައި ކޭޝް ވައުޗަރުތަކެއް ތައްޔާރުކޮށް މަނީ ލޯންޑާ ކުރުމަށް ބައްސާމަށް އެ ކުންފުނިން އެހީތެރިވި ކަމަށް ޕީޖީން ތުހުމަތު ކުރެ އެވެ.
އަމީން ކޮންސްޓްރަކްޝަން ހިމެނޭ މުއާމަލާތާ ގުޅިގެން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާ ވަނީ ސާބިތުވާ ކަމަށް ހުކުމްކޮށްފަ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް އިއްވާފައިވަނީ ޖުމްލަ 23 އަހަރުގެ ޖަލު ހުކުމެކެވެ.
އޭގެ އިތުރުން ވެސް އެފްއޭއެމްގެ ފައިސާއަށް ހިޔާނަތްތެރިވި އިތުރު ދެ މައްސަލައެއްގައި ބައްސާމްގެ މައްޗަށް މިހާތަނަށް ދެ ހުކުމެއް ކޮށްފައިވެ އެވެ. އެއީ ފަސް އަހަރުގެ ހުކުމަކާއި ހަތަރު އަހަރުގެ ހުކުމެކެވެ.
Comment